މުނިފޫހިފިލުވުން

ވާހަކަ: މަޢާފް


ރަނގަބީލުގެ އަޑާއެކު ލަމްހާ ކުލާހުން ބޭރައް ނިކުތެވެ. އޭރު ލަމްހާގެ އެއްބަނޑުއެއްބަފާ އަދި ހަމައެކަނި ހުރި ދައްތަ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. " ދައްތާ މިއަދުވެސް އެބައޮތް ވަރަށް ފިލާވަޅު ދީފަ. ފިލާވަޅުތައް ގިނަކަމުން ފޮތްތައް ކިޔާލާނެ ވަގުތެއްވެސް މިހާރު ނުވޭ".ލަމްހާގެ ވާހަކަ ނިމުމުން ލީނާ ހިނިތުންވެލިއެވެ. ކޮއްކޯ! ކޮންމެކަމަކަށްވެސް ވަގުތު ހޯދީމަ ވާނެ. ދައްތައަށް އެނގޭ ކޮއްކޮ ވަރަށް ހިތްވަރުކުރާކަން. ވަރަށް ލޯބިވޭ އިނގޭ. އެހެންބުނެ އޭނަގެ ބލުގައި ފިރުމާލުމަށްފަހު އޭނަވަނީ ކައިރީގަ ފިހަރައަށެވެ. ބޭރުގައި ލަމްހާ މަޑުކޮށްލައިގެން އެހުރީ ދައްތަގެ އިންތިޒާރުގައެވެ.

ގެއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ލަމްހާ ނިކުތީ ސައިބޯށެވެ. ކޮޕީފަތު މަސްހުންޏާ ހުނިރޮށި ފެނުމުން ލަމްހާ ހުރީ ކެތްމަދުވެފައެވެ. މަންމަ ދުނިޔޭގައި ހުރިއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހެނދުނު ސަޔައް މަންމަ ތައްޔާރުކޮށްދެނީ މިދޭތިކަމުން އެއްވެސް އިޚްތިޔާރަކާ ނުލާ މަންމަގެ ހަނދާންތައް އިޔާދަވިއެވެ. ސުނާމީގައި މަންމަ ގެނބެމުން ދަނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބައްޕަވެސް ނިޔާވީއެވެ. މާބޮޑަށް ހަނދާނުގައި ނެތަސް ދައްތަ ކިޔައިދީފައި ވުމުން ލަމްހާއަށް އެކަން އެނގެއެވެ. މިއަދު މަންމަގެ މަޤާމުގައި އެހުރީ ލޯބިވާ ދައްތައެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ލަމްހާއަށް އެޚިޔާލުން ނިކުމެވުނީ ދައްތަ އައިސް ވާހަކަ ދެއްކުމުންނެވެ. ނުބައީތަ ؟ ހީވަނީ ކޮއްކޮ މާ ގަޔާނުވެ އިނދެ ކާތީ ކަމުނުދަނީހެން. ލީނާ އެހެން ބުނުމުން ނޫނެކޭ ބުނުމުގެ ގޮތުން ލަމްހާ ބޯ ޖަހާލިއެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ލަމްހާ އަވަސްވެ ގަތީ ސްކޫލުން ދީފައިހުރި ފިލާވަޅުތައް ނިންމާށެވެ. ގޭތެރޭގެ މަސައްކަތުގައި ދައްތަ އަވަދިނެތި އުޅެމުން ދިޔައީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. މިއަދު ލަމްހާގެ އެންމެ ބޮޑު ނަޞީބަކީ އޭނާގެ ދައްތަ މަންމަ އެއްގެ މަޤާމުގައި ހުރެ ލަމްހާއަށް އަޅާލުމާ އޯގާތެރިކަން ދޭތީއެވެ. ކިޔެވުމުގައި ވެސް ދައްތަގެ އެހީތެރިކަން އިންތިހާއަށް ލިބޭތީއެވެ. ދުވަހަކުވެސް ލަމްހާ ހިތުގައި ޖެހޭނެ ފަދަ އެއްޗެއް ބުނެފައި ނުވާތީއެވެ. މިއަދު އެކަމަށް ޝުކުރު ހައްޤެވެ. ދައްތަވެސް ލަމްހާ ދެކެ ލޯބިވާ ފަދައިން ލަމްހާވެސް އިންތިހާއަށް ދައްތަ ދެކެ ލޯބިވެއެވެ. މިއަދު އެދައްތަ ނެތް ނަމަ ހުންނަން ޖެހޭނީ ނުކައެވެ. އެދައްތަ ނެތްނަމަ ހުންނަން ޖެހެނީ ކިޔެވުމުންވެސް މަޙްރޫމް ވެފައެވެ. ކޮންމެއަކަސް މިފަދަ އެތައް ޚިޔާލުތަކެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލަމްހާގެ ސިކުނޑީގައި އެނބުރެމުން ދެއެވެ.

އާދުވަހަކާ ކުރިމަތިލި އިރު ކަމަކު ދާކަށް ނެތެވެ. ވެހެމުންދިޔަ ވާރޭގަނޑު ހުއްޓާލާނެއެކޭ އެކަކުވެސް ހިތަކަށް ނާރާނެއެވެ. ހެނދުނުގެ އެވަގުތު ވެހެމުންދިޔަ ވާރޭގެ ސަބަބުން ނިދުމަށް ލިބުނީ އިތުރު ހިތްވަރެކެވެ. ހުކުރު ދުވަސް ކަމުން ތެދުވަން ބޭނުންނުވެފައި ލަމްހާއަށް އޮވެވުނީއެވެ. ބަދިގެ ފަރާތުގައި ލީނާ އުޅުނީ ވާރެޔާ ހިޔާކުރަން ޖެހޭ އެއްޗެއް ހުރިތޯ ބަލާށެވެ.
ކުށްލިއަކަށް ބޯ ވާރޭގެ ތެރެއިން ލީނާއަށް ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ލީނާގެ ކުރީގެ ލޯބިވެރިޔާ ވާރެޔާ ތެމިގެން އެއަންނަނީ ސީދާ އޭނައާ ދިމާއަށެވެ. ފެންޑާގެ ތެރޭގައި އެމަންޒަރު ބަލަން ލީނާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެވަގުތު އޭނާ ދެއަތް ދިއްކޮށްލީ ލީނާ ގާތު އެއަތުގެ ތެރެއަށް ވަނުމަށް ދަޢުވަތު ދެމުންނެވެ.

