ޚަބަރު

އޭ.އައި.އައި.ބީގައި ރާއްޖެއިން ބައިވެރިވުމަށް ފާސްކޮށްފި


އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ
މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލު،ރައްޔިތުންގެ މަޖުލީހުން  ފާސްކޮށްފިއެވެ. 

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ނިލަންދޫ ދާއިރާގެ
މެންބަރު ޢަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ، އޭޝިއަން އިންފްރާސްޓްރަކްޗަރ
އިންވެސްޓްމަންޓް ބޭންކުގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލު، ފާސްކުރީ  57 މެންބަރުންގެ އިއްތިފާގުންނެވެ. 

އޭޝިއަން
އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ފައުންޑަރ މެންބަރެއްގެ ގޮތުގައި
ރާއްޖެ ހިމެނޭއިރު އެ ބޭންކް އުފެއްދުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ
މިއަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހު. މިއަހަރުގެ ފަހުކޮޅު މި ބޭންކުގެ
މަސައްކަތް ފަށާނީ 100 ބިލިޔަން ޑޮލަރުގެ ކެޕިޓަލްއަކާއިއެކު.އެވެ.   

މީގެ
އިތުރުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު
78/69) އަށް އިޞްލާޙު ގެނައުމުގެ ބިލް ވެސް ވަނީ ފާސްކޮށްފައެވެ. 

މި ބިލް ފާސްވެގެން
ގޮސްފައިވަނީ  55 މެންބަރުންގެ
އިއްތިފާގުން. މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި  އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު
ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ އިޤްތިޞާދީ ކޮމިޓީއަށް
ފޮނުއްވުމަށް 53 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ
ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާސްކުރެއްވުމަށް ފެނިވަޑައި
ނުގަންނަވާ ކަމަށް މަޖިލީހުގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.