ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ. ޑރ.ޝާހު ވިދާޅުވީ އާބާދީގެ ނިސްބަތުން ވެކްސިން ދިން ޤައުމުތަކުގެ ލިސްޓަށް ބަލާއިރުވެސް ރާއްޖެ އޮތީ ކުރީގައިކަމަށެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ކާމިޔާބުކަން ފާހަގަކުރައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ އާބާދީގެ ނިސްބަތުން ވެކްސިން ދެވުނު މިންވަރަށް ބަލާއިރު ރާއްޖެ އޮތީ 7 ވަނައިގައިކަމަށެވެ. އެގޮތުން ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ނިސްބަތް 55 އިންސައްތައަށް އަރާފައިވާއިރު ދެވަނަ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތްވަނީ 17 އިންސައްތައަށް އަރާފައެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަލުންކޮޅަށް ޖެހުމަށް ފަހިފުރުސަތަކަށްވެ ދަތުރުކުރުމަށް މިހާރު އޮތް ދަތިކަމަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް ޑރ.ޝާހު ވިދަޅުވިއެވެ.
ވެކްސިންގެ ކާމީޔާބީ ފާހަގަކުރައްވަމުން ޑރ.ޝާހުވަނީ ވެކްސިން ކާމިޔާބުކުރުމަށް ހުރި ދަތިތަކާއި ކަންބޮޑުވުންވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އަދިވެސް ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒްއަށް އެލިޖެބަލްވާ ނުވަތަ ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ތެރެއިން 20 ހާސް މީހުން ވެކްސިން ނުޖަހާ ތިބިކަން ޑރ.ޝާހުވަނީ ފާހަގަކުރައްވާފައެވެ. އަދި ވެކްސިންގެ ތެރޭގައި ހިމެނޭ ފައިޒާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް އުސޫލުން އިންތިޒާމު ހަމަޖައްސާފައިވާއިރު ބައެއް ފަރާތްތަކުން ގަޑިއަށް ނުދާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 70 އެޕޮއިންޓްމަންޓްގެ ތެރެއިން ވެކްސިންޖެހުމަށް އަންނަނީ 30 ހަކަށް މީހުންކަން ޑރ.ޝާހު ފާހަގަކުރެއްވިއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައިވެސް މަގުމަތީގައި މާސްކު ނާޅާ އުޅޭ މަންޒަރު އާއްމުވަމުން އަންނަކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޑރ.ޝާހުވަނީ އިލްތިމާސްކުރައްވާފައެވެ. އާވޭރިއެންޓް އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާ މިދަނޑިވަޅުގައި އެންމެން ގުޅިގެން މިބަލިން އަރައިގަތުމަށް ޑރ.ޝާހުވަނީ އިލްތިމާސްކުރައްވާފައެވެ.