މުނިފޫހިފިލުވުން

ވާހަކަ: ރިޔާޝާ


ރެއަކީ ކަޅުފޮއެ ރެއެކެވެ. ވާރޭ ހީވަނީ ދެންމެ ދެންމެނާ އޮއްސާލަފާނެ ހެނެވެ. މި އަދިރީގައި ތުނޑީކޮޅަށް ދިއުމަށް މިސްރާބުޖަހާފައި އެތިބަ ޖޯޑަކީ ރިޔާޝާ އާއި ހަލީމެވެ. އަންނަ ހުކުރުވިލޭރޭ ކައިވެނިކުރުމަށް ހަމަ ޖެހިފައިވާ މި ދެލޯބިވެރިންނަކީ ރަށުގައި ވެސް ނަންކިޔާ ލާމަސީލު ދެލޯބިވެރިންނެވެ. މިރޭވެސް އެދަނީ އާދައިގެ މަތިން ތުނޑީކޮޅުގެ މޫދުގައި ހަދާފައިހުންނަ މޫދުގެއަށް އެކަނި ވަގުތުކޮޅެއް ހޭދަކޮއްލާށެވެ. އެހިސާބަށް ދެވުމުގެ ކުރިން ބޯކޮށް ވާރޭވެހި ދެމީހުން ތެމި ފޯވެއްޖެއެވެ. ދެން ވެސް ގެއަށްދިއުމުގެ ވިސްނުމެއްނެތެވެ. ދެމީހުންގެވެސް މިސްރާބުހުރީ މޫދުގެއާއި ދިމާއަށެވެ.

މޫދުގެއަށް ވަދެވުނުއިރު ރިޔާޝާ ތުރުތުރުއަޅައެވެ. ހީގެންފައިވާ ލޯބިވެރިޔާ ގަޔާ ކައިރިކޮއްލީ އެއްވެސް ހާލެއްގައި ކައިވެނީގެ ފުރަތަމަރޭގެ އުފަލާ ހިތްހަމަޖެހުން އެތަނުގައި ހޯދުމުގެ ނިޔަތަކުނޫނެވެ. އެހެންނަމަ ވެސް ހިދުކޮޅަކަށް ޖަޒްބާތުގައި ޖެހި ނަފްސު އޮޔާލިއެވެ. މިމަންޒަރުބަލާނެ ތިންވަނަ ލޮލެއް ހުރެދާނެ ކަމުގެ ހިޔާލެއް ފިކުރެއްނެތި އެވަގުތުގެ އުފާވެރިކަން އިހްސާސްކުރި ދެލޯބިވެރިން ތިބީ ހިތްހަމަޖެހިފައެވެ. މޫދުގޭގެ ޖޯއްޔެއްގައި އިށީދެލާ ދެމީހުން ރަގަނޅަށް ހަމަޖެހިލިއެވެ. އަދިވެސް ބޯކޮށް ވާރޭވެހެއެވެ. " ހަލީމް......" ރިޔާޝާ ގޮވާލީ ލޯބިންނެވެ.

ކޮންމެވެސް ވާހަކައެއް ރިޔާޝާ ބުނަން ބޭނުންވާ ކަހަލައެވެ. އެހެން ނަމަވެސް ހަލީމް ރިޔާޝާއާއި ދިމާއަށް ބަލާލި ބަލާލުން ރިޔާޝާ މޭގަނޑު އަތަށްނައީ ހަމަކިރިޔާއެވެ. ދެލޮހުރީ ބޮޑުވެ ރަތްވެފައިއެވެ. މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. މަޑުމަޑުން ހަލީމުގެ މޫނު ދިއައީ ބިރުވެރި ސިފައަކަށް ބަދަލުވަމުންނެވެ. މޫނުމަތިން އެންމެ ވައްތަރީ ރުޅިއައިސްއޮތް މިނިކާވަގަކާއެވެ. އަގައިން ލައްވަނީ ޖަނަވާރުގެ އަޑެވެ. ރިޔާޝާ ގަތްބިރުން ބާރަށް އެހީއަށް އެދި ހަޅޭއްލަމަވުން މޫނުމަތީގައި އަތްއެޅިއެވެ. ރިޔާޝާ އަށް ހަލީމުގެ އެ ބިރުވެރި ސޫރަ ބަލަން ކެތްނުވީއެވެ. މޫނުގައި އަތް އަޅާއިގެން އިނދެ އޭނާ ބާރަށް ރޮމުން ހަޅޭއްލަވަމުން ގެންދިއައެވެ. އެ އެހަޅޭކުގެ އަޑު ހުއްޓުނީ އޭނާގެ އަތުގައި މީހަކު ހިފާލުމުންނެވެ. އަވަސް އަވަހަށް މޫނުން އަތްނަގައި ބަލާލިއެވެ. ކުރިމަތީގައި ހުރީ ހަލީމުއެވެ. އެއްވެސް ތަފާތެއް ފާހަގަވާކަށްނެތެވެ.

