މުނިފޫހިފިލުވުން

ވާހަކަ: ސިއްރު


މާލޭގެ ފަޅުތެރެއަށް ލޯންޗު ވަންނަމުން ދިޔައިރު ރައުނާ އިނީ އޭނަގެ ދަބަހުގައި ހިފަހައްޓައިގެން މާލެއާއި ދިމާލަށް ކަޅި ޖަހާވެސް ނުލާ ބަލާށެވެ. އުމުރުން 25 އަހަރު ވީއިރު އޭނާގެ މުޅި ދިރިއުޅުން ރަށުގައި ހޭދަ ކުރީ ނުހަނު އުފާވެރިކަމާއި އެކުގައެވެ. އާއިލާގައި އޭނާގެ މަންމައާއި ބައްޕައަށް ލިބިފައިހުރި 6 ކުދިންގެ ތެރެއިން އެންމެ ދޮށީވެސް އޭނާއެވެ. ރަށު ސްކޫލުން ކިޔެވުން ނިންމާލުމަށްފަހު މާލޭގެ ނަން ހިނގާ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އެރަށު ބްރާންޗުގައި އޭނާ މަސައްކަތްކުރާތާ 10 އަހަރު ފަހުން މާލެ ކޮޅުން ވަޒީފާ ލިބުމުން އޭނާ މާލެއައީ އެތަކެއް ފޮނި ހުވަފެންތަކަކާއި އެކުގައެވެ. ކުޑައަށް ތިބި 5 ބެއިންގެ ތެރެއިން 3 މީހުން ކިޔެވުން ނިންމާލިއިރު އަދި ކުޑައަށް ތިބި ދެމީހުން ރަށު ސްކޫލުން ތައުލީމު ހާސިލްކުރަމުން އެބަދެއެވެ.

ރައުނާ ހަނދާން ހުރިއިރުއްސުރެ އެމީހުންގެ ބައްޕަ އެމީހުންނަށް އެއްވެސް ކަމަކަށް ދަތިނުވާނެހެން ހުރިހާ ކަމެއް ފުރިހަމަކުރަމުން ގެންދިޔައެވެ. ކިޔަވަން ބޭނުންވި ދާއިރާއަކުން ރައުނާ އާއި އޭނަގެ 3 ކޮއްކޮ ކިޔަވަން ފުރުސަތު ދިންއިރު ރަށުން ކުރިއަށްދެވެން އޮތް އެންމެ ބޮޑަކަށް ކުރިއަށް ދިޔުމުގެ ފުރުސަތު އެކުދިންނަށް ދިނެވެ. އެހެންނަމަވެސް މަސްވެރިކަން ކުރާ ރައުނާގެ ބައްޕައަށް މަހަށް ގޮސް އުޅެނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން މަހަށް ނުދެވެން ފެށުމުން ގޭތެރޭގެ ޒިންމާތައް ރައުނާ އުފުލީ ނުލާހިކު ކުރާހިތުންނެވެ. އެގޮތުން އުމުރުން 20 އަހަރުވިތަނާހެން ވަޒީފާއަކަށްވަދެ ކުޑައަށް ތިބި ދެމީހުންގެ ކިޔެވުމުގެ ކަންތަކާ ރައުނާ ހަވާލުވި އިރު އޭނަގެ ކުޑައަށް ތިބި ތިން މީހުން ގޭތެރޭގެ އެކި ކަންތަކާ ބައްޕަގެ ފަރުވާގެ ޚަރަދުތަކާއި ހަވާލުވިއެވެ.

