ހިތްގައިމު ފަތިހެއްގެ ހިތްފަސޭހަކަން ދުނިޔެ މައްޗަށް ވެރިވެފައިވަނީ ޢަޖައިބުން އެކަށީގެންވާ މިންވަރަށެވެ. އުދަރެސް ޒީނަތްތެރިވެފައިވަނީ އޮރެންޖާއި ރަތު ރަނުގެ ކުލަތަކަކުންނެވެ. އޭދަފުށީގެ ބަނދަރު މައްޗަށް ކުރިމަތިވާ ގޮތަށް ހުރި ދެބުރި ގެއެއްގެ ޓެރަސް މަތީގައި ހުއްޓިލައިގެން ހުރި ސީމާގެ ނަޒަރު ހުއްޓިފައިވަނީ އެދިމާ އަތިރިމައްޗަށެވެ. ފަތިހުގެ މި ހިތްގައިމު ވަގުތުގައި ލަފާ ފުރާ ފެރީ އުޅަނދުތަކުގެ ހިތްގައިމުކަން ދެކިލުމަށެވެ. މި އުފާވެރި މަންޒަރުން އޭނާގެ ނަޒަރު ވަކިކޮށްލީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. އޭނާ އައިސް ސީމާގެ އަތަށް ދިއްކޮށްލީ ކޮންމެވެސް އެއްޗެކެވެ. "މިއީ ދެންމެ މާލެއިން އައި ފެރީން ލިބުނު އެއްޗެއް. ކޮންމެވެސް ރައްޓެއްސަކު ފޮނުވި އެއްޗެކޯ"
ސީމާ ފަރުވާތެރިކަމާއެކު އެއަށް ބަލާލިއެވެ. ކަޅު ކުލައިގެ ކަރުދާހަކުން ބަންދުކޮށްފައިވާ ކޮންމެވެސް އެއްޗެކެވެ. ސީމާ އިހަށް އެކަނޑާ ނުލާ ބޭއްވިއެވެ. އަދި ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު އައިސް އެޕާރުސަލް ކަނޑާލިއެވެ. އެ ފެނިފައި އޭނާ ޙައިރާންވާކަށް ނުޖެހުނެވެ. މިއީ އޭނަޔާއެކު މިރަށުގައި ކިޔަވަން އުޅުނު ދަރަވަންދޫ ލަޠީފާގެ ފަރާތުން ލިބިފައިވާ ފޮތެކެވެ. މިކަހަލަ އެތައް ފޮތެއް މީގެކުރިންވެސް އޭނާއަށް ލިބިފައިވެއެވެ. ލަޠީއަކީ މޮޅު ވާހަކަ ލިޔުންތެރިއަކަށްވާއިރު ނިކުންނަ މިފަދަ ކޮންމެ ވާހަކައެއް މީގެކުރިންވެސް ފޮނުވުމަކީ އޭނާގެ އުފަލެކެވެ. އެހެނަސް މި ވާހަކަ މި ލިބުނީ ލަޠީ މާލެއަށް ބަދަލުވިތާ އެތަކެއް އަހަރުތަކަކަށް ފަހުގައެވެ.
ސީމާ ފަރުވާތެރިކަމާއެކު ވާހަކައިގެ ބޭރުގަނޑަށް ބަލައިލިއެވެ. "ފިރިމީހާ" ފަލަ އަކުރުން ލިޔެ ބިންވަޅު ނަގާފައިވެއެވެ. ހަމައެއާއެކު އޭނާގެ ނަޒަރުގޮސް ހުއްޓުނީ ވާހަކައިގެ ބޭރުގައި ޖަހާފައިވާ ފޮޓޯއަށެވެ. އެހެން ވާހަކަތަކާ މުޅިން ތަފާތު ތަޞްވީރެކެވެ. އެހެންކަމުން މިއީ ތަފާތު ވާހަކައަކީތާއޭ އޭނާ ހިތަށް އެރިއެވެ. އޭނާގެ މި ހީކުރި ހީކުރުން ޔަޤީންވެގެން ދިޔައީ ފޮތުގެ ތެރޭގައިވާ ނޯޓުކޮޅު ކިޔާލުމުންނެވެ. ތެދެކެވެ. މިއީ ލަޠީގެ ޙަޔާތުގައި ހިނގާދިޔަ އަނދިރި ދުވަސްތަކެއްގެ ވާހަކަ ބަޔާންކޮށް އޭނާ ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. ސީމާ ހަމަޖެހިލުމަށްފަހު އެފޮތުގެ ފުރަތަމަ ޞަފުޙާ އެއްލިއެވެ. އަދި ފަރުވާތެރިކަމާއެކު ކިޔަންފެށިއެވެ.
ގުރޭޑު 10 ނިންމުމަށްފަހު އަހަރެން އޭދަފުށިން އެނބުރި ދަރަވަންދޫއަށް އައީ އަނެއްކާވެސް މަތީ ސާނަވީއަށް ކިޔަވަން ދިއުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ތަޤުދީރު އަހަރެންނާ އެހީތެރިއެއް ނުވިއެވެ. ޖެހިގެން އައި ދުވަސްތަކުގައި މަޔަކާ ނުލާ ގެންގުޅެމުން އައި ބައްޕަވެސް މި ފަނާކުރަނިވި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. އެހެންކަމުން އަހަރެން އުޅެން ޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. މާލޭގައި ދިރިއުޅޭ އެއް ބަފާ ދައްތައެއްގެ ކައިރީގައެވެ.
ދައްތަ އަކީ ކާކުކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ބައްޕަގެ ދުނިޔޭގައި ހުރިއިރު ވެސް ޢާއިލާގެ އެއްވެސް މީހެއް އަހަންނަކަށް ބުނެދީފައެއް ނުވެއެވެ. އެހެންކަމުން އަހަރެންގެ ޢާއިލާ އަހަންނަށްވަނީ ނޭނގުމެއްގެ ތެރޭގައެވެ. މިކަން އަހާ އޮޅުންފިލުވާކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. މިގޭގައި އިނދެ މަތީ ސާނަވީއަށް އަހަރެން ކިޔަވާ ނިންމާލީ ދައްތަގެ އެހީތެރިކަމާ އެކުގައެވެ.
އެއްދުވަހަކު ގޭތެރޭގައި ދައްތަ ކޮންމެވެސް މީހެއްގެ ގާތުގައި ވަރަށް ސިއްރުން ވާހަކައެއް ދައްކަނިކޮށް އަހަންނަށް އިވުނެވެ. އެމީހުން އެދައްކަނީ ކާކު އަންނަ ވާހަކައެއްބާވައޭ އެވަގުތު އަހަރެން ހިތަށްއެރިއެވެ. ދައްތަގެ ފިރިއެއް ހުންނަ ކަމެއްވެސް އަހަންނަކަށް އެނގިފައެއް ނެތެވެ. އަދި ދަރީން ތިބޭ ކަމެއްވެސް ނޭނގެއެވެ. މިފަދަ ވާހަކައެއް މީހަކު އައިސް މިގޭތެރޭގައި ދައްކާ އަޑެއްވެސް މީގެ ކުރިން ނާހަމެވެ. އެހެންކަމުން މިވާހަކަ އަޑު އިވިފައި ހުންނަން ޖެހުނީ ވަރަށް ޙައިރާންވެފައެވެ.
