އީދަށް ޓަކައި މުޅި ކަމަދޫ ދަނީ ތައްޔާރު ވަމުންނެވެ. އީދު ހެދުމާ، އީދު ހަދިޔާ ތައްޔާރު ކުރުމުގައި އަންހެންވެރިން އަވަދިނެތި އުޅެއެވެ. އެއްބަޔަކު އީދު ހެދުމާއި ގުޅޭ ކުލަ ބަރަނި ގަންނަން ނުލިބިގެންނެވެ. ހެދުމާއި ގުޅޭ ފައިވާނާއި ބުރުގާ ރަށުން ލިބެން ނުހުންނާތީ ޒުވާން އަންހެން ކުދިން ވިޔަފާރިވެރިންނަށް ކުދިކިޔަމުން ދިޔައެވެ. އެ ހަލަބޮލި މާހައުލުގައި ޖެހި ބުދެއްހެން ޖައިދާ މޫދާ ދިމައަށް ބަލަހައްޓައިގެން އަތިރިމަތިން ގަސްބުޑެއްގައި އިށީނދެލައިގެން އިނެވެ. އެ ލޮލުގައި ވަނީ ކަރުނައެވެ. ހިތުގައި ވަނީ ޝަކުވާއެވެ.
ރިހިފަތްގަނޑެއްހެން ވިދަވިދާ އޮތް އުދަރެހަށް ބަލައިލަމުން ކުޑަ ގާކޮޅެއް ނަގައި މޫދު ލޮނުގަނޑަށް އަމާޒުކޮށް އެއްލިއެވެ. ގާކޮޅު ލޮނުގަނޑުގައި ޖެހުމުން އެ އިވުނު އަޑާއެކު ހިތަށް ލުއިކަން ލިބުނެވެ. ފުރަގަހުން ޖައިދާގެ ކޮނޑު މަތީގައި މީހެއްގެ އަތް ވަރަށް ހޫނު ކަމާއެކު ބީހުނެވެ. ލިބުނު ތަދާއި ސިހުމުގައި ފަސްއެނބުރި ބަލާލިއެވެ.
އަނގުރު އަލިފާންހެން ކަނި ބުރަބުރާ ހުރި ފަހަރީގެ ދެ ލޯ ފެނިފައި މޭގަނޑު އަނގަޔަށް އައެވެ. ހިތަށް އެރިހާ އެއްޗެއް ދުލަށް އައިހާ ގޮތަކަށް ފައްޗަކަށް ގޮވާ އަމުނާލިއެވެ. "ބޮޑު ބަޑި! ރަށަށް އަރާ ބީރައްޓެހިންނަށް ތިއްތި ދައްކަން މިތާކު އައިސް އިންނާނެ ކަމެއްނެތް! ތިޔަހެން ތެޅެނިކޮށް ބޮނޑިއެއް ބޮވުނީމަ، މާ ރީއްޗެއް ނުވާނެ!" އެހެން ބުނަމުން ޖައިދާގެ އިސްތަށިގަނޑު ފަހަރީގެ އަތަށް ލައި އޮޅާލިއެވެ.
ޖެހިގެން ހުރި ހޮޅުއަށިގައި ރަށަށް އަރާތިބި ބޭރު މެހުމާނުން ތަކެއް އެތަން ބަލަން ތިއްބެވެ. ޖައިދާ ނުދާން ގަދަހަދަން ފެށިއެވެ. ކައިރީގައި އޮތް ދަނޑިބުރި ނެގުމަށް ފަހު، ބުރަކަށީގައި ޖަހަން މަޅާލިއެވެ. ނުދަންނަ އަތަކުން އެ ދަނޑިބުރީގައި ކުއްލިއަކަށް ހިފައި ދަމައިގަތެވެ. އަދި އިސްތަށިގަނޑުން އަތް ދޫކޮށްލަން އެންގިއެވެ. ޖައިދާ ހައިރާންކަމާ އެކު އެ މީހާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ރަށު މީހަކު އެގޮތަށް އައިސް އެ އަނިޔާ ނުހުއްޓުވާނެތީއެވެ.
އެރަށު މީހުން ޤަބޫލުކުރާ ގޮތުގައި ޖައިދާއަކީ ސުންޕާ ކުއްޖެކެވެ. ޖައިދާ އުފަންވި ރޭގައި އޭނާގެ ބައްޕަ ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. އަދި ޖައިދާއަށް ހަތް އަހަރު ފުރުނު ދުވަހު ފާރެއް ވެއްޓި އެ ފާރުގެ ދަށުވެ މަންމަ ވަނީ ނިޔާވެފައެވެ. އެ ހުރިހާ ކަމެއް އަޅުވަނީ އެފަކީރުގެ ބޮލުގައެވެ. ޖައިދާގެ ސުންޕާކަން، އެ މީހުންގެ އާއިލާ ތަކަށް ފޯރަފާނެތީ ޖައިދާއާ އެކުގައި، އެ މީހުންގެ ދަރިން އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ޒަޚަމުވެފައިވާ ހިތަކާއެކު އެ މީހުންގެ އެ ގަނާ ކުރުމާއި ހަނގާ ކުރުމަށް ކެތްކުރަނީ ﷲއާ ވަކީކޮށްފައެވެ.
ފަހަރީގެ އަތްދަށުން ޖައިދާ ކުއްލިއަކަށް ދަމައިގަތެވެ. އަދި ފަހަރިއާ ސުވާލު ކުރިއެވެ. "ވަލުޖަނަވާރެއް ފަދައިން އަނިޔާ ކުރަން ތިޔައީ ކާކު؟" ފަހަރި ތުން ފުރޮޅާލަމުން ބުންޏެވެ. "މަމީ ކާކުކަން ކަލެއަށް އަންގާލަ ދޭނަށް! މިރަށު އަންހެނުންގެ މެދުގައި ކަލޭ ހަވަރަށް ނުދީފިއްޔާ މަމީ އަންހެނެއް ނޫން!" އެހެން ކިޔާ ހަޅޭއްފަޅޭއް ޖަހައިގަތެވެ.
ފަހަރި، ޖައިދާގެ އަތުގައި ހިފާ އަނެއްކާ ވެސް ދަމައި ގަންނަން މަސައްކަތްކުރިއެވެ. އެ ވަގުތު އެ މިހާގެ ނިވަލަށް ޖައިދާ ލިއެވެ އަދި ބުންޏެވެ. "ޚަބަރު ދާރު! އޭނަގެ ގައިގައި ދެން ފުއްއިނގިލީ ކުރި ޖައްސާލިޔަސް މަމީ ފިރިހެނެއްކަން އަންގާލާނަން! ތިޔަހެން އަނިޔާއެއް ނުކުރެވޭނެ! ކަމާބެހޭ ފަރާތްތަކަށް އަންގާނަން! މިރަށުން ކަމެއް ނުވިއްޔާ މާލޭގެ، ކަމާބެހޭ އޮފީސްތަކަށް ހިނގައިގެން ވިޔަސް މި ދަރިއަށް އިންސާފު ހޯދައި ދޭނަން! ދެއުޅި ހަމަނުވާ އަންހެނަކު ދައްކާ ބިރަކަށް މި ޒަމީރު ނުސިހޭނެ!"
