މުނިފޫހިފިލުވުން

ވާހަކަ: އެ ހަނދާން ހިތަކުން ނުފިލާނެއެވެ...


ފަރީދަށް ހޭވެރިކަމެއް ވީއިރު، ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރޭހެން އޭނާއަށް ހީވެއެވެ. ބޮލުގައި ރިއްސާވަރުން ކެތްނުކުރެވިގެން ދެއަތުން ވަރަށް ބާރަށް ބޮލުގެ ދެފަރާތުގައި އަތް އެޅުނެވެ. އިރުކޮޅެއް ފަހުން ވަށައިގެންވާ މާޙައުލުގައި ހިނގަމުންދާ ކަންތައްތައް މަޑުމަޑުން ސިފަވާން ފެށިއެވެ. އޭނާ އޮށޯވެގެން އޮތް އެނދުގެ މަގަތުގައި ހުރި ގޮނޑިއެއްގައި، މަޑުމައިތިރިކަމާއެކު އިށީނދެގެން އެއިނީ އޭނާގެ އަންހެނުން އައިޝާއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ދެ ނަރުސް ކުއްޖަކު ކޮޓަރި ތެރޭގައި އެވަގުތު ހޭލަމޭލަވަމުން ދެއެވެ. އިތުރު އެއްވެސް މީހަކު އެތާކު ނެތެވެ. އެއީ ކުޑަ ކޮޓަރިއެކެވެ.

ފަރީދު ހަރަކާތްކުރާތަން ފެނުމާއެކު، އައިޝާއަށް ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނެވެ. އެވަގުތު ކޮޓަރި ތެރޭގައި އުޅުނު ނަރުސް ކުދިންގެ ތެރެއިން އެއް ކުއްޖަކު އައިސް ފަރީދުގެ ބީޕީ ޗެކްކޮށްލިއެވެ. ޑޮކްޓަރަށްވެސް އާދެވުނީ ހަމަ އެދަނޑިވަޅުގައެވެ. ފަރީދުގެ އަންހެނުން އައިޝާ ހުރީ ޑޮކްޓަރު ބުނާނެ އެއްޗަކަށް ކެތް މަދުވެފައެވެ. ޑޮކްޓަރު ފަރީދުގެ ޙާލަތު އެކި ގޮތްގޮތަށް ބަލައި ޗެކްކުރުމަށްފަހު މިހާރު ފަރީދުގެ ޙާލު ކުރިއަށްވުރެ ރަނގަޅުކަމަށާއި، މާދަމާ ވޯޑަށް ބަދަލުކުރުމަށް ނަރުސް ކުދިން ގާތުގައި ބުންޏެވެ. އެތަނުގައި އެހިނގާ އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށްވުރެ، ފަރީދުގެ ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ.

ފަރީދުގެ ލޯ އަނެއްކާވެސް މަޑުމަޑުން މެރެމުން ގޮސް ނިދިއްޖެއެވެ. އައީޝާ ގޮނޑިން ތެދުވެ ކޮޓަރިތެރޭގައި ހިނގަން ފެށިއެވެ. އޭނާ އަދިވެސް ހުރީ ކަންބޮޑުވެފައެވެ. އެހެނަސް، ޑޮކްޓަރުގެ އެ އުންމީދީ ބަސްކޮޅުގެ ސަބަބުން ކުރިން ލިބެމުން އައި ހާސްކަން މިހާރު ކޮށްމެވެސް ވަރަކަށް ކުޑަ ވެއްޖެކަން ޚުދު އޭނާއަށްވެސް އިޙްސާސް ކުރެވެން ފެށިއެވެ. މިހާރު އޭނާ އެ ވިސްނަމުން ދަނީ ދަރިފުޅާ މެދުގައެވެ. ފަރީދު އެކްސިޑެންޓް ވި ޚަބަރު ލިބުމާއެކު، ވީ އެންމެ އަވަހަކަށް ދޮންބެމެން ގެއަށް ދަރިފުޅު ލުމަށްފަހު އޭނާ ފުރީ މާލެ އައުމަށެވެ. ރޭ ދަންވަރު އައި ގޮތަށް، މިހާރު އަނެއް ދުވަހުގެ އިރު އޮއްސެނީއެވެ. ދޮންބެވެސް ފަރީދުގެ ޙާލު އޮޅުންފިލުވުމަށް އިރުއިރުކޮޅުން ގުޅައެވެ. ދޮންބެއާ ފަހަރިއާ ދެމީހުން ވެގެން ދަރިފުޅު ރަނގަޅަށް ބަލާނެކަން އެނގުނުކަމުގައި ވިޔަސް، ދަރިފުޅު ކުޑަކޮށް ހުން އައިސްފައި ހުއްޓާ ބަހައްޓާފައި އަންނަން ޖެހުމުން ހިތް ނުތަނަވަސް ވަނީއެވެ.

ޖެހިގެން އައި ދުވަހު ފަރީދު ވޯޑަށް ބަދަލުކޮށްފިއެވެ. އޭނާގެ ހާލު މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅެވެ. ފަރީދަށް ނިދިން ހޭލެވުނުއިރު، އައިޝާ ކައިރީގައި އިނެވެ. އައިޝާއާ ޖެހިގެން ކައިރީގައި ކޮޅަށް އެހުރީ ފަރީދުގެ އެންމެ ގާތް އެކުވެރިޔާ އާރިފެވެ. ފަރީދު އުނދަގުލުން ނަމަވެސް ވާހަކަ ދައްކަން ފެށިއެވެ. "ކޮ...ކޮބާ؟ ކޮބާ މަގޭ ފޯނު؟" އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ކޮންމެވެސް ކަމެއް ހަނދާންވެގެން އުޅޭ ކަހަލައެވެ. އެތަން ފެނިފައި އޭނާގެ އަންހެނުންނާއި އާރިފްވެސް ކައިރިއަށް ޖެހިލިއެވެ. " އެކްސިޑެންޓް ވީއިރު، ފަރީދުގެ ފޯން ހަލާކުވެފައިވީ..." އާރިފް ވާހަކަ ދެއްކިއެވެ. "ކީއްކުރަންތަ އެހާވަރަކުން ފޯނު ތިހޯދަނީ؟ ޑޮކްޓަރު ބުނެފައިވަނީ އެހާވަރަށް ނުވިސްނާށޭ. އަރާމުކުރާށޭ. އިހަށް ހަމަޖެހިބަލަ..." އައިޝާ ފަރީދުގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. "ދީބަލަ އައިޝާގެ ފޯން..." އަދިވެސް ފަރީދަށް ހަމަޖެހިލެވޭ ވަރެއް ނުވެއެވެ. އައިޝާ އޭނާގެ އަތްދަބަހުން ފޯނު ނަގައި ފަރީދު އަތަށް ދިނެވެ. ފަރީދު އަވަސްއަވަހަށް ފިތްތަކަށް އޮބާލިއެވެ. ހައެއްކަ ފަހަރު މަސައްކަތްކުރުމުންވެސް އޭނާ އެ ގުޅަން މަސައްކަތްކުރާ ނަންބަރަކަށް ގުޅޭ ގޮތެއް ނުވިއެވެ. ފަރީދުގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އިތުރުވިއެވެ. އެވަގުތު އައިޝާ ސުވާލުކުރިއެވެ. "ކިހިނެއްވީތަ؟ ކާކަށް ތިހާވަރަށް ތިގުޅަނީ؟". "ރައްޓެއްސަކަށް". ފަރީދު ދިނީ ކުރު ޖަވާބެކެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވައިދެން ފަރީދު ބޭނުމެއް ނުވިއެވެ. އައިޝާއަށް އެކަން ފާހަގަކުރެވުނު ނަމަވެސް، ވަގުތުގެ ގޮތުން އަޅާނުލާ ދޫކޮށްލީއެވެ.

