މުނިފޫހިފިލުވުން

"ކަބީ އީދް ކަބީ ދިވާލީ" ގެ ނަން ބަދަލު ކުރަނީ


ފިލްމު "ކިކް" ފަހު ޕްރޮޑިއުސަރ ސާޖިދް ނަޑިއާޑްވާލާ އެކު ސަލްމާން ހާން މަސައްކަތް ކުރާ އައު ފިލްމު
"ކަބީ އީދް ކަބީ ދިވާލީީ" ގެ މަސައްކަތް ފަށައިފިއެވެ. ކިކްގެ ކާމިޔާބަށްފަހު ސާޖިދާއި ސަލްމާން ހާން އެކުގައި މި މަސައްކަތް ކުރާނީ ހަތް އަހަރުފަހުންނެވެ. ކޮމެޑީ މި ފިލްމުގައި ސަލްމާނާއި އެކު ފެނިގެންދާނީ ތެލުގޫ ބަޠަލާ ޕޫޖާ ހެޑްޖެ އެވެ.

"ކަބީ އީދް ކަބީ ދިވާލީީ" އަކީ ޓަމިލް ޑައިރެކްޓަރ އަޖިތް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ވީރަމް" ގެ ހިންދީ ރީމޭކެވެ. ހިންދީ ރީމޭކްގެ ނަން "ކަބީ އީދް ކަބީ ދިވާލީީ" އެހެން ނަމަކަށް ބަދަލުކުރުމަށް މި ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރާއި ސަލްމާން މަޝްވަރާކުރަމުން ދާކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ހަންގާމާއިން ބުނެއެވެ.

ފިލްމުގެ ނަން ބަދަލުކުރަން ވިސްނާ ސަބަބެއްކަމަށް ސަލްމާންގެ ޓީމުން ބުނަނީ އެމީހުން ހުރިހާ ދީންތަކަކަށްވެސް އިހްތިރާމް ކުރާކަމަށެވެ. އެހެންކަމުން މި ފިލްމުގެ ނަމުގެ ސަބަބުން އެއްވެސް ދީނެއްގައި ފާހަގަކުރާ ދުވަހަކަށް އިހްތިރާމް ކުޑަވާން އެޓީމުން ނޭދޭކަމަށްވެސް ސަލްމާންގެ ޓީމުން ބުނެއެވެ. ފިލްމުގެ ނަން ބަދަލުކުރަން ވާހަކަދެކެވުނު ނަމަވެސް އަލަށް ކިޔާނެ ވަކި ނަމެއް އަދި ނިންމާފައެއް ނުވެއެވެ.

އެކްޓަރ އަޔުޝް ޝަރުމާ އަދި ޒަހީރް އިޤްބާލު މުހިންމު ރޯލްތަކުން ފެނިގެންދާ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. ސަލްމާންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރެއިން ޔާޝް ރާޖް ޕްރޮޑަކްޝަންގެ "ޓައިގަރ 3" ގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މި ފިލްމު ދެއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިތުރު އީދުގައި ރީލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާންގެ "ރާދޭ" އަށްފަހު ސަލްމާން ދެން މަސައްކަތް ފަށާނީ މަހޭޝް މަންޖްރޭކާ ގެ ފިލްމު"އެންޓިމް: ދަ ފައިނަލް ޓްރަތް" ގެ މަސައްކަތެވެ. މި ފިލްމުގައި ސަލްމާން ފެނިގެންދާނީ ސިކުންގެ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ.

ފިލްމު "ވީރަމް" ގެ ފުރަތަމަ ރީމޭކެއްގެ ގޮތުގައި އަންނަން އޮތީ އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ "ބަޗަން ޕާންޑޭ" އެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓް ބަދަލުކޮށް މިހާރު ވަނީ 2014 ވަނަ އަހަރު ނެރުނު ޓަމިލް ފިލްމެއް ކަމަށްވާ "ޖިގަރްތަންޑާ" ގެ ރީމޭކަކަށް ފިލްމު "ބަޗަން ޕާންޑޭ" ބަދަލުކޮށްފައެވެ.