ފަހަރިއާއި ދެކޮޅަށް މައްސަލަ ޖައްސާނެ ވާހަކަ ބުނުމުން ޖައިދާ ކަންބޮޑުވިއެވެ. ބޭބެގެ އަންހެނުންނަށް ވެފައި ބޭބެގެ ކުދިންނަށް އެކަމުން ލިބޭނެ ނިކަމެތިކަން ހިތަށް އަރާފައެވެ. މައްސަލަ ނުޖައްސާށޭ ބުނަން ބޭނުމެވެ. އެހެނަސް އަބަދު މި ވޭނަށް ކެތްކުރާހާ ހިތްވަރެއް އޭނާގެ ނެތެވެ. އަނިޔާއާ ދެކޮޅަށް ތެދުވެގެން ނޫނީ އޭނައަށް ހަމަޖެހުމެއް ނެތެވެ.
އެއްވެފައިވާ މިހުންގަނޑުފިއްތަމުން އޭނަގެ ބޭބެ އައިސް ފަހަރީގެ އަތުގައި ހިފާ ދަމައިގަތެވެ. އަދި ގެއަށް ދާށޭ ބުނެ ހަޅޭއްލަވައިގަތެވެ. މި އޮއް ފަދަ ޢީދުގައި ދުނިޔެއިން މޮޔަވަނީހޭ ބުނަމުން ޖައިދާއަށް ބަލާލިއެވެ. ޖައިދާގެ ކުރިމަތީގައި ހުރި މިހާގެ މޫނަށް ބަލާލުމަށް ފަހު ބޭބެ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެމެންގެ އާއިލީ މައްސަލައެއްގެ ތެރެއަށް ވަންނަން ތިޔައީ ކާކު؟"
ޒަމީރު: އަޅުގަނޑަކީ މިރަށަށް އަރާ ހުރި ބީރައްޓެއްސެއް! މި ކުއްޖާއާ ތިޔަ ބޭފުޅަކާއި އޮތީ ކިހާ ގާތްކަމެއް ކަމެއް އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން! އަޅުގަނޑަށް އެނގޭ އެއްޗަކީ ތިޔައީ މި ދަރީގެ ބައްޕަ ނޫންކަން އަދި އެއީ މަންމަ ނޫންކަން! އިންސާނަކަށް އެހެން އިންސާނެއްގެ ފުށުން އަނިޔާ ލިބެންޔާ އެ އަނިޔާ ހުއްޓުވުމަކި އެހެން މީހުން ކުރަން ޖެހޭނެކަމެއް! އަދި އަނިޔާއަކާއި ދެކޮޅަށް އެއްޗެކޭ ބުނުމަކީ ކުށެއް ކަމެއް އަޅުގަނޑު ނުދެނަހުރީން! ފެންނަށް ހުރި ސޫރަޔާއި ސިފައިން ބުނެދެނީ ތިޔައީ މި ދަރިއަށް ހިމާޔަތާއި ރައްކާތެރިކަން ދޭން މަޖުބޫރު ފަރާތެއްކަން.
ޖައިދާގެ ބޭބެ ހަމަހިމޭންވެ އިސްޖެހިއެވެ. އަދި ބުންޏެވެ. "ތިޔަ ބޭފުޅަކަށް އަޅުގަނޑު ޤަދަރުކުރަން! ތިޔައީ ރަށަށް އަރާ ހުރި މެހުމާނެއް. ކަންތައްތައް ހިނގާފައި ވާގޮތަކާއި ކަންތައް ހިނގަމުން ދާގޮތެއް ނޭނގޭނެ! ތިޔަ ބުނުއްވީ ރަނގަޅު ވާހަކައެއް! މިއީ އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ! މަންމައާއި ބައްޕަ ވަކިވެ ދިއުމުން އޭނަގެ އުމުރުން ދިހަ އަހަރުގައި މާލެ ލައިގެން ކިޔަވައި ދިނީ އަޅުގަނޑު. ރަށަށް އައިފަހުން ގޭގައި މަޑެއްނުވޭ! ރޭވެ އަނދިރިވާ އިރު ވެސް ގެއަކަށް ނުވަދޭ! ދެރަކޮށް ކަމެއް ހިނގާފާނެތީ އަންހެނުން އެ އައީ މީނާ ބަލައި.
ބޭބެގެ އެ ވާހަކަތަކުން ޖައިދާގެ ހިތް އިތުރަށް ކުދިކުދިވިއެވެ.
މައިންބަފައިން މަރުވެ ޔަތީމުވުމުން ގެއެއްގައި ނޯކިރީ ކުރާން ރަސްމަތިފުށު ބޭފުޅެއްގެ ގެއަކަށް މާލެ ފޮނުވިއެވެ. ނިދަން ޖެހުނީ ބަދިގޭ ތަޅުންގަނޑު މަތީގައެވެ. ކާން ޖެހުނީ އެ މީހުން އަޅާފައި ދިން އެއްޗެއް އެ ދިން މިންވަރަކަށެވެ. ހައިހޫނުކަން ފިލާ ފަހަރަށް ވުރެ ހައިބަނޑާ ހުންނަ ވަގުތު ގިނަވާނެއެވެ. އެ ނިއުމަތް ވެސް ރަށުގެ މި މާހައުލަށް ވުރެ ހިތްހަމަޖެހުނެވެ. އެހެންވެ ޝަކުވާއެއް ނުކުރެއެވެ. އެ ފަކީރުގެ ހިތުގައި އޮތީ އެންމެ އުއްމީދެކެވެ. ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަޒުމެވެ.