ޖަހާލި ބާރު ގުގުރީގެ އަޑައް ބޭއިޚްތިޔާރުގައި ލީނާއަށް ގޮސް ޔުނާންގެ އަތުތެރެއަށް ވަދެވުނެވެ. އެވަގުތު ޔުނާންގެ ހިތައް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހިތައް ލިބުނީ ފިނިފިނި ވާރެޔާ އެއްފަދަ ފިނިކަމެކެވެ. ލީނާގެ ހާލަކީވެސް އެއީއެވެ. ޔުނާން ލީނާ ދޫކޮށްލާފަ ދިޔަފަހުން ދިމާވި މިއީ ފުރަތަމަ ފަހަރެވެ. ޔުނާންއާ ލީނާ ކުރިން ރައްޓެހިވެގެން އެތައް ދުވަހަކު އުޅުނެވެ. ނަމަވެސް ލީނާގެ މައިންބަފައިން އެކައިވެންޏައް ނުޤަބޫލުވުމުން އެލޯބީގެ ހުޅުކޮޅަށް ނިމުން ގެނުވީއެވެ. ޔުނާން! އަހަރެން ވަރަށް އުފާވެއްޖެ ޔުނާން އަހަރެން ގާތަށް އެނބުރި އައީމަ. ޔުނާން ދިޔަފަހުން އަހަރެން އެކަކު ދެކެވެސް ލޯތްބެއް ނުވަން. ނުވެސް ވެވުނު. އަޅެ ޕްލީޒް ދެން އަހަރެން ދޫކޮށްލާފަ ނުދައްޗޭ. ލީނާގެ ހިތުގައި އުފެދެމުން ދިޔަ އެތަކެއް ޝުޢޫރެއް އޭނާ ފާޅުކުރަން ފެށިއެވެ. ލީނާއަށް ރޮވިއްޖެއެވެ. ޔުނާން ލީނާ އަތުލަފިކޮށްގެން ފެންޑާއަށް ވަނެވެ.

އެދުވަހަށްފަހު ދެމީހުންގެ ގުޅުންތައް ވަރުގަދަވާން ފެށިއެވެ. ލަމްހާއަށްވެސް އެމަންޒަރުތައް ފެންނަން ފަށައިފިއެވެ. އަދި ދައްތަ ގާތު އޭނަގެ ހަޤީޤަތް ރަނގަޅަށް ބެލުމަށްފަހު ނޫނީ އޭނާއާ ނޫޅުމަށް އެދުނެވެ. ނަމަވެސް ލީނާ ބުނަމުން ދިޔައީ ޔުނާން އަކީ ގޯސްމީހެއް ނޫންކަމަށާއި އެއީ މީހަކަށް ލިބޭނެ ރަންމުތެއް ކަމަށެވެ. ލަމްހާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ސަބަބެއް ކަމުގައި ވަނީ ދައްތަގެ މައްޗައް ލަމްހާއަށް ބަސްނުކިޔޭނެތީއެވެ. ކޮންމެ އަކަސް ދުވަހެއް ދުވަހަކަށް އެމީހުންގެ ބައްދަލުވުންތައްދަނީ ގިނަވަމުންނެވެ. ޔުނާން އެގެއަށް އައުންވެސް ގިނަވާން ފެށިއެވެ. ލަމްހާ ކިތަންމެ ކަންބޮޑުވިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދައްތައާ ދެކޮޅައް އެއްޗެއް ބުނާކަށް ވެސް ލަމްހާ ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ކެތްތެރިވެގެން ހުރުން ނޫން ގޮތެއް މިއަދަކު ލަމްހާއަކަށް ނެތެވެ. ދައްތައަށް ލިބޭ ކޮންމެ ދެރައަކީ އޭނައަށްވެސް ލިބޭ ދެރައެއްކަމަށް އޭނަ އަބަދުވެސް ގަބޫލުކުރެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ލަމްހާވެސް ގްރޭޑް ނުވައަކަށް ބަދަލުވީއެވެ. ދެންއޮތީ އެންމެ ގަދައަށް ހިތްވަރުކުރަން ޖެހޭ ދުވަސްތަކެވެ. ކިޔެވުމަށް އަބަދުވެސް ލޯބިކުރާ ލަމްހަގެ އުއްމީދަކީވެސް ދައްތަ އެދޭފަދައިން ކިޔަވާ މޮޅު މީހަކަށް ވުމެވެ. މަންމައަކަށްވުރެ އެންމެ ތަންކޮޅެއްވެސް ދޫނުކުރާނެއެވެ. މިއަދު ލަމްހާ ހުރީ އުފަލުންނެވެ. އޭނައަށް ދަތިވާ އެއްވެސް ކަމެއް ނެތެވެ. ބައްޕަ ދުނިޔޭގައި ހުރިއިރު ފަށާފައިވާ ވިޔަފާރިން މިއަދު އެމީހުން ދިރިއުޅުން ކުރިއަށް ގެންދެވޭ ކަމަށްޓަކައި ލަމްހާވެސް އުފާކުރެއެވެ. ލީނާއަކީ ބޭކާރު ޚަރަދު ނުކޮށް ވިސްނުންތެރިކަމާއެކު ގޭތެރޭގެ ޚަރަދުތައް ބަލަހައްޓަމުންދާ މީހެކެވެ. ނަމަވެސް އެވިޔަފާރިވެސް ކޮންމެސް ދުވަހަކުން އިނދަޖެހި ދާނެކަން ކަށަވަރެވެ.