ރިޔާޝާ ހަލީމްގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތް ފެނުމުން ހަލީމްވެސް ހުރީ ހައިރާންވެފައިއެވެ. "ކިހިނެއްވީ!!! ކީއްވެތަ ތިވަރަށް ތި ހަޅޭއްލަވަނީ ؟..." ހަލީމް ވާހަކަދެއްކީ އޯގާތެރި ކަމާއެކުގައެވެ." ތި...ތި...ތި...ކާކު؟..."ރިޔާޝާ ތުރުތުރު އަޅާއަޑަކުން އަހާލިއެވެ.

" ސާބަސް ރިޔާ... މި ހަލީމޭ.. ރިޔާގެ ހަލީމް...." ގަޔާއި ކައިރިކޮއްލަމުން ސަމާސާ ކުރާ ރާގަކަށް ހަލީމް ބުނެލިއެވެ. ރިޔާޝާ އިތުރަށް އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ. ފެނުނު ކަންތައްތަކުގެ ވާހަކަ އިތުރަށް ދައްކާކައްވެސް ބެނުމެއްނުވިއެވެ. ގެއަށް އައި ނަމަވެސް ރިޔާޝާ އަށް ނިދޭގޮތެއް ނުވިއެވެ. އޭނާ އެނދުމަތީގައި ފޮރޮޅިލަ ފޮރޮޅިލާ އޮތީ ނުނިދިގެންނެވެ. މިރޭ ދިމާވި ކަންތަކާ މެދުގައި ވިސްނެނީއެވެ. އެކަމަކު ވެސް އެއީ ހީވި ގޮތެއް ކަމަށްބަލާ ނިދޭތޯ ހިއްވަރު ކުރިއެވެ.

ހެނދުނު ނިދިން ހޭލީ ހުރިހާ ކަމެއް ހުފެނެއްކަމަށް ބަލާ އާދުވަހަކައިގެންނެވެ. އިރުއެރީ ހާއްސަ ދުވަހަކަށްކަން ރިޔަޝާގެ ގޯތިތެރެއަށް ބަލާލިޔަސް ފެންނަމުންދެއެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ވަޒީފާ އަދާކުރުމުގައި ހޭލަމޭލަވެ އުޅެއެވެ. ތެލިތަކާއި ތަށިތަށް ދޮންނަ މީހުންނެވެ. އެއްތަނުން އަނެއްތަނަށް ތަކެތި އުފުލާ މީހުންނެވެ. މިއީ މާދަމާރޭ ކުރުމަށްހަމަޖެހިފައިވާ ކައިވެންޏަށް ވާ ފުރިހަމަ ތައްޔާރީއެވެ. މަސައްކަތްތަށް ކުރިއަށްދާ ގޮތް ބަލާލަން ބަހައްޓާފައިހުރި ސުޕަވައިޒަރުހެން ހިގާލަ ހިގާލާ ރިޔާޝާ ހުއްޓެވެ. އިރު އިރުކޮޅާ މީހަކު ރިޔާޝާއަށް ދިމާކުރުމުގެ ގޮތުން ބަސް ބަސް އެއްލައެވެ. ރިޔާޝާގެ މޫނު މައްޗަށް ވެރިވަނީ ލާނެއް ހިނިތުން ވުމެކެވެ. އެ ހިނިތުންވުން ރިޔާޝާގެ ރީތިކަން ފުރިހަމަކޮއްދެއެވެ.

ރިޔާޝާ" އެއިވެނީ ރިޔާޝާ މަންމަ ނަޒީރާގެ އަޑެވެ. އަޑު އައީ ގޭތެރެއިންނެވެ. އަވަސް އަވަހަށް ދުވެފައިގޮސް ގޭތެރެއަށް ރިޔާޝާވަނެވެ. ހަމައެވަގުތު ހާސްވެފައިވާ މަންމަ ފެނި ރިޔާޝާ ޖެހިލުންވާގޮތް ވިއެވެ. އެތަށް ސުވާލުތަކެއް ހިތުތެރޭގައި އެބުރިގަތެވެ. އެންމެ ކަންތަށްބޮޑުވީ ރޭގައި ކުރެވުނު ކަންތަށް މަންމައަށް އެގުނީ ކަމަށް ހީކޮށެވެ. ކައިވެނީގެ ކުރިން މިފަދަ ކަމެއް ވެއްޖެކަން މަންމަ އަށް އެގިއްޖެ ނަމަ މަންމަ ވަރަށް ދެރަވާނެއެވެ. ރުޅިވެސް އަންނާނެއެވެ.

"ކި...ކިހި..ކިހިނެއްވީތަ މަންމާ" ނަޒީރާ އެއްވެސް އެއްޗެއްނުބުނެ ރިޔާޝާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ހަލީމުގެ މަންމައާއި ބައްޕަ އަދި ރިޔާޝާގެ ބައްޕަވެސް އިނެވެ. އިތުރަށް ރިޔާޝާ ހާސްވާގޮތްވިއެވެ. އެހެން ނަމަވެސް ވީގޮތެއް އޮޅުންފިލުވުމަށް ސުވާލުކުރަމުން ދިޔައެވެ. ހަލީމުގެ ބައްޕަ ރިޔާޝާއަށް ވެގެންއުޅޭގޮތް އޮޅުން ފިލުވައިދިނެވެ. ހަލީމްގެ ފަރާތުން ހެނދުނު ފެނުނު ކަންކަން ރިޔާޝާއަށް ކިޔައިދިނެވެ.