ބޭބެގެ ބޮލަށްއެރިގެން ރަށަށް ގެނައީ ފަހަރީގެ ނުފޫޒުގައެވެ. އެ މީހުންގެ ދަރިން ބަލާށެވެ. ރޭގަނޑު ހަމަ ނިދި ނިދިއަކަ ނުދެއެވެ. މާލެއިން އައި އިރު ލާން ގެންގުޅުނު ހެދުންތައް ކަތުރުން ކަފައި ކޮށާލިއެވެ. ރަށު މީހުން ލައިއުޅޭ ޒާތު އަންނައުނަށް ނުވާތީއެވެ. ގައިގަ އޮތް ހެދުން ބާލާފައި ފެންވަރައިގެން ލާނެ އިތުރު ހެދުންގަނޑެއް މި އޮއް ފަދަ އީދުގައި ވެސް އެ ފަކީރުގެ އަތުގައި ނެތެވެ. އެވަރު ތާކަށް ދާނީ ކިހިނެއް ހެއްޔެވެ؟
ޖައިދާގެ ބޭބެގެ ވާހަކަތައް އަޑު އެހުމަށް ފަހު އެ މިހާ އެދުނި ބޭބެ އެހަށް އެ ތަނުން ދިއުމަށެވެ. ދާން ހިގައި ގަންނަމުން ޖައިދާއާއި ދިމައަށް ބޭބެ ލޯ އަޅާލިއެވެ. އެއްވެސް ވާހަކައެއް ކިޔައި ދީފިނަމަ ހަދާނެ ގޮތް ކަރުގައި ޝަހާދަތް އިނގިލި ކާއްތާލަމުން ދެއްކިއެވެ. އެ މަންޒަރު އޭނައަށް ފެނުނެވެ. ނަމަވެސް ވަގުތުގެ ނާޒުކު ކަމަށް ބަލާފައި ޖައިދާއަށް ބަލާލަމުން ހީލިއެވެ.
ޖައިދާ ގިސްލަމުން ހިތްވަރުކޮށްފައި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އިހުތިޔާރަކާއި ނުލައި އެ ނުދަންނަ މީހާގެ ގައިގައި އޮޅުލައިގަތެވެ. ބޭބެ ހެދީ ދޮގޭ ބުނެ ރޯންފެށިއެވެ. ދުވަހަކުވެސް އެ މީހުންގެ ކައިރިއަށް ދާން ބޭނުމެއް ނޫނޭ ބުންޏެވެ. ޒަމީރުގެ ފުށުން ފެނުނު އިންސާނިޔަތުކަމަށް އިތުބާރުކޮށްފައެވެ. ކިޔަވާ މޮޅުވަން ބޭނުމޭ ބުނެވުނީ ފެނަށް ކަޅިވެފައިވާ ކުއްޖެއް ފަދައިންނެވެ. ޖައިދާގެ ބޮލުގައި ފިރުމާލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޖީބުގައި އޮތް ރުމާ ނެގުމަށްފަހު ފޮހެލައި ދިނެވެ. އަތުގައި ހިފައި ހިނގައިގަންނަމުން ބުންޏެވެ. "ކަނބުލޮއަކީ މީގެ ފަހުން ބޭބެގެ ދަރިއެއް! އެކަކުވެސް އަނިޔާ ކުރަން ފުރުޞަތެއް ނުދޭނަން!"
ޒަމީރު އިޝާނަމާދުން ނިމިގެން ޖައިދާގެ ބޭބެ އުޅޭގެ ހޯދައިގެން އެގެއަށް ދިޔައެވެ. ސަލާމް ގޮވާލިއެވެ. އެހިނދު ގޭތެރެއިން ސަލާމް ބަލައިގަތީ ޖައިދާގެ ބޭބެއެވެ. ޒަމީރު ބުންޏެވެ. "ޖައިދާ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައި. އޭނައަށް ކަލޭމެން ކުރީ އަނިޔާ. ކަމާބެހޭ ފަރާތްތަކުގައި މައްސަލަ ނުޖައްސައި މި ދޫކޮށްލަނީ ޖައިދާއާ ކަލެއާ ދެމެދު އޮތް ލޭގެ ގުޅުމަށް އިޙްތިރާމް ކުރާތީ! އަޑުއަހާ! އަހަރެންނަކީ މަހިނބަދޫ މެޑޯޒް އަހުމަދު ޒަމީރު! މާދަމާ އީދު ނަމާދަށް ފަހު މިރަށުން ފުރާނަން. ދަމުން ދާނި ޖައިދާ ގޮވައިގެން! ޖައިދާއަކީ ކަލޭގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށް ވާތީ އޭނާ ގެންދަނީ ކާކުކަމާއި ކޮންތާކަށް ކަން ބުނަން ޖެހޭތީ އެ ވާހަކަ ބުނަން މި އައީ. އަދި މިއަދަށް ފަހު އެއީ އަހަރެންގެ ދަރިއެއް." ޖަވާބަކަށް ބެލުމެއް ނެތި ޒަމީރު އެގެއިން ނުކުތެވެ.
އީދުގެ އުފަލުގައި އެރަށުގެ އެންމެން ބައިވެރިވެ އުފާކުރި ނަމަވެސް ޖައިދާ އުފަލެއް ނުވެއެވެ. ފަހަރީގެ އަނިޔާވެރި ވަކިތަކުން މިންޖުވެ އުފަން ފަސްގަނޑު ދޫކޮށް ގޮތް ނޭނގޭ ބައެއްގެ ހިމާޔަތަށް ދާން ޖެހޭތީ ކަންބޮޑުވިއެވެ.
ބާރު ދުވެލީގައި ދޯނި ދުވެ ގޮސް ކަނޑިންމަ ފަސްދީ ކަމަދޫގެ މަލަ އޮބާ ގެއްލިއްޖެއެވެ. ޖައިދާގެ ލޮލުން ކަރުނަ އޮހެރެމުން ދާތަން ޒަމީރަށް ފެނުނެވެ. ޖައިދާ ރޯން ބޭނުން ވަރަކަށް ރޯން ފުރުޞަތު ދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ޒަމީރު ދެކުނެވެ.
އިރު އުދަރެހާ ނިވައިވަމުން ދިޔަވަގުތެވެ. ރަށެއްގެ މޭގަ ފެނި ކުޑައިރުކޮޅެއްގެ ތެރޭގައި އެ ރަށުގެ މަލަ ވަރަށް ގާތުން ފެވުނެވެ. އެރަށާއި ދިމާއަށް ދޯނީގެ މިސްރާބު ހިފިއެވެ. ފަޅަށް ވަދެ ޖެޓީއާއި ގާތްކޮށްލިއެވެ. ޒަމީރުގެ މުޅި އާއިލާ ބަނދަރަށް ޖަމާވެފައި އޮތެވެ. ޖައިދާގެ މިލާ މޯޅިވެފައިވާ މޫނަށް ދިރުން ލިބުނެވެ. ލޮލުގައިވާ ކަރުނަތައް ހިނދި މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. ޖައިދާގެ ބޮލުގައި ފިރުމާލުމަށް ފަހު "ماشاالللة" އޭ ބުނެ ނިއްކުރީގައި ބޮސްދިނީ ޒަމީރުގެ އަންހެނުން އަޒީޒާއެވެ. ހަޔާތުން އުނިވެފައިވާ އާއިލީ ލޯބި މިލުކުވީ ކަމުގައި ހީކުރެވުނެވެ. މީހަކު، ޖައިދާގެ ގައިގައި ލޯބިން އެ ގޮތަށް ފިރުމާލި ދުވަހެއް ހަނދާނުގައި ވެސް ނެތެވެ. ﷲގެ އޯގާވަންތަކަން ޖައިދާއަށް އިޙްސާސްކުރެވުނެވެ. ގެއްލެމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ދިއްލުނަތީ ﷲއަށް ޙަމްދުކުރިއެވެ.
