ޚަބަރު

މާސްކް ނޭޅުމާއި، މަނާގަޑީގައި ބޭރުގައި އުޅެގެން 267 މީހުން ޖޫރިމަނާކޮށްފި


މާސްކް ނާޅާ މަގުމަތީގައި އުޅުމާއި ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅެގެން މިހާތަނަށް 267 މީހުން ޖޫރިމަނާކޮށްފިއެވެ. ކޯވިޑްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ މިކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް މާލޭގައި ކާފިއު ހިންގާ މެންދަމު 12:00ން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުންވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިވަގުތުތަކުގައި އެޗްޕީއޭގެ އެންގުމާ ބައެއް ފަރާތްތަކުން ޚިލާފުވެގެން ޖޫރިމަނާވެސްވަނީ ކޮށްފައެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ވޭތުވެދިަޔ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 141 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 116 މީހަކާއި މަނާވަގުތުތަކުގައި ދުއްވައިގެން 10 ވެހިކަލެއްވަނީ ޖޫރިމަނާކޮށްފައެވެ. މާސްކް ނާޅައާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުންކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ،. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި އޮފީސްތަކާއި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަރާތްތަކަށް Police.gov.mv/permit މެދުވެރިކޮށް ހުއްދައަށް އެދެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންވަނީ ކޯވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް އެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށެވެ.

ކޯވިޑް ފެތުރުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އެކި ފަހަރުމަތިން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ. މިގޮތުން އެންމެ ފަހުން ކާފިއު ހިންގާފައިވަނީ މިދިޔަ ފެބްރުއަރީމަހުގައެވެ. އެ ފަހަރު ކާފިއު އިއުލާންކުރީ ރޭގަނޑު 11އިން ފެށިގެން ފަތިހު 4:30އަށެވެ. އަދި ރޭގަނޑު 08:30 އިން ފެށިގެން ފަތިހު 04:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެއްގެ ގޮތުގައި އޭރު ކަނޑައެޅިއެވެ. މިފިޔަވަޅު އުވާލާ ލުއިތަކެއް ދީފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުން މާލެ ސަރަޙައްދު ހަލަބޮލިވިއެވެ. އެއާއި އެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައިސް ދުވާލަކު ޕޮޒިޓވްވާ މީހުންގެ އަދަދުވަނީ 1000 ހުރަސްކޮށްފައެވެ. އަދި މިބަލީގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރިފައިވާކަމުގެ އިންޒާރު ސިއްޙީ މާހިރުން މިވަނީ ދީފައެވެ. އަދި މިބަލީގައި މިވަގުތުވެސް ސީރިއަސް ހާލަތުގައި ފަރުވާދެމުން އަންނަ ބަލި މީހުންވެސް އެެބަތިއްބެވެ. މި ބަލީގެ މީހުން މާލޭގެ އިތުރުން ރަށްރަށުންވެސް އަންނަނީ ފެންނަމުންނެވެ. މިވަގުތުވެސް ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އިތުރުވަމުން އަންނަ 36 ރަށެއް އޮތީ މޮނީޓަރިންއަށް ލާ އެރަށްރަށަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި ކާފިއު އިޢުލާންކޮށް ބޭރަށް ނުކުތުމާއި ވެހިކަލް ދުއްވުންވެސްވަނީ މަނާކޮށްފައެވެ.