ފަރީދަށް އޭނާގެ ޙާލާ މެދުގައި ވިސްނައިލެވުނީ ދެނެވެ. އެކްސިޑެންޓްގެ ސަބަބުން އޭނާގެ ބޯވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. ބޮލުގައި ބޭސްއަޅައި ވަށައިގެން ވަނީ ބެންޑޭޖް އޮޅާފައެވެ. އޭނާ އާރިފަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އެއަށްފަހު އައިޝާއާ ސުވާލުކޮށްލިއެވެ. "ކޮބާ ދަރިފުޅު؟ ކިހިނެއް މިހާރު ހާލު؟". "ދޮންބެމެން ގޭގައި. ފަރީދު އެކްސިޑެންޓްވި ޚަބަރު ދިނީ ދޮންބެ. ހަމައެވަގުތު ލޯންޗުގައި މިކޮޅަށް އައީ. މިއަދު ހެނދުނު ލޯންޗުގައި ދަރިފުޅު ގޮވައިގެން މާލެ އައުމަށް ދޮންބެ ފުރައިފި. މިހާރު އުޅޭނެ ލެފެން. " އައިޝާ އޮޅުންފިލުވައިދިނެވެ. ފަރީދު ވަނީ އޭނާގެ ދެލޯފަދަ ދަރިފުޅު ދެކެލުމަށްޓަކައި ކެތް މަދުވެފައެވެ. އިރުކޮޅެއްފަހުން އާރިފް އެތަނުން ހިނގައްޖެއެވެ. "އަހަރެން ދަންތަ ދަރިފުޅު ގޮވައިގެން އަންނަން؟" އައިޝާ އޯގާތެރިކަމާއެކު ފަރީދު ގާތުގައި އަހައިލިއެވެ. "އާނ... އެންމެ ރަނގަޅު!" ފަރީދު ހިނިތުންވެލަމުން ބުންޏެވެ. "ފަރީދު އޯކޭ ވާނެތަ؟ ޔަގީންތަ؟" އައިޝާ ފަރީދުގެ ބޮލުގައި ފިރުމާލިއެވެ. "އާނ، އޯކޭއޭ" ފަރީދުގެ ހިނިތުންވެލިއެވެ. އައިޝާ ދިޔުމުން، ފަރީދު އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. ކުރިން އޭނާ ގުޅަން މަސައްކަތްކުރި ނަންބަރަށް ގުޅުމަކީ ކޮންމެހެން އޭނާ މިވަގުތު ކުރަން ޖެހޭ ކަމެކެވެ. ނޫންނަމަ، އޭނާގެ އެކްސިޑެންޓްގެ ޚަބަރު ދޭން އެންމެ ބޭނުން މީހާއަށް ނުލިބޭނެކަމާއި، އަދި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރަނގަޅު ނުވާނެކަން ފަރީދަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަނެއްކާވެސް ކުރިން ގުޅި ނަންބަރަށް ގުޅޭތޯ އޭނާ މަސައްކަތްކޮށްލިއެވެ. ނަމަވެސް އޭނާ އިތުރަށް ނާއުންމީދު ވުމުން ފޯން ބޭއްވިއެވެ. މިވަގުތު އިތުރަށް ކުރެވޭނެ އެހެން ކަމެއް ނެތްކަން އެނގުމުން، ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އޮށޯވެލިއެވެ. އެނދުމަތީގައި ވިސްނަން އޮވެ، ވޭތުވެ ދިޔަ ދުވަސްތަކުގެ ޚިޔާލުގެ ތެރެއަށް ފީނައިގަތެވެ.

އެއީ 2018 ވަނަ އަހަރު ޖެނުއަރީމަހުގެ 18 ވަނަ ދުވަހެވެ. ކޮލެޖްގައި ފުރަތަމަ ދުވަސްކަމުން އެދުވަހު ފަރީދު ވަރަށް އަވަހަށް ކުލާހަށް ދިޔައެވެ. ގަޑިނުޖެހި ދިޔުމުގެ ބޭނުމުގައެވެ. ފަރީދު އިށީންދެގެން އިނީ ފަހަތު ބަރިން ގޮނޑިއެއްގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދޮރާ ދިމާލަށެވެ. ކުއްޖަކަށްފަހު ކުއްޖަކު ވަންނަމުން ދިޔައިރު، ފަރީދުގެ ސަމާލުކަން އަމާޒުވީ މަޑު ނޫކުލައެއްގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރި އިސްކޮޅާއި ރޫފަ ހެޔޮވަރުގެ އަންހެން ކުއްޖަކަށެވެ. ކަޅު ޝޯލަކުން އޭނާގެ އިސްތަށިގަނޑާއި މޭމަތި ނިވާކޮށްލައިގެންހުރިއިރު، އެކަޅުކުލައިން އޭނާގެ މޫނުގެ ދޮންކަން އިތުރަށް ފާޅުކޮށްދެއެވެ. ޔަގީނެވެ. އެފަދަ ރީތިކަމެއް ފަރީދަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެކުއްޖާ އޭނާގެ ރަހުމަތްތެރި އެހެން ދެތިން ކުދިންނާއެކު ހީ ސަމާސާކުރަމުން ކްލާސްތެރެއަށް ވަދެގެން އައެވެ. އޭނާގެ ހިނިތުންވުން ބަލާފޫހިނުވާހާ ހިތްގައިމެވެ. އެ ހިނިތުންވުން ފެންނަ އެހެން މީހުންވެސް، ހިތްހަމަޖެހިގެން ދާނެކަން ކަށަވަރެވެ. އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ގެއްލިފައި އިން ފަރީދަށް ރޭކާލީ މުދައްރިސް އައިސް ކުލާހަށް ވަނުމުންނެވެ.