މަހިނބަދޫގެ ވައިފެނަށް ޖައިދާ ދާދި އަވަހަށް ދިރިއްޖެއެވެ. އާ ރައްޓެހިން ލިބުނެވެ. ހަޔާތުން އުނިވި އާއިލީ ކުލުނާ ލޯބި ޒަމީރުގެ އާއިލާއިން ލިބުނެވެ. ހުރިހާ އުފަލެއް އެކަކަށް ވެސް ދުނިޔެއިން މިލުކެއް ނުވެއެވެ. އެކަން ޖައިދާ ޤަބޫލުކުރެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ މީހުން ބުނެއެވެ. އެއްދުވަހު ހެއްވިއްޔާ އަނެއް ދުވަހު ރޮއްވުމަކީ އަގެއް ނެތް މި ދުނިޔޭގެ އުސޫލެވެ. ތަދުބީރު ކުރާހާ ގޮތަކަށް ތަޤުދީރުގެ ގަލަމަކުން ކޮންމެ ފަހަރަކު ނުލިޔެވެއެވެ.
ހަޔާތުގެ ގަނޑުތައް އުކެމުން ދިޔައީ ނުހަނު އަވަހަށެވެ. އޭލެވެލު އިމްތިހާނުގެ ނަތީޖާ ޖައިދާ ގެނައި ދުވަސްވީ ޒަމީރުގެ މުޅި ހަޔާތް ފުނޑުފުނޑުވި ދުވަސް ކަމުގައެވެ. ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ އެކު އަޒީޒާ ކުއްލިގޮތަކަށް މިދުނިޔެއާ ވަކިވެ ދިޔައީއެވެ. އެކަމުގެ ސަބަބުން ޖައިދާގެ ހިތުގައި ނިދާފައިވާ "ސުންޕާ" މި ލަފުޒު އަލުން ހޭލިއެވެ. މާޒި ނުރުހުމާއެކު ފިރުމާލިއެވެ. ކޮންމެ އުފަލެއްގެ ނިމުން ގެނުވަނީ ކަފުން ކުރެވޭ ފުރާނައަކުން ހޭ ބުނެ އަމިއްލަ ނަފުސާ ސުވާލުކުރިއެވެ. އެ އަޑު އަހައި، ޒަމީރު ވިސްނައިދިނެވެ. "ތިޔަހެން ނުބުނާށެވެ! އެއީ ﷲގެ މަތިވެރި ނިންމުމެވެ. އެއީ މިހެއްގެ މޮޅުކަމަކުން، ގޯސްކަމަކުން، ހިނގާ ކަމެއް ނޫނެވެ. މީހުންގެ މަރަކީ އެކަކުގެ ވެސް ބާރުވެރިކަމުގެ ދަށުގައި ވާކަމެއް ނޫނެވެ. މީހުން ދައްކާ ތިޔަކަހަލަ ބުހުތާން ވާހަކަތައް ޤަބޫލު ނުކޮށް މަންމައަށް ހެޔޮ ދުޢާ ކުރާށެވެ." އެހެން ބުނަމުން ބުރަކަށީގައި ފިރުމާލިއެވެ. އޭރު ޒަމީރުގެ ދެލޮލުން ކަރުނަ ނިރާލަ ނިރާލަ ހުއްޓެވެ.
އަޒީޒާގެ ވަކިވެ ދިއުމުގެ ހަނދާންތައް މަޑުމަޑުން އޮބި، އާދައިގެ ދިރިއުޅުމަކަށް ގޭތެރޭގެ ހާލަތު ބަދަލުވިއެވެ. ކުލާސް ކުދިންނާއި ދިމާވެގެން ކޮފީއަކަށް ދާން ޖައިދާ ވެސް ނިންމިއެވެ. ހަތަރު މީހުން ހެމުން ގޮސް އިރު ކެފޭގެ ގޮނޑުދޮށް ފަރާތާއި ކައިރިއަށް ހުރި މޭޒުގައި އިށީނެވެ. ލަސްތަކެއްނުވެ އޯޑަރުކުރި ކޮފީ އައެވެ. އެ ހިނދު ރުވާ، ވާހަކަ ދެއްކިއެވެ. "އެއްކަލަ ދުވަހު މަގުމަތިން ދިމާވި ބިޓާއި ފަހުން ދިމާލެއް ނުވޭތަ؟" ޖައިދާ ކޮށިއަރާ ގޮތްވިއެވެ. ތުބުގައި ޖަހަޖަހާ ހުރި ކޮފީތަށި މޭޒު މަތީގައި ބެހެއްޓުމަށް ފަހު ހާސްވެގެން ދެކޮޅު ހޯދާ ބަލާލިއެވެ. ކުއްލިއަކަށް ޖައިދާގެ ކަޅި ގޮސް ހުއްޓުނީ ކަނުގައި އިށީނދެ ތިބި ތިން ޒުވާނުން ނަށެވެ. އެންމެން އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ. އެ ވަގުތު ރުވާއަށް އެތަނުން އެކަކު އަތުގެ އިޝާރާތުން ގޮވާލިއެވެ. ރުވާ ދާން އުޅުމުން ޖައިދާ ހުރަސްއެޅިއެވެ. އެންމެން ހޭންފެށިއެވެ"
ހަނާ: ސާބަސް ޖައިދާ! އެ ގޮވަނީ ރުވާގެ ދޮންބެ.
ޖައިދާ ރަކިވާގޮތްވިއެވެ. ނަމަވެސް އެ ހާސްކަން ފޮރުވަމުން އެ މިހުންގެ ހުނުމުގައި ބައިވެރިވިއެވެ. "ނޭނގޭނެ ނޫން! މަ ހީކުރީ މި ރަށަށް އަރާ ތިބި ބީރައްޓެހި ބައެއް ކަމަށް. އެ ގެއަށް މިހާ ގިނައިން ދާއިރު ވެސް ތިޔަ ބުނާ ދޮންބެއެއް ނުދެކެން." ޖައިދާގެ އަތުގައި ހިބާ ހިފަމުން ބުންޏެވެ. "ނުފެންނާނެތާ! އީތަން ހުންނަނީ މެލޭޝިޔާގައި ކިޔަވަން.! ޗުއްޓީއަށް އެ އައީ."