"މިއަދު ފަތިހު ކަރީމުބެ ތުޑިއަށް ދިޔައީ ކައިވެނި ހަފްލާއަށް މަސްފިހުމަށްޓަކައި އޫހެދުމަށް ކުރެދި ކަޑަން. ކުރެދި ކަނޑައިގެން އަތިރިމައްޗަށް ނުކުމެވުނުއިރު އެދިމާގައި ހަދާފައހުރި މޫދުގެ މަތީގައި ހަލީމްހުއްޓާ ކަރީމުބެއަށް ފެނުން. ކަރީމްބެއަށް އެގެއާ ހަމައަށް ނުދެވެނީސް ހަލީމް މޫދައްފުއްމާލި. ކަރީމްބެ ހަލީމްއަށް ވަރަށް ގޮވިން. އެކަމަކު އަޑެއްނީވުނު. ކަރީމުބެއަށް ގޮސް ވަންއިރު ފެނުނީ ބިރުން ފިތްކަޑައިގެން ދާކަހަލަ މަންޒަރެއް. ހަލީމްއިނީ ރޯމަސްތަކެއް ހިފައިގެން އެކާން..ދެލޯހުރީ ރަތްވެފައި..އަގައިން ނުބައި އަޑުތަކެއްވެސް ލައްވާ... ބޭބެ ފެނުމާއެކު ކެއުން ހުއްޓާލާފައި ކަރުގާ ހިފަން އަތް ދިއްކޮއްލި..އެކަމަކު ހަލީމްއަށް ކަރީމުބެ ގައިގާ އަތް ލެވެންވާއިރަށް އޭނާ ގަޔަށް ބާރެއް އަރާފައި ބިންމައްޗަށް ވެއްޓުނީ."

ކަރީމްބެ އެދައްކަނީ ރޭގައި ހަލީމްއާއި ރިޔާޝާ ބައްދަލުވި މޫދުގޭގައި އޭނާ އަށްވެސް ފެނުން ވާހަކައެކެވެ. ކަރީމްބެ ވާހަކަ ދައްކަމުން ދިޔައިރު އިރު ރިޔާޝާގެ ލޯ ކުރިމަތީގައި އެ ހާދިސާ ނިއުޅެމުން ދިއައެވެ.. ރޭގައިވެސް ހަލީމުގެ ފަރާތުން އެކަހަލަ ބިރުވެރި ކަންތައްތަކެއް ފެނުނެވެ. ކަރީމްބެގެ ވާހަކަ އަޑުއަހަން އެތާތިބި އެންމެންގެ ލޯތަށް ބޮޑުވެ ބަސްހުއްޓިފައި ތިއްބެވެ.
ކުއްލިއަކަށް މީހަކު ބޭރުން ރިޔާޝާއަށް ގޮވާލިއެވެ. އެއީ ހަލީމުގެ އަޑެވެ. ރިޔާޝާ ބިރުގަތް ނަމަވެސް ހަލީމާއި ކުރިމަތިލާން ބޭނުންވިއެވެ. އެހެން ނަމަވެސް ރިޔާޝާ ކޮޓަރިން ބޭރަށް ނިކުތަ ނުދީ ހިފެހެއްޓީ އޭނާގެ މަންމައެވެ. އެކަކު އަނެއްކަކުގެ އަތުގައި ހިފަހައްޓައިގެން ބިރުން ތުރުތުރު އަޅައަޅާ ކޮޓަރީގައި ތިބީއެވެ.

އެންމެން ސިހުނީ ދޮރުހުޅުވާލާފައި ހަލީމު އެތެރެއަށް ވަދެގެން އަންނަ މަންޒަރު ފެނުމުންނެވެ. ހަލީމުގެ މަންމަ އަޑުން އަޑުނަގާ ރޯންފެށިއެވެ. ހަލީމުގެ ކިބައިން ސަލާމަތްކޮއްދިނުންއެދި ﷲއަށް ދުޢާ ދަންނަވަމުންދިއެވެ. އެންމެންގެ ހާލަކީވެސް އެއީއެވެ. ހިތަށްއައި ހެޔޮ އެއްޗެއް ދުލުންކިޔޭތޯ މަސައްކަތްކުރެއެވެ "ކިހެނެއްތަ މިވަނީ؟....ކީއްވެތަ އެންމެން ބިރެއް ފެނިގެން އުޅޭހެން ތިއުޅެނީ....؟؟؟ " ހަލީމު ހުރީ ހައިރާންވެފައިއެވެ. އޭނާ ވާހަކަދެއްކީ އެއްވެސް ކަމެއް ނޭގޭ މީހެއްހެނެވެ. ކޮޓަރިތެރޭގެ ހާލަތު ކޮންމެސްވަރަކަށް ހަމައަކަށް އެޅުނެވެ. އެހެންނަމަ ވެސް އެންމެން ތިބީ ބިރުންނެވެ. ހަލީމުއަށް ވާގޮތެއް އޮޅުން ފިލުވުމަށް ރިޔާޝާ ބޭނުންވިއެވެ. އިޝާރާތުން އެވާހަކަ ނުދެއްކުމަށް ކަރީމުބެ ބުންޏެވެ. " ކަމެއް ނުވޭ!!!! މިމަންމައަށް ހަލީމްކަހަލަ މީހަކު ފެނުނިއްޔޯ!!!... ބިރުވެރި...." ބިރުންހުރިނަމަވެސް ހިއްވަރު ކޮއްފާ ރިޔާޝާ ސަމާސާ ކޮއްލިއެވެ.
" ސާބަސް...މަންމައަށް ހީވެދާނެ ކޮންމެ އެއްޗެއްވެސް" ޖަވާބުގައި ހަލީމްވެސް ކުރީ ސަމާސާއެވެ.
ހަލީމު އެތަނަށް އައީ ޕާރޓީގައި ދިއްލުމަށް ހޯދާފައިވާ ބޮކިފަތިތަށް ބަލައެވެ. ރިޔާޝާގެ ބައްޕަ އެތަކެތި ދިނުމުން ހިނިތުންވެފައި ނިކުމެގެން ހިގައްޖެއެވެ.