މި ޙައިރާންކަން އަހަރެންގެ ކިބައިން ފިލައިގެން ދިޔައީ ސާފުކޮށް ބަލަހައްޓަން ދައްތަ ޙަވާލުކުރި ކޮޓަރިއަށް ވަން ދުވަހުއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އަހަރެން ވަން ކޮޓަރިއެއް ނޫނެވެ. އެ ކޮޓަރި ހުންނަނީ އަބަދުވެސް ތަޅުލާފައެވެ. އެހެންކަމުން ބައެއް ފަހަރު އެއީ ކާކަށް ޚާއްޞަ ކޮޓަރިއެއްބާވައޭވެސް ހިތަށްއަރައެވެ.
ކޮޓަރިއަށް ވަނުމާއެކު ފުރަތަމަވެސް އަހަރެންގެ ލޯގޮސް ހުއްޓުނީ ލިޔާ މޭޒުމަތީގައި ހުރި ފޮޓޯ ލޯގަނޑަށެވެ. އަހަރެން ބުނާނީ އެއީ ދަގައްފާނުގެ ބާރު ދެއްވާފައިވާ ލޮލެއްގެ ވެރިއެއްކަމެވެ. ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އެދުވަހުގެ ފަހުން ފޮޅާ ސާފުކުރަން ގޮސް ހުރުމުގެ ނިޔަތުގައި ނޫނަސް އެކޮޓަރިއަށް ވަދެ އެތައް އިރަކު އެތަޞްވީރަށް ބަލަހައްޓައިގެން ހުންނަމެވެ. އެވަގުތުތަކުގައި އަހަރެން ހިތަށް އަރައެވެ. މިއީ އަނެއްކާ ކާކުބާވައެވެ؟ ދައްތަގެ ކާކުބަވައެވެ؟ ދަރިއެއް ބާވައެވެ؟
އޮގަސްޓު މަހެއްގެ 14 ވަނަ ދުވަހެއްގެ މެންދުރު ފަހެވެ. ވަރުގެކޮޅަށް ނަލަ ހެދިލައިގެން ކޮންމެވެސް ތަނަކަށް ދަމުން ދައްތަ އަހަރެންގެ ގާތުގައި ބުނީ ހަވީރުގެ ސައި ވަރަށް ރަނގަޅަށް ތައްޔާރު ކުރުމަށެވެ. ގެއަށް އާދެވޭނީ 7 އެއްގެ ފަހުންކަމުގައެވެ. ދައްތަ އެދުނު ފަދައިން އަހަރެން ދެން އަވަސްވެގަތީ ސައި ތައްޔާރު ކުރުމަށެވެ. ވަގުތުކޮޅު ކިތަންމެ ކުޑަ ނަމަވެސް ގިނަ ބާވަތްތަކެއް ހެދޭތޯ އަހަރެން ބެލީމެވެ. ގަޑީގެ ކަށި 7 އާ ކައިރިވަމުންދާ ވަރަކަށް އަހަރެންގެ މަސައްކަތްތައްވެސް ދިޔައީ ހަލުއިވަމުންނެވެ. ކުއްލިއަކަށް އަހަންނަށް އިވުނީ ގެދޮރުމަތިން ކާރެއް ބަރުގޮނު އަޅާލި އަޑެވެ.
އެ އަޑަށް އަހަންނަށް ގޮސް ހުއްޓެވުނީ އެތަޞްވީރަކަށްޓަކައި މިހާރު އަހަރެންގެ ނަޒަރު ހުއްޓިފައިވާ ޒުވާނާގެ ކުރިމައްޗަށެވެ. އެ މީހަކު އަހަންނަށް ބަލައިލިއެވެ. އެވަގުތު އެ ފުން ދެލޮލުގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައީ ފަތަން ނުދަންނަ މީހަކު މޫދަށް ވެއްޓުނީމާ އެވާ ގޮތުގެ މިސާލުގައެވެ. އަހަންނަށް އޭނާގެ ކުރިމަތީގައި އިސްޖަހާލެވުނެވެ. އޭނާ ބަލާވަރުން އަހަންނަށް ކާކޮޓަރީގައި ވެސް ހުންނާކަށް ނުކެރުނެވެ. އަހަރެން ރަކިވާގޮތްވިއެވެ. އެވީ ކުޑަ ވަގުތުކޮޅުތެރޭގައިވެސް އޭނަޔާ ބެހޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް އަހަންނަށް އެނގިގެން ހިނގައްޖެއެވެ. އެއީ ދައްތަގެ ފިރިމީހާގެ ކޮއްކޮއެކެވެ. އަދި އޭނާއަށް ކިޔާ ނަންވެސް އެނގިއްޖެއެވެ. އޭނާއަށް ކިޔަނީ އަމީރެވެ. އެކަމަކު މި ހުރިހާ ދުވަހު އޭނާ އުޅެފައި އެ އައީ ކޮންތާކު ކަމެއް ނޭނގުނެވެ.
އަމީރާ ބައްދަލު ކުރުމަށް އޭނާގެ ވަރަށް ގިނަ ރައްޓެހީން މިގެއަށް އައިސް އުޅުނެވެ. އެމީހުންނަށް ކޮފީއާއި ސައިފަދަ ބުއިންތައް ތައްޔާރުކޮށްދޭން ޖެހުނީ އަހަންނަށެވެ. އެހެންކަމުން އެ އެންމެން ދަންދެން ކާކޮޓަރީގައި އަހަންނަށް ޖެހުނީ މަޑުކޮށްގެން ހުންނާށެވެ. އެ އެންމެންގޮސް ގޭތެރެ ހަމަޖެހުނުއިރު 12 ވެސް ޖަހާ ބޮޑުވެއްޖެއެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެސްވެފައެވެ. ޖައްސާލަންވެސް ބޭނުންވެފައެވެ. އެހެންނަމަވެސް ހޫނުވާވަރުން ކޮޓަރީގައި މަޑެއްވެސް ނުކުރެވުނެވެ.