ކްލާސް ފެށުމާއެކު ކުރިއަށްދިޔައީ ތަޢާރަފް ކުރުންތަކެވެ. ފަރީދުވެސް އޭނާގެ ތަޢާރަފެއް ދިނެވެ. އޭނާއަކީ، ކިޔަވައިގެން ހުރި އަދި މަސައްކަތުގެ ފުދޭ ވަރަކަށް ތަޖުރިބާ ލިބިފައިވާ، އޭރުވެސް ރަށު ސްކޫލުގައި ލީޑިންގ ޓީޗަރެއްގެ މަޤާމު އަދާކުރަމުންދިޔަ ހިންގުންތެރި ޒުވާނެކެވެ. އެ ކޯހާ ގުޅުނީ އޭރު ހުރި ވަރަށްވުރެ ފެންވަރު އިތުރުކޮށް، މަތީ ސަނަދެއް ހޯދުމުގެ ބޭނުމުގައެވެ. ދެން އައީ ފަރީދު އިންތިޒާރުކުރަމުން އައި ވަގުތުކޮޅެވެ. ފުރަތަމަ ނަޒަރުންވެސް ފަރީދުގެ ސަމާލުކަން ހޯދި އަންހެން ކުއްޖާގެ ތަޢާރަފް ވުމެވެ. އޭނާގެ ނަމަކީ، ވަފާއެވެ. އޭލެވެލް އާ ހިސާބަށް ރަށުން ތަޢުލީމު ޙާޞިލް ކުރުމަށްފަހު، މާލެ އައީ މުދައްރިސް ކަމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނާތީއެވެ. އޭނާގެ ކިބައިން ފެނިގެން ދިޔައީ ކެރުންތެރިކަމެވެ. އެއީ ފަރީދު ވަފާއަށް ދެމުން ގެންދިޔަ ސަމާލުކަން އިތުރުކުރުވި ކަމެކެވެ.

ކިޔެވުމުގެ އެ މާޙައުލަކީ އޭގެ ކުރިންވެސް ފަރީދު ތަޖުރިބާކޮށްފައިވާ މާޙައުލެކެވެ. އެއީ ތަޢުލީމީ ދާއިރާގެ ފުރަތަމަ ޑިޕްލޮމާ ޙާޞިލްކުރަން އައިސް މާލޭގައި އުޅުނު ދުވަސްވަރުގައެވެ. ފަރީދަކީ މަޑުމައިތިރި މިޒާޖެއްގެ މީހެއްކަމުން، ޒުވާންއިރު ކިޔަވަން އުޅުނު ދުވަސްތަކުގައިވެސް މާގިނަ މީހުންނާ އެކު މަޖާކޮށް، ސަކަރާތްޖެހުމުގައި އޭރުވެސް ވަގުތު ހޭދަކުރަން އޭނާ ބޭނުމެއް ނުވެއެވެ. އޭރު ފަރީދުގެ އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. އެހެނަސް މިހާރުގެ ޙާލަތު ތަފާތެވެ. ފަރީދަކީ އަނތްބަކާ ދަރިއަކު ހުރި، އުމުރުން 30 އަހަރަށްވުރެ ދޮށިވެފައިވާ ފިރިހެނެކެވެ. އެހެން ނަމަވެސް ފަރީދަށް މިހާރުވަނީ ބަދަލުތަކެއް އައިސްފައެވެ. މިހާރު ކުރިއާ ޚިލާފަށް ކޮލެޖުގައި ހިންގާ ހުރިހާ ކަމެއްގައިވެސް ބައިވެރިވާހިތް ވުމަކީ، ފަރީދަށް އަމިއްލައަށްވެސް އޭނާގެ ކިބައިން ފާހަގަކުރެވުނު ތަފާތު ކަމެކެވެ. ކިޔަވައިދޭ ގަޑިތައް ނިމުމަށްފަހު، ކުލާހުގެ ކުދިންނާއެކު ސަކަރާތްޖަހައި މަޖާކުރަން ކޮލެޖުގައި މަޑުކުރުމާއި، އެމީހުންނާއެކު ކޮފީތަކާއި ކެއުންތަކަށް ދިޔުމާއި، ބާބަކިޔުތައް ރާވައި އެކި ތަންތަނަށް ދަތުރުދިޔުމަކީ އޭގެ ކުރިން ފަރީދު ކޮށްއުޅުނު ކަންތައްތަކެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަންތައްތަކުގައި އެންމެ ކުރީގައި ތިބޭ ކުދިންގެ ތެރޭގައި ފަރީދު ހިމެނެއެވެ. މިކަހަލަ ގިނަ ކަންތައްތަކުގައި ވަފާވެސް ބައިވެރިވެއެވެ.