ކަރީމުބެއާއި ރިޔާޝާގެ ބައްޕަ ނިންމީ ކައިވެނީގެ ކުރިން އެއްވެސް ގޯހެއް އުޅޭނަމަ އެކަން ރަގަނޅުކުރުމަށެވެ. ކަރީމުބެއަށް ހީވަނީ އެއީ ފަންޑިތަވެރިކަމެއްހެނެވެ. ކަރީމުބެ ބުނާގޮތުގައި އެއީ ކައިވެނި ވިޔަނުދޭން ބަޔަކު ކޮއްގެން އުޅޭ ކަމެއްގެ އަސަރުތަކެކެވެ. އެކަން ހަމައަކަށް އެޅުވުމަށްޓަކައި ކަރީމުބެ ނިންމީ ޖިންނި ކަންކަމުގައި ކިޔަވައި އުޅޭ މީހަކާ ބައްދަލުކުރާށެވެ. ރަށާކައިރީގައި އޮންނަ މުލީގައި ހާލިދު ކިޔާ މި މިހާއަކީ މާމޮޅުމީހެއް ކަމަށްވެއެވެ. ކަރީމުބެ އެމީހާ ރަށަށް ގެނައުމުގެ އިންތިޒާމް ވަގުތުން ހަމަޖެއްސިއެވެ.
ތިރީސް މިނެޓްގެ ލޯންޗު ދަތުރެއްގައި އެމީހާ އަށް ރަށަށް އާދެވޭނެއެވެ. އެހެން ނަމަވެސް ބައެއް ކަންތަށް ނިންމާލާފައި މެންދުރުފަހުގެ ވަގުތެއްގައި ރަށަށް ދާނެކަމަށް ހާލިދު ބުނުމުން ޖެހުނީ ކުޑައިރުކޮޅަކަށް ނަމަވެސް އިންތިޒާރުކުރާށެވެ. އެމީހަކު އެމީހެއްގެ މަސައްކަތުގައި ޝާމިލުވުމަށް ކަރީމުބެ އެދުނެވެ. އަދި އެއްވެސް ކަމެއް ވެގެން އުޅޭކަމުގެ އިޝާރާތެއްވެސް މީހަކަށް ނުކުރުމަށް ބުންޏެވެ.

މަސައްކަތް ގިނަވެފައި ކިތަންމެ ބުރަޔަސް އެންމެނަށް ވެސް އިންތިޒާރު ކުރެވެނީ ހާލިދު އަންނާނެ ވަގުތަކަށެވެ. މަސައްކަތަށް ދެވޭ ސަމާލުކަމަށްވުރެ ބޮޑަށް ވިސްނެނީ ހަލީމުއަށް ވެގެން އުޅޭ ގޮތަކާ ދޭތެރޭގައެވެ. ގަނޑިން މެންދުރު ފަސްވެ 2:30 ވެއްޖެއެވެ. ރިޔާޝާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ކަރީމުއެވެ. ކޮންމެސް ގޮތަކުން ހަލީމު ކަރީމުގެ ރައްޓެހި ޔޫސުފުމެންގެއަށް ގެނައުމަށް ބުންޏެވެ. އެގެއަކީ މީހުންއުޅޭ ހިސާބުގަނޑާއި ދުރުގައި ވަރަށް އާދައިގެ ވަރަކަށް ހަދާފައި ހުންނަ މުސްކުޅި ގެއެކެވެ. ޔޫސުފުބެއަކީ އެކަނި އުޅޭ މީހަކެވެ. މިކަމަށް އެގޭ އެ ހަމަޖެއްސީ ވެސް ގިނަބަޔަކަށް މިކަން ނާންގާ ނިންމާލުމަށް ކަންނޭގެއެވެ.