އާދުވަހެކެވެ. ސްކޫލްގެ ކުޅިވަރު ހަފްތާވެސް ފެށޭ ދުވަހެވެ. ސްކޫލްގައި އުޅޭއިރުވެސް ލަމްހާއަކީ މާގާތް އެކުވެރިއެއް ގެންގުޅޭ ކުއްޖެއް ނޫނެވެ. ނަމަވެސް އެދުވަހު ހަވީރު އޮންނަ ނެޓްބޯޅަ މުބާރާތުގައި އޭނާއާ އެއް ހައުސްއެއްގައި އުޅޭ އަޒްލީނާ ލަމްހާ ގާތު ހަވީރު އަންނާނެކަމުގައި ބުންޏެވެ. އެދުވަހު އޮތް މެޗުން ކާމިޔާބު ލިބުނީވެސް ލަމްހާމެން ހައުސް އަށެވެ. ކްއީން އޮފަދަ މެޗް ލިބުނީ ވެސް ލަމްހާއަށެވެ. މެޗް ނިންމާލާފައި ލަމްހާ އައިސް ދައްތަ ގައިގާ ބައްދާލިއެވެ. ދައްތަ ވަރަށް އުފާވެއްޖެ މިއަދު ! ކިޔެވުމުގެ އިތުރުން ކުޅިވަރުގައިވެސް ލަމް ކާމިޔާބު ހޯދާތީ. މިކަމުގެ ސިއްރަކީ ދައްތަ ކަމުގައި ބުނެފައި ލަމްހާ ގެއަށް ދިއުމަށް އިޝާރާތް ކުރިއެވެ.

ގެއަށް ގޮސް ވަންއިރު ޔުނާން އޮތީ ޖޯލީގައެވެ. ލީނާ ގޮސް ކައިރިވެލާފައި ކޮފީއެއް ހަދައިގެން އެބަ އަންނަމޭ ބުނެ ދިޔައީ ބަދިގެއަށެވެ. ދާހިއްލާ ފޯވެފައި ހުރުމުން ލަމްހާ މަޑުނުކޮށް ދިޔައީ ފެން ވަރާލާށެވެ. ލަމްހާ ރީތި ވެގެން ނިކުތް އިރު ދައްތައާ ޔުނާން ތިބީ ޖޯލީގައެވެ. ލަމްހާ އައިސް ޖޯލި ކައިރީ ހުއްޓުމުން ސައިހަދާފައި ހުރި ވާހަކަ ލީނާ ބުންޏެވެ. ލަމްހާ އިނީ ވަރުބަލިވެފައެވެ. ސައިބޯ ހިތްވެސް ނެތިފައެވެ. ނަމަވެސް ތަށިން ބަޖިޔާއެއް ނަގާ ކާލުމަށްފަހު ސައިތަށި ބޯލައިގެން ނިކުތީއެވެ.

އައްދޭ! ހާދަ އަވަހަކަށް ތި ނިކުތީ. ނުކަންދޯ އެއްވެސް އެއްޗެއް. ލަމްހާ މާ އަވަހަށް ނިކުތުމުން ލީނާ ސުވާލު ކުރިއެވެ. ނޫނޭ ދައްތާ. މާ ވަރުބަލިވެފަ ހުރީމަ ހަމަ ކާހިތް ނުވީ. ދެން މިރޭ ނިދުމުގެ ކުރިން އަދި ކާނަމޭ އޯކޭ އެއްނު. އެހެން ބުނުމަށްފަހު އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި ލަމްހާ ޖައްސާލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ސިޓިންގް ރޫމްގައި ހުރި ސޯފާގައި ލަމްހާ އޮތީ އިސްލާމް ފޮތް ކިޔާށެވެ. ޓެސްޓް ނަގަން ގާތްވާތީ ލަމްހާ ގިނަ ވަގުތު ހޭދަކުރަނީ ފޮތް ކިއުމުގައެވެ. ކުށްލިއަކަށް މީހަކު އައިސް ގޭގެ ދޮރު ހުޅުވާލިއެވެ. ލަމްހާ ފަހަތައް އެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރީ ޔުނާންއެވެ. ލަމްހާ! ކޮބާ ދައްތަ. ފޯނުވެސް ނިއްވާލާފަ އޮތީ. ޔުނާން އެހެން ބުނުމުން ދައްތަ ދިޔައީ ސުކޫލް ބައްދަލުވުމަކަށް ކަމަށް ލަމްހާ ބުންޏެވެ. ޔުނާން ދޮރު ލައްޕާލުމަށްފަހު ބޭރުގައިހުރެ ވިސްނާލިއެވެ. އަދި ދޮރުހުޅުވާ އެތެރެއަށްވަދެ ލަމްހާ ގާތައް ދިޔައެވެ. މިފަހަރު ކިހިނެއްވީ " ޔުނާންގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުތަކުން ލަމްހާ ބިރުން ތުރުތުރު އަޅާ ގޮތްވިއެވެ. މިއީ ރަނގަޅު ފާލެއް ނޫންކަން ލަމްހާގެ ހިތް ބުނަމުން ދިޔައެވެ.