ގޭގެ ބަގީޗާއަށް އަހަރެން ނިކުމެލީ ފިނިކޮށްލުމަށްޓަކައެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި ކަންނެތްކަން ކެނޑިގެން ދިޔަހެން އެވަގުތުކޮޅުގެ ތެރޭގައިވެސް ހީވިއެވެ. ޖައްވުގައި ބީހެމުންދާ ވައިގެ މަޑުމަޑު ފިނިފިނި ރޯޅިތަކާއެކު ބަގީޗާއަށް ފެތުރިފައިވާ މާމެލާމެލީގެ ތާޒާ މީރުވަހުން ހިތަށް ފިނިކަން ލިބެމުންދިޔައެވެ. މިހެން އިންނަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮންމެވެސް ހިޔަންޏެއް އަހަންނަށް ފެނުނެވެ. އަދި އެހިޔަނި އަހަންނާ ކައިރިވަމުން އަންނަހެންވެސް ހީވިއެވެ. އެމީހެއްގެ ހިނގުމުގައިވަނީ ލަސްކަމެވެ. އަހަރެން ކުޑަކޮށް ބިރުގަންނަގޮތްވިއެވެ. ދައްތަ ކަމަށް ހީކޮށްފައެވެ. އެމީހަކު އަނދިރީގެ ތެރެއިން އަހަންނާ ވަރަށް ކައިރިއަށް އައިސް ހުއްޓިލިއެވެ. އެވަގުތު އެއީ ކާކުކަން އަހަންނަށް އެނގުނެވެ. އެމީހެއްގެ ފައިތިލައިން ފެށިގެން ބޮލަށް ބަލައިލީމެވެ. ހިޔަންޏެއްގެ ސިފައިގައި އަހަންނަށް މިފެނުނީ އަމީރެވެ. އަހަރެންގެ ކުރިމަތީގައި ހުއްޓައެވެ. އޭނާ އަހަރެންނާ ވަރަށް ކައިރިއަށް އައިސްފާ ބުންޏެވެ.
"ހަމައެކަނިދޯއެވެ!"
ޖަވާބެއްގެ ގޮތުން އަހަރެން ބުނީމެވެ.
"ނޫނެކެވެ. މިހާރު އަހަރެމެން ދެމީހުންނޭ ބުނާށެވެ!"
އަހަރެން މިހެން ބުނުމުން އޭނާ އެއަށްވުރެވެސް އަހަންނާ ކައިރިއަށް އައެވެ. އަދި އަހާލިއެވެ.
"އަހަންނަށް މިގޮނޑީގައި އިށީދެވިދާނެހެއްޔެވެ؟"
ޖަވާބެއްގެގޮތުން އަހަރެން ހީލީމެވެ.
އެވަގުތު އޭނާ އައިސް އިށީނީ އަހަރެންނާ ވަރަށް ކައިރީގައެވެ. އޭނާގެ ގައިން ދުވި ލުއިލުއި ސެންޓުގެ މީރު ވަހުން އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. އެވަގުތުކޮޅުވެސް ޚިޔާލު ކުރެވެމުން ދިޔައީ އޭނާގެ ފިރިހެންވަންތަކަމާ މެދުގައެވެ. ހެދިހުރި އިސްކޮޅަކާއި ފުޅާ ބައިމައްޗެއްގެ ވެރިއެކެވެ. ރާޅުބާނީ އިސްތަށިގަނޑެކެވެ. ބޯކޮށް ފަޅުވަން މަސައްކަތްކޮށްފައިވާ ތުނބުޅިއެކެވެ. މިޚިޔާލުތަކުގައި އިންދާ އަހަރެން ހޭލައްވާލީ އޭނާއެވެ.
"އަހަންނަށް ވާހަކައެއް އަހާލެވިދާނެހެއްޔެވެ؟"
"އެންމެ ރަނގަޅެވެ." އަހަންނަށް ބުނެވުނީ ބޮލުގެ އިޝާރާތުންނެވެ.
އެވަގުތުކޮޅު އަހަރެންގެ ޙިއްޞުތައް ހުއްޓިފައިހުރީ އޭނާ ބުނަން އެއުޅޭ ވާހަކައަށެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ގާތުގައި އޭނާ ދައްކަން އެއުޅެނީ އަނެއްކާ ކޮން ވާހަކައެއްބާވައެވެ؟ އަހަރެންގެ ޚިޔާލުތައް މިފަހަރުވެސް ފުޑުފުޑުކޮށްލީ އޭނާއެވެ.
"އަހަންނަށް ކަލާ ދެކެ ލޯބިވޭ ބުނެވިދާނެހެއްޔެވެ؟"
އޭނާ އެހާ ސިއްރުން އެބުނި ޖުމްލައިން އަހަރެންގެ ކަންފަތްދޮށުގައި އުފާވެރި ރާގުތަކެއް ކުޅެލި ކަހަލައެވެ. އެހެންނަމަވެސް އެސުވާލަށް ވަގުތުން އަހަންނަށް ޖަވާބެއް ނުދެވުނެވެ. އަދި ޝުޢޫރުތަކާއި ޖަޒްބާތުތަކަކުންވެސް އެކަން ފާޅުކޮށެއް ނުދެވުނެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު އޭނާ ބުންޏެވެ.
"ޖަވާބެއް ނެތް ފުރަތަމަ ސުވާލު މި ކުރެވުނީ އަހަންނަށްދޯއެވެ! މި ސުވާލުގެ ޖަވާބު ކަލާއަށް ނުދެވޭނެކަންވެސް އެނގެއެވެ. އެކަމަކު އަހަރެން ކެތްކުރާނަމެވެ." އޭނާގެ މޫނު އަހަރެން އިން ފަރާތްނޫން އަނެއް ފަރާތަށް އަނބުރާލިއެވެ. އެވަގުތު އަހަންނަށް އެފުރުޞަތު ލިބުނީ ކޮން ބާރަކުން ކަމެއް ނޭނގުނެވެ. އަހަންނަށް ބުނެވުނެވެ. "ނޫނެކެވެ. ތިހެން ނުބުނާށެވެ. ކަލާއަށް ވުރެ މާކުރިން އަހަރެންގެ ހިތްވަނީ ކަލާއަށް ދެވިފައެވެ. އެކަމަކު އަހަންނަކީ ކަލާއާ ލޯބިވުމަށް އެކަށީގެންވާ މީހެއް ނޫނެވެ."
"ތިހެން ނުބުނާށެވެ. ލޯތްބަކީ ވަރަށް ތަފާތު އެއްޗެކެވެ. ލޯތްބަކީ އޭގެ އަސަރުގައި ޖެހިއްޖެއްޔާ އެ ދެފަރާތުގެ ޙައްޤެކެވެ."
އެރޭ ބަގީޗާގައި އެތައް އިރަކު ހޭދަކުރުމަށްފަހު ގެއަށް ވަނުމަށްޓަކައި ހިނގައިގަނެވުނީ ފަތިސް ދަންމައްޗަށް އެޅެން ކައިރިވެފައިވަނިކޮށެވެ. އެއްވެސް މީހަކު އަހަރެމެންނަށް ފާރަލައިގެން ހޭލާ ހުރިކަމެއް ހިއެއް ނުކުރަމެވެ. ކުއްލިއަކަށް އަހަރެމެންނަށް ނިކުމެވުނީ ދައްތަގެ ކުރިމައްޗަށެވެ.