ކޮންމެއަކަސް ކަރީމްބެ އެދުނުގޮތަށް ރިޔާޝާ ހަލީމު ގޮވައިގެން އެގެއަށް ދިޔައެވެ. ހަލީމުއަކީ ރިޔާޝާ އެދޭގޮތަށް ހުރިހާ ކަމެއް ކުރާ މީހެއްކަމުން މިކަން ކުރާކަށް ރިޔާޝާ އަކަށް އެއްވެސް އުދަގުލެއް ނުވިއެވެ. ގެއަށް ވަންއިރު ގޯތިތެރޭގައިހުރި ޖޯއްޔެއްގައި ކަރީމްބެ އާއި ޔޫސުފްބެ ތިއްބެވެ. ޖޯލިކައިރީ ކޮޅަށް ފެންތައްޓެއް ހިފައިގެން ހާލިދު ހުއްޓެވެ. ޖޯއްޔާ ހަލީމު އަރާ ހަމަވީއިރަށް ހަލީމުގެ މޫނަށް ފެންތަށިޖެހިއެވެ. އެއާއެކު ހީވި މުޅި ގޯތިތެރެއަށް ހުވަންރޯޅިއެއް އަރައިގެން ދިޔަހެނެވެ.ހިރަފުހުގެ ތޫފާނެއް މުޅި ޖައްވަށް ވެރިވިކަހަލައެވެ. އިރުކޮޅަކަށް އެއްވެސް ތަނެއް ނުފެނެއެވެ. ވިއްސައިގެން ގޮސް ރިޔާޝާ ޖެހުނީ އެގޭގެ އޮޅިގަނޑު ބުޑަށެވެ. އުނަގަނޑު ޖެހުނުލެން ބާރުކަމުން ތެދުވެވޭ ވަރެއްނުވިއެވެ. ޔޫސުފުބެއާއި ކަރީމުބެ ވެސް ތިބީ ޖޯލީގައި ބާރަށް ހިފަހައްޓައިގެންނެވެ.

ހާލިދުދެން ކިޔަވާފައި އުކާލިފެންތަށިން މުޅިތަށް ހިމޭންވެއްޖެއެވެ. އެކަމަކު ހަލީމުގެ ހޭވެރިކަމެއްނެތެވެ. ރިޔާޝާ ވެއްޓުނުގޮތަށް ނުތެދުވެވިފައި އޮތީއެވެ. ހަލީމް އެތެރެއަށް ވައްދާ އަށިމަތީ ބޭއްވުމަށް ހާލިދު ބުންޏެވެ. ހަލީމު އެތެރެއަށް ވެއްދުމަށްފަހު ރިޔާޝާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ރިޔާޝާއަށް ޖެހުނީ ހަސްފަތާލުގައި އެޑްމިޓް ވާށެވެ. ހުރިހާކަމެއް ރަގަނޅުވާނެކަމަށް ބުނެ ހިއްވަރު ދިނުމަށްފަހު ކަރީމުބެ ދިޔައީ ހަލީމުގާތަށެވެ.

ޔޫސުފުގެ ގެއަށް ވަދެވުނު އިރު ހާލިދު ހަލީމުގެ ބޮލުގައި އަތްއަޅައިގެން އިދެ ބާރަށް ކިޔަވަމުންދެއެވެ.
"އެއީ ޖިންނި ކަމެކޯ...!!އޭތި ގެންނާށޯ އެކިޔަވަނީ" ކަރީމުގެ ކަންފަތްދަށުގައި ސިއްރުސިއްރުން ޔޫސުފު ބުނި ލަފްޒުތަކުން ކަރީމުގެ ހިތް އިހުނަށްވުރެ ބިރު ގަންނަން ފެށިއެވެ. ދަރިފުޅު ސަލާމަތްވާނެބާއޭ ހިތާ ހިތުން ކަރީމުއަށް ބުނެލެވުނެވެ. ކިޔަވަ ކިޔަވާ އިންދާ މުޅިތަނުން ފާޑެއްގެ ނުބައި ފަރުވަހެއް ދުވަން ފަށައިފިއެވެ. ހޫނު ވައިރޯޅިއެއް ހަށިގަނޑުގައި ބީހުނުހެން ވެސް ހީވިއެވެ. ހަލީމް އަގައިން ނުބައި އަޑުތަކެއް ލައްވާ އަތްފައި ބުޅިކުރަން ފަށައިފިއެވެ.