މިގޮތުން ކްލާސް ކުދިން ވިލިނގިއްޔަށް ކުރި ދަތުރެއްގައި ފަރީދަށް ވަފާއާ އެކަނިވެރިކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ލިބުނެވެ. އެއީވެސް ބާބަކިއު ހެދުމަށް ދިޔަ ރެއެކެވެ. ކްލާހުގެ އެހެން ކުދިން ބާބަކިއު ހަދާ ސަރަހައްދުގައި ތިއްބެވެ. ކޯކު ގަންނަން ދިޔުމަށް އެމީހުން ވަފާއާއި ފަރީދާ ދެމީހުންނާ ހަވާލު ކުރިއެވެ. ފިހާރައާ ހަމައަށް ދެވެންދެއްވެސް ދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ކޯކު ފުޅިތައް ގަނެގެން އައި މަގުމަތީގައި، ވަފާ ސުވާލުކޮށްލިއެވެ. "ފަރީދު ތީ ކޮން ރަށެއް؟" ވަފާއާ ވާހަކަދައްކާލާ ހިތުންވެސް، ނުކެރި ފަސްޖެހިފައި ހުރި ފަރީދަށް މި ފުރުސަތުވީ ރަނުގެ ފުރުސަތަކަށެވެ. އޭނާވެސް ވާހަދައްކަން ފެށިއެވެ. "ދ.މީދޫ. ވަފާއަކީ ލ.މާވަށް ދޯ؟" ފަރީދު އަހާލިއެވެ. "އާނ، ކިހިނެއް އެނގުނީ؟" ވަފާ ހީލަމުން ފަރީދުގެ ގަޔަށް ބަލާލިއެވެ. "ހޯދަން އުޅޭ މީހަކަށް ހުރިހާ އެއްޗެއްވެސް އެނގޭނެ." ފަރީދު މިހެން ބުނެލުމާއެކު ވަފާގެ ލޮލަށް ބަލާލިއެވެ. ވަފާ ލަދުން އިސް ދަށަށް ޖަހާލިއެވެ. މިގޮތަށް ވާހަކައިގައި ތިބެ ހިނގަމުން ދަނިކޮށް، އެހެން ކުދިން ތިބި ސަރަހައްދާ ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއް ފެނުމުން އެތާގައި އިށީންނުމަށް ފަރީދު އެދުނެވެ. "އެމީހުން އަހަރުމެން ހޯދާނެ." ވަފާ ބުނެލިއެވެ. "އަދި ކުކުޅުފައިތައް ފިހެން އިރުގަނޑެއް ނަގާނެ. އިރުކޮޅެއް ފަހުން ދިޔަޔަށް، ލަހެއް ނުވާނެއްނު." ފަރީދު ޖަވާބުގައި ބުންޏެވެ.

ޖޯލީގައި ތިބެ އެކަކު އަނެކަކަށް ތަޢާރަފްވެ، ގަޔާވާ ކަންކަމާ ނުވާ ކަންކަން ހިއްސާކުރުމުގައި ވަގުތު ދިޔަ ގޮތެއްވެސް ނޭނގެއެވެ. ފަރީދާ ވަފާއަށް ރޭކާލީ، ކްލާހުގެ އެހެން ދެތިން ކުދިން ޖޯލި ކައިރިއަށް އައިސް ހުއްޓުމުންނެވެ. އެތަނުން އެކަކު ބުނެލިއެވެ. "މިތިބީނު. މިހާރު އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ. ކޯކު ނުލިބިގެން ކާން ނުފެށިފަ އެންމެން އެބަތިބި. ހާދަ އިރެކޭ އެކަމަކު ކޯކު ގަންނަން ތިނެގީ." މިހެން ބުނުމާއެކު ދެންތިބި ކުދިންވެސް ލާނެތް ފާޑަކަށް ހޭން ފެށިއެވެ. ވަފާއާ ފަރީދު އެކުގައި ކަހަލަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ. "ވަރަށް ދުރުގައި ހުރި ފިހާރައެކޭ ހުޅުވާފަ ހުރީ." ވަފާ ބުނެލިއެވެ. "ތިތަނުން އެކަކުގެ ސައިކަލު ދިންނަމަ އެންނު ދޯ އަވަހަށް އާދެވޭނީވެސް." ފަރީދު ސަމާސާ ރާގަކަށް ބުނެލިއެވެ. މިހެން ބުނުމަށްފަހު އެންމެންވެސް ހިނގަގަތީ، ބާބަކިއު ސަރަހައްދަށް ދިޔުމަށެވެ.

އެތަނަށް ގޮސް ކާން އުޅުމުގެ ތެރޭގައިވެސް ފަރީދު ވަފާއަށް ބަލަމުން ދިޔައެވެ. އެކަން ވަފާއަށް ފާހަގަކުރެވުމުން، އޭނާގެ ހަރަކާތްތަކުގައިވެސް ލަދުރަކިކަން ފެންނަން ފެށިއެވެ. ކްލާހުގެ އެހެން ކުދިން ލަވަ ބާޒީ ކުޅެ، ޖޯކު ކިޔާ އުޅުނު އިރު ވަފާއާ ފަރީދަށް އެއިން ކަމެއްގެ އެއްވެސް ހިލަމެއް ނުވާ ކަހަލައެވެ. އެއަށްވުރެ ބޮޑަށް ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ކަންކަން ބެލުމަށް ޝައުޤުވެރިވެފައެވެ. އެރޭ ބާބަކިއު ނިންމާފައި ގެއަށް އާދެވުނީ 12 ޖަހަން ކައިރިވެފައި ހުއްޓައެވެ. ފެރީ މާލެއަށް ލެފުމާއެކު، ބައެއް ކުދިން ބަލާ ސައިކަލުގައި އެކި އެކި މީހުން އައެވެ. އަނެއް ބަޔަކު ހިނގާފައި ދިޔުމަށް ނައްޓާލިއެވެ. ކޮލެޖް ނިމިގެންވެސް ވަފާ ގެއަށް ދަނީ އާންމުކޮށް ރައްޓެހި ކުދިންނާ އެކުގައި ހިނގާފައެވެ. އެހެނަސް އެރޭ ގެއަށް ގެންގޮސްދޭން ފަރީދު އެދުނެވެ. ވަފާ ނުކެރި ހުރެވެސް އެކަމަށް އެއްބަސް ވިއެވެ. އެއީ އޭނާވެސް ފަރީދާއެކު ދާން ބޭނުން ވީމައެވެ.

