ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަނޫޕަމް ކޭރްގެ އަންހެނުން ބަތަލާ ކިރަން ކޭރް ލޭގެ ކެންސަރު ޖެހި ފަރުވާ ހޯދަން ފަށައިފައިވާ ވާހަކަ މީޑިއާތަކުން މީގެ ކުރިންވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ދާދިފަހުން ކިރަން މަރުވި ޚަބަރުތަކުގެ ވާހަކަ މިވަނީ ދެކެވެން ފަށާފައެވެ.
މި ވާހަކަތަކާއި ގުޅިގެން އަނޫޕަމް ވަނީ ވަރަށް ބޮޑަށް ރުޅި އައިސް ހިތްހަމަ ނުޖެހިފައެވެ. އަނޫޕަމް އޭނާގެ ޓްވިޓަރގައި ބުނީ ކިރަން ހާލު ރަގަޅުކަމަށާއި ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ކިރަން މިހާރު ފުރިހަމަކޮށްފައިވާކަމަށެވެ. އަދި ކިރަން މަރުވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތެއްކަމަށްވެސް އަނޫޕަމް ވަނީ ބުނެފައެވެ. އަދި މިކަހަލަ ދޮގު ޚަބަރުތައް ނުފެތުރުމަށްވެސް އަނޫޕަމްވަނީ ގޮވާލާފައެވެ.
There is a rumour going around about #Kirron’s health. It is all false. She is doing absolutely fine. In fact she got her 2nd vaccination done for COVID this afternoon. I will request people not to spread such negative news. Thanks. Stay safe. ? @KirronKherBJP
— Anupam Kher (@AnupamPKher) May 7, 2021
ކާމިޔާބު ގިނަ ފިލްތަކަކުން ފެނިގެން ދިޔަ ކިރަން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިޔާސީ ދާއިރާގައެވެ. ކިރަންއަށް ލޭގެ ކެންސަރު ޖެހުނުކަން އެންމެ ފުރަތަމަ ކަށަވަރުކޮށް ދީފައިވަނީ ކިރަން ނިސްބަތްވާ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޗަންދީގަރުގެ ރައީސް އަރުން ސޫދެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ކިރަން އަންނަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މައިލޯމާ އަށް ފަރުވާ ހޯދަމުންނެވެ.
ދާދިފަހުން އަނޫޕަމް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނި ކިރަންގެ ހާލު ރަގަޅުވަމުން އަންނަކަމަށާއި ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ ވަރަށް ރަގަޅު ޑޮކްޓަރުންގެ ޓީމަކުންކަމަށެވެ. ނަމަވެސް ފަރުވާއަށް ދީފައިވާ ބޭސްތަކުގެ ސަބަބުން ގިނަ ސައިޑްއިފެކްޓްސްތަކެއް ކުރިމަތިވަމުން އަންނަކަމުގައި އަނޫޕަމް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައިވާ ކިރަން އާއި އަނޫޕަމް ކައިވެނިކުރީ 1985 ވަނަ އަހަރުއެވެ. ކިރަންގެ ކުރީގެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައެވެ. ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ 68 އަހަރުގެ ކިރަން އަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ޗަންދީގަރް ތަމްސީލުކުރާ މެމްބަރެވެ.