އަދިވެސް ހާލިދުގެ ކިޔެވުމެއް ހުއްޓައެއް ނުލައެވެ. ކުއްލިއަކަށް ހަލީމު ތެދުވެ އަށިމަތީގައި ފައި ކުރުކޮއްގެން އިށީނެވެ. ހާލިދު ދައްކާ ވާހަކައެއް ދައްކަނީ އަރަބި ބަހުންނެވެ. ހަލީމު ރުޅި ގަދަވެފައި ދެލޯ ރަތް ކޮއްކޮއްފާ ކުރާ ކޮންމެ ސުވާލަށް ޖަވާބުދެއެވެ.
ވާހަކަދައްކަނީ އަރަބިބަހުން ކަމަށްވާތީ އޮޅުންފިލާގޮތެއް ނުވެއެވެ. ހަލީމު ދޭތެރެއަކުން ހާލިދުއަށް ހަމަލާ ދިނުމަށް އަތް ނަގަންވެސް މަސައްކަތްކުރެއެވެ. އެހެން ނަމަވެސް އަތް ހީވަނީ ބަދެވިފައިވާހެނެވެ. އަތް ނުނެގިގެން މީހާ ތެޅިފޮޅެއެވެ. ގަނޑިއެއްހާއިރު މިކަހަލަ ގޮތަކަށް ހޭދަވެއްޖެއެވެ. މޫނު މައްޗަށް ހާލިދުޖެހި ފެންތައްޓާއެކު ހަލީމު ޙަބަރުހުސްވެގެން އަށިމައްޗަށް ވެއްޓުނެވެ. އެހެން ފެންތައްޓެއް ކިޔަވާފައި މޫނާއި ބޮލުގައި އުގުޅާލުމުން ހަލީމު ތެދުވެ އެކި ތަންތަން ހޯދާލިއެވެ.

ކަންތަށް ހިގާދިޔަ ހުރިހާ ގޮތެއް ހާލިދު ކިޔައިދިނެވެ. އެޖިންނިއަކީ އަސްލު ރިޔާޝާއާއި އަޅައިގަނެގެން ހަލީމުއަށް އުދަގޫކުރާ ޖިންނިއެކެވެ. އެރޭގައި ރެގައި މޫދުގޭގައި ތިދެކުދިންގެ މެދުގައި ހިގާދިޔަ ހުރިހާ ކަމެއް އެޖިންނިއަށް ފެނުނު ކަމަށް އޭތިބުނިކަމަށް ހާލިދު ބުންޏެވެ...އަދި އެވަގުތުން ފެށިގެން ރިޔާޝާގެ ހަށިގަނޑަށް ފެންބޮވައިގަނެ އެފުރުސަތުގެ ބޭނުމުގައި ހަލީމުގެ ހަށިގަނޑު ބޭނުންކުރަނީ..ކަމަށާއި.އޭތި އަންދާ ނުލެވުނު ކަމަށް ވެސް ހާލިދު ކިޔައިދިނެވެ..

"އެކަމަކު ވަރަށް މަސައްކަތުން ފޮނުވާލެވުނީ..ދެން އޭތީގެ އުދަގުލެއް ނުވާނެ އިރާދަކުރެއްވިއްޔާ...!" ވީނުވީ އެންމެންނަށް ސާފުކޮއްދިނުމަށް ފަހު ގޮވަމުން ދިއަ އިޝާ ނަމާދު ގެ އަޑު އިވި ހާލިދު އަވަސްވެގަތީ މިސްކިތަށް ދިއުމަށެވެ. ހަލީމު އަވަސްވެގަތީ ރިޔާޝާގެ ޙަބަރެއް ހޯދުމަށްށެވެ.

ހޮސްޕިޓަލުގައި އޮންނަން ޖެހުނަސް ހަލީމު ހެޔޮހާލުގައި ފެނުމުން ރިޔާޝާ ވަރަށް އުފާވިއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުނުކަމުގެ ޙަބަރު ލިބުމުން ރަގަނޅުނުވިޔަސް ހަމަޖެހިފައިވާ ދުވަހު ކައިވެނި ކުރުމަށް ރިޔާޝާ ބެނުންވިއެވެ. އެއީ އެންމެ ރަގަނޅުގޮތްކަމަށް ހަލީމުއަށް ވެސް ޤަބޫލުކުރެވުނެވެ.

ރިޔާޝާ ގެއަށް ދޫކޮއްލިއެވެ. ނަމާދުކޮއްލައިގެން ގެއަށް އަންނާނަމޭ ބުނި ހަލީމުގެ ހަބަރެއްނުވެގެން އެތަށް ފަހަރަކު ރިޔާޝާ ގުޅައިފިއެވެ. ފޯނު އޮންނަނީ ނިއްވާލައިފައިއެވެ. ރިޔާޝާ ހާސްވެ ކަންބޮޑުވާން ފެށިއެވެ. ކަމެއްދިމާވެގެން ގެއަށް ދިޔައީތޯ ޔަޤީކުރުމަށް ހަލީމްގެ ބައްޕައަށް ފޯނުކުރިއެވެ. ހަކީމުބެގެ ފަރާތުން ގެގައި ނެތްކަން އެގުމުން އިތުރަށް ހިތް ބިރު ގަނަން ފެށިއެވެ.
އިތުރަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހަލީމު އައިސް ވަނުމާއެކު ރިޔާޝާ މޫނު ކުނިކޮއްލިއެވެ. " ހާދަ ލަސްވީ" ބޮޑާ ހާކަމުން ރިޔާޝާ އަހާލިއެވެ. "އާ..އަ.އާ .އެ ހާލިދު ބުނެގެން އޭނާ އާއި ބައްދަލު ކުރުމަށް " އާގަންނަމުން ކަހަލަ ގޮތަކަށް ހަލީމު ބުނެލިއެވެ.
ރިއާޝާ ގެ ހާލު ރަނގަޅުކަން ކަށަވަރު ކުރުމަށް ފަހު ހަލީމު ދިޔައީ ގެއަށް ނިދާލާށެވެ. މިއަދުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ. ރިޔާޝާ ވެސް މަންމަ ގެނައި ކިރުތަށިބޯލައިގެން އޮށޯތީ ވާހަކަފޮތެއް ކިޔާލާށެވެ.