އެރޭގެ ފަހުން ދައްތަ ދިޔައީ އަހަރެމެންނަށް ފާރަލަމުންނެވެ. އެހެންކަމުން ޢަމީރު ފެންނަ ހިސާބަށްވެސް ދާކަށް އަހަންނަކަށް ނުކެރެއެވެ. ދައްތަ ކިތަންމެ ނުގަބޫލެއް ވިޔަސް އަހަރެމެން ތިބީ އެކަކު އަނެކަކާ ބައްދަލުވެލުމަށް އެދިއެދިއެވެ. ފޯނުން ކިތަންމެ ވަރަކަށް ގުޅުން ބޭއްވިޔަސް އެ އުފަލެއް އިޙުސާސެއް ނުކުރެވެއެވެ. އެހެންކަމުން ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް އަހަރެމެން ދިޔައީ ބައްދަލު ކުރަމުންނެވެ.
މިގޮތުގައި ރޭ ދުވާތައް ހިތްދަތިކަމާއި ވޭނުގައި ތަކުރާރުވަމުންގޮސް ޢަމީރު ފުރާ ދުވަސް ޖެހިއްޖެއެވެ. އެރެއަށް އިރު އޮއްސުނީ އަހަރެންގެ ޙަޔާތުގައި ހިތާމައިގެ ކުލަތަކެއް ޖައްސާފައެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޢަމީރާ ބައްދަލުވާނެ ހިނދުކޮޅަކަށެވެ. އެކަމަކު ދައްތަ ގޭތެރޭގައި އުޅޭތީ އެފުރުޞަތެއް ނުލިބިގެން އުޅޭކަން އެނގެއެވެ. ފުރުޞަތަކަށް ފާރަލައިގެން ހުއްޓާ އެފުރުޞަތު ލިބުނީ ގޭތެރެ ހަމަހިމޭންވެ ދައްތަ ނިދިފަހުންނެވެ. ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޖަހަމުންދިޔަ ޓަކިތަކަށް އަހަރެންވެސް ހަމަ އެހާ މަޑުމަޑުން ތަންޑު ނައްޓާލީމެވެ. އަމީރު ކޮޓަރީގެ ދޮރުމަތީގައި ހުއްޓާ ފެނުނެވެ. ކަޅުވެނެއް އޭގެ ހޮރުތެރެއަށް ދެމިގަންނަހާ އަވަހަށް ޢަމީރު ކޮޓަރިއަށް ދެމިގަތެވެ. ތުރުތުރުއަޅާ އަތަކުން ތަންޑު އަޅުވާލީމެވެ. އެވަގުތު ޢަމީރު އައިސް އަހަރެންގެ ހަށިގަނޑުގައި ބައްދައިގަތެވެ. އަދި ވައި އަޑަކުން ބުންޏެވެ.
"ލަޠީއެވެ! މިނޫން އެހެން ތަނަކަށް ބައްދަލު ކޮށްލަން ހިނގާށެވެ! އަހަރެން ކަލާ ގާތުގައި ދައްކަންވެފައި ހުރި ލައްކަ ވާހަކަ އެބަހުއްޓެވެ." ޢަމީރު އަހަރެން ގޮވައިގެން ނައްޓާލީ ހުޅުމާލެއަށެވެ. ސިނަމާލެ ހިތްގައިމު ބުރުޖުމަތިން އެ އެކަނިވެރި މެންދަމުގައި ދުއްވަމުން ދިޔައިރު އަހަރެންގެ ހުރިހައި ބަރުދަނެއް ދޫކޮށްލެވިފައިވަނީ ޢަމީރުގެ ފުޅާ ބައިމައްޗަށެވެ. ޢަމީރުގެ ސައިކަލުގޮސް މަޑުކޮށްލީ ހުޅުމާލޭގެ ޔޫތު ސިޓީގެ ހިތްގައިމު އަތިރިމައްޗަށެވެ. އޭރު ސާދަ ވިލޭރެއްގެ ހަނދު އޭގެ އުޖާލާ ކަމާއެކު ދަތުރުކުރަމުންދަނީ ރޭގެ ދަތުރު ނިންމާލެވޭތޯއެވެ. ކަނޑުގެ ރާޅުތައް ވެސް ވަނީ ހުއްޓި ހިމޭންވެފައެވެ. މާދުރުދުރުން އަންނަ ވައިގެ ރޯޅިތައް ބީހިލާފާ ދާއިރު ހަށިގަނޑަށް ކުރުވަނީ ފޮނި މަސްތެކެވެ. މުޅި މާޙައުލުވެސް ހީވަނީ ޢަމީރަށް އަލްވަދާޢު ކިޔުމަށް މާކުރިއްސުރެވެސް ތައްޔާރަށް އޮތް ހެންނެވެ. ހިމޭން ވަގުތުކޮޅަކަށްފަހު ޢަމީރު ބުންޏެވެ.
"ލަޠީއެވެ! މާދަމާ އަހަރެން ފުރަނީއެވެ. އަހަރެން ފުރައިގެން މިދަނީ މި ލޯބީގެ ހުރިހައި އިޙުސާސެއް ހިފައިގެންނެވެ. އަހަރެން ވަކިވެ ދިޔަސް އަހަންނަށްޓަކައި އިންތިޒާރު ކުރާށެވެ. މާލަހެއްނުވެ އަހަރެން އަނެއްކާވެސް އެނބުރި އަންނާނަމެވެ. މިއީ ކޯހުގެ އެންމެ ފަހު ދުވަސް ކޮޅެވެ. އައުމަށްފަހު ކަލާ އަހަރެންގެ މީހަކަށް ހަދާނަމެވެ."
"ޢަމީރެވެ! އަހަންނަށް އިތުބާރު ކުރާށެވެ! އަހަރެން ކަލާއަށް އިންތިޒާރު ކުރާނަމެވެ. ކަލާ ފުރައިގެން ދިއުމަށްފަހު ދުނިޔެއަށް ޖެހޭ ވައި ރޯޅިއަކަށްވެސް މި ދެމެދަކަށް ނުވަދެވޭނެއެވެ!."
"ވަރަށް އުފާކޮށްފީމެވެ. މިލޯބީގެ ބިންގާ އެޅިފައިވަނީވެސް ތިޔަހެން ޖެހޭ ވައިރޯޅިއަކަށްވެސް ފުޑުފުޑުކޮށްނުލެވޭ ވަރުގަދަ އެކަތައިންނެވެ. އެހެންކަމުން އެފަދަ ތޫފާނެއް މިލޯތްބަށް ކުރިމަތި ނުވާނެކަމަށް އުއްމީދު ކުރަމެވެ"
" ޔަޤީންކުރާށެވެ. އެހެރަ ހަނދާއި ތަރިތައް ހެކިކޮށް ވަޢުދުވަމެވެ. ވިލާތަކާއި އެއޮއް ބަބުޅާ ރެދަން ގޮނޑުދޮށް ގަންދީ ހުވާކުރަމެވެ. ސާފު ހިމޭން ލޮނުގަނޑު ހެކިކޮށް އަހުދުވަމެވެ. ކަލާ އަހަންނާއެކު ހުރިހާ ހިނދަކު މިލޯބީގައި ތެދުވެރިވާނަމެވެ. ލޯބީގައި ދެމި ހުންނާނަމެވެ."
