ރާއްޖޭގެ ކޯވިޑް ފެތުރެމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން ލ.ގަމާއި އދ. މާމިގިލީގައި ކާފިއު ހިންގުމަށް އެޗްޕީއޭއިން ނިންމަވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ ދެރަށުގައި ރޭގަނޑު 21:00އިން ފަތިހު 4:00އަށް ކާފިއު ހިންގުމަށް ނިންމާފައިވާކަމަށެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވަނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ލ.ގަމާއި އދ. މާމިގިލީގައި ކާފިއު ހިންގަން ނިންމާފައިވާކަމަށެވެ. މިގޮތުން ރޭގަނޑު 9:00އިން ފަތިހު 4:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މި ރަށްތަކުގައި ވަނީ ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް އަންގަވާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށެވެ. އަދި މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން މީގެކުރިން ވަނީ އަތޮޅުތަކުގެ 5 ރަށެއްގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ. އެ ރަށްތަކަކީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށްޓެވެ. މީގެ އިތުރަށް އައްޑޫއާއި ފުވައްމުލައް ސިޓީގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު އަންނަނީ ހިންގަމުންނެވެ.
އެކި ރަށްތަކުގައި ކާފިއު ހިންގަމުން އަންނައިރު ބައެއް ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕޮޒިޓިވްވަމުންނެވެ. މިގޮތުން މިހާރުވެސް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން 32 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.