ކުއްލިއަކަށް އެއްލި ކަޅިއަކުން ކޮޓަރީގެ އެއްކަނެއްގައި ނުބައި ސިފައެއްޖަހާ އެއްޗެއް ހުއްޓާ ރިޔާޝާއަށް ފެނުނެވެ. ބޮލެއް ގައެއް ވަކިނުވާހާ ބިޔައެވެ. ރަތްކަން ގަދަ ތިން ލޯހުއްޓެވެ. ފެހިޖަހާފައިވާ ގާގަޑެއްގެ ސިފައަށް ހުރި މަޙްލޫޤު ކުއްލި ހަމަލާއެއްހެން އައިސް ރިޔާޝާގެ ގައިގާ ތަތްކޮއްލިއެވެ. ހަޅޭއްލަވަން ބެނުންވިޔަސް އަގަހުރީބަންދުވެފައެވެ. ވަކިހިއްޕާލާފާހުރިލެއް ބާރުކަމުން ރިޔާޝާއަސް ގުޑިވެސް ނުލެވެއެވެ. އެހެން ހަށިގަޑުގައި ހިއްޕާލައިގެން އޮތީ ކިހާ އިރެންވަންދެން ކަމެއްވެސް ނޭގެއެވެ. ނޭވާވެސް ލެވެނީ ކިރިޔަ ކިރިޔާއެވެ. ކުއްލިއަކަށް ތެދުވެ ރިޔާޝާގެ ބޯދަށުގައި އިށީނެވެ. އަދިވެސް ރިއާޝާގެ އަގަހުރީ ބަންދުވެފައެވެ. ދޮވާ ނުބައިވަހުން ހީވަނީ ކުނިވެފައިހުރި ކަރުގޮހޮރު ތަކެއްގެ ތެރޭގައި އޮވެވޭހެނެވެ.

" އަހަރެންނަން ދެން ދުވަހަކުވެސް ރިޔާޝާ މިގޮތަށް ނުލިބިދާނެ !!!..އެމީހުން އެކަމަށް އެބަ ވަރަށް މަސައްކަތްކުރޭ!!! އެކަމަކު އަހަރެނަށް ނުލިބުނިއްޔާ އެކަކަށްވެސް ލިބުނަކަ ނުދޭނަން..." ބަރު އަޑަކުން މިހެން ބުނެފައި އެ ނުބައި ސިފައިގަހުރި އެތި ކުރިމަތިން ގެއްލިގެން ހިގައްޖެއެވެ.

ރިޔާޝާއަށް އަޑުގެ ނެތްތަނަށް ހާޅެއްލަވައިގަނެވުނެވެ. އެއަޑަށް އޭނަގެ މަންމައާއި ބައްޕަ ކޮޓަރިއަށް ވަނެވެ. ދަރިފުޅުގެ ހާލުފެނިފައި އެދެމަފިރިންނަށްވެސް ރޮވިއްޖެއެވެ. ރިޔާޝާ އަޑުން އަޑުނަގާ ރޮނީއެވެ. މުޅިގައިގާ ރިހޭތީ ތެޅި ފޮޅެނީއެވެ. ހިގާދިޔަ ހުރިހާ ކަމެއް ގިސްލަ ގިސްލާފައި ކިޔައިދެމުންދިޔައެވެ. އަނެއްކާވެސް ރިޔާޝާ ހޮސްޕޓަލަށް ގެންދެވުނެވެ. ގައިގެ އެތަން މިތަންވަނީ ދުޅަވެފައެވެ. ނުއުފައިގަނެ ރަތްވެފައި ހުރިތަންތަން ވެސް ހުއްޓެވެ. ޑޮކްޓަރު ދެއްވި އިންޖެކްޝަނަކުން ރިޔާޝާއަށް ނިދޭގޮތްވިއެވެ.
ރިޔާޝާ ނިދިން ހޭލައްވާލީ ހޮސްޕިޓަލުގައި މީހުން ހޯބޯލަވާ ހޭލަމެލަވާ އަޑެވެ. ރިޔާޝާ ކާރީ އިން މަންމަ އެކަމާ ގުޅިގެން ސުވާލުކޮއްލިއެވެ. " އަދި އެހާ ސާފުކޮއް ވެގެން އުޅޭ ގޮތެއް ނޭގޭ.... މަރުވެގެން މީހަކު ލައްޤާފަ އޮތިއްޔޭ ކިޔަނީ" ނަރުސް ކުއްޖާވެސް ވާނުވާ ނޭގޭ ގޮތަކަށް ގޮތަކަށް ޖަވާބުދިނެވެ.