އެރެއަށްފަހު، ކޮންމެ ދުވަހަކު ކޮލެޖް ނިމިގެންވެސް ފަރީދު ސައިކަލުގައި ވަފާ ގެއަށް ލާން ދިޔުމަކީ އާދައަކަށް ވިއެވެ. ކްލާހުގެ އެހެން ކުދިންނަށްވެސް އެކަން ފާހަގަ ކުރެވި ކްލާސް ތެރޭގައިވެސް ދެމީހުންނާ ދިމާކޮށް އުޅެއެވެ. މިހެން ދިމާކުރުމުގެ ތެރެއިން، ދެމީހުންގެ ހިތް އެކަކު އަނެކަކަށް ލެނބެން އިތުރަށް ފުރުސަތު ހުޅުވިގެން ދިޔައެވެ. ކޮންމެއަކަސް މިހާރު ފަރީދާއި ވަފާއަކީ ރަހުމަތްތެރިންނެކޭ ނުބުނެވޭނެއެވެ. އެ ދެމެދުގައި އޮތީ އެއަށްވުރެ ޚާއްސަ ގުޅުމެއްކަން ޚުދު ދެމީހުންވެސް ދަނެއެވެ. އެހެނަސް އެކަމުގެ އިޤްރާރު އެކަކަށްވެސް ކުރާކަށް ނުކެރެއެވެ. މިފަދައިން ކޯހުގައި ދުވަހަކަށްފަހު ދުވަހެއް ގުނަމުން ދިޔައިރު، ފަރީދު ދިޔައީ ވަފާގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި، އޭނާ ދަސްކުރަމުންނެވެ. އޭނާ ފާޅުގައި އެކަން ހާމަނުކުރި ނަމަވެސް، އޭނާގެ ޙަޔާތުގެ ވަރަށް މުހިންމު ޙިއްސާއަކަށް މިހާރު ވަފާ ވެއްޖެއެވެ.

ފަރީދާއި ވަފާގެ ގުޅުން ބަދަހިވަމުން ދިޔަ ވަރަކަށް ދެމީހުންވެސް ދިޔައީ އަމިއްލަ ޙަޔާތުގެ ވާހަކަތައް އެއްވެސް ފަސްޖެހުމެއް ނެތި އެކަކު އަނެކަކަށް ކިޔައިދީ ޙިއްޞާ ކުރަމުންނެވެ. ފަރީދަކީ އަނތްބަކާއި ދަރިއަކު ހުންނަ މީހެއްކަން އެންމެ ފުރަތަމަ ދުވަހުވެސް ފަރީދު ވަފާއަށް އަންގައިދިނެވެ. ފަރީދަށް ދަރިފުޅަށްވުރެ މުހިންމު އެއްވެސް މީހަކު މި ދުނިޔޭގައި ނުހުންނަކަންވެސް ވަފާ ރަނގަޅަށް ދަނެއެވެ. ވަފާގެ ވާހަކަތަކުން އޭނާއަކީ ޒަވާޖީ ޙަޔާތެއް ފަށަން ވިސްނަމުންދާ ކުއްޖެއްކަން ހާމަވެއެވެ. އޭނާ ބޭނުންވަނީ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އޭނާއަށް އެހީވެދެވޭނެފަދަ ޤާބިލް ތަޢުލީމީ ބައިވެރިއެކެވެ. ވަފާގެ ބުރަތައް ލުއިކޮށްދިނުމުގައްޔާއި، ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގައި ފަރީދު އެންމެ ގާތް މީހެއްގެ ގޮތުގައި އެހީތެރިވަމުން ދިޔުންވީ، ނޭނގިނަމަވެސް ވަފާގެ ހިތްވެސް ފަރީދަށްޓަކައި ލެބެން މެދުވެރިވި ސަބަބަކަށެވެ.

މިހެން އުޅުމުގެ ތެރޭގައި ދެމީހުންގެ ދޭތެރޭގައި އޮތް ޚާއްޞަ ގުޅުމަށް ލޯބީގެ ކުލަވަރު ޖެހެމުން ދިޔައެވެ. ކްލާހުގެ އެހެން ކުދިންނާ ވަކިން އެކަހެރި ބައްދަލުވުންތައް ގިނަވިއެވެ. ހަނދުވަރީ ރޭތަކުގައި އަތިރިމަތީގެ ހިތްގައިމު މާޙައުލުގައި ދެމީހުންގެ ހިތުގެ ތަރާނާ އިއްވަމުން ދިޔައެވެ. އުފާވެރިކަމާއި ހިތާމަތައް ޙިއްސާކުރަމުން ދުވަސްތައް ގުނަމުން ދިޔައީ ފަހުން އަންނާނެ ދުވަހަކަށް އަދި އެކަމުން ނުކުންނާނެ ނަތީޖާއަކަށްވެސް ބެލުމެއް ނެތިއެވެ. އާނއެކެވެ. ފަރީދާ ވަފާވަނީ އެކަކު އަނެކަކު ދެކެ ރަނގަޅަށްވެސް ލޯބި ވެވިފައެވެ. މިހާރު އެ ލޯބި ދެމީހުންވެސް އެކަކު އަނެކަކަށް ހާމަކޮށްފިއެވެ. ފަރީދަކީ ހުސްކޮށް ހުރި މީހަކަށް ނުވިޔަސްވެސް، އޭނާގެ އޯގާވެރިކަމާ އެހެންވެސް ރަނގަޅު ހުރިހާ ސިފައެއްގެ ސަބަބުން ވަފާ ހުރީ ފަރީދާއެކު ޙަޔާތެއް ފަށަން ތައްޔާރަށެވެ. ފަރީދުވެސް ދަރިފުޅާ އަނބިމީހާ ދޫކޮށްނުލި ކަމުގައި ވިޔަސް، އެއްވެސް ޙާލަތެއްގައި ވަފާ ދޫކޮށްނުލާނެކަމަށް ބުނެ، އެތައް ވައުދެއް ވިއެވެ. މި ވަޢުދާ ހުވާތަކުގައި ދެމީހުންވެސް ދިޔައީ ލޯބީގެ ހުވަފެނީ ގަނޑުވަރެއް ބިނާކުރަމުންނެވެ. އެ ދެމީހުންގެ ޚިޔާލުގައި އެ ގަނޑުވަރުގެ ހިތްގައިމުކަން އެއީ ދުލަކުން އެހެން މީހަކަށް ބަޔާންކޮށްދެވޭނެ ކަމެއް ނޫނެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ކޮލެޖްގެ ޗުއްޓީ ލިބުމުން އެހެން ހުރިހާ ކުދިން ކަހަލަ ގޮތަކަށް އަމިއްލަ ރަށަށް ދިޔައިރު، ފަރީދުވެސް އަދި ވަފާވެސް ރަށަށް ދާކަށް ބޭނުމެއް ނުވިއެވެ. ކިޔެވުން ނެތި، ލިބޭ މަސްދުވަސް އެއީ އެކަކު އަނެކަކާ އެކުގައި ވަގުތު ހޭދަކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ވިސްނިއެވެ. ޗުއްޓީގައި ރަށަށް ނާންނާތީ ފަރީދުގެ އަންހެނުން އައިޝާ އެކަމާ ޝަކުވާ ކުރުމުން، ނިންމަން ޖެހޭ ގިނަ އެސައިންމެންޓްތަކަކާއި މަސައްކަތްތައް ހުރި ކަމުގައި ބުނެ ނުދާން އެތައް ބަހަނާއެއް ދެއްކިއެވެ. އެންމެ ފަހުން އައިޝާ ހިތްހަމަ ނުޖެހި ހުރިކަން އެނގުމުންވެސް، ދަރިފުޅާއި އައިޝާ ގާތަށް ދެން ލިބޭ ކުރު ޗުއްޓީގައި ދާނެކަމަށް ބުނެ އެވާހަކަ އޮއްބާލިއެވެ. ޗުއްޓީ ނިމެން އެއް ދުވަހަށް ވެފައި އޮއްވާ ދަރިފުޅުގެ އުފަންދުވަހުގެ ޕާރޓީ ބާއްވާތީ އެދުވަހަށް އައިސްދިނުމަށް އެދި އައިޝާ ގުޅިއެވެ. އެހެނަސް، މިފަހަރުވެސް އައިޝާ ވީ ނާއުންމީދެވެ. ދެން ރަށަށް ހިނގައްޖެނަމަ، ކޮލެޖް ފެށޭއިރަށް ނާދެވިދާނެކަމަށް ފަރީދު ބުންޏެވެ. މި ބަހަނާ ތަކަކީ ފަރީދު ދާން ބޭނުންނުވާތީ ދައްކާ ބަހަނާތަކެއްކަމާއި، މާލޭގައި ފަރީދު އުޅެމުން އަންނަނީ ކިހިނެއްކަން އައިޝާއަށް އެއް ގޮތަކަށްވެސް ވިސްނާލަންވެސް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކޮލެޖްގެ ކިޔެވުން ނިމުމަކާ ގާތް ވެއްޖެއެވެ. އިމްތިޙާންތައް ނިމުމުން ކޯސް ނިމުމުގެ މުނާސަބަތުގައި ކުލާސް ކުދިން ފެއަރ ވެލްއެއް ބޭއްވުމަށް ރޭވިއެވެ. އެރެއަކީ، މުޅި ކޮލެޖް ޙަޔާތުގައިވެސް އައި އެންމެ ޚާއްސަ އެއް ރެއެވެ. ޕާޓީއަށް ފަރީދު އައިއްސުރެ، އޭނާ އެ އިންތިޒާރު ކުރަނީ ވަފާ އަންނާނެ ވަގުތަކަށެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ފަރީދު ވަފާއަށް ގުޅިއެވެ. "ހަލޯ! ކޮބައިތަ؟ ހާދަ ލަހޭ... އަހަރެން އިންތިޒާރުގައި ހުންނަތާ ކިހާ އިރެއް... ދެން އަވަހަށް އަންނަން އުޅޭ!" ފަރީދު ވާހަކަ ދެއްކީ ކެތްމަދުވެފައި ހުރެއެވެ. "އަދި ކުޑަ އިރުކޮޅަކު ކެތް ކޮށްލާ! މިދަނީއޭ... ކާރެއް ނުލިބިގެން ލަސްވީ... މިހާރު މި ނައްޓާލީ..." ވަފާ ވާހަކަ ދެއްކީ ލޯތްބާއި މަޑުމައިތިރި ކަމާއެކުގައެވެ.