އުމުރުން 23 އަހަރުގައި ޒަވާޖީ ޙަޔާތެއް ފެށުމުގެ ދަތުރު ފެށި ރައުނާއަށް އެކަން ކާމިޔާބުނުވިއިރު އޭނާ ޒަވާޖީ ހަޔާތެއް ފަށަންވެސް ފަސް ޖެހުނެވެ. އޭނާ މާލެ ބަދަލުވުމުގެ އެންމެ ބޮޑު އަސްލަކީވެސް އެޔެވެ. ސްކޫލު ދައުރުން ފެށިގެން އެއްކޮށް އުޅުނު އެންމެ ލޯބިވި މީހާ އޭނައާއި އެކު ލޯބީގެގޮތުން ގުޅިގެން އުޅެމުން އެހެން މީހަކާ އެފަދަ ގުޅުމެއް އޭނާއަށް ނޭނގި ކުރިއަށް ގެންދިޔައިރު ރައުނާ ހުރީ ކައިވެންޏަށްވެސް ތައްޔާރުވެފައެވެ. އެހެންނަމަވެސް އެކަންތައް ފަޅާއެރުމުން އޮފީހުން މާލޭގެ މައި އޮފީހަށް ބަދަލުވާން ލިބުނު ފުރުސަތަށް ރައުނާ ކުރިމަތިލީ އެހިތްދަތިކަމުން އަރަގަތުމަށެވެ. އެހެންނަމަވެސް އޭނާ އެކަން ކުރީ އޭނާގެ މައިންބަފައިންގެ ނުޤަބޫލުގައެވެ. ރައުނާގެ ބައްޕައަކީ އޭނާގެ ދަރިން ވަރަށް ރަނގަޅު ތަރުބިއްޔަތު ދީގެން ބެލި މީހެކެވެ. އެހެންކަމުން އެހާ ދުވަސްވަންދެން އަންހެންދަރިފުޅު މީހަކާ ނުއިނދެ ހުރިއިރު ރައުނާއާއި ދިމާލަށް މީހަކަށް އެއްޗެކޭ ނުބުނެވޭ ވަރުވަނީ ކޮށްދީފައެވެ. ރައުނާ މާލެ އަންނަ ވާހަކަ ބުނުމުން އެކަމާ އޭނާގެ ބައްޕަ ހިތްހަމަނުޖެހުނީވެސް އެހެންވެއެވެ. އަންހެންކުއްޖަކު އެކަނިމާ އެކަނި އެހެން މާލެ ގޮސް އުޅުމުގެ ތެރޭގައި ދިމާވެދާނެ ކަމަކަށް ބިރުވެތިވުމުންނެވެ.

އެހެންނަމަވެސް ރައުނާ ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. ވަރަށް މަސައްކަތުން އާއިލާ މީހެއްގެ ގާތުގައި ހުންނަ ގޮތަށް އެއްބަސްވެގެން ވިޔަސް އޭނާ ބޭނުންވީ މާލެ އަންނާށެވެ. ރައުނާގެ ބައްޕަ އެއްބަސްވި ދުވަހު އަވަހަށް ފޮށި ތަންމަތި ތައްޔާރުކޮށްގެން އޭނާ ޖެހިގެން އައި ދުވަހު މާލެއަށް އައުމަށް ދަތުރު ފެށީއެވެ. ގާތްގަނޑަކަށް 4 ގަޑިއިރުގެ ދަތުރަކަށްފަހު، މާލެ ކައިރި ކުރި ލޯންޗުން ރައުނާ ފޭބީ އޭނާގެ ހިތްބާރު ބާރަށް ތެޅެމުންދިޔަ ޙާލުގައެވެ. ލޯންޗުގައި ހުރި އޭނާގެ ބޮޑު ފޮށި ހިފައިގެން އޭނާ ބަނދަރުމައްޗަށް ފޭބިއިރު އެކި ދިމާލުގައި މީހުންތައް ހޭލަމޭލަ ވަމުންދިޔައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކަމެއްގައި މަޝްއޫލުވެގެން އުޅުނުއިރު ހީވަނީ ވަގުތަށް ކަމެއް ނުނިންމިގެން އުޅޭހެންނެވެ. ރައުނާއަށް މީހުންގަނޑުގެ ތެރެއިން މަގުމައްޗަށް ނުކުމެވުނުތަނާ އެތާނގައި އޮތް ޓެކްސީ ޑްރައިވަރެއް އޭނާއަށް އަތުން ހަނާ އަޅާލިއެވެ. ރައުނާ ބަލާ މީހަކު އަންނަ ވާހަކަ ބުނެފައިވާއިރު، އެމީހަކީ އޭނާއަށް އަދި ނުފެންނަ މީހަކަށްވުމުން ނުދަންނަ ޓެކްސީ ޑްރައިވަރުގެ ގޮވާލުމަށް އޭނާ އިޖާބައެއް ނުދިނެވެ.