ޔުނާން ލަމްހާގެ އަތުގައި އޮތް ފޮތް އަތުލިއެވެ. އަދި ސަމާސާ ކުރާކަހަލަ ގޮތަކަށް ލަމްހާއާ ގައިގޯޅިވާން މަސައްކަތް ކުރިއެވެ.ލަމްހާ ވަރަށް ހިތްހަމަނުޖެހުނެވެ.ލަމްހާގެ އަތުގެ ހަމަލާއެއް ޔުނާންގެ މޫނަށް އަމާޒު ކުރުމަށް އަތް މަޅާލަން އުޅުނު ވަގުތު ޔުނާން އެއަތުގައި ހިފެހެއްޓިއެވެ. ކަލޭ މޮޔަތަ . އަހަރެންނާ ހަމައަށް އަންނަން ހިތުވެސް ނުލާތި. އެވަގުތު ލަމްހާގެހިތް ބާރު ބާރަށް ތެޅެންފެށިއެވެ. ބިރުންގޮސް މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ހަޅޭލަވަން އުޅޭ ކޮންމެ ފަހަރަކު އެމުޑުދާރު އަތުން ލަމްހާގެ އަނގަ ބަންދުކޮށްލައެވެ. ލަމްހާއަށް ރޮވެން ފެށިއެވެ. ދައްތަ އަވަހަށް އާދޭތޯ ހިތާހިތުން ދުޢާ ކޮށްލަ ކޮށްލާ ހުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް ޔުނާންގެ ފޯން ރިންގް ވާންފެށުމާއެކު ޔުނާން ހިނގައްޖެއެވެ. ލަމްހާއަށް ހިތާހިތުން ﷲ އަށް ޝުކުރުކުރެވުނެވެ.

އޭގެ ބައިގަޑިއިރުފަހުން ލީނާ ގެއަށް އައެވެ. ލީނާ އަންނަކަން އެނގުމުން ލަމްހާ ނިދާކަމަށް ހަދާ ލޯ މަރާލިއެވެ. ދިމާވި އެއްވެސް ކަމެއް ދައްތައަށް ކިޔައިދޭކަށް ލަމްހާ އަކަށް ނުކެރުނެވެ. ލީނާ އައިސް ލަމްހާ އަށް ގޮވަންފެށިއެވެ. މޯޅިއަކަށް ދެމިލައި ލަމްހާ ބަލާލުމަށްފަހު ހީނލިއެވެ. ފޮތް މޭމައްޗައް ލައިގެން ނިދިއަކަސް ދަހެއް ނުވާނެ.ނުނިދާ ފޮތް ކީމަ ދަސްވާނީ. ސަމާސާ ރާގަކަށް އެހެންބުނުމަށްފަހު ލަމްހާގާތު ކާން އައުމަށް ބުނެ ލީނާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. ބެލެނިވެރިންގެ ބައްދަލުވުމަށް ދިޔައިރު ފޯނު ނިއްވާލިގޮތައް ލީނާ ފޯނުހުޅުވަން ހަނދާންވީ އެވަގުތުއެވެ. ފޯނު ހުޅުވުމާއެކު ޔުނާން ގުޅަންފެށިއެވެ. ދެމީހުން އެތައް އިރަކު ފޯނުގައި ތިއްބެވެ. އެވަގުތު ލަމްހާ ލީނާއަށް ގޮވާލާފައި ކާހިތެއް ނެތްކަމުގައި ބުނެ ކޮޓަރިއަށް ވަނެވެ.

މިރޭ ދިމާވި ކަންތައް އަދިވެސް ލަމްހާގެ ހިތުން ފިލާ ނުދެއެވެ. އެވާހަކަތައް ދައްތައަށް ކިޔައިދޭން ބޭނުންވެސް ވެއެވެ. އެހެން ނަމަވެސް ކިޔައިދޭނެހާ ހިތްވަރެއް ލަމްހާގެ ނެތެވެ. ދައްތަ އެހާ ލޯބިވާ މީހެއްގެ އެފަދަ ވާހަކަތަކެއް ބުންޏަސް ޤަބޫލު ނުކުރާނެތީއެވެ. އަދި އެވާހަކަތައް ކިޔައިދީފިނަމަ ލަމްހާ ދެކެ އަންނާނެ ރުޅިއަކަށް ވިސްނާފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ދައްތަގެ ރުހުން ލަމްހާ ބޭނުންވެއެވެ. ލަމްހާ އޭނަދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ކަމަށް ބަލާފަ ދައްތައަށްޓަކައި ލަމްހާ އެކަންތައް ސިއްރުކުރީއެވެ. މަސްލަހަތައްޓަކައެވެ. އެދައްތަގެ ހިތުގައި ލަމްހާ އާ ދޭތެރޭ ހަސަދައިގެ ހުޅު ރޯކުރަން ބޭނުން ނުވާތީއެވެ. މަންމައެއްގެ ހެޔޮކަން ކައިރިން ނުފެނުނަސް އެހެރީ އެފަދަ ޚުލްގު ހެޔޮ މަންމައެކެވެ. މިދުނިޔެމަތީގައި ލެއްވި ކިހާ ބޮޑު ނަޞީބެއް ހެއްޔެވެ. އެކަލާނގެއަށް ޝުކުރު ހުއްޓެވެ.

ކޮވެއްޔާ ހާލާ ދޫނިތަކުގެ ހިތްގައިމު މިއުޒިކުން ފަތިސް ވީކަން އެނގިއްޖެއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްގޮތައް ލަމްހާ ސްކޫލަށްދާން ތެދުވެ ތައްޔާރުވަނީއެވެ. އޭރު ރޮށި ފިހުމުގައި ދައްތަ ހަރަކާތްތެރިވަމުން ދިޔައެވެ. ލަމްހާ އާ އެކު ސުކޫލަށް ދާން ލީނާ ނިކުތީ ގަޑިޖެހެން ދިހަމިނެޓަށް ވީމައެވެ. ގެއިން ނިކުމެ ސުކޫލާ ހަމައަށް ދިޔަ އިރުވެސް ދައްތަ އަނގަޔަކުން އެއްޗެކޭ ނުބުނެއެވެ.އެހެންޔާ ކޮންމެ ދުވަހަކުވެސް ކޮންެމެވެސް އެއްޗެކޭ ބުނާނެއެވެ.
ލަމްހާއަށްވެސް އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ދައްތަގެ މޫނުމަތިވެސް ތަފާތެވެ.