ރުވާ އައުމުން އެންމެން އެއްފަހަރާ ރުވާއަށް ބަލާލިއެވެ. އެކި މީހުން އެކި ސުވާލު ކުރިއެވެ. ސަލާމް ބުނީ ކާކަށް ތަ؟ ފޯނު ނަމްބަރެއް ނުދޭތަ؟ ރުވާ ހީލަމުން ބުންޏެވެ. މަތިން ބައިން ޖެހިގަނެގެން ނޫޅެ ބަލަ! އަހަރެމެންގެ "ބިލު" ބޭބެ ދެއްކި ވާހަކަ ބުނީ!" އެހެން ބުނަމުން ޖައިދާއަށް ރުވާ ބާލާލިއެވެ. ޖައިދާގެ މޭ ތެޅިގަތެވެ. ކޮފީ ނިންމާލުމަށް ފަހު ރުވާއާ އެކު އެ ގެއަށް ޖައިދާ ދިއުމަށް އެދުމުން އިތުރަށް ހާސްވިއެވެ.
އީތަންނަކީ ރުވާގެ ދޮންބެކަން އެނގުނު ހިސާބުން ޖައިދާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ހިތާ ދެކޮޅަށް ނަމަވެސް ރުވައާ އެކުގައި އެގެއަށް ހިނގައްޖެއެވެ. ޓީވީ ހުޅުވާލުމަށް ފަހު ރުވާ ދިޔައީ ފެންފުޅިއެއް ބަލައެވެ.
ޓީވީގެ ރިމޯޓް ނަގައި ޗެނަލު ބަދަލު ނުކުރެވެނީސް ގޭދޮރުން ވަދެގެން އަންނަތަން ފެނުނީ އީތަންނެވެ. އީތަންނަށް ޖައިދާ ފެނުމުން އެތެރެއަށް ވަދެގެން ދާން ގޮސްފައި އެނބުރި އައިސް ސޯފާގައި އިށީނެވެ. އިށިންނަމުން ރުވާ ކޮބާހޭ އެހީއެވެ. ޖައިދާ އީތަންނާއި ދުރަށް ޖެހިލަމުން އަޅައަޅައި ގަންނަމުން އެބަ...އެބަ... އުޅެޔޭ ބުންޏެވެ. ޖައިދާ ޖެހިލާ އިރަށް އިތަން ވެސް ޖެހިލައެވެ. ސޯފާގައި ދެން އިތުރަށް ޖެހޭނެ ތަނެއް ނެތުމުން ޖައިދާ ތެދުވަން އުޅުނެވެ. އެވަގުތު އީތަން ޖައިދާގެ އަތުގައި ހިފިއެވެ. އަތް ފޮޅުވާލައިފައި ދާން ގަދަ ހަދަނިކޮން އީތަންގެ އުނގަންވާގޮތަށް ޖައިދާ ވެއްޓުނެވެ.
ރުވާ ފެންފުޅި ހިފައިގެން އައި އިރު އެ ދެ މިހުން ތިބިގޮތް ފެނިފައި އަނެއް ފަރާތަށް އެނބުރުނެވެ. އީތަން ބުންޏެވެ. ޖައިދާ! ވަރަށް ރީތި ނަމެއް! ނަމަށް ވުރެ އަދި ތިޔަ މޫނު މާރީތި! ޖައީ ދެކެ..." ޖުމުލަ ފުރިހަމަ ނުކުރަނީސް ރުވާ ކަރު ކެހިލިއެވެ. އަދި އެ ދެ މީހުންގެ މެދުގައި އިށީނެވެ. "ދޮންބެ އަކަސް މިހާރު ތިދަނި މާ މައްޗަށް. ޖައީ ހައްދައިގެން ނުވާނެ! ތިޔަ ހަދަނީ ހުސް ދޮގު! ދޮންބެ، އަންހެން ކުއްޖަކު ލޮލަށް ފެނުނަސް ލޯބިވެއޭ ބުނާނެ! ސީރިޔަސްކޮށް "ބިޓެއް" ނު ނަގާނެ! އަބަދު ކިޔެވުން ކަމަކީ! މަށަށް ވެސް މީހަކާ އިންނަން ނުކެރިފައި މިހުންނަނީ، ދޮންބެ ނު ނިންމައިގެން!" އީތަން ރުވާގެ އަތުގައި ހިފައި އެ ތަނުން ނެގިއެވެ. އަދި ބުންޏެވެ. "ބޮޑު އަނގަ! އަވަހަށް މީހަކާ އިނދެގެން މި ގޭން ދާން އުޅޭ!" ހާސްވެފައި އިން ޖައިދާއަށް ހެވުނެވެ. ރުވާ އެ ތަނުން ދިޔުމަށް އިތަން އާދޭހާ އެކު އެދެމުން ދިޔައެވެ. ޖައިދާ ގޮވައިގެން ނޫނި ނުދާނަމޭ ބުންޏެވެ. "ސީރިޔަސްކޮށް މިބުނަނީ އުނދަގޫ ނުކޮށް އެހަށް މިތަނުން ދޭ! ބޭބެއަށް އިތުބާރުކުރޭ! ޖައިދާގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން!"
ރުވާ ހިނގައިގަންނަމުން ޖައީދާގެ މޫނަށް ބަލާލިއެވެ. "އެއްޗެކޭ ހީނުކުރާތީ އެއީ މަ ކުރި ސަމާސާއެއް! ދޮންބެ އެއީ އެހާ ގޯސް މީހެއް ނޫން! ދޮންބެއަށް އާބަސް ބުނަންޗެ! އޭރުން ކިހާ މަޖާވާނެ!" ރުވާ އެނބުރި ދިއުމުން އީތަން ވާހަކަދައްކަން ފެށިއެވެ. "ކޮއްކޮ ވަރަށް ލާނެއް ވާނެ! އޭނަ ކިޔާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް" އެހެން ބުނެ ހީލަމުން ޖައިދާއާއި ހަތަރުކަޅި ހަމަކުރިއެވެ. "ތިޔަ މޫނު ފުރަތަމަ ފެނިލިމުން ވެސް މި ހިތް ފިދާވެއްޖެ! ފަނާނުވާ ގަލަމަކުން ތިޔަނަން މިހިތުގައި ލިޔެވި ބިންވަޅު ނެގިއްޖެ! ލޯބި ވުމަކީ ކުށަކަށް ވަންޏާ އެ ކުށް މިހާރު މި ވަނި ކުރެވިފައި! ހީކުރަން މާފުކުރާނެ ކަމަށް"
ވިސްނާލައިފައި ފަހުން ޖަވާބެއް ދިނަސް އެންމެ ރަނގަޅޭ އީތަން ބުންޏެވެ. ޗުއްޓީ ހަމަވެގެން ދިއުމުގެ ކުރިން ކައިވެނި ކުރަން ބޭނުމޭ ޖެހިލުމެއްނެތި ބުންޏެވެ. އީތަންގެ ތޫނު ލޮލުން އެދިން އިޝާރާތާ އެކު ލަދުމަލެއް ފަދައިން ޖައިދާ މޯޅިވިއެވެ. އީތަންގެ ނޭވަޔާއި އެކުވެ ދުވަމުން ދިޔަ ލުއިލުއި ސެންޓެއްގެ ވަހާއެކު ޖައިދާގެ ހިއްޞުތަކުގައި ނުދަންނަ އަތަކުން ފިރުމާލިއެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ޖައިދާގެ އިޒުނައަކާއި ނުލަ އިތަންގެ އެ ސޫރަ ހިތުގައި ކުރެހުން އެޅުނެވެ. ދެ ހިތުގައި ކުޅެމުން ދިޔައީ އެއްރާގެއް ހެން ހީވިއެވެ. ވާން މި އުޅެނީ ކީއްބާއޭ ހިތާ ސުވާލުކުރަން ބޭނުންވިއެވެ. ސިކުނޑިގެ އެއްކަނަކުން މާޒީ ބޯދިއްކޮއްލާ ގޮވާލި ކަހަލައެވެ. ކޮންމެ އުފަލަކާއި ގުޅިގެން ތަޖުރިބާ ކުރަން ޖެހިފައި ވަނީ ކުށެއް ނެތް ފުރާނަ އެއްގެ ވަކިވުމެވެ. އެހެންވެ ނޫނެކޭ ބުނަން ބޭނުމެވެ. އެހެނަސް މޮޔަ ހިތް އެދި ރޮނީ އެ ލޯބި ޤަބޫލުކުރުމަށެވެ. އީތަންނަށް ޖައިދާ ކަމުދިޔަ ފަދައިން ޖައިދާއަށް އީތަން ވެސް ކަމުދިޔައެވެ.
