ޚަބަރު

ބްރިޖުގެ ބިޑުތައް ދިރާސާކުރާނީ ޗައިނާގެ ތަޖުރިބާކާރުންގެ ޓީމަކުން


ބްރިޖު އެޅުމަށް ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ
ބިޑުތައް ދިރާސާކުރާނީ، ޗައިނާގެ ހަސަތޭކައަށް ވުރެ ގިނަ ތަޖުރިބާކާރުންގެ
ތެރެއިން ހޮވާލެވޭ ޓީމަކުންކަމަށް ހައުސިންގެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 



ހައުސިންގ މިނިސްޓްރީން ވިދާޅުވީ ޗައިނާ މޯލްޑިވްސް
ފްރެންޑްޝިޕް ބްރިޖު އެޅުމަށް ޝޯޓް ލިސްޓްކޮށްފައިވާ ތިން ކުންފުނިން
ހުށަހަޅާފައިވާ ބިޑުތައް މިހާރު ދިރާސާކުރަމުން އަންނަކަމަށާއި، ހަމަޖެހިފައިވަނީ ދެ
ބަޔަކަށް ބަހާލައިގެންކަމަށެވެ.  އެގޮތުން ޓެކްނިކަލް ބިޑް އިވެލުއޭޝަންގެ ތެރެއިން
ބަލާނީ މިޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތްތައް ކުރުމަށްޓަކައި ބިޑްކުރާ
ކުންފުނިތަކުން ހުށަހަޅާ ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށްކަމަށް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެއަށްފަހު މިޕްރޮޖެކްޓް ހަވާލުކުރުމަށް
ހަމަޖެހިފައިވަނީ ޓެކްނިކަލް ބިޑުން ފާސްވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ
އަގެއް ހުށަހަޅާ ކުންފުންޏަށްކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.



ޗައިނާގެ ކަމާއިބެހޭ ވުޒާރާތަކާއި ހަވާލާދެއްވައި،
ހައުސިންގެ މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި ބްރިޖު އެޅުމަށް ބިޑު
ހުށަހަޅާފައިވާ ތިން ކުންފުންޏަކީ ކަނޑު ހުރަސްކޮށް ބްރިޖު އެޅުމުގެ ތަޖުރިބާއާއި
ޤާބިލުކަން ހުރި ކުންފުނިތަކެކެވެ. 



އެކުންފުނިތަކަކީ ޗައިނާ ރެއިލްވޭ މޭޖަރ ބްރިޖް
އިންޖީނިއަރިންގ، ސީސީސީސީ ސެކަންޑް ހާބަރ އިންޖީނިއަރިންގ އަދި ޝިޒުއާން ރޯޑް
އެންޑް ބްރިޖް ކޮންސްޓްރަކްޝަނެވެ. 



މިކުންފުނިތަކުން ހުށަހަޅާފައިވާ ބިޑުތައް ޗައިނާއާއި
ރާއްޖޭގެ ސަރުކާރުގެ ބޭފުޅުންގެ ހާޒިރުގައި އިއްޔެ ވަނީ ހުޅުވާފައެވެ. ބިޑުތައް
ދިރާސާކޮށް ނިންމުމަށްފަހު، މިހާރު ޗައިނާގައި ހަރަކާތްތެރިވަމުންދާ ރާއްޖޭގެ
ވަފްދުގެ ހާޒިރުގައި ބިޑުގެ އިވެލުއޭޝަން ރިޕޯޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ
ހުކުރުދުވަހުއެވެ.



ހައުސިންގ މިނިސްޓްރީން ވިދާޅުވީ ބްރިޖުގެ މަސައްކަތް
ކުރާނެ ކޮންޓްރެކްޓަރެއް ހަމަޖެހުމާއިއެކު، މޮބިލައިޒޭޝަނާއި ގުޅޭ ކަންކަން
ރޭވުމަށްޓަކައި މަސައްކަތް ހަވާލުކުރާ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެކަމަށެވެ.
އަދި ފައިސާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޗައިނާ ސަރުކާރުގެ ޓީމެއް ރާއްޖެ
ޒިޔާރަތްކުރާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. 



ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަޝްރޫއަކީ ފަހުގެ
ތަރީހެއްގައި ޗައިނާ ސަރުކާރުން ހިންގާ އެންމެ ބޮޑު ފޮރިން އެއިޑް މަޝްރޫއުއެކެވެ.