ދައްތައަށް ކޮންމެސް ބަދަލުތަކެއް އަންނަކަން ލަމްހާއަށް އެނގުނެވެ. ރަނގަބީލު ޖެހުމާއެކު ލަމްހާ ގޮސް ސުކޫލަށް ވަދެއްޖެއެވެ. އެސެމްބްލީ ނިންމާލުމަށްފަހު ކުލާހައް ގޮސް ގޮނޑީގައި އިން އިރުވެސް ލަމްހާގެ ޚިޔާލުގައި ވަނީ ދައްތައެވެ. އަނެއްކާ ރޭގެ ކަންތަކުގެ ވާހަކަ ޔުނާން ބަދަލުކޮށްލައިގެން ދެއްކީބާއޭވެސް ލަމްހާގެ ހިތައް އެރިއެވެ.

ހަވީރުގެ ފިނި ވަގުތެވެ. ލަމްހާ ހުރީ ޖަނބުރޯލެއް ބިންނާށެވެ. މެންދުރުފަހު ސްކޫލުން ނިމިގެން ގޮސް ނިދާފައި ލަމްހާ އެދެތުވީ މީގެ އިރުކޮޅެއް ކުރިންނެވެ. އޭގެ ފަހުންވެސް ކާން ބުނުން ފިޔަވާ އިތުރު ވާހަކައެއް ލީނާ ނުދައްކައެވެ. އެވަގުތު ފަހަތުން މީހަކު ލަމްހާއޭ ކިޔާ ގޮވާލި އަޑުއިވުނެވެ. އެއީ ދައްތަގެ އަޑެވެ. އެއަޑުގައި ތަފާތު ކަމެއް ހުރިކަން އެގޮވާލި ގޮވާލުމުންވެސް އެނގިއްޖެއެވެ. ލަމްހާގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. ދައްތަގެ ގޮވުމުގައި ސުވާލުތަކެއް ވާހެން ހީވާ ކަހަލައެވެ. ހަމަޖެހިލާފައި ލަމްހާ އޯތްއެކޭ ބުނެ ބަލާލިއެވެ. އެވަގުތު ދައްތަގެ މޫނުމަތިންވެސް ނުރުހުމުގެ އަސަރު ފާހަގަވާން ހުއްޓެވެ. އިތުރަށް ލަމްހާ ހާސްވީ އެހިސާބުންނެވެ. އަތް ފައި ފިނިވިއެއް ކަމަކު ކުރިމަތީގައި އޮތީ ކިހާ ވަރެއްގެ ވާހަކައެއް ކަމެއް ވެސް ނޭނގެއެވެ.

ލަމްހާ! އަހަރެން ލަމްހާގެ އުމުރުން ފަސް އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ލަމްހާ ބެލީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި. ލަމްހާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދީ ލަމްހާ އަށް ލޯބިވެސް ދީގެން. އެކަމަކު ދެން އަހަރެންނަކަށް ލަމްހާ ބެލޭކަށް ނެތް. އަހަރެން މިދަނީ ޔުނާން އާ އެކުދާން. އަދި އަހަރެންނަކަށް ލަމްހާ ގެންދެވޭކަށް ވެސް ނެތް. ލީނާގެ ވާހަކަ ނުނިމެނީސް ލަމްހާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ހީވީ ބޯމައްޗަށް މީހަކު ހިލަގަނޑެއް ވަށްޓާލިހެނެވެ. ލަމްހާއަށް ބާރު ބާރަށް ރޮވެން ފެށުނެވެ. ހިތުގެ ރިހުން ގަދަވާން ފެށިއެވެ. ވާހަކަ ދައްކަން އުޅުނެއް ކަމަކު އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ހުރި ފިޔަވަޅުމަތީގައި ގާވެފައި ލަމްހާއަށް އެތައް އިރަކު ހުރެވުނެވެ.

ނޫން ދައްތާ! ނޫން. ތިހެން ނުބުނޭ. ތިޔަހެން ތިބުނީ ހަމަ ދައްތަ ތަ؟. އަހަރެންގެ ކުށަކީ ކޮބާ؟ ދައްތަ ތިދާ ތާކަށް އަހަރެންވެސް ގޮވައިގެން ދޭ. ދައްތައާ ނުލާ އެންމެ ހިނދުކޮޅަކަށްވެސް އަހަރެންނަކަށް ކެތެއް ނުވާނެ. އަޅެ ޕްލީޒް ދައްތާ. ކުރިއަށް އޮތީ އަހަރެންގެ އެންމެ މުހިއްމު އަހަރޭ. ވިސްނާލަބަލަ. އެއަހަރު ނިމެންދެން މަޑުކޮށްދީ.ދައްތާ. އަހަރެން މޮޔަވެދާނެ. އަހަރެން ހާލުގަ ނުޖައްސާ. އަހަރެންނަށްވުރެ މުހިއްމީ ޔުނާންތަ؟. އަހަރެން ދައްތަ ދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. މަންމައަށްޓަކާވެސް މަޑުކޮށްދީ ދައްތާ!. ލަމްހާގެ ވޭނީ އަސަރާއެކު އިއްވި ޖުމުލަތަކުން ލީނާގެ ހިތައް ކުޑަ ނަމަވެސް އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް ލީނާވަނީ ޔުނާންގެ މަޅީގައި ޖެހިފައެވެ. ތިވާހަކަތައް އަޑު އަހާކަށް އަހަރެންނަކަށް ވަގުތެއް ނެތް. އަހަރެން ދާންވެއްޖެ. އެހެންބުނެ ލީނާ ގެއަށްވަދެ ނިކުތީ ފޮށްޓަކާ ދަބަހެއް ހިފައިގެންނެވެ. ލަމްހާ ގަތު ދަނީއޭ ބުނެފައި ލީނާ ހިނގައިގަތީ ދޮރާއްޓާ ދިމާއަށެވެ. ދުވެފައި ލަމްހާ ގޮސް ލީނާގެ ފައިގައި ހިފައި ވެއްޓިގަތެވެ. އެވަގުތަކީ ޔުނާން ސައިކަލުގައި އައިސް އެގޭ ދޮރުމަތީގައި މަޑުކޮށްލި ވަގުތެވެ. ޔުނާން ލޮލުން އިޝާރާތް ކޮށްލުމާއެކު ލަމްހާ ފޮޅުވާލުމަށްފަހު ލީނާގޮސް އެރީ ސައިކަލަށެވެ. ދޮރާށި ބުޑުގައި އޮވެ ލަމްހާއަށް ގިސްލަ ގިސްލާފައި ރޮވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ،