"ތި ކުރެވުނީ ވަޢުދެކެވެ. ކަލާ ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭނެކަމަށް ހީކުރަމެވެ. ކަލާނޫން މީހަކާ ނުއިނުމަށް ހުވާކުރަމެވެ."
އެތާރީޚީ ގޮނޑުދޮށުން އެކަކު އަނެކަކަށް ވަޢުދާއި އަހުދުތައް ކުރަމުން ވަކިވެ ގެއަށް އައިސް ވަދެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށެވެ. ދައްތަ ހޭލާ އުޅެފާނެތީ އަހަރެމެން ތިބީ ވަރަށް ބިރުންނެވެ. އެކަމަކު އެފަދަ އެއްވެސް ބިރުވެރިކަމެއްނެތެވެ. ދައްތަ އޮތީ ނިދާފައެވެ.
ޢަމީރު ފުރައިގެން ދިއުމަށްފަހު މިގޭތެރެއަށް ދެން އައީ ހިތާމަވެރި ދުވަސްތަކެކެވެ. ކުއްލިއަކަށް ދައްތަ ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހިއްޖެއެވެ. ދައްތައާ އެހީތެރިވާން ހުރި މީހަކީ މިހާރު ހަމައެކަނި އަހަންނެވެ. ދައްތަގެ ބަލި އެނގުމާއެކު އަހަރެން ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. ދެ ކިޑްނީ އެއްކޮށް ފޭލްވީއެވެ. ލިބުނު ޚަބަރުން ނަފްސާނީގޮތުން ދައްތައަށް ޝޮކެއް ލިބުނު ކަހަލައެވެ. ދުވަހަކަށްފަހު ދުވަހެއް ދައްތަގެ ޙާލު ދިޔައީ ބޮޑުވަމުންނެވެ. މި ބަލީގައި ދައްތަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިއީ އަހަރެން ރޮއްވާލާފައެވެ. އެވަގުތު އަނބުރައިގަނެގެން ވެއްޓުނުކަން އެނގުނެވެ. ދެން ވީގެއް ނޭނގުނެވެ. ހޭވެރިކަންވީއިރު ކޮންމެވެސް ނުދަންނަ މީހަކު ކައިރީގައި އިނެވެ. އެއީ ކާކުތޯ އަހާލާނެ ހިތްވަރު ވެސް ނެތެވެ.
ފަހުން އެނގުނު ގޮތުގައި އެއީ ދަތުރުކުރަންދިޔަ ދައްތަގެ ފިރިމީހާ ރަމީޒެވެ. އަހަރެންގެ ޅިޔަންބެއެވެ. ޅިޔަންބެގެ އޯގާތެރިކަން ފެނިފައި އަހަރެން ޙައިރާންވިއެވެ. ހޮސްޕިޓަލްގައި އެތައް ދުވަހެއް ހޭދަ ކުރުމަށްފަހު ގެއަށް އާދެވުނީ ޅިޔަންބެގެ އެހީތެރިކަމާއެކުގައެވެ. އަހަރެން ބުނާނީ އެއީ ވަރަށް ކުލުނުވެރި އޯގާތެރި މީހެއް ކަމެވެ.
ގެއަށް އައި ފަހުން ވެސް ޅިޔަންބެގެ އެހީތެރިކަން އަހަންނަށް ލިބެމުން ދިޔައީ ޙައިރާންވާ ވަރަށެވެ. ދައްތަގެ ހަނދާންތައް އަހަރެންގެ ހިތުން ފިލުވާލުންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންނަމަވެސް ދުވަސްވީ ވަރަކަށް އެ ހަނދާންތައް ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ. ނަމަވެސް ކޮންމެވެސް ފިކުރެއްގެ ތެރޭގައި ޅިޔަންބެ ހުންނަންހެން އިޙުސާސް ވަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ޅިޔަންބޭގެ ހުރިހާ ވެސް މީހަކީ ދައްތައެވެ. ދައްތަ އެހާ ކުއްލި ގޮތަކަށް ނިޔާވުމުން އެ ފިކުރު ގައި ހުރުމަކީ ވުންއެކަށީގެންވާ ކަމެކެވެ. ޅިޔަންބެގެ އެ ޙާލަށް އަހަރެން ހަމްދަރުދީވަމެވެ. ޅިޔަންބެ އަބަދުވެސް އުފަލުގައި ހުރުމަކީ އަހަރެން ވެސް އެދޭ ގޮތެވެ. އަހަރެންގެ ދުޢާ އެވެ.
ދައްތަ ވަކިވުމުން ޅިޔަންބެގެ ހުރިހައި މަސައްކަތެއް ކޮށްދޭން ޖެހުނީ އަހަންނަށެވެ. ޅިޔަންބެގެ އެކަނިވެރިކަން އަހަންނަށް އިޙުސާސްވެއެވެ. ޅިޔަންބެ އެހެން މީހަކާ އިނދެގެން އެހެން ދިރިއުޅުމެއްގައި އުފަލުގައި ދިރިއުޅޭތަން ދެކޭހިތްވެއެވެ. އެފަދަ ދުވަހެއް ފެންނާނީ ކޮން ދުވަހަކުންބާވައޭ ހިތަށް އަރައެވެ. ފަހަކަށް އައިސް ގޭތެރެއިން ޅިޔަންބެ ފެންނަ ކޮންމެ ފަހަރަކުވެސް އަހަންނަށް ހީވަމުންދަނީ ކޮންމެވެސް ވާހަކައެއް ނުބުނެވިގެން ހުންނަ ހެންނެވެ. އަހަންނަށް މި ހީވި ހީވުން ޔަގީންވެގެން ދިޔައީ ވިއްސާރަ ރެއެއްގައި ކޮފީ މޭޒުދޮށުގައި ތިބި ވަގުތު ކޮޅުގައެވެ. ޅިޔަންބޭގެ ލޮލުން ދޫވެގެންދިޔަ ޖަޒްބާތީ ސިގުނަލްތަކުންނެވެ. ދިއްކޮށްލި ކޮފީތަށީގައި ހިފުމަށް އަތުގެ އިނގިލިތައް މުޑިއަރައިގެންދިޔަ ގޮތުންނެވެ. އަތަށް ލެވުނު ބާރުގައި ދަމައިގަންނަން ވެސް ނޭނގުނެވެ. އެއާއެކު ދުލުން ބަންޑުން ވެގެންދިޔަ ލަފުޒުތަކުންނެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު ޅިޔަންބެ އިސްޖަހާލައިގެން ނިކުމެގެން އެދިޔަގޮތް މިހާރުވެސް އަހަންނަށް ސިފަކުރެވެއެވެ.