ޕާރޓީ ތެރޭގައި ރައްޓެހިންނާއެކު ހުރިއިރުވެސް، ފަރީދަށް ބެލެނީ ދޮރާ ދިމާއަށެވެ. މާގިނައިރުތަކެއް ނުވެ ވަފާ އަތުވެއްޖެއެވެ. އޭނާ ވަދެގެން އައި މަންޒަރު ބަލަން ކުލާހުގެ އެހެން ކުދިންތައް ކަޅި ޖަހާނުލައި ތިއްބެވެ. ފަރީދުގެ ޙާލަތު އަދި އެއަށްވުރެ ދެރައެވެ. އޭނާގެ ޒުވާން ހަށިގަނޑުގައި ލޭ ދައުރު ވަމުންދިޔަ ވަރު އަވަސް ކޮށްދިނީ، ވަފާގެ އެ ލޫޅާފަތި ހަށިގަނޑާއި، އެ ފަރި ހިނގުމެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ދިގު ޕާރޓީ ހެދުމެކެވެ. އަޅައިގެން ހުރީ ނަލަ ވިދުމެއް ހުރި ބުރުގާއެކެވެ. އެ ހެދުމުން އޭނާގެ ހަށިގަނޑުގެ ބައްޓަމާއި ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ވަފާ އޭނާގެ ރައްޓެއްސަކާއެކު އައިސް އެތެރޭގައި ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އަދި ފަރީދަށް ބަލާލުމަށްފަހު، ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. ވަފާއަށް ބަލަން އާޝޯޚުވެފައި ހުރި ފަރީދަށް ޕަޓީގެ މާޙައުލަށް އެނބުރި އާދެވުނީ ދެނެވެ.

ޕާރޓީ ތެރޭގައި ދެމީހުން ވާހަކައެއް ނުދައްކައެވެ. އެހެން ނަމަވެސް އިރުއިރުކޮޅުން އެކަކު އަނަކަކަށް ބަލާލާ ކޮންމެވެސް ކަހަލަ އިޝާރާތެއް ކޮށްލައެވެ. ކުލާހުން ބޭރަށް އައިސް އޭނާއާ ބައްދަލު ކުރުމަށް އެދި ފަރީދު ވަފާއަށް މެސެޖް ކުރިއެވެ. އެއަށްފަހު ފަރީދު ޕާރޓީއިން ނިކުމެގެން އައިސް ބެންޗުތަކުގެ ކައިރީގައި ހުރި ގަހެއްގެ ދަށުގައި މަޑުކޮށްލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެފަރާތް ހޯދަމުން އައިސް ވަފާ އެތަނަށް ހުއްޓުނެވެ. ފަރީދު އޭނާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ވަފާއަށް ލިބުނު ކުއްލި ސިހުމާއެކު ގޮސް ފަރީދުގެ ގައިގައި ޖެހިގަނެވުނެވެ. ފަރީދު ވަފާގެ އަތުން ދޫކޮށްނުލައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. "ހާދަ ރީއްޗޭ މިރޭ... ތިހެދުން ލީމަ އަދި ވަކިން ލޯބި..." ފަރީދުގެ އަޑުގައި ވަނީ ޖަޒުބާތީ އަސަރެކެވެ. މަލެއް މޯޅިވާ ފަދައިން ވަފާ ލަދުރަކި ގޮތަކަށް ހީލުމާއެކު އިސްދަށަށް ޖެހިއެވެ.

