ސުޕަސްޓާރ އަމީތާބު ބަޗަންގެ އެކްޓިންގެ ހުނަރުގެ އިތުރުން އޭނާ އަކީ ޕްރޮޑިއުސަރުންގެ ވަރަށް ގަޔާވާ ތަރިއެކެވެ. ސަބަބަކީ އަމިތާބަކީ ވަރަށް ގަޑިއަށް ފަރުވާތެރި ތަރިއެކެވެ. އަމީތާބުގެ ކެރިއަރގައި މިހާތަނަށް ފިލްމެއްގެ ޝޫޓިންނަށް ދުވަހަކުވެސް ގަޑި ޖެހިފައެއް ނުވެއެވެ.
ގިނަ ފަހަރަށް އޭނާ ސެޓަށް ދަނީ އޮންނަ ގަޑިއަށް ވުރެ މާ ކުރިންނެވެ. ބައެއް ފަހަރު އޭނާ ސެޓަށް އެއްގަޑިއރު ކުރިންވެސް ގޮސްފައި އެބަ ހުއްޓެވެ. ގަޑިއަށް ވުރެ ކުރިން ގޮސް ވަގުތު ދުއްވާލުމަށް އަމީތާބު ކުރާކަމެއްވެސް އޮވެއެވެ. މާކުރިން ދެވުނީމާ އަމީތާބު ކުރާ ކަމަކީ ޕްރޮޑަކްޝަން ޓިމް އަންނަން ވާއިރަށް މުޅި ސަރަހައްދަށް ފެން ޖަހައެވެ. މީ އޭނާގެ އަބަދުގެވެސް އާދައެކެވެ. އަމީތާބު ބުނާ ގޮތުން މީ އޭނާ ވަގުތު ދުއްވާލުމަށް ކުރާކަމެކެވެ.
ފިލްމަތަކާއި ޓިވީ ޝޯތަކުން އަދިވެސް ފެންނަމުން އަންނަ އަމިތާބުގެ ކުރިޔަށް ނުކުންނަށް ހުރި ފިލްމަތަކުގެ ލިސްޓް ކުރެއް ނޫނެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބްރަމަސްތްރާ" އެވެ. ފެންޓަސީ ޑްރާމާއެއްގެ މައްޗަށް ހަދާ މި ފިލްމުން އަމީތާބާއި އެކު ޑިމްޕަލް ކަޕާޑިއާ އާއި މޯނީ ރޯއިވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން ދީޕިކާ އާއި އެކު އަމިތާބު ފެނިގެންދާ "އިންޑިއަން އެޑެޕްޓޭޝަން އޮފް ދަ އިންޓާރން" އާއި ނީނާ ގުޕްތާ އާއި އެކު އަމިތާބު ފެނިގެންދާ "ގުޑް ބާއި" ހިމެނެއެވެ.