ޚަބަރު

ޕީޖީގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


ޕްރޮސެކިޔުޓަރ ޖެނެރަލް މުހްތާޒް މުޙުސިންގެ
އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. 

ކޮމިޓީން މިގޮތަށް ފާސްކުރީ މިރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. މިމައްސަލަ ކޮމިޓީން ފާސްކުރުމަށްފަހު، ގޮތެއް ނިންމެވުމަށްޓަަކައި ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ ޤާނޫނުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަޤްލަބިއްޔަތުން މިމައްސަލަ ފާސްވާނެއެވެ. 

ރައްޔިތުންގެ މަޖުލީހުގެ 3 މެންބަރަކު ސޮއިކުރައްވައި
ހުށައެޅުއްވި މައްސަލައިގައި، ޖަވާބުދާރީވެ ވަޑައިގަތުމަށް މަޖިލީހުގެ މިނިވަން
މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބްކޮމެޓީއަށް ޕީޖީ ވަނީ މިއަދު ޙާޟިރުކޮށްފައެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުޙުސިން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ
ޚިލާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މައިގަނޑު ތިން ނުކުތާއެއް މައްސަލަ ހުށައެޅުއްވި
މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. 

ސިއްރު ކުރެވިގެން ބޭއްވި ސަބްކޮމެޓީގެ
ބައްދަލުވުމުގައި ޕީ ޖީއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ  ފުރަޞުތު ދެއްވިކަމަށާއި އެހެންނަމަވެސް
އެމްޑީޕީގެ ބައެއް މެންބަރުން ހުރަސްތަށް ކުރިމަތިކުރެއްވުން ކޮމެޓީ ކުރިޔަށް
ގެންދަވަން ދަތިތަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށް ކޮމެޓީގެ މުޤައްރިރު
ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ޕީޖީގެ
މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކަކީ ސީރިޔަސް މައްސަލަތަކެއް ކަމަށާއި ޕީޖީ
ވަނީ ސީރިއަސް މައްސަލައއްގައި ހައްޔަރު ކުރެވިފައި ހުންނެވި މަޝްހޫރު
ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ ވަކީލާ ބައްދަލުކުރެއްވި ކަމަށް ކޮމެޓީގައި
އެއްބަސްވެ ވަޑައިގަންނަވާފަކަމަށެވެ. 

މި ތުހުމަތުތަކަށް ރައްދު ދެއްވާ ޕީޖީ ވިދާޅުވީ
އެމަނިކުފާނަށް  ކުރައްވާފައިވާ ތުހުމަތުތަކުގެ
ތަފްޞީލެއް މަޖުލީހުންވެސް އަދި ކޮމެޓީންވެސް އެމަނިކުފާނަށް ސާފުވެވަޑައި
ނުގަންނަވާ ކަމަށާއި ޖަވާބު ދާރީވެ ވަޑައިގަތުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް
މަޖުލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.  އިތުބާރު ނެތްކަމަށް ފާސްކުރެއްވުމަށް
މަޖިލީހުގެ ފްލޯއަށް ގެންދެވުމަށް ކުރިން ޖަވާބުދާރީވާން ފުރުޞަތު ދެއްވާނެކަމަށް
އުންމީދު ކުރައްވާކަމަށް މުހުތާޒް ވިދާޅުވިއެވެ. 

މި މައްސަލައިގައި ފުލުހުންގެ
ފަރާތުން ސާފުކުރަން ބޭނުންވާ ކަންތައްތައް ސާފުކުރެއްވުމަށް ފުލުހުންވެސް ވަނީ
ކޮމެޓީއަށް ހާޒިރުކުރައްވައިފައެވެ. ޕީޖީގެ މައްސަލައިގައި މިނިވަން މުއައްސަސާތަކާބެހޭ
ކޮމެޓީން މިރޭ ގޮތެއް ނިންމަވާނެކަމަށް ވަނީ ބެލިފައެވެ.