އއ. އުކުޅަހުން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް އަރާ ފޭބުން މަނާކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުކުޅަހު ހެލްތް ސެންޓަރުގެ މެނޭޖަރ އަބްދުﷲ ސަޢީދު ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާއިން ޗުއްޓީ ހޭދަކުރުމަށްޓަކައި އެރަށަށް އައި ދެ ފިރިހެނުންނާއި ދިވެހި ފިރިހެނެއްކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވެފައިވާކަން އިނގުނީ ރޯގާގެ އަލާމަތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކުމުންކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ސަޢީދު ވިދާޅުވީ އޮންނަ އުޞޫލްގެ ދަށުން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
އުކުޅަހުން ކަރަންޓިންގައި ނެތް ބަޔަކު ޕޮޒިޓިވްވެފައިވާއިރު މީގެ ކުރިން ވަނީ ކަރަންޓިންގައި ތިބި ބަޔަކުވެސް ޕޮޒިޓިވްވެފައެވެ.
ކޯވިޑް 19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މާލޭގެ އިތުރަށް ރަށްރަށުންވެސް އަންނަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. މިއާއެކު ރަށްރަށުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެއެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 28000 އަށްވުރެ މައްޗަށް އަރާފައެވެ.