އޭގެ ފަހުން ޅިޔަންބެ އަހަރެން ފެންނަ ހިސާބަށް ވެސް ނިކުމެއެއް ނޫޅެއެވެ. އަބަދު އޮންނަނީ ކޮޓަރީގައެވެ. ނުވެސް ކައެވެ. އެކަން އަހަންނަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. ކަންދިމާވިގޮތުން އެ ކޮޓަރިއަށް ވަންނަން ވެސް އަހަރެންނަކަށް ނުކެރުނެވެ. ޅިޔަންބެގެ ބައްޔަކީ ކޮބައިކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އަހަރެންގެ ޟަމީރު ގޮވަމުން ދިޔައީ ޅިޔަންބެއަށް އެހީތެރިވުމަށެވެ. ހަމްދަރުދީ ވުމަށެވެ. އެކަމަކު އެކަން ކުރާނީވެސް ކިހިނެއްހެއްޔެވެ؟ އަހަރެން ހުރިހާ ކަމަކަށް އެއްބަސް ވިޔަސް އެކަމަކާ އެއް ބަހެއް ނުވެވޭނެއެވެ. އަހަރެންގެ ޟަމީރު އެދި ގޮވިޔަސް އެ ގޮވުމަކަށް އިޖާބައެއް ނުދެވޭނެއެވެ. އެއަށްވުރެ ބޮޑަށް އަހަރެންވަނީ އެހެން މީހަކު ދެކެ ލޯބިވެވިފައެވެ.
މިހާސްކަމުގެ ތެރޭގައި އުޅެނިކޮށް އަހަންނަށް ލިބުނީ އަނެއްކާވެސް ހިތާމަވެރި ޚަބަރެކެވެ. ޢަމީރު އެހެން އަންހެން ކުއްޖަކާ ކައިވެނި ކުރި ޚަބަރެވެ. އެޚަބަރު ގެނެސްދިނީވެސް ޚުދު ޅިޔަންބެއެވެ. އަހަރެމެންގެ އެއްވެސް ގުޅުމެއް ނޭނގޭނެކަމަށް ޤަބޫލުކުރާ އަމީރުގެ ބޭބެއެވެ. އެޚަބަރު ލިބުމާއެކު މުޅި ދުވަސް އަހަންނަށް ހީވަމުން ދިޔައީ އޮއިދެމޭ ކޯރެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. އޮޔާ ދެކޮޅަށް ފެތޭހެންނެވެ. ބޯ މަތިން ވަރުހެސަ ރާޅުތަކެއް ބިންދަމުންދާ ހެންނެވެ. ކެތް ނުކުރެވޭ ވަރަށް ބޮލުގައި ރިއްސަމުން ދިޔައެވެ. މުޅި ދުނިޔެ ވެސް އެނބުރޭހެން ހީވަމުން ދިޔައެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާ ހުއްޓާ އަނބުރައިގަނެގެން ކޮޓަރިތެރެއަށް ވެއްޓުނުކަން ދެނަހުރީމެވެ. އޭގެ ފަހުން ދެންވީ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.
ހޭވެރިކަންވީ އެނދުމަތީގައި އޮއްވައެވެ. ކޮންމެވެސް ކުލުނުވެރި އަތަކުން އަހަރެންގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އެމީހަކީ ޅިޔަންބެއެވެ. އަހަންނަށް ބޭސްދީފައި ޅިޔަންބެ ބުންޏެވެ. ކޮއްކޯއެވެ! ކިހިނެއްވީ ހެއްޔެވެ؟ ދެރަ ނުވާށެވެ. ކޮއްކޮ މާ ބޮޑަށް ވިސްނަނީ ހެއްޔެވެ؟ ދައްތަ ދުނިޔޭގައި ނެތަސް މިއަދު ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ކޮއްކޮއަކަށް އެއްވެސް ދެރަގޮތެއް ނުވާނެއެވެ. ކޮއްކޮއަށް ތިވީގޮތް ބުނެބަލާށެވެ.
ޅިޔަންބެ އެހެން ބުންޏަސް އަހަރެން އެވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ޢަމީރަކީ ޅިޔަންބެގެ ކާކުކަން އަހަންނަށް އިޙުސާސް ކުރެވެއެވެ. އަދި ޅިޔަންބެއަށް އެކަން އެނގިއްޖެއްޔާ ހީކުރާނެގޮތް ވެސް ވިސްނެއެވެ. ދެން މިހާރު ޢަމީރަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ވެސް ނެތެވެ. އޭނާއަކީ މިހާރު އެހެން މީހެއްގެ މީހެކެވެ. ބޭވަފާތެރިއެކެވެ. މަކަރުވެރިއެކެވެ. ޚީލަތްތެރިއެކެވެ. މި ހުރިހާ ކަމަކަށް ވިސްނާފަ ޅިޔަންބެއާ ގުޅުމަށް އަހަރެން އެއްބަސްވީ މިވަގުތު އެނޫންގޮތެއް އަހަންނަށް ނެތީމައެވެ. މިގޭގައިވެސް އަހަންނަށް ނުހުރެވިދާނެކަމަށްޓަކައެވެ. ދެން އުޅެން ޖެހޭނެގޮތެއް އަމުދުން ފެންނަން ނެތީމައެވެ. މަޖުބޫރަށްޓަކައެވެ.
އަހަރެން މިހެން ހިތްވަރަށް ނިކުމެ އުޅެން ފެށުމުން ޅިޔަންބެ ވެސް ހަމަޖެހިފައި ހުންނަކަން ޤަބޫލު ކުރެވުނެވެ. އެހެންކަމުން ދެން އައި ދުވަސްތަކުގައި އަހަރެމެންގެ ކައިވެނީގެ ތައްޔާރީތައް ހިނގައިގެންފިއެވެ. ކައިވެނީގެ ޙަފްލާގައި ހުރިއިރުވެސް ހަނދާންވަމުން ދިޔައީ އެހެން މީހެއްގެ މަތިންނެވެ. ކައިވެނީގެ ދަރުބާރުގެ ކުލަކުލައިގެ ބޮކިތަކާއި ދިއްލުންތަކުން ވިދާ ބަބުޅަނީއެވެ. އަހަރެންގެ އެތެރެ ހަށީގައި ވެސް ނޭނގޭ އަލިފާނެއް އަނދާ ހުލިވަމުންދަނީއެވެ.
