ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ޖެހި މީހުންގެ އަދަދު 128،000އިން މައްޗަށް


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން 128،000 އަށް ވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 300،000 އަށް ވުރެ ގިނަ މީހުންވަނީ ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް 1377 މީހުންވަނީ ޖަހާފައެވެ. އިއްޔެ ވެކްސިން ޖަހާފައިވަނީ ހަމައެކަނި އަތޮޅުތަކުގައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 128،167 އަށް އަރާފައެވެ.

މިދިޔަ ހުކުރު ދުވަހަު 226 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 300،664އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިވަގުތު ރާއްޖޭގައި ހުރި ވެކްސިންގެ އަދަދަށް ބަލާއިރު ކޮވިޝީލްޑް 1550 ޑޯޒް އެބަހުރިއެވެ. އަދި ސިނޮފާމްގެ 75500 ޑޯޒް ހުރިކަމަށާއި ފައިޒާ ވެކްސިންގެ 4218 ޑޯޒް އެބަހުރިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.