ކުޅިވަރު

ނެޝަނަލް ބިލިއާޑް ސެންޓަރ ރަސްމީކޮށް ހުޅުވައިފި


ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ނެޝަނަލް ބިލިއާޑް ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ. ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަކީ މިއަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ.

ނެޝަނަލް ބިލިއާޑް ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސެންޓަރ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްއެވެ. މިސެންޓަރ ހުޅުވުމުގެ ގޮތުން މިކަމުގައި ބައިވެރިވުމަށާއި ޓްރިކްޝޮޓް ދައްކާލުމުގެ ގޮތުން ވަނީ 2 ފަހަރު ޓްރިކްޝޮޓް ވޯލްޑް ޗެންޕިއަންކަން ހޯދާފައިވާ އަދި ވޯލްޑް ރެކޯޑް ހޯލްޑަރެއް ކަމަށްވާ ފްލޯރިއަން ކޮލާވެސް ބައިވެރިވެފައެވެ. މިނިސްޓަރ ފައްޔާޒުގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 12 ބިލިއަޑް ބޯޑް ހުންނަ މިފެސިލިޓީ ހުޅުވުމުގެ ރަސްމިޔާތުގައި ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން ވަނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ހަދާނީ މޮނިއުމަންޓެއް އަރުވާފައެވެ. އަދި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށްވެސް ހަނދާނީ މޮނިއުމަންޓެއް އަރުވާފައެވެ.


މިރަސްމިއްޔާތުގައިވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓްވެސް ލޯންޗްކޮށްފައެވެ. އަދި ބިލިއާޑް ކުޅުމަށް ބޭނުންވާ ފަރާތްތަކުން، ބިލިއަޑް ކުޅުމަށް ޓޭބަލް ބުކް ކުރުމަށް ހައްސަކޮށްގެން ބުކިން އެޕްލިކޭޝަނެއްވެސް ރޭގެ ރަސްމިޔާތުގައިވަނީ ތައާރަފްކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަދައްކަމުން ޓްރިކްޝޮޓް ލެޖެންޑް ކޮލާ ބުނީ މިއީ ވޯލްޑް ކްލާސްގެ ފެސިލިޓީއެއްކަމަށާއި މިފެސިލީޓީ ބޭނުންކޮށްގެން ރާއްޖޭގެ ކުޅުންތެރިން އެންމެ ފުރަތަމަ އޭޝިޔާ ލެވެލްގައި ކުރިއަރައި ދުނިޔޭގެ ލެވަލްގައިވެސް ކުރިއަރައިގެންދާތަން ދެކެން ބޭނުންވާކަމަށެވެ. އަދި މިއީ ބިލިއާޑް ކުޅޭ ފަރާތަކަށް ލިބިގެންދިޔަ ވަރަށް ރަގަނޅު ފެސިލިޓީއެއްކަމަށާއި މި12 ބޯޑްގެ ފެސިލިޓީއާއެކު ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. ރޭގެ ރަސްމިއްޔާތުގެ ރަސްމީބައި ނިމުމަށްފަހު 2 ފަހަރު ޓްރިކްޝޮޓް ވޯލްޑް ޗެންޕިއަންކަން ހޯދާފައިވާ ފްލޯރިއަން ކޮލާވަނީ އޭނާގެ ހުނަރުތައް ދައްކާލާފައެވެ. މިދިޔަ ނޮވެމްބަރު މަހު ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައިވެސް ވަނީ ބިލިއާޑް ހައުސްއެއް ހުޅުވާފައެވެ.