2019 ވަނަ އަހަރު އެންމެ ބޮޑު ބްލޮކްބަސްޓަރ ފިލްމު "ވޯ" އަށްފަހު ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ދިޕީކާ ޕަޑްކޯނާއެކު ލީޑް ރޯލުން ފެނިގެންދާ އެކްޝަން ތްރިލަރ ފިލްމު "ފައިޓަރ" އިންނެވެ. އެ ފިލްމަށްފަހު ދެން ފެނިގެންދާނެ މަސައްކަތެއްގެ ވާހަކަ ރިތިކް އެއްވެސް ވަރަކަށް ދައްކާފައެއް ނުވެއެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން ރިތިކް ކުޅެން ނިންމި "ވިކްރަމް ވޭދާ" އޭނާ ވަނީ ދޫކޮށްލަން ނިންމާފައެވެ. ތަމަޅަ ފިލްމުގެ ހިންދީ ރީމޭކް މި ފިލްމަކީ ކުރިން އާމިރް ޙާން ކުޅެން ހަމަޖެއްސި ފިލްމެކެވެ. ރިތިކަށް މި ފިލްމު ލިބުނީ އާމިރު ދޫކޮށްލުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ރިތިކް މި ފިލްމު ދޫކޮށްލާފައި މިވަނީ ފިލްމުގެ ހުރިހާ މަސައްކަތެއް ފަށަން ތައްޔާރުވެފައިވަނިކޮށެވެ.
ސައިފް އަލީޚާނާއެކު ރިތިކް ފެނިގެންދާ މި ފިލްމަށް ތައްޔާރުވުމަށް ރިތިކް ޑައިޓް ކުރަން ފަށާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ރިތިކްގެ މަސައްކަތްތައް ގިނަ ފަހަރު ޔަޤީންވާނީ އޭނާ އެ ފިލްމެއްގެ ޝޫޓިންތައްވެސް ފަށާ ފަހުންނެވެ. އިންޑިއާގައި މިހާރު އޮތް ފުރަބަންދުގެ ކުރިން ސައިފް އާއެކު ރިތިކްވެސް ފިލްމުގައި މަސައްކަތްކުރުމަށް ޝެޑިއުލްކޮށް އަގުވެސް ވަނީ ކަނޑައަޅާފައިކަމަށާއި ނަމަވެސް މިހާރު ރިތިކް ވަނީ ފިލްމު ނުކުޅެން ނިންމާފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިތިކް "ވިކްރަމް ވޭދާ" ގައި މަސައްކަތް ކުރަން ނިންމީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ދައްކަން ހަމަޖެހިފައިވާ އިނގިރޭސި ކުރު ސިރީޒްގެ އެޑަޕްޓޭޝަނެއް ކަމަށްވާ ސިރީޒް "ދަ ނައިޓް މެނޭޖަރ" އޭނާއަށް ހުށައެޅުމުން އެ ޕްރޮޖެކްޓް ދޫކޮށްލުމަށްފަހުއެވެ. އެހެންނަމަވެސް ރިތިކް އޭނާގެ ނިންމުން ބަދަލުކޮށް " ދަ ނައިޓް މެނޭޖަރ" ކުޅެން ނިންމާފައިކަމަށް ޚަބަރުތައް ބުނެއެވެ. ރިތިކް ފިލްމު "ވިކްރާމް ވޭދާ" ގެ ރީމޭކް ދޫކޮށްލީކަމެއް ނުވަތަ ދޫކޮށްލި ސަބަބެއްވެސް އަދި ހާމައެއް ނުކުރެއެވެ.
ޕުޝްކަރް ގައިތްރީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތްރިލަރ ފިލްމު "ވިކްރަމް ވޭދާ" އަކީ 2017 ވަނަ އަހަރު ނެރުނު ޓަމިލް ފިލްމެކެވެ. "ތްރީ އިޑިއަޓްސް" ، "ރަންގްދެ ބަސަންތީ" އަދި "ތަނޫ ވެޑްސް މަންނޫ" ފަދަ ފިލްމުތަކުން ފެނިފައިވާ މާދަވަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ޕޮލިސް އޮފިސަރ އަކާއި ގޭންގްސްޓާރ އަކާ ދެމެދު ހިނގާ ކުރިމަތުލުންތަކެކެވެ.