އީތަންގެ އަތުތެރޭގައިވާ ޖައީދާގެ އަތް ކުއްލިއަކަށް ދަމައިގަންނަމުން ބުންޏެވެ. ނޫނެކޭ ބުނެފިނަމަ..." އެހެން ބުނުމުން އީތަން ޖައިދާގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. އަދި ބުންޏެވެ. "އުއްމީދުތައް ފުނޑުފުނޑުވެ، ކިޔެވުން ވެސް ހުއްޓާލަން ޖެހޭނީ! މި ދުނިޔޭން އަބަދަށް..." ޖައިދާގެ ޝަހާދަތް އިނގިލިން އީތަންގެ ތުންފަތުގައި ޖައްސާ އެ ޖުމުލަ ފުރިހަމަ ކުރުން ހުއްޓުވިއެވެ. އަދި އީތަންގެ އަތުގެ ހިމާޔަތުގައި ބޮނޑިވެލިއެވެ. ދެ މީހުންގެ ދެމެދުގައި އެވާ ގާތްކަން ފޫދުއްވާލީ އިޝާ ނަމާދުގެ ބަންގިއެވެ.
އަޒިޒާ ވަކިވެދިޔަ ފަހުން ޒަމީރުގެ އުފަން ދަރިންނަށް ވުރެ ވެސް ޖައިދާ، ޒަމީރަށް ހެޔޮވެފައި އަޅާލައެވެ. މީހަކާއި އިނދެގެން ބައްޕަ ދޫކޮށްފައި ނުދާނަމޭ ތަކުރާރުކޮށް ބުނެއެވެ. ކައިނިމުމުން ބޭސްދީ ނިންމާފައި ޒަމީރު ކައިރީގައި އިށީނެވެ. އެއްޗެކޭ ބުނަން އުޅޭހެން ޒަމީރަށް ހީވެއެވެ. ޒަމީރުގެ ދުރުވިސްނުމަށް އެއްކަމެއް ނަގައިގަނެވުނެވެ. މިރޭ މާވަރަކަށް ނަލަހެދިފައި އިންކަމެވެ.
ގަޑިގެ ކަށި ހިނގަމުންދާ ވަރަކަށް ޖައިދާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ކުއްލިއަކަށް ސަލާމް ގޮވާލި އަޑަށް ޖައިދާ ސިއްސައިގެން ދިޔައެވެ. ކުރިމަތީގައި އީތަން ރަކިގޮތަކަށް ހެވިފައި ހުއްޓެވެ. ފަހަތުން އީތަންގެ މަންމައާއި ބައްޕަ ވެސް ވަނެވެ. އެ މިހުން ވަނުމުން ޒަމީރު ސަލާން ބަލައިގަތެވެ. ކުރިމަތިން ހުރި ސޯފާގައި އިށީނުމަށް އިޝާރާތްކޮށްލަމުން ހިލިއެވެ.
"ކޮންކަހަލަ ޒިޔާރަތެއް ތިންބަފައިން ތިޔަ ކޮށްލީ! އަޒީޒާ ނިޔާވި ފަހުން ޒައީމާ ނުވެސް ފެނޭ!" ބައްޕަ ބަލިކޮށް އުޅޭތީ ބޭރަށް ނުކުމެލާނެ ވަގުތެއް ނުވަނީއޭ ޒައީމަ ބުންޏެވެ. ޒަމީރު ޖައިދާ ގާތު ބުންޏެވެ. "ދަރިފުޅާ! ދޭބަލަ! ބޯލާނެ އެއްޗެއް ގެންނަން! މިހާ ދުވަސްކޮށްފައި އައީމަ ވާނެ ކޮންމެސް ގޮތެއް ހަދާލަން!" "ނޫން ހަމަ ދެންމެ ކައިގެން މި އައީ" އެއްޗެއް ހަދާނެ ކަމެއް ނެތޭ ބުނަމުން ޒައީމާ އެކަން މަނާކުރިއެވެ. ޒަމީރުގެ ވާހަކަ އަލުން ކުރިއަށް ގެންދިޔައެވެ. "މިހާރު އީތަންގެ ކިޔެވުން ނިމުނީތަ؟" އީތަން ކުޑަކޮށް ފަސްޖެހޭ ގޮތްވިއެވެ. ޒަމީރާއި ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައި އިންދާ ލިބުނު ފުރުޞަތުގެ ބޭނުން ހިފަން ނިންމިއެވެ. "ކކިޔެވުން ނިމެން އަދި އަށްމަސް ބާކީ އެބަ އޮތް ޗުއްޓީއަކަށް މި އައީ ! ބޭބެ ކައިރިއަށް ކަމަކު އެދެން މިއައީ! ބޭބެގެ ވަރަށް އަގުބޮޑު މުދަލެއް އަޅުގަނޑަށް ލިބިދާނެ ތޯ އަހާލަން" ޒަމީރު ސަމާސާ ރާގެއްގައި ބުންޏެވެ. ބޭބެގެ މާ އަގުބޮޑު މުދަލެއް އެކޮޔަށް ދޭކަށް ނެތް! ބޭބެގެ އުފަން އަންހެން ދަރިއެއް ހުރިނަމަ...!"
