ކުޅިވަރު

އޭއެފްސީ ކަޕް ކުރިއަށް އޮތުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިފައިވޭ - ޝާޒްލީ



އޭއެފްސީ ކަޕް ކޮލިފައިންގެ މެޗް ކުރިއަށް އޮތުމުން ކުޅުންތެރިން އިތުރު ހިތްވަރެއް ލައިގެން ލީގު މެޗްތަކުގައި މަސައްކަތް ކުރަމުންދާކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސްއިންވަނީ ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީ 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. މިއަހަރު ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީޝީލް މެޗް އީގަލްސްއިންވަނީ މާޒިޔާ ބަލިކޮށް މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް ލީގުގެ ފުރަތަމަ ބުރުގައި ކުލަބް އީގަލްސްއަކަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި މުހައްމަދު ޝާޒްލީ އެޓީމުގެ ކޯޗުކަމާއި ހަވާލުވިފަހުން އީގަލްސްގެ ކުޅުން ރަގަނޅުވުމުގެ އިތުރުން، ނަތީޖާތައް ވެސް ރަގަނޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ތިންޕޫ ސިޓީގެ މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ކުލަބް އީގަލްސްއިން ދެ މެޗް ކުޅެފައިވާއިރު، ދެ މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ފުރަތަމަ މެޗްގައި ގްރީން ސްޓްރީޓްސްއާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން މެޗް އެއްވަރު ވީއިރު، ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3 ލަނޑު 0 ލަނޑު ކުލަބް އީގަލްސްވަނީ މޮޅުވެފައެވެ. ލީގުގެ ފުރަތަމަ ބުރުގައި ކުލަބް އީގަލްސްއަށް އެޓީމުގެ އަސްލު ކުޅުން ނުދެއްކުނުނަމަވެސް ލީގުގެ ދެވަނަ ބުރުގައި ކުލަބް އީގަލްސްއިވަނީ އެޓީމުގެ ކުޅުން ވަރަށް ބޮޑުތަނުން ރަގަނޅުކޮށްފައެވެ. ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ތިންޕޫ ސީޓީ މެޗަށް ކުޅުންތެރިން ތައްޔާރުވީ ވަރަށް ވަރުގަދަ އަޒުމެއްގައިކަމަށާއި އެމެޗް ކާމިޔާބުކުރެވުނީވެސް ކުޅުންތެރިން ކުރި ހިތްވަރުގެ ސަބަބުންކަމަށް ޝާޒްލީ ބުންޏެވެ. ތިންޕޫ ސިޓީ މެޗަށް ފަހު ކުޅުނު ދެ މެޗްގައިވެސް ކުޅުންތެރިންގެ ފަރާތުން އެއް ހިތްވަރު ފެނިފައިވާކަމަށް ޝާޒްލީ ބުންޏެވެ. އަދި އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައި ކުރިއަށް އޮތް ޑާކާ އަބަހާނީ މެޗުގެ ކުރިން އެއްވެސް މެޗަކުން ބަލިވާން ކުޅުންތެރިންވެސް ބޭނުން ނުވާކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

"މީގަައި މިޙާރު ޓީމު މި ތައްޔާރުވަނީ އޭއެފްސީ ކަޕާއި ދިވެހި ޕްރިލިމިއަރ ލީގަށް. ދެ މުބާރާތަކީވެސް ވަރަށް މުހިންމު ދެ މުބާރާތެއް. އޭއެފްސީ ކަޕަށް ބަލާނަމަ، ރާއްޖެއިން ދެ ޓީމަށް މިލިބެނީ އެފުރުސަތު. މާޒިޔާ މިހާރު ގުރޫޕް ސްޓޭޖްގައި އޮތްއިރު، އީގަލްސްއަށް ގުރޫޕް ސެޓޭޖަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތް. އަދި މިއީ ރާއްޖޭގެ ކުލަބް ތަކުން އަބަދުވެސް ވަރަށް އިސްކަން ދޭ މުބާރާތެއް. ލީގަށް ބަލާއިރު، ލީގުގައި ރަގަނޅު ހިސާނެއްގައި އޮތުމަކީ އަބަދުވެސް ވަރަށް މުހިންމުކަމެއް. ހާއްސަކޮށް ފާހަގަކޮށްލެވޭ މިހާރު ޓީމުގެ ކުޅުންތެރިން އިތުރަށް މޯޓިވޭޓްވެފައިވާކަން." ކުލަބް އީގަލްސްގެ ކޯޗް ޝާޒްލީ ބުންޏެވެ.