ލީނާ ދިއުމުން ލަމްހާ މުޅި ދުނިޔެއަށް ގިނަވެއްޖެއެވެ. ހަށިގަނޑުގައި ފުރާނަ ހުއްޓެއް ކަމަކު މަރުވެފައިވާ މީހެއް ފަދައެވެ. ނަމަވެސް މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.ކޮންމެ ހާލެއްގައި ވިޔަސް ޖެހޭނީ އުޅޭށެވެ.
އެގޮތައް ކަންތައް ވީ ކަމުގައި ވިޔަސް ލަމްހާ އުއްމީދު ކަނޑައެއް ނުލައެވެ. އެނގުނު ގޮތަކަށް ކާއެތިކޮޅު ރޯފިލުވައިގެން ކައެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ހުންނަނީ ނުކައެވެ. ދައްތަ ދިޔަފަހުން ބައްޕަގެ ވިޔަފާރިވެސް ބަލަހައްޓާނެ މީހަކު ނެތި އެގޮތް މިގޮތްވެ ހުލިވެއްޖެއެވެ. ލަމްހާގެ ދިރިއުޅުން ހައްތަހާ ބަނަވީޢެވެ. ސުކޫލު ނިމުމުން ފިލާވަޅުތައް ހެދުމަށްފަހު ލަމްހާ ދަނީ ގޭގެއަށް މަސައްކަތް ކޮށްދޭށެވެ. ކުނި ކަހައި ކުދިން ބަލައި އެކިކަންތައް ކޮށްދީގެން ލިބޭ ރުފިޔާކޮޅުން އުޅެވޭތޯ ބަލައެވެ. ލީނާ ދިޔަފަހުން ގުޅާވެސް ނުލައެވެ. އަދި ގުޅާ ނުލާ ތަނުގައި ލަމްހާ ގުޅިއަސް ފޯނުވެސް ނުނަގައެވެ. އެކަމާ ކިތަންމެ ދެރަވިޔަސް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ދައްތަ ދިޔަފަހުން ރޫޙް ވަނީ މަރުވެފައެވެ. ފަޅުކަން ވަނީ އިތުރުވެފައެވެ. ލީނާ ނެތުމުން ލަމްހާ އުޅެން ޖެހިފައި އެވަނީ ކޮންފަދަ ނިކަމެތި ހާލެއްގައި ހެއްޔެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުންގޮސް އެންމެ ފަހުން ލަމްހާވެސް ކިޔަވާ ނިމިއްޖެއެވެ. ރަނގަޅު ނަތީޖާއަކާއެކު އޯލެވެލްގެ ގަދަ ފަހެއްގައި ލަމްހާ ހިމެނިއްޖެއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ﷲ އަށް ޝުކުރު ކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ މުހިއްމުވި އަހަރުގައި ގަނަތެޅެމުން ވެސް ކިޔެވި އެއްޗެއްގެ ނަތީޖާ ކިހަ ފޮނި ހެއްޔެވެ. ދައްތައަށްވެސް ޝުކުރު ހައްޤެވެ. މިއަދު ލަމްހާ ހުރީ ވަރަށް އުފަލުންނެވެ. ދައްތަ އެހާ ހިތްދަތި ހާލެއް ލަމްހާއަށް ޖެއްސުމުންވެސް އެކަލާންގެ ތަނަވަސް ރަހުމަތުން މިއަދު ލަމްހާ ބޭނުންވާ ލަނޑު ދަނޑި ހާސިލްވީޢެވެ.

ލަމްހާ ބެނުންވާ ދާއިރާއިން ކުރިއަށްދިއުމަށް ޓަކައި ކޯހެއް ހެދުމަށް އޭނަ މާލެ ބަދަލުވިއެވެ. ވަޒީފާއަކަށް ގޮސް ކޯހަށް ރުފިޔާ ދައްކައިގެން ކިޔެވޭނެކަން ލަމްހާއަށް އެނގެއެވެ. ދައްތަ މާލޭގައި އުޅުނަސް ދައްތައާ ބައްދަލުކުރާކަށް ލަމްހާ ބޭނުމެއް ނޫވެއެވެ. ނަމަވެސް ދައްތައާ ދޭތެރޭ އެއްވެސް ހިތްބަރުކަމެއް ނަފުރަތު ކަމެއްވެސް ލަމްހާގެ ނެތެވެ. ކޮންމެސް ދުވަހަކުން ދައްތައަށް ވިސްނޭނެކަން އެއީ ޔަގީންވާ ކަމެކެވެ. މާލެއަށް ކިޔަވަން އައި ކަމުގައިވިޔަސް ކޯސް ނިމުމުން ލަމްހާ ބޭނުންވަނީ ރަށައް ބަދަލުވާށެވެ. ރަށަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ލަމްހާ ދެކޭ ހުވަފެނަކަށް ވާތީޢެވެ.