"ރައު! މިހިރީ މިކޮޅުގައި." ތަންކޮޅެއް ދުރުން ބަރުއަޑަކުން މީހަކު ގޮވާލި އަޑު ރައުނާގެ ކަންފަތުގައި ޖެހުނެވެ. އެއަޑު އައި ދިމާލަށް ބަލާލުމާއިއެކު އޭނާގެ މަންމަ ފަރާތު ބޮޑުބޭބެ، ރަމީޒު އޭނާއަށް ހަނާ އަޅަމުން ހެވިފައިހުރެ އަންނަތަން ފެނުނެވެ. ރައުނާ އޭނާގެ ފޮށި ދަމަމުން ގޮސް ރަމީޒު ކައިރިއަށް ހުއްޓުމުން ރަމީޒު އޭނާގެ އަތުން ފޮށި ނަގައިގެން ޓެކްސީއެއް ހޯދާލިއެވެ. ނަސީބުކަން ދިމާކުރިގޮތުން ރަމީޒު ވެސް ނެގީ ރައުނާއަށް ކުރިން ހަނާ އެޅި ޑްރައިވަރުގެ ކާރެވެ.

ކާރަށް އަރާ އިށީންއިރު ދުއްވަން އިން ޑްރައިވަރަށް ރައުނާއަށް ބަލާލެވުނީ އެހާ ހިސާބުންނެވެ. ރައުނާ އުންމީދުކުރި ވަރަށްވުރެ ޒުވާން ކުއްޖެކެވެ. ހީވަނީ 19 ވަރަކަށް އަހަރު ވެދާނެހެންނެވެ. އެހެންނަމަވެސް ރަމީޒުގެ ވާހަކައިގެ ތެރެއިން އެއީ އުމުރުން ގާތްގަނޑަކަށް 24 ވަރަކަށް އަހަރުގެ ޒުވާނެއްކަން ރައުނާއަށް އެނގުނެވެ. ބަލާބެލުމަށް ވަރަށް އަޚްލާޤް ރަނގަޅު ވައްތަރު ޖަހާ ޒުވާނެކެވެ. ސީދާ އެމީހާ ގޮވައިގެން ރަމީޒު އައުމުގެ އަސްލުވެސް ރައުނާއަށް އެނގުނީ ކާރަށް އަރާފައި ރަމީޒު ދެއްކި ވާހަކައިންނެވެ. އެޒުވާނާއަކީ ރަމީޒުމެން ވިލިނގިލީގައި ދިރިއުޅޭ އެޕާޓްމެންޓްގެ ތިރީ ފްލޯގައި އުޅޭ ޒުވާނެކެވެ. އެހެންކަމުން ހިސާބުގަނޑު މީހަކަށްވެ އޭނާއަށް އެއްޗެއް ދިނުމުގެ ނިޔަތުގައި އޭނާގެ ކާރު ނެގީކަމަށް ރައުނާއަށް ވިސްނުނެވެ. މާލޭގެ އެއް ނަންބަރު ފާލަމުން ވިލިގިނލި ޓާރމިނަލަށް ދެވެންދެން ރައުނާ މާގިނަ ވާހަކައެއް ނުދައްކައެވެ. އޭނާ އިނީ ރަށުން އޭނާގެ މަންމަ ކަންބޮޑުވެގެން ގުޅައިގެން އުޅޭތީ މަސަލަސް ކުރުމަށެވެ. ވިލިގިނލި ޓަރމިނަލްއަށް ދެވުމުން ކާރުން ފޭބުމަށްފަހު ރައުނާ ފެރީ އާއި ދިމާލަށް ގޮސް ފެރީއަށް އަރައި އިށީންއިރުވެސް އޭނާގެ މަންމަ އޭނާއަށް ގުޅިގޮތަށް ފޯނެއް ނުބާއްވައެވެ. އެއްފަށްޗަކަށް އަމުނަމުން ދިޔައީ ރައުނާ އެކަނި ގޮސް އުޅޭތީ އެންމެން ކަންބޮޑުވާ ވާހަކަތަކެވެ. އެހާ ބޮޑަށް ހާސްނުވުމަށް އެދުމަށްފަހު ރައުނާ ފޯނު ބޭއްވިތަނާ ރަމީޒުވެސް އައިސް އޭނާގެ ގާތުގައި އިށީނެވެ.

