ކުޅިވަރު

ވެލެންސިޔާ އާއި އީގަލްސް މެޗް ދެ ޓީމަށްވެސް ޕޮއިންޓެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިޔާއާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗް ދެ ޓީމްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. އެޓީމުގެ ގިނަ ހަމަލާތައް އަމާޒްވެފައިވަނީ ގޯލްގެ ދަނޑިއަށެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި ވެލެންސިޔާގެ ހުސެއިން ނިޔާޒަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ނިޔާޒަށް އެބޯޅައިގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ކުރީކޮޅުގައި ވެލެންސިޔާއަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގަށެވެ. ނަމަވެސް އޭރިޔާގެ ބޭރުގައި ހުރެފައި އަޝްފާގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗުގެ 32ވަނަ މިނެޓުގައި ވެލެންސިޔާގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ބޮލުން ފޮނުވާލި ބޯޅަ، ދިފާއުކޮށްފައިވަނީ އީގަލްސްގެ ޑިފެންޑަރު އެލް ސައީދުއެވެ. ކުލަބް އީގަލްސްއަށް ވެސް މެޗްގައި ލަނޑު ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު ނޫމާން އަހުމަދު ބޮލުން ފޮނުވާލި ހަމަލާވަނީ ވެލެންސިޔާގެ ޑިފެންޑަރު މެހެރްދާދް ޕުލާދީ ދިފާއުކޮށްފައެވެ.


އީގަލްސްގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔާ އައްސަދު އަލީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެންމެ ފުރަތަމަ ޕެނަލްޓީއެއް ކުލަބް ވެލެންސިޔާއަށް ދިންނަމަވެސް ފަހުން ރެފްރީވަނީ އެނިންމުން ބަދަލުކޮށް، ހިލޭ ޖެހުމެއް ދީފައެވެ. މެޗްގެ ދެވަނަ ހާފްގައި ވެލެންސިޔާ އާއި ކުލަބް އީގަލްސްއަށް ވެސް ރަގަނޅު ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. ވެލެންސިޔާގެ ބޯހަސް މާޓިން ފޮނުވާލި ބާރު ހަމަލާ ކުލަބް އީގަލްސްގެ ގޯލް ކީޕަރު މުހައްމަދު ތަހާ ދިފާއުކުރިނަމަވެސް، އެބޯޅަ ތަހާގެ އަތުގައި ޖެހިފައި ގޮސް އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މީގެ އިތުރުންވެސް ކުލަބް ވެލެންސިޔާއަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވެފައިވަނީ އީގަލްސްގެ ކީޕަރު މުހައްމަދު ތަހާއެވެ.

މިނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައިވާ މާޒިޔާއާއި ގާތަށް ޖެހިލުމަށް ލިބުނު ފުރުސަތު ކުލަބް ވެލެންސިޔާއަށް ވަނީ ގެއްލިފައެވެ. ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތީ 13 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކުއެވެ. ކުލަބް ވެލެންސިޔާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. މިމެޗް އެއްވަރުވުމާއި އެކު ކުލަބް އީގަލްސްއަށް 13 މެޗުން 17 ޕޮއިންޓް ލިބިފައިވެއެވެ.