އެހެން މީހުން ފަދައިން ރިޔާޝާގެ މަންމަ ވެސް އެމީހަކު ހޮސްޕިޓަލަށް ގެންނާނެ އިރެއްގެ އިންތިޒާރުގައި ފެނޑާގައި މަޑުކޮއްލައިގެން ހުއްޓެވެ. އެމްބިއުލާންސް އިން އެމީހާ ބޭލިއިރު ފަހަތުން ހަލީމުގެ މަންމައާއި ބައްޕަ ރޮމުން ހޭރެމުން އަންނާތީ ފެނުމުން އޭނާ ހައިރާން ވިއެވެ. އެހެންނަމަވެސް އެދުގައި އެތަށް އަނިޔާއަކާއެކު މަރުވެފައިއޮތް ހަލީމު ފެނުމުން ފައިދަށުން ބިންގަނޑު ދެމިގަތެވެ.

ދުވެފައި ވަދެވުނީ ރިޔާޝާގެ ކައިރިއަށެވެ."ދަރިފުޅާ!!! ހަލީމު.." އިތުރަށް ރިޔާޝާ މަންމައަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ރިޔާޝާއަށް ބުނަންއުޅުނު އެއްޗެއް އެގުނު ކަހަލައެވެ. ދުވެފައި ތެޅެމުން ކަހަލަ ގޮތަކަށް ނިކުމެ އެމެޖެންސީ ރޫމަށް ދިއުމަށް މިސްރާބުޖެހިއެވެ. ރިޔާޝާ ހުއްޓުވި ހަލިމުގެ ބައްޕައެވެ. " ދަރިފުޅާ...ހަލީމު ނިޔާވެއްޖެ" ބައްޕަގެ މިލަފުތަށް އަޑުއިވުމާއެކު ރިޔާޝާގެ ގައިން ބާރުދޫވެ ކަރީމްގެ އަތްމައްޗަށް ހަބަރު ހުސްވެގެން ވެއްޓުނެވެ.

ރިޔާޝާއަށް ހޭވެރިކަން ވީއިރު ހަލީމުގެ ކަށުކަމާ ކެމީގެ ހުރިހާ ކަމެއް ނިމިއްޖެއެވެ. ހުރިހާ އެންމެންވެސް މޮޅިވެރިކަމާއެކު ރިޔާޝާގާތުގައި ތިއްބެވެ. އެހިމޭންކަން ނަގާލީ ހާލިދުގެ އަޑެވެ. " ކަންތަށް ވިގޮތާމެދު ހިތާމަކުރަން.. އޭރުވެސް އަހަރެން ބުނިން އިޝާ ނަމާދުން ފައިބައިގެން ބައްދަލު ކޮށްލަން ބޭނުން ކަމަށް. އެކަމަކު ހާލީމެއް ނާދޭ..." ހާލިދުގެ ވާހަކައިން ރިއާޝާ އަށް ހައިރާންކަން ލިބުން ނަމަވެސް ހުރިހާ ކަމެއް އޭނާއަށް ވިސްނިއްޖެއެވެ.

ޑޮކްޓަރުގެ ރިޕޯރޓް ބުނާގޮތުން ހަލީމު މަރުވިތާ 9ވަރަކަށް ގަނޑިއިރު ވެދާނެއެވެ. އެހެންކަމުގައި ވަނީނަމަ ރޭގަ ރިޔާޝާ ހޮސްޕިޓަލުން ގެއަށް ގެންދިޔައީ ހާލީމެއްނޫނެވެ. ހަލިމުނަމަ ދޮގު ނުހެދީހެވެ. ރޭގައި އެ ޖިންނި އެއްވެސް މީހަކަށް ރިޔާޝާ ނުލިބެނެ އެބުނީ ހަލީމު މަރުވެފައިވާތީވެ. އަދި ދުރުކުރަން އުޅޭކަމަށާއި ދެން އެގޮތަށް ބައްދަލު ނުވާނެކަން އެބުނީ ކީތްވެކަން ވެސް ރިއާޝާ އަށްއެނގިއްޖެއެވެ.

ހިތާހިތުން އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ. ކުރެވުނު ފާފައިގެ ސަބަބުން ދިރިއުޅެން މިޖެހުނު ގޮތާ ދޭތެރޭ ރިޔާޝާ ހިތްދަތިވިއެވެ. އެރޭ އެ ހާދިސާ ބަދަލު ކުރަން ރިއާޝާ ބޭނުން ވިއެވެ. އެހެން ނުވިނަމަ ހިކާ ރަނގަޅު ވީސްހެއްޔެވެ. މައްސަލައަކީ އެ މަޙްލޫޤެއް ނޫނެވެ. އެ ދެމެދުގައި ހިނގި ހާދިސާއެވެ. މުޅި ދުނިއެ ބަނަވެ ހަތަރު ފަރާތުން މޮޅީގެ ސާލު އޮޅާލައިގެން ރިއާޝާ އިނީ ކަރުނަ ހިލިފައިވާ ހާލުގައިއެވެ.

- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ މަރްޔަމް ސާމިލާ މުޙައްމަދު،ހދ.ފިނޭ/ ނަސީމީ ހިޔާ އެވެ. ވާހަކަ ހުށައަޅާދިނީ ފާތުމަތު ސަމާ ހދ.ފިނޭ އޯޝަން ވިލާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 19 ރަމަޟާން 1442 އެވެ.