ވިލިނގިލިއަށް ދެވެންދެން ވެސް ރައުނާ އިނީ އޭނާގެ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތް ބާރު ބާރަށް ތެޅެމުން ދިޔައިރު އޭނާ މިހާރު އެތަކެއް ހުވަފެންތަކެއް ބަލަން ފެށިއެވެ. އޮފީހަށް ނުކުންނަން އަދި ދެދުވަސްވަރު އޮތުމުން އޭނާ ގަންނަން ޖެހޭ އެއްޗެހީގެ ލިސްޓެއް ހަދާ ފިހާރައަށްދާ ވާހަކަ ރަމީޒުއާއި ހިއްސާ ކުރަމުން ދިޔައީ ނުހަނު އުފަލުން ހުރެގެންނެވެ. ވިލިނގިއްޔަށް ދެވުމުން ފޮށި ބަހައްޓާފައި އެންމެ ފުރަތަމަވެސް އޭނާ ނުކުންނާނީ އަތިރިއަށްކަމަށާއި އިރުއޮށްސޭ މަންޒަރު ބަލަން އޭނާ ބޭނުންވާކަން ހާމަކުރަމުން ދިޔައީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. ރަމީޒުއާއި އެހާ ދުވަސް ފަހުން ބައްދަލުވިއިރުވެސް އެކަން ރައުނާގެ ވާހަކަ ދެއްކުމަކުން މީހަކަށް ފާހަގައެއް ނުވާނެއެވެ.

ރަމީޒުވެސް އޭނާއަށް ހިތްވަރު ދެމުން ދިޔައީ ވަރަށް އުފަލުން ހުރެގެންނެވެ. އެންމެ ކުރިން ސުރެ ރަމީޒު އޭނާގެ ކޮއްކޮގެ ގާތުގައި އޭނާގެ ކުދިން މާލެ ފޮނުވަން ކިޔާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ރަމީޒުގެ ދެމަފިރިންގެ ކުދިން ނެތުމުން އާއިލާގެ ދެން ތިބި މީހުންގެ ދަރިންނަކީ އަމިއްލަ ދަރިންކަމުގައި ރަމީޒު ދެކޭތީއެވެ. ވިލިނގިލީގައި ދިރިއުޅޭ ރަމީޒުގެ އަނބިމީހާގެ ގޭގައި އިތުރަށް ކޮޓަރިއެއް ހުރުމުން އެކޮޓަރި ރައުނާއަށް ދޭން އެމީހުން ނިންމީވެސް އެހެންވެއެވެ. ރައުނާ އެހާ ޝައުގުވެރިކަމާއިއެކު އެވާހަކަ ދައްކަމުން ދިޔަތަން ފެނި ރަމީޒުގެ ހިތަށްވެސް ހަމަޖެހުން ލިބުނެވެ.

ވިލިނގިލިއަށް ދެވުމުން ބަގީއަކަށް އަރައިގެން ރަމީޒުމެންގެ ގެއަށް ރައުނާމެން ދަތުރުފެށިއެވެ. ގާތްގަނޑަކަށް 5 މިނެޓް ތެރޭގައި ރަމީޒުމެންގެ ގޭގެ ދޮރުމައްޗަށް ބަގީ ގޮސް މަޑުކޮށްލިއެވެ. 5 ފަންގިފިލާގެ އިމާރާތަށް ބަލަން ހުރެފައި ރައުނާ އެތެރެއަށް ވަނީ ރަމީޒުގެ ފަހަތުންނެވެ. ދެފަރާތަށް އެޕާޓްމެންޓްތައް ހަދާފައި ހުރި އެބޮޑު ގޭގެ ދެވަނަ ފަންގިފިލާއަށް އަރާ ރަމީޒު ދޮރުގެ ތަޅު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު ސިޓިންގރޫމް ސޯފާގައި ރަމީޒުގެ އަންހެނުން ސީމާ އެދެމީހުންގެ އިންތިޒާރުގައި އިނެވެ. ރައުނާ އެންމެ ކުޑައިރު އޭނާގެ މަންމަ ފިޔަވާ އޭނާ ބެލި މީހަކަށް ހުރި ހަމައެކަނި މީހަކީ ސީމާއެވެ. މާލޭގެ ނަން ހިނގާ ހޮސްޕިޓަލެއްގައި ސީނިއަރ ރެޖިސްޓަރޑް ނަރުހެއްގެ ވަޒީފާ އަދާކުރާ ސީމާއަކީ ވަރަށް ހީވާގި މީހެއްވެސްމެއެވެ.
"ރައު ހާދަ ބޮޑު ވެއްޖެޔޭ މިހާރު! ސީމާއްތައަށް ވުރެ އިސްކޮޅުން ދެމިލައިފި ދޯ؟" ސީމާ ސުވާލުކޮށްލިއިރު އެއަޑުގައި ކުރީގެ އޯގާވެރިކަމާއި މައިވަންތަކަމުގެ ކުލުނަށް އެއްވެސް ބަދަލެއް ނައިސް ހުރިއެވެ.