ފަރީދާއި ވަފާ އެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، އެނބުރި ޕާރޓީއަށް އައިސް ވަނީ އެކުއެކީގައެވެ. އެވަގުތު ދެމީހުންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ޕާރޓީއަށް އައިސް ކުލާހުގެ އެހެން ކުދިންނާއެކުގައި މަޖާކޮށް ސަކަރާތްޖަހާ ހެދިއެވެ. އެރޭ ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ޕާރޓީ ނިމުމުން، ވަފާ ގެއަށް ދިޔުމަށްޓަކައި ނުކުތީ ފަރީދާއެކު ސައިކަލުގައެވެ. ސައިކަލުގެ ފަހަތުގައި ފަރީދާ ނުހަނު ގާތުގައި އިންއިރު ވަފާއަށް އިހްސާސް ކުރެވެމުން ދިޔައީ، އުފާވެރިކަމެވެ.

ސައިކަލުގައި ގޮސް ވަފާމެން ގޭ ދޮރުމަތީގައި ޕާރކު ކުރުމަށްފަހު، ދެމީހުން ވާހަކަ ދައްކާލަން މަޑުކޮށްލިއެވެ. އެގޮތުގައި ސައިކަލު މަތީގައި ވަގުތުކޮޅެއް ހޭދަވިފަހުން، ފަރީދަށް ފޯނެއް އައެވެ. ފަރީދު ފޯނަށް ޖަވާބުދިނުމާއެކު، އޭނާގެ މޫނުމަތިން ފެންނަމުން އައި އުފާވެރިކަން ބަދަލުވެގެން ދިޔައެވެ. "ކިހިނެއްވީ؟" ވަފާ މަޑުމަޑުން އަހައިލިއެވެ. ފަރީދު އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުންޏެވެ. ވަފާއަކީ ކަންކަމުގައި އަބަދުވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރާ ކުއްޖެއް ކަމުން އެވަގުތު އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ފޯން ނިމުމާއެކު "ދަރިފުޅު ބަލިވެގެން އައިޝާ ގުޅީ. ވަރަށް ގަދައަށް ހުން އައިސްފަޔޯ. ދަރިފުޅު ހުން އައިސްފިއްޔާ ވަރަށް އަވަހަށް ފިޓު ޖެހޭނެ..." މިހެން ބުނަމުން ފަރީދު ޖީބަށް ފޯނު ލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެންނަމުން އައި ކުލަވަރުވަނީ ބަދަލުވެފައެވެ. "ދެން ކިހިނެއް ހަދަނީ...؟" ވަފާ މަޑުމައިތިރި ކަމާއެކު އަހައިލިއެވެ. "ދެން އަދި ނޭނގޭ. އޯކޭ މަދަނީ އިނގޭ. މާދަމާރޭ ބައްދަލުކުރާނަން" މިހެން ބުނުމަށްފަހު ފަރީދު ސައިކަލުގައި ނައްޓާލިއެވެ. ވަފާއަށް ފަރީދު ހާސްވެ ކަންބޮޑުވެފައި ހުރި ވަރު އެނގުނެވެ. ދަރިފުޅުގެ ދެކެ ފަރީދު ލޯބިވާ ވަރާއި، ދަރިފުޅު ބަލިވުމުން އޭނާ ދެރަވާނެވަރު ވިސްނޭތީ އެހާ އަވަހަށް ފަރީދު ދާން ބުނުމުންވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ.

ފަރީދު ސައިކަލު ދުއްވަމުން ދިޔައީ ބާރު ސްޕީޑުގައެވެ. އޭނާ ވިސްނަމުން ދިޔައީ ދަރިފުޅާ މެދުގައެވެ. ކުށްވެރި ކުރެވެނީ ޚުދު އޭނާގެ ނަފްސެވެ. ދަރިފުޅާއި އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވި އެތައް ދުވަހެއް ވޭތުވެގެން ދިޔަކަން އޭނާއަށް އެވަގުތު އިޙްސާސްކުރެވެން ފެށިއެވެ. ކުޑަކުޑަ ލޯބި އާއިލާއެއް ލިބުމުން، އެކަމަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ނުބައި މަގު އިޚްތިޔާރުކޮށް ދުނިޔަވީ ހައިރާންކަމުގައި ދުވަސްތައް ހޭދަކުރެވުނީތީ ހިތުގައި ޖެހުނެވެ. ޚިޔާލުތަކަށް ގެއްލިގެން އިނދެ ސައިކަލު ދުއްވަމުން ދަނިކޮށް، ކުއްލިއަކަށް ގޯޅިއަކުން ނުކުތް ސައިކަލެއްގައި ޖެހި ފަރީދު ސައިކަލާއެކު ބުރައިގެން ދިޔައެވެ. އޭނާގެ މޫނުމައްޗަށް އަނދިރިވެ ހޭ ހުސްވިއެވެ. ފަރީދުގެ ޚިޔާލުގެ ޞަފްޙާތައް މިހާހިސާބަށް އުކާލެވުނުތަނާ އޭނާގެ އަންހެނުންނާއި ދަރިފުޅު އައިސް ކޮޓަރިއަށް ވަނެވެ. ދަރިފުޅު ފެނުމާއެކު އޭނާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ދަރިފުޅު އޭނާގެ ގާތަށް ގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ. ލޮލުން ހިލުނު ކަރުނަތައް އޮއްބާލަމުން ވާހަކަދައްކަން ފެށިއެވެ. ދަރިފުޅުވެސް ހުރީ އެހާ ދުވަސް ފަހުން ބައްޕަ ފެނުމުން ވަރަށް އުފާވެފައެވެ.

