ވިޔަފާރި

މާއުނގޫދޫއާއި ކޮމަންޑޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ 2 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފައިވަނީ މާއުނގޫދޫ އަދި ކޮމަންޑޫގައެވެ. މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މާއުނގޫދޫ އަދި ކޮމަންޑޫގައި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިންގ ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއްކަމަށެވެ. އަދި 70 އަށްވުރެ ގިނަ އޭޓީއެމް ސެންޓަރާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިގުއައާއެކު ހިދުމަތް ދެވޭކަމީ ފަހުރުވެރިވާކަމެއްކަމަށްވެސް ޓިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.