ރަށްފުށުގެ ތާޒާ ދިރިއުޅުމަށްފަހު މާލޭގެ ހަލަބޮލިކަމުގެ ތެރެއަށް އާދެވުނު ކަމުގައި ވިޔަސް ލަމްހާގެ އެއްވެސް ފަރުވާލެއް ނެތެވެ. ބޭނުމީ ކޮންމެ ތާކު ހުއްޓަސް ރަނގަޅަށް ކިޔެވުމެވެ. އެގޮތުން ފުރަތަމަ ދުވަހު ލަމްހާ ކޮލެޖަށް ދިޔައެވެ. ނަރުސް ކަމަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއްކަމުން ލަމްހާ ކުރިއަށް ދަނީވެސް އެދާއިރާއިނެނެވެ.

އާދުވަހެކެވެ. ކޮލެޖު ނިމިގެން ލަމްހާ ބޭރަށް ނިކުތް ވަގުތެވެ. ފަހަތުން މީހަކު އައިސް ލަމްހާގެ ގައިގާ ކޮށްޓާލިއެވެ. ފަހަތް ބަލާލީ ބިރުން ހުރެއެވެ. އެވަގުތު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި ލަމްހާގެ ގައިން ބާރު ދޫވިކަހަލައެވެ. އަތުގައިވާ ދަބަސް ވެއްޓުނީ ބޭއިޚްތިޔާރުގައެވެ. ލަމްހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެޒުވާނާ ސަލާން ކޮށްލުަމަށް އަތްދިއްކޮށްލުމަށްފަހު ނަވާލްއޭ ބުނެލިއެވެ. ލަމްހާވެސް އޭނަގެ ނަންބުނެ ތައާރަފްވެލިއެވެ. ދެމީހުން ވާހަކަ ފެށިގޮތުންވެސް މިއީ ލޯބީގެ ގޮތުން ގޮށް ޖަހާލާނެ ޖޯޑެއް ކަން ޔަގީންވެއްޖެއެވެ. ލަމްހާ އުޅޭ ގެއާ ހަމައަށް ދެވުނުއިރުވެސް ހަމަ މާފޮޅުވަނީޢެވެ. މިހިރީ ނަނުގައި ގަނެފައެވެ. ދެން އޮތީ މަޑުމަޑުން ލަވަމުން ގެނައުމެވެ.

ދުވަސްތަކަކަށްފަހު ލަމްހާގެ ކިޔެވުންވެސް ނިމިއްޖެއެވެ. ކޯހުގެ އެންމެ މަތީ ހަރުފަތާ ހަމައަށް ވާޞިލް ވެވުނީޢެވެ. ކޯސް ނިމުމާއެކު ނަވާލް އެދުނީ ކައިވެންޏަށެވެ. ލަމްހާ ހިތާ ހިތުން ކައިވެންޏަށް ތައްޔާރެވެ. އަދި ރައްޓެހިވެ މާގިނަ ދުވަސްނުކޮށް ދެމީހުންގެ ކައިވެނީގެ ގޮށް ޖަހަލައިފިއެވެ. ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރަނގަޅު އަޚުލާޤެއްގެ ވެރި ހިތެއް ލިބުނީތީއެވެ. ހަމައެފަދައިން ނަވާލްވެސް ހުރީ އެހާ ހިތްހަމަޖެހިފައެވެ. ކުރިންވެސް ނިންމާފައިވާ ގޮތައް ލަމްހާމެން ރަށައް ބަދަލުވިއެވެ. ރ. ވާދޫ ސިއްހީ މަރްކަޒުގެ ނަރުހެއްގެ ވަޒީފާ ލަމްހާއަށް ހަމަޖެހުނެވެ. އޭގެ މަސްދުވަސް ފަހުން ކައުންސިލް އިދާރާގެ ހުސްވެފައިވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަގާމް ނަވާލަށް ލިބުނެވެ.ކިހާ އުފާވެރި ހެއްޔެވެ.އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެޔޭ މީހުން އެބުނަނީ ހަމަ ރަނގަޅަކަށެވެ.

ކޮންމެއަކަސް ލަމްހާމެންގެ ހަޔާތް ވަރަށް ބާއްޖަވެރިއެވެ. ނަވާލްއަކީ ހާދަހާވާ ރަނގަޅު އިންސާނެކެވެ. ދުވަހަކުވެސް ލަމްހާއަށް ބަދުބަހެއް ނުބުނެއެވެ. ލޯބިވަނީ އަމަށަކު ވަރަކަށް ނޫނެވެ. މާޒީގައި ހިނގާދިޔަ ހުރިހާ ކަމެއް ހަނދާންނެތޭ ވަރަށް ނަވާލް އެދަނީ ލޯބި ދެމުންނެވެ. ތަނަވަސް ދިރިއުޅުމަކާއެކު އެހާބޮޑަށް ހިތްހަމަވެސް ޖެހިގެންނެވެ. ހަމަ އެއާ އެއްވަރަށް ރަށުގެ މީހުންގެ ފަރާތުންވެސް ލޯތްބާ އިހްތިރާމް ހޯދަމުންނެވެ.