ފަރީދު މަރާ ހަނގުރާމަކުރަމުން ދިޔައިރު ވަފާގެ ޙާލަކީ ކޮބައިތޯއެވެ. އެންމެ ފަހުން ބައްދަލުވިރޭ، ފަރީދުގެ އެދުމާއި އެއްގޮތަށް އޭނާ ހުރީ ފަރީދު ބައްދަލުކުރަން ގުޅާނެ އިރަކަށް ތައްޔާރުވެގެންނެވެ. ފަރީދުގެ އިންތިޒާރުގައި އެތައް އިރަކު ހުރުމަށްފަހު، އަތްދަބަހުން ފޯނު ނަގައި ފަރީދުގެ ނަންބަރަށް ގުޅާލިއެވެ. ފޯނުވަނީ ނިވާލާފައެވެ. ފޯނު ނިވިފައި އެވަނީ އެކްސިޑެންޓްގައި ފަރީދުގެ ފޯން ހަލާކުވެގެންކަން ވަފާއަށް ބުނެދޭނީ ކާކު ހެއްޔެވެ؟ ލިބުނު ހައިރާންކަން ޤަބޫލުނުކުރެވޭ ހާލު، ފަރީދުގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. އިންތިޒާރުގެ ވަގުތު ދިގުވިހެން ވަފާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހިތަށް އަރަމުން ދިޔައީ، ހިތް ޤަބޫލުކުރަން ބޭނުންވާ އެއްޗެއްސެއް ނޫނެވެ. އޭނާގެ ހިތަށް އަރަމުން ދެއެވެ. "ފަރީދު ނައީ ކީއްވެގެންބާ؟ އޭނާ އަހަންނަށް އޮޅުވާލީބާ؟ އެހެންނޫންނަމަ، މިހާ ގިނައިރުވަންދެއް ފޯން ނިވާލައިގެން އުޅެންވީ ކީއްވެ؟". ވަފާގެ ހިތަށް އެކި ކަހަލަ ޚިޔާލުތައް ވެރިވެ، ހިތްބިރުގަންނަމުން ދިޔައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އިތުރަށް ވިސްނަންވީ ކޯއްޗެއް ހެއްޔެވެ. ވާންވީ ގޮތް ވެ ނިމުނީއެވެ. ފަރީދު އޭނާގެ ނިންމުން ނިންމީއެވެ. އޭނާއަށް ވަފާގެ ބޭނުމެއް ނެތެވެ. އަމިއްލަ ދިރިއުޅުން ވަފާއަށްޓަކައި ޤުރުބާންކުރަން ފަރީދަކަށް ނުކެރޭނެއެވެ. ހިތާމައަކީ، ވަފާގެ ޅަ ސިކުނޑިއަށް އެވަރު ނުވިސްނުނު ކަމެވެ. ފަރީދުގެ ފޯނު ނިވާލާފައި ވުމާއި، އެރޭ ވަފާއާ ބައްދަލުވާން ނާންނަކަން އެއީ ފަރީދު އިޚްތިޔާރުކުރި ގޮތް ވަފާއަށް ޔަޤީންކޮށްދިން ކަންތައްތަކެވެ.

އަމިއްލަ ހިތާ ޝަކުވާ ކުރަމުން ދިޔަ ވަފާގެ ލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. ހިތަށް ކެތް ނުކުރެވިގެން ވަރަށް ބާރަށް މޭމަތީގައި އަތް އަޅައި ފިތާލިއެވެ. ފަރީދު އޭނާއަށް ބޭވަފާތެރި ވީއެވެ. އޭނާއަށް ލިބުނީ ފެންކައްކާ ބޮލީގެ ޢިއްޒަތެވެ. ލޯބީގައި ވަފާއަށް ކެހި ލިބުނީއެވެ. ހިތުގައި ނުޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ފަރީދުގެ ލޯބީގައި ވަފާ ބިނާކުރި ހުވަފެނީ ގަނޑުވަރުވެސް ފުނޑުފުނޑު ވީއެވެ. އިތުރަށް ވިސްނުމެއް ނެތި އެންމެ ފުރަތަމަ ސިކުނޑިއަށް އައި ގޮތަށް ވަފާ ކަންތައް ކުރިއެވެ. ވަފާގެ ބައްޕައަށް ފޯނުން ގުޅުމަށްފަހު، ރަށަށް ދެވެން އޮތް އެންމެ އަވަސް ގޮތެއް ހޯދިއެވެ.

ރަށަށް ދިޔަ ދޯނި މަތީގައި، ވެ ނިމިދިޔަ ކަންތައްތަކާ މެދު ވަރަށް ފުންކޮށް ވަފާ ވިސްނިއެވެ. އަދި ދެން ދުވަހަކުވެސް ފަރީދާ ގުޅުމެއް ނުބޭއްވުމަށް ހިތުގެ އަޑިން ވަޢުދުވިއެވެ. ފަރީދުގެ ޚިޔާލު ބަދަލުވާ ދުވަހަކުން ނަމަވެސް އަލުން ފަރީދު ވަފާއަށް ގުޅާކަށް ވަފާ ބޭނުމެއް ނުވިއެވެ. އެހެންވެ މިހާ ދުވަހު ބޭނުންކުރަމުން އައި ނަންބަރުވެސް ބަދަލުކުރިއެވެ. ނޫނީ އެފަދަ ދުވަހެއް އަތުވެއްޖެނަމަ، އަނެއްކާވެސް އޭނާގެ އަމިއްލަ ނަފްސަށް ވީ ވައުދު މަތިން ހަނދާން ނެތިދާނެ ކަމުގެ ބިރު ހިތުގައި އޮތީމައެވެ. ޙަޔާތުގައި މި ލިބުނު ހިތިކަން ވަފާއަށް ފުދިއްޖެއެވެ. ފަރީދަކީ ޙަޔާތުގެ ދަތުރުގައި ދިމާވި ވަގުތީ މުސާފިރެކެވެ. އެދެމީހުންގެ ޙަޔާތް ލިޔެވިފައިވަނީ އެކުއެކީގައި ހޭދަކުރުމަކަށް ނޫންކަން ވަފާ އޭނާގެ ހިތަށް ވިސްނައިދިނެވެ. އާނއެކެވެ. ތަދުބީރަކުން ތަޤުދީރެއް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ފަރީދުގެ ހަނދާންތައް ވަނީ ވަފާގެ ހިތުގައި ރައްކާކުރެވިފައެވެ. އޭނާ ފަރީދު މަތިން ހަނދާންކުރާނެއެވެ. ފެނުނު ފޮނި ހުވަފެން ތަކެއްގެ ގޮތުގައެވެ.

ނެތްކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެއޭ
އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕްލޭނަކުން

-ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށަހެޅީ އާމިނަތު ނާޒްނީ ތ.ހިރިލަންދޫ / މީނާޒް އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 24 ރަމަޟާން 1442 އެވެ.