ކުޅިވަރު

އޭއެފްސީ ކަޕް ކުރިއަށްދާނީ ރާއްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން - މަހުލޫފް އަދި ބާއްސާމް


އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ބާއްވާއިރު، ރާއްކަތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.

ރާއްޖޭގައި އޭއެފްސީ ކަޕްގެ ކޮލިފައިންއާއި އޭއެފްސީ ކަޕްގެ މެޗްތައް ބާއްވަން ތައްޔާރުވަމުންދާއިރު، މިއީ ރައްކާތެރިކަމެއް ނޫންކަމަށް ބުނެ ބައެއްފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަކީ ރައްކާތެރިކަމެއްނޫންކަމަށް ދެކެވޭ ވާހަކައަކީ ދޮގުވާހަކައެއްކަމަށާއި މިއީ ހެލްތް މިނިސްޓްރީ އާއި އެޗްޕީއޭއާއެކު މަޝްވަރާ ކުރެވިގެން ހާއްސަ ގައިޑްލައިންއެއްގެ ދަށުން ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ. އަދި ރާއްޖޭގައި އޭއެފްސީ ކަޕް ބޭއްވުމުގެ ފުރުސަތު ގެއްލުނަނުދީ މިއަދުގެ ސަރުކާރުން މިފުރުސަތު ތަނަވަސްކޮށްދިނުމަކީ މިއަދުގެ ސަރުކާރުން ކުޅިވަރަށް ދޭ އަހަމިއްޔަތުކަން ދައްކުވައިދޭކަމެއްކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ބާއްވަނީ އެހެން އެއްވެސް ފަރާތަކުން އަޅާފައިނުވާ ފެންވަރަށް ފިޔަވަޅުތައް އަޅައިގެންކަމަށާއި މިއީ ނަމުނާ މުބާރާތަކަށްވެގެންދާނެކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗް މިމަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗްގައި ބައްދަލުކުރާނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީއެވެ. މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސެޓޭޖުން ޖާގައެއް ލިބޭނެއެވެ. މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ އެޗްޕީއޭއިން އެކުލަވައިލާ ގައިޑްލައިނަށްވުރެ ކޯވިޑް-19އާއި ގުޅިގެން މެޗްތައް ކުރިއަށް ގެންދިއުމަށް އޭއެފްސީއިން އެކުލަވާލައިފައިވާ ގައިޑްލައިންތައް މާހަރުކަށިކަމަށެވެ.

"މިމުބާރާތުގައި ބައިވެރިވާ އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ބަންގަލްލަދޭޝްގެ މޯހަން ބަގާންކަމަށްވިއަސް މިޓީމުތައް މިހާރު ހައެއްކަ މަސްދުވަސްވެއްޖެ އެއްކޮށް އުޅޭތާ، ވަކިން ކަރަންޓީނުވެގެން. އަދި މިގުރޫޕްގެ މަޒިޔާ އަދި ވަންނާނެކަމަށް ބެލެވޭ ކުލަބް އީގަލަސްވެސް އެއް ހޮޓަލެއްގައި ކޭންޕް ކުރުމަށްވަނީ ހަމަޖެހިފަ. އެއްވެސް ޓީމްއަކަށް ހޮޓަލުންވެސް ނުނިކުމެވޭނެ. ފުލުހުން ހޮޓާތައް ކައިރީގައި ބައިތިއްބަން ޖެހިއްޖެނަމަ ފުލުހުންވެސް ތިބޭނެ. ހޮޓާތަކަށް ވަނުމުގެ ކުރިން ހުރިހާ ކުޅުންތެރިން ޕީސީއާރު ޓެސްޓް ހެދުމަށްވަނީ ހަމަޖެހިފަ. އޭއެފްސީގެ ގައިޑްލައިންގައި އަދި މާހަރުކަށިކޮށް މިއޮތީ. މެޗް ނިންމާފައިވެސް ރެންޑަލް ސާންޕަލް ނަގާފާނެ، ހޮޓަލުގައި ހުއްޓަވެސް ރެންޑަލް ސާންޕަލް ނަގާގޮތަށް އޮތީ. މިއީހަމައެއް ބަބުލްއެއްގެ ތެރޭގައި ހިގާނެކަމެއް." ޔޫތު މިނިސްޓަރ މަހުލޫފް ބުންޏެވެ.

މިޕްރެސްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް މިއީ އެންމެ ރަގަނޅު ވަގުތަށް ނުވެދާނެކަމެއްކަމަށާއި ނަމަވެސް މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ވަރުގަދައަށް އަޅައިގެން ކުރިއަށްގެންދާ މުބާރާތެއްކަމުގެ ޔަގީންކަން އެފްއޭމުން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ބައްސާމް ވިދާޅުވިއެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގައި މިހަރު އޮތީ ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ އާއި އިންޑިޔާގެ ޗެންޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. މިގުރޫޕްގެ ފަހު ޖާގަ ލިބިގެންދާނީ އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ވާދަކޮށް މޮޅުވާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖްގެ މެޗްތައް ކުރިއަށްދަނީ މިމަހުގެ 14 އިން 21އަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގުރޫޕް ސްޓޭޖްގެ އޯގަނައިޒިންގެ ބޮޑުބައި ކުރިއަށްގެންދާނީވެސް އޭއެފްސީގެ ބޭފުޅުން ރާއްޖެއައިސް އެބޭފުޅުންގެ ބެލުމުގެ ދަށުންކަމެވެ. އަދި ރާއްޖޭގައި ބައިނަލަގްވާމީ މުބާރާތްތައް ބޭއްވިގެން ދިއުމަކީ ގިނަ ޒުވާނުންގެ އެދުމެއްކަމަށާއި މިކަން ރަގަނޅަށް ކުރެވިއްޖެނަމަ، އިތުރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެއަށް ލިބިގެންދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

"މުބާރާތުގެ ކަންތައްތައް ވަރަށް ގާތުން އޭއެފްސީއިން ބަލަމުން ގެންދާނެ. ރޭންޑަމް ސާމްޕަލިން އާއި ކޮވިޑް ޓެސްޓް ކުރުމުގެ ކަންތައްތައްވެސް ކުރިއަށްދާނެ. މިއީ ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އެފްއޭއެމްއިން ޔަގީންކަން އަރުވަން ބޭނުންވޭ ވަރަށް ބޮޑަށް ރާއްކާތެރިކަމުގެ ފިޔަވަޅުތަށް އަޅއިގެންކަން މެޗުތައް ކުރިއަށްދާނީ. މިއީ ހާއްސަ ބަބުލްއެއް. މީގެއިން އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއްވެސް އާންމު ރައްޔިތަކާއި ދިމާލެއް ނުވާނެ. ރާއްޖެ އަންނަ ޓީމްތަކަށްވެސް ހަމައެކަނި ދެވޭނީ ޓްރެއިނިންއަށް. އެއަށްފަހު ދެން ހޮޓަލުން ނިކުންނާނީ މެޗަށްދާން އެކަނި. އިތުރު އެއްވެސް ތާކަށް އެއްވެސް ޓީމަކަށް ނުދެވޭނެ." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.