ޓީޓީގައި ކުރިއަށް ދިއުމަށް އާމިނަތު ދީމާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ކެޓަގަރީން 8 ވަނައިގައި ހިމެނިގެންދިއުމާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅެމުންދާ ދީމާއަށް ފޯނުން ގުޅުއްވާ ވާހަކަފުޅުދައްކަވަމުންކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތު ދީފައިވެއެވެ. އެސޯސިއޭޝަނުންބުނީ ޓޭބަލް ޓެނިހުގައި ކުރިއަށް ދިއުމަށް ދީމާއަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށާއި ދީމާގެ ފަރިތަކުރުންތަކުރުންތަށް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ދިމާގެ ކުރިއެރުމަށް ސްރީލަންކާގައި ކުޅެވޭނެ ގޮތް ޔޫތު މިނިސްޓްރީއިން ހައްދަވައިދެއްވާފައިވާއިރު މިނިސްޓަރ އަހުމަދު މަހުލޫފް ދަނީ ދީމާގެ ކަންތައްތައް ކުރިޔަށްދާގޮތް ވަރަށް ގާތުން ބަލަމުންކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިތުރަށް ވިދާޅުވީ އަބަދުވެސް ދީމާއަށް ކާމިޔާބީއަށް އެދޭކަމަށާއި ދީމާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮންނާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން މަޢުލުމާތު ދީފައިވެއެވެ.
މި މަހުގެ 13 ވަނަ ދުވަހު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކުރި ރޭންކިންގައި ދީމާ ހިމެނިފައިވަނީ ޔޫތު ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ އަށް ވަނައިގައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ.
އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ވަނީ ހޯދާފައެވެ.