އީތަން ހާސްވިއެވެ. "އޭގެ މާނައަކީ ޖައިދާ...!" ޒަމީރު ގާތަށް ހިނި އައެވެ. އަދި ޖައިދާގެ މޫނަށް ބަލާލަމުން އީތަންގެ ވާހަކަ ހުއްޓުވިއެވެ. ޖައިދާގެ ލޮލުން ހިލުނު ކަރުނައިން ޖައިދާ އީތަން ބޭނުންވާ މިންވަރު ހާމަވިއެވެ. އެ ހިނދު އީތަންގެ ބައްޕަ އިސްމާއިލާ ދިމައަށް ބަލާލަމުން މިކަން އަވަސްކުރާށޭ ބުންޏެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. ކައިވެނީގެ ތާރީޚް ކަނޑައެޅިއެވެ. ކައިވެނީގެ ކަންކަން ހަމަޖައްސަން މާދަން އަންނާނަމޭ ބުނަމުން އޭގެ ތިންބަފައިން ނުކުތެވެ.
ހިޔާލުތަކާއި ފިކުރުތަކުން ހިތް ހާސްވަމުން ދިޔައެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ވަގުތަކި އަލަތު ކައިވެނި ކުރެވޭ ވަގުތެވެ. އެ އުފަލުގައި އެންމެ ބޮޑަށް ބައިވެރިކުރަން ބޭނުން ވާނި މަންމައާއި ބައްޕައެވެ. އާއިލާ މީހުނެވެ. އެކަމަކު އެ ނަޞީބެއް އެފަކީރަކަށް ނެތެވެ. އެކިކަހަލަ ހިޔާލުތަކުން ސިކުނޑި ބަރުކުރަމުން ދިޔަ ހިނދު ޖައިދާގެ ލޯ ނިދީގެ އަރާމަށް އެދި މަޑުމަޑުން މެރުނެވެ.
ބޮޑު ރާޅެއް ނަގައި ޖައިދާ އެ ރާޅާއި އޮޅާލައި މަންޒަރާ އެކުގައި ކޮޓަރިގެ ދޮރުގައި މީހަކު ބާރަކަށް ތަޅާގަތްއަޑު އިވުނެވެ. ފުންމައިގެން ތެދުވެ ގަޑިއަށް ބަލާލިއެވެ. މެންދަމުން އަލިވެ ދޭއް ޖެހީއެވެ. ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެކަމާ އަދި ވަކިން ބިރުގަތެވެ. ޒަމިރުގެ ކޮޓަރިގެ ދޮރު ހުރީ ހުޅުވާފައެވެ. ސިޓިން ރޫމުގެ ހޮޅިބުރި ވެސް ހުރީ ދިއްލާފައެވެ. ޖަގުން ފެންތައްޓެއް އަޅަން އެތާ ހުރި ކުޑަ މޭޒު ގާތުގައި ޒަމީރު ގުދަށް އޮތެވެ. ޖައިދާ ފުންނޭވައެއް ލުމަށް ފަހު އެނބުރި ކޮޓަރިއަށް ވަދެ، ވުޟޫކޮށްގެން ދުޢާތަކާއި ޛިކުރުތައް ކިޔަން އޮއްވައި އަނެއްކާ ވެސް ނިދުނެވެ.
ދޮރުގައި ބާރަކަށް މިފަހަރު ވެސް ތަޅައިގަތެވެ. ހަތަރެސްފައި ކޮޅަށް ޖެހުނެވެ. މިފަހަރު ވީ ހީއެއް ނޫނެވެ. ގަޑިއަށް ބަލާލިއެވެ. ހަތަރެއް ހަމަޖެހީއެވެ. ބަންގި ގޮވާނީ ހަތަރުގަޑި ވިހީގައެވެ. ފުންމައިގެން ތެދުވެ ދޮރު ހުޅުވުމަށްފަހު ދުވެފައި ސިޓިންގ ރޫމަށް ނުކުތެވެ. ފެނުނު މަންޒަރުން ބިންގަނޑު ފައިދަށުން ދެމިގަތްހެން ހީވިއެވެ. އަޑުން އަޑުނަގައި ރޮއިގަތެވެ. އެ އަޑަށް ނިދާފައި ތިބި ޒަމީރުގެ ދެ ދަރިން ފަޔާޒު އާއި އަޔާޒު ވެސް ދެލޯ އުނގުޅަމުން ނުކުތެވެ. ޖައިދާގެ ރުއިމުގެ އަޑުން އެ ހަމަހިމޭން ފަތިސް ނާމާންކޮށްލިއެވެ. ބަންގީގެ އަޑާ އެކު މުޅިރަށަށް ފެތުރިގެން ދިޔައީ ޒަމީރުގެ ކުއްލި ވަކިވުމުގެ ޚަބަރެވެ. ބައެއް މީހުން އެ މަރު ސިފަކުރީ އިބުރަތެއްގެ ގޮތުގައެވެ. ޒަމީރު މަރުވެފައި އޮތް އިރު އެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. ސަޖިދާގައި ވަނިކޮށް ވަކިވެ ދިއުމަކީ ﷲގެ ރުހިވޮޑިގަތުން ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ.
ޒަމީރު ވަކިވުމާއި ގުޅިގެން އެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އީތަން ކައިވެނީގެ ކަންތައް މަޑުޖައްސާލިއެވެ. ނަމަވެސް ފުރަން ބާކީ އޮތީ ދެހަފުތާ ކަމުން އެނބުރި ދިއުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވިއެވެ. އެކަމާ ޖައިދާ ވެސް ދެކޮޅެއް ނުހެދިއެވެ. ޖައިދާ ދެކޭ ގޮތުގައި މިހާރު ޖައިދާގެ މިހަކަށް މިދުނިޔޭގައި ހަމައެކަނި ހުރީ އީތަންނެވެ.
ޖައިދާއަށް އެ ވަޒަނަކުން ލޯތްބާއި ކުލުނާއި އަޅާލުން ލިބުނު ހިޔާވަހިން މިއަދު އެ ނުކުންނަނީ ދާހިތަކުން ނޫނެވެ. ކައިވެންޏަށް ފަހު ފިރިމީހާ ދެއްކި ތަނެއްގައި އުޅުމަކީ އަނބިމީހާއަށް ލާޒިމުކުރާ ކަމަކަށް ވާތީއެވެ. އީތަންގެ ގެއާއި އެގޭގެ ކޮންމެ އެއްޗަކީ ޖައިދާއަށް މުޅިން އާ އެއްޗެއްސެއް ނޫނެވެ. އެ ގޭތެރޭގެ އުސޫލުތަކާއި ޤަވާޢިދު ތަކަކީ އަލުން ބަލުން ޖައިދާ ދަސްކުރަން ޖެހޭ ކަންކަމެއް ނޫނެވެ.