ގަޑިން 9 ޖަހަން ކައިރިވެފައިވަނިކޮށް ކުއްލިއަކަށް އަހަރެމެންގެ ކުރިމައްޗަށް ހުއްޓާލި ކާރު ފެނިފައި އަހަރެން ދެލޯ އެދިމާއަށްގޮސް ހުއްޓުނެވެ. ކާރުން ފޭބި ޒުވާނާ ފެނިފައި ކައިރީގައި ހުރި ފިރިމީހާގެ އަތުގައި ހިފަހައްޓާލެވުނީ ކިހާ ބާރުމިނެއްގައިކަންވެސް އަހަންނަށް ނޭނގުނެވެ. އޭނާ އެއައީ އެއަރޕޯޓުން ހަމަ ފޭބި ގޮތަށެވެ. ޢަމީރު އައިސް ފުރަތަމަ ސަލާންކުރީ އަހަންނާއެވެ. ދެން އޭނާގެ ލޯބިވާ ބޭބެއާއެވެ.
"ބޭބެގެ ނިންމުން ގޯހެއް ނޫން. އެކަމަކު އަހަރެން ބަލަނީ އަންހެން ކުދިންގެ ވަކިތަކުން ސަލާމަތް ވެގެން ހުންނަން." ބޭބެޔާ ސަލާންކޮށްފައި އޭނާ އެބުނި ޖުމްލައިން އަހަރެން ޙައިރާންވިއެވެ.
ކޮންމެއަކަސް މާ ގިނައިރަކު ޢަމީރު ޕާޓީގައި ހޭދައެއް ނުކުރެއެވެ. ދަތުރު ވަރުބަލީގައި ހުރުމުން ޕާޓީ ނުނިމެނީސް ދިޔައީކަމަށް ހީކުރީމެވެ. އަހަރެމެން ދިއުމުގެ މާކުރިން އޭނާ ގެއަށް ހިނގައްޖެއެވެ. އަހަރެން ހީކުރީ އޭނާ ހުރީ ވަރަށް ރަކިވެފައި ކަމަށެވެ. ކަން ކުރެވުނު ގޮތުން ލަދުން މިތާ ހުންނަން ނުކެރުނީ ކަމުގައެވެ.
ޢަމީރު ދިއުމުން ވެސް ޚިޔާލު ކުރެވެމުން ދިޔައީ އޭނަޔާ މެދުގައެވެ. އެވަގުތު ޢަމީރު އެއްވެސް ޖެހިލުމެއްނެތި އެހެން އެބުނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. ކޮންމެއަކަސް އެ އުފާވެރި ކައިވެނީގެ ރޭވެސް އަހަރެން ހޭދަކުރަން ޖެހުނީ ކަރުނައިގެ ތެރޭގައެވެ. ޢަމީރާމެދު ޚިޔާލު ނުކޮށް އޮންނަން ބޭނުންވިޔަސް އެ ހަނދާންތައް ހިތް ތޮރުފާ ކުދިކުދި ކުރަމުންދަނީއެވެ. ރަމީޒަށް މިވީ އެއްވެސް ކަމެއް ނޭނގޭކަމަށް ހީކުރީމެވެ. ފިރިމީހާގެ ކައިރީގައި އޮތަސް ހިތުތެރޭގައި އަނދަމުން ދިޔައީ ޢަމީރުގެ ހަނދާންތަކެވެ. ޢަމީރާއެކު ހޭދަކޮށްލެވުނު އުފާވެރި ހިނދުކޮޅުތަކެވެ. ފަތިސް ވަންދެންވެސް އޮންނަން ޖެހުނީ ނުނިދިފައެވެ.
ހެނދުނުގެ އިރު ދުނިޔެ މައްޗަށް ފާއްދާލުމާއެކު ލިބުނު ޚަބަރުން އަނބުރައިގަތެވެ. އަރި އަޅާލައިގެން އެނދު މައްޗަށް ވެއްޓުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ. ރަމީޒު ކޮބައިބާވައޭ ހިތަށް އެރިއެވެ. އަދި ޢަމީރުގެ ޖަނާޒާ ނުނިމެނީކަމަށް ހީކުރީމެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޒީނަތްތެރިވާ މޭޒު މަތީގައި އޮތް ސިޓީ އުރައެވެ. އޭގެ ބޭރަށް ބަލައިލީމެވެ. އަހަރެންނަށް އެޑްރެސް ކޮށްފައި އޮތް ސިޓީއެކެވެ. ޢަމީރުގެ ސިޓީއެކެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއްނެތި އެ ކަނޑާލީމެވެ. އެއީ ސިޓީއެކޭ ކިޔުމަށްވުރެ ރަނގަޅީ ހަލާކުވަމުންދިޔަ ލޯބިވެރިއެއްގެ ހިތުގެ އެތިކޮޅުތަކެކޭ ކިޔުމެވެ. އޭގެ ކޮންމެ ޖުމްލައަކުން ރޮއްވާލިއެވެ. އެސިޓި އަހަންނަށް ކިޔާ ލެވުނީ ހަވަނަ ޙިއްޞެއްގެ ބޭނުންކޮށްގެންނެވެ.
"ހިތުގެ ހުރިހާ އުފަލެއްކަމަށް ދުށް ލޯބިވާ ލަޠީއަށް"
އަހަރެން ފުރަން އޮތް ރޭވެސް ކިހާ ވަރަކަށް އަހަރެމެންގެ ލޯތްބާމެދު ވާހަކަ ދެއްކިން ހެއްޔެވެ؟ މިހުރިހައި ވާހަކައެއް ދައްކަން ޖެހުނީވެސް އޭރުވެސް މިހެން ވެދާނެކަމަށް ހިތް ބުނަމުންދާތީއެވެ. ކަން ނިމިފައިވަނީވެސް އަހަރެންގެ ހިތް ބުނެދިން ގޮތަށެވެ.
ލަޠީއެވެ! ކިޔެވުން ނިންމާލާފައި މިރޭ މާލެ މިއައީ ހާދަ ފޮނިފޮނި އުއްމީދުތަކާއެކުގައެވެ. އެއްވެސް މީހަކަށް އަންގާލުމެއްނެތި ސަޕްރައިޒެއް ދިނުމަށެވެ. އެހެންނަމަވެސް މި ބިމުގައި ފައި އެޅުމާއެކު އެހުރިހާ އުފަލެއް ވިއްސި ވިހާލިވެގެން ހިނގައްޖެކަން އެނގިއްޖެއެވެ. ހިތަކީ އަހަރެންގެ އެއްޗެއްކަމުގައިވިޔަސް ލޯތްބަކީ އެހެން މީހެއްގެ އެއްޗެއްކަން އެނގިއްޖެއެވެ. ކަލާ ބޭބެއާ ކައިވެނި ކުރި ޚަބަރު އެހީ ހިތް އޭގެ ޖާގައިގައި ބާއްވައިގެނެއްނޫނެވެ.
