ކުޅިވަރު

އޭއެފްސީ ކަޕަށް އީގަލްސް އާނަމަވެސް މެޗަށް ޝާޒްލީ ކުރާ އުއްމީދު ބޮޑު


އޭއެފްސީ ކަޕަށް ކުލަބް އީގަލްސް އާ ނަމަވެސް، ބައިނަލަގްވާމީ މެޗްތަކަށް ކުލަބް އީގަލްސްގެ ކުޅުންތެރިން އާ ނުވާނެކަމަށް އެޓީމްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ގައުމީ 19 އަހަރުން ދަށުގެ ޓީމަށްވެސް ކޯޗްކޮށްދީފައިވާ މުހައްމަދު ޝާޒްލީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީއާއި ވާދަކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުނީ އޭއެފްސީ ކަޕަށް ކުލަބް ކިތަންމެ އާ ނަމަވެސް، އީގަލްސްގައި ތިބި ކުޅުންތެރިންނަކީ ބައިނަލަގްވާމީ މެޗްތަކަށް އާ ކުޅުންތެރިންތަކެއް ނޫންކަމަށެވެ. އަދި މިފަދަ މެޗްތަކެއް އީގަލްސްގެ ކުޅުންތެރިންތަކެއް ކުޅެފައިވުމުން، މިމެޗަށް ޓީމާދޭތެރޭގައި ކުރެވޭ އުންމީދު ވަރަށް ބޮޑުކަމަށްވެސް ޝާޒްލީ ބުންޏެވެ. ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ފެށުމަށް ޔޫތް މިނިސްޓްރީއިން ވަރަށް ފަހުން ހުއްދަ ދިންނަމަވެސް، މިމެޗްގެ ކުރިން ކުލަބް އީގަލްސްއިންވަނީ ލީގުގައި ދެ މެޗެއް ކުޅެފައެވެ. ޝާޒްލީ ބުނީ މިހާރު ޓީމް އޮތީ ވަރަށް ރަގަނޅަށް ތައްޔާރުވެފަކަމަށާއި މިމެޗަށް ކުލަބްގެ ކުޅުންތެރިންވެސް މެންޓަލީވެސް ވަރަށް ރަގަނޅަށް ތައްޔާރުވެފައިވާކަމަށެވެ. މިއީ ތަޖްރިބާކޮށްލުމުގެ ގޮތުން ކުޅޭ މެޗެއް ނޫންކަމަށާއި މިމެޗުން ކުރި ހޯދަން ބޭނުންވާއިރު، މިހާރު ދިވެހި ޓީމްތަކުން އޭއެފްސީ ކަޕްގައި ވާދަކުރަނީ ހަމައެކަނި ކުޅެލުމުގެ ބަދަލްގައި ނަތީޖާވެސް ނެރެންކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

"މިހާރު ދިވެހި ޓީމްތަކުން އަމާޒްކުރަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް. މިހާރު ދިވެހި ޓީމްތަކުން އަމާޒްކުރަނީ ގުރޫޕް ސްޓޭޖަށް ވުރެއްވެސް ދުރަށް ދިއުމަށް. މިހާރު ދިވެހި ފުޓްބޯޅަ އޮތް ހާލަތުން، އޭއެފްސީ ކަޕްގައި ރަގަނޅު ހިސާބަކަށް ދެވޭނެކަމަށް އުއްމީދު ކުރެވޭ. އޭއެފްސީ ކަޕަކީވެސް ވަރަށް ލެވަލް މަތި މުބާރާތެއް. މިމެޗަށް ބަލާއިރު ތިންޕޫ ސިޓީއަކީ ވަރުގަދަ ޓީމެއްގެ ގޮތަށް އީގަލްސްއިން ދެކޭނީ. ރާއްޖޭގެ ހޯމްގައި ކުޅޭތީ އެއީ ވަރަށް ރަނގަޅު އެޑްވާންޓޭޖެއް ގޮތުގައި ދެކެން. ތައްޔާރުވާން މި ހާލަތުގައި ވަރަށް ފަސޭހަވާނެ ހޯމް ޓީމަށް އެ އެޑްވާންޓޭޖްގެ ބޭނުން ހިފައިގެން މެޗު ކާމިޔާބުކުރަން." އީގަލްސްގެ ކޯޗް ޝާޒް ބުންޏެވެ.

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އީގަލްސް އިން ވަނީ މިދިޔަ މަހު ކުރިއަށްދިޔަ ޓްރާންސްފާ މާކެޓްގައި ބިދޭސީ އާ ތިން ކުޅުންތެރިން ކަމަށްވާ ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާ އާއި މިސްރުގެ ޑިފެންޑަރު އެލްސައީދު އަދި ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން ގެނެސްފައެވެ. މީގެ އިތުރުން ތަޖްރިބާކާރު ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.