ވަގުތަކީ މެންދުރުގެ ވަގުތެވެ. ލަމްހާ އުޅުނީ ބަދިގެ ތެރޭގައެވެ. ކުށްލިއަކަށް ދޮރާށި ހުޅުވުނު އަޑު އިވިއްޖެއެވެ. އެވަގުތަކީ ފެންއެއްޗެއް އުކާލުމަށް ލަމްހާއަށްވެސް ބޭރަށް ނިކުމެވުނު ވަގުތެވެ. ލަމްހާއަށް ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ލަމްހާ ދޫކޮށްލާފަ ދިޔަ ދައްތަ އެހެރީ ވިހަން ތައްޔާރުވެފައެވެ. ބަނޑަށް ބަލައިލުމުން ދެން މާގިނަ ދުވަހެއް ނޯންނާނެކަން އެނގެއެވެ. ލަމްހާ ދުވެފައި ދައްތަގާތައް ދިޔައީ ދައްތަހުރި ހާލަތައް ވިސްނަފައެވެ. ދެމީހުންނަށްވެސް ބައްދާލައިގެން އެތައް އިރަކު ތިބެވުނެވެ. ވާހަކަ ފެށީ ލީނާއެވެ. ކޮށްކޯ ދައްތައަށް މަޢަފް ކުރާނަންތަ. މިއަދު ދައްތައަކީ ވަރަށް ބޮޑު ކުށްވެރިއެއް. ހަމަ ވަރަށް ބޮޑު ކުށްވެރިއެއް. ދައްތަ ކޮއްކޮ ދޫކޮށްލާފަ ދިއުމުން އުޅެން ޖެހުނީ އެތަކެއް އަނިޔާތަކާއެކީ ކަށިކުނބުރު ޖަންގައްޔެއްގަ. ކޮއްކޯ މިއަދު ދައްތަ ކޮއްކޮގެ ކިބައިން މަޢަފަށް މި އެދެނީ ހަމައެކަނި ކޮށްކޮ ދޫކޮށްލާފަ ދެވުމަކުން ނޫން. ކޮއްކޮއަށް އެނގޭތަ ދައްތަ ބަލިވެއިނދެފަ ވެސް މިއިނީ ނަހަލާލަށް. އާނ ކޮއްކޯ! އެޔުނާން އަކީ ވަރަށް ނުބައި ނުލަފާ މީހެއް. އަހަރެންނަ އިންނާނަމޭ ބުނެ އަހަރެންނަށް ދީފައި މިވަނީ ބޮޑު ލަނޑެއް. މިއީ ކޮއްކޮގެ ބަސް އަޑުނޭހުމުން ލިބުނު ޝަޒާ، ކޮއްކޯ! ދައްތައަށް މައާފްކުރޭ. ދައްތަ ވަރަށް ބޮޑަށް ލަދުގަނެ ދެރަވެއްޖެ. ކޮއްކޮގެ ހިޔާވަހިކަމުން ޖާގައެއް ނުލިބުނަސް ބޭނުމީ ހަމައެކަނި ކޮއްކޮގެ މައާފް. އެކަން ކޮށްދީބަލަ ކޮއްކޯ.

ވޭނާ ކެކުޅުމާ ގިސްލެވުމުގެ އަޑާއެކު ލީނާ ވާހަކަތަކުން ލަމްހާ ރޮއްވވާލިއެވެ. ހަމައެކަނި ރޮއްވާލީޢެއްވެސް ނޫނެވެ. ހިތުގެ އެތައްތަނަކަށްވަނީ ފުން ޒަޚަމްތަކެއްވެސް ލިބިފައެވެ. ދައްތާ! ދެން ތިވަރަށް ނުރޮއި. އަހަރެން ދައްތައަށް މަޢަފްކޮށްފިން.ހެޔޮހިތުން މަޢާފް ކޮށްފިން. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ. އެކުށައް ތަޢުބާވެ އެކަހަލަ ކަމެއް ނުކުރުމަށް ހިތުގައި އަޒުމް ކަނޑައެޅީމަ ރަނގަޅުވާނެ. އެހަހިސާބުން ލީނާގެ ހާލަތު ގޯސްވާންފެށިއެވެ. އެވަގުތަކީ ބޭރުގައި އުޅެފައި ނަވާލްވެސް ގެއަށް އައި ވަގުތެވެ. ނަވާލް! އަވަހަށް އެންބިއުލާންސަށް ގުޅާބަލަ. ފަސްމިނެޓް ފަހުން އެންބިއުލާންސް އައުމުން ވަގުތުން ސިއްހީ މަރްކަޒަށް ގެންދެވުނެވެ. ޑޮކްޓަރު ލަފާދެއްވީ އަވަހަށް އުނގޫފާރަށް ގެންދިއުމަށެވެ. ވަގުތުން ލޯންޗެއް ގެނެސް އުނގޫފާރަށް ދިއުމަށް ނައްޓާލިއެވެ.

ވިއްސާ ކޮޓަރިއަށް ލީނާ ވެއްދުމާއެކު ބޭރުގައި ނަވާލުއާއި ލަމްހާ ތިބީ ދައްތައަށް ހެޔޮދުއާ ކުރުުމުގައެވެ. ގަޑިއިރެއްފަހުން ޑޮކްޓަރ ބޭރަށް ނިކުމެފައި ލަމްހާއަށް ގޮވާލިއެވެ. އައިއެމް ސޮރީ. ދަރިފުޅުވެސް އަދި އެދަރިފުޅުގެ މަންމަވެސް ސަލާމަތެއް ނުވި. ޑޮކްޓަރުގެ ޖުމްލައާއެކު ލަމްހާ ހޭނެތިގެން ވެއްޓުނެވެ. އެމެޖެންސީ ރޫމަށް ލަމްހާ ވެއްދުމާއެކު ނަވާލް ހާސްވިއެވެ. ނަމަވެސް ލަމްހާއަށް ފަރުވާދިނުމަށްފަހު ވާހަކަދައްކަން ޑޮކްޓަރ ހުއްދަދިނުމުން ނަވާލް ލަމްހާއަށް ވިސްނައިދިނެވެ. އަދި ދައްތައާއި ކުޑަ މީހާގެ ޖަނާޒާ ނިމުމުން އެދެމީހުން ރަށައް ފުރީ ހިތްދަތިކަމުން ފުރިގެން ވާ ހާލުގައެވެ.

-ނިމުނީ-

ނޯޓް : މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައެޅީ ރ.ވާދޫ/ބިޖިލީގެ އަހްމަދު މަޖީދުއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 03 ރަމަޟާން 1442 އެވެ.