ލަޠީއެވެ. އަހަރެމެންގެ ލޯތްބަށް ވިހަލީ ދުރު މީހެއް ނޫނެވެ. ބޭބެއަށް ހުރިހާ ކަމެއް ވެސް އެނގޭނެއެވެ. އެކަން އަހަރެން ބޭބެއާ ދެކެވުނު މުޢާމަލާތެއްގައި ޙިއްޞާ ކުރީމެވެ. އޭނާ ކަލާޔާ ކައިވެނި ތި ކުރީ ހުރިހާ ކަމެއް އެނގި ހުރެއެވެ. އަހަރެމެން ދެމީހުން ކިތަންމެ ލޯބިވިޔަސް ދުނިޔޭގެ ޚީލަތްތެރިންގެ ކުރިމަތީގައި ކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިހާރު އަހަންނަށް ދުނިޔޭގައި ހުރެވިދާނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ކަލާވެސް އަހަންނަށް ހެޔޮ އެދެންޏާ "މަތިވެރި ނަޞީބު" ން މިވަގުތު ނިކުމެގެއިން ދާށެވެ. ކަލާގެ މިލްކަކަށް ތިގޭ ވަންދެންނެވެ. މިއީ އަހަރެމެން ކަހަލަ މީހުންނަށް ހުރި "މަތިވެރި ނަޞީބެއް" ނޫނެވެ. ފަހަރެއްގައިވެސް ކަލާގެ ފިރިމީހާ ކަލާއަށް ހެޔޮ އެދޭ ހީނުކުރާށެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނުނީތީ ވަރަށް ދެރަވަމެވެ. ލޯތްބަކީ ފޭރިގަނެގެން ޙާޞިލް ކުރެވޭ އެއްޗެއްކަން ހަމަ އޭނާއަށް ނޭނގެނީ ބާވައެވެ.؟ މުއްސަނދިކަމަކީ ވަގުތީ ކަމެކެވެ.
ލަޠީއެވެ! ބޭބެއަށާއި ދައްތައަށް ލިބިފައިވާ މުއްސަނދިކަމުގެ ސިއްރަކީ ހަމަ ކަލާގެ ބައްޕައެވެ. ޢާއިލާގެ ތެރެއިން އުފެދިގެންދިޔަ ހަމަނުޖެހުންގަނޑުގައި އެހުރިހާ އެއްޗެއް "ބައްކޮށްލާ" ކަލާގެ މައިންބަފައިން އަތުން ފޭރިގަތީ ކަލާގެ ދައްތައާއި ޅިޔަނެވެ. އެ ނަފުރަތާއި ޙަޝަދަ ކަލާއަށާއި ކަލާގެ މައިންބަފައިންނަށް ކުރި ފަދައިން އަހަރެމެންގެ ލޯތްބަށްވެސް ކުރީއެވެ. އެ ހުރިހާ އެއްޗެއް ގެއްލިދާނެކަމުގެ ބިރަށެވެ. އޭނާ ކަލާއާ ކައިވެނި ކުރީ އެއްވެސް ކުލުނެއް ލޯތްބެއް އޮވެގެނެއް ނޫނެވެ. ދަހިވެތި ކަމުގައެވެ. އެހުރިހައި ފަތްފުށްތަކެއް އަހަރެންގެ ލިޔާ މޭޒު ވަތްގަނޑުގައި ހުންނާނެއެވެ. ކަލާ ބޭނުންނަމަ އެކިޔާލާށެވެ. މިއީ އަހަރެން މަރުމަތީގައި ކަލާއަށް ކުރާ ވަޞިއްޔަތެކެވެ. އާއިލީ ބޮޑު ސިއްރެކެވެ.
ލަޠީއެވެ. އަހަރެންގެ ވަގުތު ކުޑަތަންވެއްޖެއެވެ. ކަލާ އަހަރެން ދެކެ ލޯބިވަންޏާ ތި ވަކިތަކުން ސަލާމަތް ވާށެވެ. އަދި ތި ގެއިން ނިކުމެގެން ދާށެވެ. އަހަރެންގެ ހުރިހައި ހެޔޮ އެދުމެއްވަނީ ކަލާޔާ އެކުގައެވެ.
-ލޯބިވާ ޢަމީރު-
ފައިސާއާއި ދަހިވެތި ކަމަކީ ކިހާ ތަފާތު އެއްޗެއް ހެއްޔެވެ؟ އެއް ބަޔަކު ބިކަ ޙާލުގައި އުޅެމުން އަނެއް ބަޔަކު އުފަލުގައި ހޭދަކުރަމުން އެދަނީ ޙަޤީޤަތް ފަރުދާ ކުރަމުންނެވެ. މުޅިން އެހެން މަންޒަރެއް ދުނިޔޭގެ ލޯތަކަށް ދައްކައިގެންނެވެ. އެހެން މީހުންގެ ޙައްޤުތައް ނާޖާއިޒު ގޮތުގައި ހޭދަކުރަމުންނެވެ.
މަކަރުވެރި ފިރިމީހާ އަހަރެމެންގެ ލޯތްބަށް ވިހަލީ ފަދައިން، އަހަރެންގެ ޢާއިލާ ނަފުރަތުގެ ތެރޭގައި ބޭތިއްބި ފަދައިން، އޭނަޔާމެދު އަހަރެންގެ ހިތުގައި މިއަނދަމުންދާ ނަފުރަތުގެ އަލިފާން ދުވަހަކުވެސް ދެން އަދާ ހުލިވެގެން ނުދާނެއެވެ. ޢަމީރު އެދުނު ފަދައިން ރަމީޒާއެކު އަހަރެން ޙަޔާތް ވޭތުކުރަމުން މިދަނީ އެނަފުރަތާއެކުގައެވެ. ހިތުގައި އަނދަމުންދާ މި ގިނިން ސަލާމަތްވުމަށެވެ. ކޮންމެވެސް ދުވަހަކުން އަހަރެން މި ވަކިތަކުން ސަލާމަތް ވާނެއެވެ. އިންތިޒާރު ކުރެވެމުން މިދަނީ ފިރިމީހާގެ މައްޗަށް ޝަރުޢީ ކޯޓުގައި އަހަރެން އުފުލާފައިވާ ދަޢުވާގެ ނިމުން އަންނާނެ ދުވަހަކަށެވެ. ޢަމީރުގެ އެ ވަޞިއްޔަތް ފުރިހަމަ ކުރުމަށެވެ. މައިންބަފައިންގެ ފުށުން ފޭރިގަތް މިލްކިއްޔާތު ޙާޞިލްވަންދެނެވެ.
(ނިމުނީ)
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ށ.ކޮމަންޑޫ/މާފޮޅޭގެ، ޢަލީ އިބްރާހީމް އެވެ. ވާހަކަ ހުށައަޅާދިނީ މ.މުލި/މާފޮޅޭގެ، ނާޒިމާ ސަމީރުއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 09 ރަމަޟާން 1442 އެވެ.