ޚަބަރު

2 ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 2 މީހަކު ހައްޔަރުކޮށްފި


10 އަހަރުގެ އަންހެން ކުއްޖަކާއި 6 އަހަރުގެ އަންހެން
ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު
ހައްޔަރުކޮށްފިއެވެ.



މި ދެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 79
އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. 



މިދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ
ހައްޔަރުކޮށްފައިވަނީ އެކިދުވަސް މަތިން 10 އަހަރުގެ އަންހެން ކުއްޖަކަށް
ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު
މައްސަލައަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ 14:00 ހާއިރު ކޯޓު
އަމުރެއްގެ ދަށުން ހއ. އުލިގަމުންކަމަށް ފުލުހުން ބުނެއެވެ. 



79 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކި ދުވަސްމަތިން 6
އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ދިއްދޫ
ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަައަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 8
ވަނަ ދުވަހުގެ 16:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހއ. މުރައިދޫއިންކަމަށް ފުލުހުން ބުނެއެވެ. 



މި ދެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ
ތެރެއިން 37 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށީ
މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ
މުއްދަތެއް ދީފައެވެ.

އަދި 79 އަހަރުގެ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ.
ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް
15 ދުވަހުގެ މުއްދަތެއް ދީފައެވެ. 



މި މައްސަލަތައް ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ.
ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މައުލޫމާތުދެއެވެ.