ޚަބަރު

ފެނާއި ނަރުދަމާ ނިޒާމުގެ އެންމެ އަގުބޮޑު ޕްރޮޖެކްޓް ކުމުންދޫގައި އިފްތިތާހްކޮށްފި


ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުއެވެ.

ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީމަހުގެ ތެރޭގައިވަނީ ފަށާފައެވެ. ކުމުންދޫގެ ގޭގެއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިޔުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހު މަހުގެ ތެރޭގައެވެ. އެމްޑަބްލިޔު އެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ.

ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި
ޝަރަފްވެރި މެހްމާން ރައްޔތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދަކީ ކުމުންދޫއަށް ވަރަށް ތާރީޚި ދުވަހެއް ކަމަށެވެ. ރާއީ ވިދާޅުވީ އާވެރިއަކު އަންނަ ކޮންމެ ފަހަރަކު ކުމުންދޫ ރައްޔިތުން އެދެމުން ދިޔައީ އެންމެ ކަމަކަށް ކަމަށާއި، އެކަމަކީ ފެންވަރާ ނަޖިސްފެން އަދި ގޭތެރޭގައި ހުރި ނަޖިސް ފެން ވަޅުގަނޑު ބަދަލުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން އެތައް ދުވަހެއްވަންދެން ކުރަމުން އައި އިންތިޒާރު ނިމުންމިވަނީ އައިސްފައި ކަމަށް ރާއީ ވިދާޅުވިއެވެ. ރާއީ ވިދާޅުވީ ކޯވިޑުގެ މިހާލަތު ބައްދަލު ނުކުރިނަމަ ރަށުގެ ރައްޔިތުން މިހާރުދާނީ ނަރުދަމާ ބޭނުންކުރަމުން ކަމަށެވެ.

މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނެޖިންގ ޑިރެކްޓަރ ހަސަން ޝާހް ދެއްކެވި ވާހަކައިގައި ވިދާޅުވީ ކުމުންދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ ދިވެހި ސަރުކާރުން އެމްޑަބްލިޔު އެސްސީއާ ހަވާލުކޮށްގެން ކުރިއަށްދާ އެންމެ އަގުބޮޑު ޕްރޮޖެކްޓް ކަމަށެވެ މިމަޝްރޫޢަކީ ގާތްގަޑަކަށް 103 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މިޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ކުމުންދޫއަށް ވަޑައިގަތުމުން ކުމުންދޫ ރައްޔިތުން ދިން މެހްމާން ދާރީން ދޭހަކޮށްދެނީ ރަށުގެ ރައްޔިތުން ފެނާއި ނަރުދަމާގެ އަސާސީ މިޚިދުމަތަށް ބޭނުވެފައި ތިބި މިންވަރު ކަމަށާއި. މިމަސައްކަތް ރައްޔިތުން ބޭނުންވާ އަދި ފަޚުރުވެރިވާ މިންވަރަށް ކުރިއަށް ގެންގޮސް ޝެޑިއުލްއަށްވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ޝާހް ވިދާޅުވިއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދަކީ ކުމުންދޫގެ ރައްޔިތުންގެ ދިގު އިންތިޒާރުގެ ނިމުން ގެނުވާ އުފާވެރިދުވަސް ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓް ތަރައްޤީވެގެންދިއުމަކީ ނަލަފެހި ކުމުންދޫއެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ލިބޭ ވަރަށްބޮޑު ބާރެއް ކަމަށާއި، އެއީ ނަލަފެހި ކުމުންދޫ ތަސައްވަރު ހަޤީގަތަކަށްވުމުގެ ދޮރުކަމަށްވެސް ވިދާޅުވިއެވެ. އަދި ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޝުކުރުއަދާކުރެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން ކުމުންދޫގެ 480 ގެބިސީއަށް ފެނާއި ނަރުދަމާގެ ގުޅާދެވޭނެއެވެ. އަދި 13 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކުން ގުޅާލާ، 10 ކިލޯ މީޓަރުގެ ނަރުދަމާގެ ނިޒާމަކުން ގުޅާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއްވެސް ގާއިމްކުރެވި ފެނާ ނަރުދަމާގެ ޚިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެއެވެ.

ހދ ކުމުންދޫގައި 2000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު މީހުން ދިރިއުޅޭ 256 ގެހުރެއެވެ.