ކުޅިވަރު

ޗެންޕިއަންކަން ހޯދުމަށް ސީޓީއިން މަޑުކުރަން ޖެހިއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމަށް ސިޓިއަށް އިތުރަށް މަޑުކުރަން މަޖްބޫރު ކުރުވައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގައި ދެޓީމުން އެންމެ ވަރުގަދަ އެގާރަ އަރުވާފައި ނުވާކަން ފާހަގަކޮށްލެވުނެވެ. މިމެޗުން މޮޅުވެއްޖެނަމަ ލީގު ކާމިޔާބު ކުރެވޭނެކަން ސިޓީއަށް ޔަގީން ކަން އޮތް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ސިޓީގެ ރަހީމް ސްޓަރލިންގއެވެ. އަދި މިލަނޑު ޖެހިތާ އެއް މިނެޓްފަހުން ސިޓީއަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެއީ ސިޓީގެ ގެބްރިއަލް ޖޭސުސްއަށް ޗެލްސީ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ބިލީ ގިލްމޯ ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ޖަހަން ދިޔައީ ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ސަރޖިއޯ އަގުއެރޯއެވެ. ނަމަވެސް އޭނާ ޕެނެންކާ ޕެނަލްޓީއެއް ޖަހަން ހަދައިގެން ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިލަނޑު އަގުއެރޯ ކާމިޔާބު ކުރި ނަމަ ސިޓީއަށް ދެގޯލްގެ ލިޑެއް މިމެޗްގައި ލިބުމުގެ އިތުރުން ޕްރިމިއަރ ލީގުގައި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގައި ވޭން ރޫނީ ހަދާފައިވާ ރިކޯޑާއި އަރާ ހަމަކުރެވުނީހެވެ.

މިމެޗްގެ ދެވަނަ ހާފްގައި ސިޓީއަށްވުރެ ބޮޑަށް ހަމަލާއަށް އިސްކަން ދިންތަން ފެނިގެންދިޔައީ ޗެލްސީގެ ފަރާތުންނެވެ. ނަތީޖާއަކަށްވީ މެޗްގެ 63 ވަނަ މިނެޓްގައި ޗެލްސީއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހަކީމް ޒިޔެކްއެވެ. އަދި މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ މާކަސް އަލޮންސޯއެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރުވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 64 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސިޓީއަށް މިނާކާމިޔާބީއާއެކު މިވަނީ ލީގު ކާމިޔާބު ކުރުން އިތުރަށް ލަސްވެގެން ގޮސްފައެވެ. ސިޓީއަށް ދެން ކުޅޭ މެޗްގައި މިއަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ނިއުކަސްލް ޔުނައިޓެޑާއެވެ. ނަމަވެސް އޭގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ ދެމެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިވި ނަމަވެސް ސިޓީއަށް ލީގު ކާމިޔާބު ވާނެއެވެ.