މުނިފޫހިފިލުވުން

ބަންސާލީގެ ފިލްމުން ޝާހުރުކް ފެންނާނީބާ


2002 ވަނަ އަހަރު ނެރުނު ސަންޖޭ ލީލާ ބަންސާލީގެ ރޮމޭންޓިކް ޑްރާމާ ފިލްމު "ދޭވް ދާސް" ގެ ފަހުން ސުޕަސްޓާރ ޝާހު އާއި ބަންސާލީ އެކުގައި އަދި އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ބަންސާލީ ވަނީ ވަރަށް ގިނަ ފިލްމުތައް ޝާހުއަށް ހުށަހަޅައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ. މިގޮތުން ފިލްމު "ބަޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތް" މި ދެފިލްމުވެސް ޝާހުއަށް ހުށައެޅިއެވެ. މީގެ އިތުރުން ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި ސަލްމާނާއެކު ޝާހުވެސް ފެންނަން ބަންސާލީ ބޭނުންވިއެވެ. ނަމަވެސް މިހުރިހާ ކަމެއްވެސްވަނީ ނާކާމިޔާބުވެފައެވެ.

ޚަބަރުތައް ބުނާގޮތުން މިހާރު ބަންސާލީ ވަނީ އޭނާގެ ރޮމޭންޓިކް ފިލްމު "އިޒްހާރު" ޝާހުއަށް ހުށަހަޅާފައެވެ. ފިލްމު "އިޒްހާރް" އަކީ މީގެ 4 ވަރަކަށް އަހަރުކުރިން ބަންސާލީ ޝާހު އާއެކު ހަދަން ބޭނުންވި ފިލްމެކެވެ. ފިލްމު ބިނާވެފައިވަނީ ލޯބި ހޯދަން ސައިކަލެއްގައި ނޯވޭއަށް ދަތުރުކުރި މީހެއްގެ ހަޤީޤީ ވާހަކައެއްގެ މައްޗަށެވެ. ފިލްމުގެ ސްކްރިޕްޓެ ލިޔެ ޝާހު އާއި ޙަވާލުކޮށްފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް މިފަހަރުވެސް ބަންސާލީގެ ހުށަހެޅުން ޝާހު ޤަބޫލުކުރާނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭގެއެވެ.

ކާމިޔާބު ޑައިރެކްޓަރ ބަންސާލީ މިވަގުތު ބުރަކޮށް މަސައްކަތްކުރަނީ ސޮނާކްޝީ ސިންހާ ލީޑް ރޯލުން ފެނިގެންދާ ވެބް ސިރީޒް "ހީރާ މަންދީ" ގެ މަސައްކަތްތައް ނިންމުމުގައެވެ. 1996 ވަނަ އަހަރު ފިލްމު "ޚާމޯޝީ" ޑައިރެކްޓްކުރުމަށްފަހު ކާމިޔާބު އެތައް ފިލްމެއް ބަންސާލީ ވަނީ ޑައިރެކްޓްކޮށްފައެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" "ދޭވް ދާސް" "ބްލެކް" "ސާވަރިޔާ" "ގުޒާރިޝް" "ރައުޑީ ރާތޯޑު" "ގޯލިއޯކީ ރާސްލީލާ ރާމް ލިލާ" "ޕަދްމާވަތް" އަދި "ބަޖިރާއޯ މަސްތާނީ" އަކީ ބަންސާލީގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

2019 ވަނަ އަހަރު ނެރުނު ފިލްމު "ލަޔަން ކިންގް" އަޑު ޑަބްކުރުމަށްފަހު ޝާހު އަދި އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައެއް ނުވެއެވެ. ޝާހުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ޖޫން މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ރޮކެޓްރައި ދަ ނަމްބީ އިފެކްޓް" އަޝޫތޯޝް ގޮވަރިކާ ޑާއިރެކްޓް ކުރާ ފިލްމު "އޮޕަރޭޝަން ކޫކްރީ" ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމު "ޑޮން 3" މަނީޝް ޝަރުމާ ޑައިރެކްޓް ކުރާ ފިލްމު "ޑޮން 4" އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ބްރަމަސްތްރާ" ސިދާރތް އާނަންދް ޑައިރެކްޓްކުރާ ފިލްމު "ޕަތާންގެ" އިތުރުން ޑައިރެކްޓަރ ކަރަން ޖޯހަރާއިއެކު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ހިމެނެއެވެ.