މުނިފޫހިފިލުވުން

ޖާންވީ ވަކިރަން އެދުމުން ވަކިކުރީ ކާތިކް


ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ސީކުއަލް "ދޯސްތާނާ 2" ގެ ކާސްޓުން ހޮވައި ކަރަންގެ ޓްވިޓަރގައި ހިއްޞާކުރި ފަހުން ދެން ދެކެވެން ފެށީ ފިލްމުގެ ލީޑުރޯލުން ފެނިގެންދާ ތަރި ކާތިކް އާރްޔަން ފިލްމުން ވަކިކުރި ވާހަކަތަކެވެ. ކާތިކް މި ފިލްމުން ވަކިކުރީ ސަބަބުތައް ކަމަށްބުނެ މީޑިއާގައި އެތައް ވާހަކައެއް މިހާތަނަށްވަނީ ފެންމަތިވެފައެވެ. ނަމަވެސް ކާތިކް އަދި ކަރަންވެސް މިކަމާބެހޭގޮތުން އެއްވެސް އެއްޗެއް މިވީހާތަނަށް ބުނެފައި ނެތުމުން މިއިން އެއްވެސް ވާހަކައަކީ އެހާ އޮއްޓަރެއްހުރި ވާހަކަތަކެއް ކަމަށް އަދި ނުބެލެވެއެވެ.

ކާތިކް ފިލްމުން ވަކިކުރުމަށްފަހު ފިލްމުގައި އޭނާގެ ރޯލް ކުޅޭނެ ތަރިއަކު ކަރަން ހޯދާ މި ދަނޑިވަޅުގައި އަނެއްކާވެސް މިވަނީ އެހެން ވާހަކައެއް ފެންމަތިވެފައެވެ. ފިލްމުގެ ބަޠާލާ ޖާންވީ ކަޕޫރާއި ކާތިކްގެ ރަޙްމަތްތެރިކަމިގެ ގުޅުން މިދިޔަ ޖެނުއަރީގައި ކެނޑުނު ފަހުން މި ފިލްމުގައި މަސައްކަތްކުރަން ކާތިކަށް އުދަނގޫވި ވާހަކައެވެ. ތާރީޚްތައް ބަދަލުކުރާވަރުން ޝޫޓިން އޮތީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އެންމެފަހުން ކާތިކް ވަނީ "ދޯސްތާނާގެ 2" ގެ ބަދަލުގައި އެހެން ފިލްމެއް ހަދަންވެސް ޑައިރެކްޓަރަށް ލަފާދީފައެވެ. އަދި ދެން ފިލްމު ކުޅޭނީ ޖާންވީ ފިލްމުން ވަކިކުރުމުން ކަމަށްވެސް ކާރްތިކް ވަނީ ބުނެފައެވެ. މި މައްސަލައިގައި ކަރަން އަށް އެންމެފަހުން ޖެހުނީ ގާތްގަޑަކަށް 60 އިންސައްތައިގެ ޝޫޓިން ނިމި އެތައް ކްރޯޑެއް ޚަރަދުކޮށްފައިވާ މި ފިލްމުން ކާތިކް ވަކިކުރާށެވެ.

ކާތިކްގެ ބަދަލު ފިލްމުގައި ދެން ފެންނާނެ ތަރިއަކާމެދުވެސް މީޑިއާތަކުގައި ދަނީ ވާހަކަތައް ދެކެވުމުންނެވެ. އަކްޝޭ ކުމާރު، ވަރުންދަވަން، ސިދތް މަލޯތްރާ ރާޖްކުމާރު ރާއޯ އަދި ސިދާތު ޗަތްރުވެދީ އަކީ މި ލިސްޓްގައި ހުރި ނަންތަކެވެ.

ކާތިކް ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ނިންމާލާފައިވާ އިރު، މިހާރު އަންނަނީ އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެކެވެ.

ދެހާސް އެގާރައިގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ތައާރަފުވި ކާތިކް މަޝްހޫރުވެގެން ދިޔައީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ. އެންމެ ފަހުން ރިލީޒްވި އޭނާގެ ފިލްމަކީ މިދިޔަ އަހަރު ކުރީކޮޅު ގެނެސްދިން "ލަވް އާޖް ކަލް" އެވެ.