ކުޅިވަރު

މިރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ - ޝާޒްލީ


ކުލަބް ވެލެންސިޔާ އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުގެ ސަބަބުން، މިރޭގެ މެޗް އިތުރަށް އުދަގޫވާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މިރޭ ކުލަބް ވެލެންސިޔާ އާއި ކުލަބް އީގަލްސް މެޗަށް ނިކުންނައިރު، ކުލަބް ވެލެންސިޔާ އެޓީމް އެންމެ ފަހުން ޔުނައިޓަޑް ވިކްޓްރީއާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމް ވަނީ ބަލިވެފައެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގައި ކުލަބް އީގަލްސް އޮތީ ތާވަލްގެ 4 ވަނައިގައި 16 ޕޮއިންޓާއެކުގައެވެ. އެއީ އެޓީމް ކުޅުނު 12 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ، 4 މެޗުން އެއްވަރުވެ އަދި 4 މެޗުން ބަލިވެގެންނެވެ. މިމެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ޓީމުގެ ތެރޭގައި މިހާރު އުފެދިފައިވާ މޮޅުވުމުގެ ރޫހު އަބަދުވެސް ބޭއްވުން ވަރަށް މުހިންމުކަމަށާއި، ލީގުގެ ފުރަތަމަ ބުރުގައި ރަގަނޅު ނަތީޖާއެއް ނުހޯދުނުނަމަވެސް، ލީގުގެ ދެވަނަ ބުރުގައި ކުލަބްގެ ކުޅުން ރަގަނޅުކޮށް، ތާވަލްގެ 4ވަނައަށް އެރުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

ޝާޒްލީބުނީ ކުލަބް ވެލެންސިޔާއަކީ ލީގްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމްކަމަށާއި މިއީ ކުލަބް އީގަލްސްއަށް ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ. ޝާޒްލީބުނީ ކުލަބް ވެލެންސިޔާގައި ތިބި ސީނިއަރ ކުޅުންތެރިންނަކީ ކޮންމެ ފަދަ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ތިބި ޓީމެއްކަމަށާއި އެޓީމަށް ނުކުޅެވޭ ދުވަހެއްގައިވެސް މެޗްގެ ނަތީޖާ ވެލެންސިޔާކޮޅަށް ބަދަލްކޮށްލުމަށް އެޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންނަށް އެއީ މާއުދަގޫކަމެއް ނޫންކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ. އަދި ވެލެންސިޔާގެ އެންމެ ވަރުގަދަ ދިމާލަކީވެސް އެޓީމްގެ ސީނިއަރ ކުޅުންތެރިންކަންވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

"ވެލެންސިޔާ މެޗްއަށް ނިކުންނައިރުގައި އެއީ ފަސޭހަ މެޗަކަށް ނުވާނެ. އެންމެ އުދަގޫވާނެ އެއްކަމަކީ، އެންމެ ފަހުން އެޓީމް ޔޫވީއަތުން ބަލިވެފައިވުން. ވެލެންސިޔާއަކީވެސް ލީގްގެ ރޭހުގައި ހިފަހައްޓަމުން އަންނަ ބައެއް. އެޓީމަށް ލީގް ތާވަލްގެ ދެވަނަގައި ހިފެހެއްޓެނީވެސް އެޓީމްގެ ސީނިއަރ ކުޅުންތެރިންގެ ސަބަބުން. އަދި އެޓީމަކީ ލީގްގެ ޗެންޕިއަންކަމަށް ވާދަކުރާ ޓީމެއް. މިހުރިހާކަމަކާއެކު މިއީ އެޓީމަށްވެސް ވަރަށް މުހިންމު މެޗެއް. އެންމެ ފަހުން އެޓީމް ބަލިވެފައި އޮތުމުން މިމެޗް ކުލަބް އީގަލްސްއަށް ވަރަށް ބޮޑުތަނުން އުދަގޫވާނެ. އެހެންނަމަވެސް ވެލެންސިޔާއަކީ ކިހާވަރެއްގެ ޓީމެއްކަން، އެޓީމްގެ ކުޅުންތެރިން އަދި އެޓީމްގެ ސީނިއަރ ކުޅުންތެރިން ކުލަބް އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެގޭނެ. އަދި އެމީހުންގެ ވަރުގަދަ ދިމާތަކާއި ބަލިފައިތަށް ކުލަބް އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެގޭނެ. މިހާރު އީގަލްސްގެ ކުޅުންތެރިން އޮތީ މިމެޗަށް ވަރަށް ރަގަނޅަށް ތައްޔާރުވެފަ." އީގަލްސްގެ ކޯޗް ޝާޒްލީ ބުންޏެވެ.