ކައިވެންޏަށްފަހު ދެ މީހުންގެ ދެމެދުގައި ލޯތްބާ ކުލުނު އިތުރަށް ވަރުގަދަވިއެވެ. ލޯބި ފެށެނީ ކައިވެންޏަށް ފަހު އޭ ބުނާ ބުނުން އިތުރަށް ޔަޤިންކުރެވުނެވެ. އަލަތު ކައިވެނީގެ އުފަލަށް ޖައިދާ މޮޔަކޮށްލުމަށް ފަހު އީތަން އެންމެފަހުން ފުރައިގެން ހިނގައްޖެއެވެ.
މަސްތަކާއި ދުވަސްތައް ވޭތުވެގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ، ކިޔެވުން ނިންމާލުމަށް ފަހު އީތަން ވެސް އެނބުރި ރަށަށް އައެވެ. ޖައިދާ ފެނުމުން އީތަންގެ ދެ ލޯ ބޮޑުވިއެވެ. ގަބޫލުކުރަން ދަތިވިއެވެ. ޖައިދާގެ ބޮޑު ބަނޑާއެކު ސޫރަޔަށް އައިސްފައިވާ ބަދަލުން ހައިރާންވިއެވެ. އީތަން ބައްޕައަކަށް ވާކަމުގެ އުފާވެރި ޚަބަރާއެކު ޖައިދާ ނަގައި އުރާލިއެވެ. ބަލިވެ އިންކަން ސިއްރު ކުރީތީ ޝަކުވާ ކުރިއެވެ. އެހިނދު ޖައިދާ ބުންޏެވެ. އީތަންގެ ކިޔެވުން މެދު ކަނޑާލުމަށް ފަހު އެނބުރި ރާއްޖެ އަތުވެދާނެ ކަމުގެ ބިރަށް، ބަލިވެއިން ޚަބަރު ދޭން އާއިލާއިން ބޭނުން ނުވީއެވެ. އެ ކުށަށް މައާފުކުރާށޭ ބުނަމުން އީތަންގެ އަތް ބަނޑުގައި ޖައްސާލިއެވެ.
ބޮޑު އީދު ދުވަހެވެ. އީދު ނަމާދުން އައިސް ދެލި މާލި ނެރުނު ގުރޫޕްގައި އީތަން ވެސް ދިޔައެވެ. ދެލިމާލި ކުޅިވަރަށް ފަހު ގިނަ ޒުވނުން އެރުނީ މޫދަށެވެ. ކުލަދަވާދުތައް ފިލުވުމަށެވެ. އެކުވެރިންގެ ޚިޔާލު ބަދަލުވިއެވެ. ބޭރުމައްޗަށްފީނަށް ދިއުމަށެވެ. ފީނުމާ ފްރީޑައިވް ކުރުމަކީ އީތަންގެ ހޮބީއެވެ. އެހެންވެ އެކުވެރިންގެ އެ ދަޢުވަތު ޤަބޫލުކުރިއެވެ.
ދުވެފައި ގެއަށް މީހަކު ވަންތަން ޖައިދާ ދެކުނެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ހުރިތަނަށް ގަނޑުވިއެވެ. އީތަންގެ ނަމާއެކު އެންމެން ރޮއިގަތެވެ. މުޅި ރަށަށް ގުޑުން އެރިއެވެ. ރަށުގެ ރައްޔިތުން އެ މިހަކު ކުރަން ހުރިކަމެއް ދޫކޮށްފައި ޖެހުނު ދިމާއަކުން ނުކުމެ، ދުވަނީ އަތިރިއާ ދިމާއަށެވެ. މަހިނބަދޫއަށް ވަނީ ހިތާމައިގެ ކަޅު ކަފުނެއް ފަތުރާލައިފައެވެ.
ޖައިދާ ހުރިތަނަށް ގަނޑުވެ ބަސް ހުއްޓުނެވެ. ފާރުގައި ހިފަހައްޓަމުން ސޯފާގައި އިށީނދެވުނުކަން އެނގުނެވެ. ތަންދޮރު އެނގިގެން އީތަންނަށް ފިސާރި ބާރަށް ގޮވާލިއެވެ. އިތުރަށް ދެން އެންމެ ލަފުޒެއް ވެސް ނުބުނެ ތެދުވަން އުޅުނެވެ. ކައިރީގައި ތިބި މީހުން ހިތްވަރުދޭން ފެށިއެވެ. އީތަން ފީނަން ގޮސް އުޅެނިކޮށް..." އެ ހިސާބުން އެމީހުންގެ އެ ވާހަކަ ޖައިދާ ހުއްޓުވިއެވެ. "އަހަރެމެން ދެމައިން ދޫކޮށް އީތަން ވެސް ދިޔައީ!" ޖައިދާ ހިނގައިގަތެވެ. އަމިއްލަ ނަފުސަށް ކޮޅަކަށް ނުހުރެވުނެވެ. ކައިރީގައި ތިބި މީހުން އަތުލަފިކޮށްގެން ގެންގޮސް މޫނު ނާޅައި އޮތް އީތަންގެ މޫނު ދެއްކިއެވެ. މޮޔައެއް ފަދައިން އީތަންގެ މޫނުގައި ބޮސްދިނެވެ.
ދުނިޔެއަށް އޭނާ އެކަނިކޮށްފައި އެންމެން ވެސް ދިޔައީ އޭ ބުނަމުން، ފެންކަޅިވެ،ގަނޑުވެފައި ހުރި އީތަންގެ މަންމަގެ ގައިގައި ހިފައިގަތެވެ. އަދި ބުންޏެވެ. ސުންޕާ މީހަކަށް އޭނާވީ އޭނާގެ ކުށަކުން ނޫނެވެ. އެއީ ﷲގެ އިމްތިހާނެވެ. މި ވޭނަން ވެސް ކެތްކުރާނަމެވެ. ޖައިދާގެ އަތުން އީތަންގެ މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ. ބަނޑުގައި ކަނާތުން ފިރުމާލުމަށް މަންމަގެ އަތުގައި ހިފަމުން އީތަންގެ މޫނު ކަފުނުން އަބަދަށް ފޮރުވާލިއެވެ. ލޮލުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ބުންޏެވެ. "ކަރުނަ ކަފުން މިކުރަނީ ދަރިފުޅަށް ޓަކައެވެ"
(ނިމުނީ)
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ނ.މަނަދޫ / ރީޙުއްޞަބާ، ޖުވޭރިޔާ ހާރޫން އެވެ. ވާހަކަ ހުށައަޅާދިނީ ނ.މަނަދޫ / އަތަމާގެ، އަހްމަދު ވަޙީދު ޢަލީ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 08 ރަމަޟާން 1442 އެވެ.