"ދެން އަބަދަކު އެހެން ކުޑަކޮށެއް ނުހުންނާނެއެއްނު! ސީމާއްތަ އެބަޖެހޭ އަހަންނާ އެއްކޮށް ލައްކަ ކަންކަން ކުރަން. ފިހާރައަށް ދާން، ބީޗަށްދާން، އާނ އަދި ހޮސްޕިޓަލަށްވެސް ދާން ޖެހޭނެ..." ވަރަށް ހަލުވިކޮށް ވާހަކަ ދައްކަމުން ރައުނާ އެހެން ބުނުމުން ރަމީޒުގެ ދެމަފިރިން އެކަކު އަނެކަކަށް ބަލާލީ ކުޑަކޮށް ހައިރާންވެ ތިބެއެވެ.
"ކީއްކުރަން ހޮސްޕިޓަލަށް ދަނީ؟ ބަލީތަ؟" ރަމީޒު ސުވާލުކޮށްލިއެވެ.

"އެއީ މެޑިކަލް އެގްޒެމިނޭޝަންއެއް ހަދާލަން ޖެހޭތީ. ކޮމްޕެނީ ޕޮލިސީގެ ދަށުން. ކޮބާ ކޮޓަރިއަކީ؟ ވަރަށް ދާހިއްލާފައި މިހުރީ.. ފެންވަރާލައިގެން ނުކުންނަންތަ؟" ލައިގެން ހުރި ނޫކުލައިގެ ޓޮޕްގެ އެކި ދިމާލުގައި ހިފާލަމުން ރައުނާ އެހެން ބުނުމުން ސީމާ އޭނާއަށް އޭނާގެ ކޮޓަރި ދައްކާލިއެވެ. ސީމާގެ ފަހަތުން ގޮސް ރައުނާ ކޮޓަރިއަށް ވަނުމުން ފެންވަރައިގެން ނުކުމެ ކާނީ ދޯ އޭ ބުނުމަށްފަހު ރަމީޒުގެ ދެމަފިރިން އެކޮޓަރިން ނުކުތެވެ. އެމީހުން ދިޔުމުން ރައުނާ އޭނާގެ ފޮށި ހުޅުވާލުމަށްފަހު ތުވާއްޔާއި ގޭތެރޭގައި ލާނެ ޓީޝާޓެއް ނެގުމަށްފަހު އެހިފައިގެން ފާޚާނާއަށް ވަނެވެ. ވަރަށް ރަނގަޅަށް ފެންވަރާލުމަށްފަހު ނުކުމެ އެއްޗެހި ބަދަލުކޮށްލައިގެން ނަމާނުކުރުމަށްފަހު ތުވާލި ހިފައިގެން އޭނާ ބެލްކަންޏަށް ނުކުމެލިއެވެ.

"އޭތް... އެހެރީ މިއަދު ދިމާވި ޓެކްސީ ޑްރައިވަރު. އޭނަ ކޮން އިރަކު ވިލިނގިލިއަށް އައީ؟ އެއް ފެރީއަކަށްބާ އެރީ؟" ބެލްކަންޏަށް ނުކުތް ވަގުތު ރައުނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެމީހުން ފެރީ ޓަރމިނަލްއަށް ގެނެސްދިން ޒުވާނާ ސީދާ އެބެލްކަންޏާ ދިމާލަށް ހުރި ބެލްކަނީގައި ފޯނެއްގައި ހުރިތަނެވެ. އެޒުވާނާ ދެކޮޅަށް ވަރަށް ހަލުވިކޮށް ހިނގަމުން ދިޔައިރު ހީވީ އޭނާ އެއުޅެނީ ކޮންމެވެސް ކަމަކާ ވަރަށް ހާސްވެގެންހެންނެވެ. ރައުނާ އިރުކޮޅަކަށް އެދިމާލަށް ބަލަން ހުރެފައި ދެވަނަ ހިނދުކޮޅުގައި އޭނާގެ ނަޒަރު ތިރިކޮށްލީ ކުއްލިއަކަށް ހިނގުން މަޑުކޮށްލާ އެޒުވާނާ ފަސް އެނބުރި ސީދާ ރައުނާއާއި ހަތަރުކަޅި ހަމަކޮށްލި ގޮތުންނެވެ. ރައުނާގެ މުޅި ހަށިގަނޑުގައި ހީވީ ކަރަންޓުގެ ރާޅެއް ދައުރުކޮށްލި ހެންނެވެ. އަވަސް އަވަހަށް ތުވާލި ރީތިކޮށް ބެލްކަނީގެ ރެއިލިންގގައި އަޅުވާލުމަށްފަހު އޭނާ އިސްޖަހާލިގޮތަށް ކޮޓަރިއަށް ދެމިގަތެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވާލަމުން އޭނާ ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު، ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ރަމީޒުގެ ދެމަފިރިން ބަދިގެ ތެރޭގައި ކާން ހެދުމަށް އެކަކު އަނެކަކަށް އެހީވަމުން ދިޔައެވެ.

"ސީމާއްތާ. މިގޭ ކުރިމަތީގައި އެހެރަ އެޕާޓްމެންޓް. އެތާނގައި އުޅޭ ބޯއި.. އެއީ ކޮންތާކު ކުއްޖެއްތަ؟" ދެފަހަރަކަށް އިއްތިފާގަކުން ދިމާވި އެޒުވާނާގެ މައުލޫމާތު ހޯދަން ރައުނާ ބޭނުންވި ސަބަބެއް ހުދު އޭނާއަކަށްވެސް ނުވިސްނުނެވެ. އޭނާ ފާޅުކުރި ޝައުގުވެރިކަމުން ރަމީޒުއަށްވެސް ހައިރާންކަން ލިބުމުން އޭނާ ބަދިގެ ފަރާތުގައި ހުރެފައި ސީމާގެ ފަހަތުން ނުކުތެވެ.
"ކިހިނެތްވީ؟ ޝާމިންދޯ އެއީ، ރަމީޒު؟" ސީމާ އެއް ސުވާލު ރައުނާއަށް ކުރުމަށްފަހު އަނެއް ސުވާލުކޮށްލީ ރަމީޒުއާއި އެވެ. ރަމީޒު ބޯޖަހާލުމުން ސީމާ އަނެއްކާވެސް އޭނާގެ ސަމާލުކަން ރައުނާއަށް އަނބުރާލިއެވެ. އޭރު ރައުނާ އިނީ ސޯފާގައި އޭނާގެ ފޯނުހިފައިގެން އެއްފަހަރު ފޯނަށް އަނެއްފަހަރު އެތާނގައި ހުރި ކުޑަދޮރަށް ބަލާށެވެ.
"ޝާމިން އެއީ. އޭނައާއި އޭނަގެ ކޮއްކޮ އުޅޭނީ އެމީހުންގެ މާމައާއި އެއްކޮށް. ކިހިނެތްވީ؟ ކަމުދިޔައީތަ؟ އެކަމާ އުޅޭނެކަމެއް ނެތް. އޭނަގެ ހުރޭކަންނޭނގެ ސީރިއަސް ބިޓެއް". ދިމާކޮށްލުމުގެ ރާގަށް ސީމާ އެހެން ބުނެފައި ރަމީޒުއަށް ބަލާލިއިރު ރަމީޒުގެ މޫނުމަތިންވެސް ފެންނަނީ ލާނެތް އަސަރެކެވެ.

"ނޫން. އެހެންނެއް ނޫނޭ. އަސްލު އެހާ ޔަންގް ކުއްޖަކު އެހެން ހާޑްވޯރކް ކުރަނިކޮށެއް ވަރަށް ނުފެނޭ ވިއްޔަ. އެހެންވެ ހަމަ ކިއުރިއަސްވީ." ރައުނާ އަނެއްކާވެސް އޭނާގެ ފޯނަށް ބަލާލިއެވެ. ސީމާއާއި ރަމީޒު އޭނާއާއި ބޮޑަށް ދިމާކުރަން ފެށުމުން ރައުނާ އެކަމާ ދެކޮޅު ހެދުމަށްފަހު ބޯހޫރަމުން ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. އޭރުވެސް ދޭތެރެއަކުން އޭނާއަށް ޝާމިންއާއި މެދު ވިސްނާލެވެއެވެ. ހަގީގަތުގައިވެސް ރައުނާގެ ހިތުގައި މާ ބޮޑު އެއްޗެއް އޮތީ އެއްވެސް ނޫނެވެ. ދެފަހަރަކަށް އޭނާއަށް ޝާމިން ފެނުނުއިރުވެސް ޝާމިން އުޅުނުގޮތުން ހަމަ އޭނާގެ ހިތުގައި ސުވާލު އުފެދުނީއެވެ.

ކޮންމެއަކަސް މެންދުރުގެ ކެޔުން ނިންމާލުމަށްފަހު ރައުނާ އެދުނު ފަދައިން އޭނާ ގޮވައިގެން އަތިރިއަށް ސީމާ ދިޔައީ އިރުއޮށްސޭ މަންޒަރު ބެލުމުގެ ބޭނުމުގައެވެ. އެދެމީހުންނަށް ރަނގަޅު ހިސާބެއް ފެނުމުން އެތާނގައި ތިއްބާ މާދުރުން ރައުނާއަށް ޝާމިން ފެނުނުހެން ހީވިއެވެ. އޭނާ ކުޑަކޮށް ބޯ އަރިކޮށްލުމަށްފަހު އެދިމާލަށް ބަލާލުމުން އެކަން ޔަގީންވެސް ވިއެވެ. އެއާއި އެކު އޭނާ ތެޅިގަތްގޮތުން ސީމާއަށްވެސް އެދިމާ ބަލާލަން މަޖްބޫރުވިއެވެ. މާވަރަށް ރައުނާއަށް ޝާމިން ފެނި ޝާމިންއަށް ސަމާލުކަން ދެވޭގޮތުން ސީމާ އަނެއްކާވެސް އޭނާއާއި ދިމާކުރަން ފެށިއެވެ. ސީމާގެ ސަމާސާއަށް އަޅާލުމެއްނެތި ރައުނާ އޮށްސެމުންދިޔަ އިރަށް އޭނާގެ ފުރިހަމަ ސަމާލުކަން އަނބުރާލިއެވެ. އެހެންނަމަވެސް އެހެން އިން އިރުވެސް ދެފަހަރުން އޭނާއަށް ޝާމިން ފެނުނު ދިމާލަށް ބަލާލެވެއެވެ. ޝާމިންގެ ކަންތައްތަކާ ވިސްނާލެވުނެވެ.

ޝާމިން އުޅުނު ގޮތެވެ. މޫނުމަތީގެ ކުލަވަރެވެ. އަބަދުވެސް ހިތްހަމަ ނުޖެހުމުގެ އަސަރު އެމޫނުމަތިން ފެންނައިރު ރައުނާއަށް އޭނާ ފެނުނު ތިން ފަހަރުވެސް އޭނާ ހިނިތުންވެލި ތަނެއް ރައުނާއަކަށް ނުފެނެއެވެ. ރަމީޒުއާއި އެކު އައި ފުރަތަމަ ދުވަހު ރަމީޒު އޭނައަށް ރައުނާ ތައާރަފްކުރުމުންވެސް ރައުނާއާއި ދިމާލަށް އޭނާ ބަލާވެސް ނުލައެވެ. ރައުނާއަށް އެގޮތް ކަމުނުދިޔައީއެވެ. އެހާހިސާބުން ޝާމިންއަކީ މީހުންނާއި ނުގުޅޭ އަދި އެހާ ގާތްކޮށް މީހުންނާއި އެކު އުޅޭ މީހެއްކަމަކަށް ރައުނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާއަށް ޝާމިންއަށް އެހާ ވަރަށް ބެލެނީވެސް އެޤަބޫލުކުރުން ދޮގު ކުރެވޭތޯއެވެ. އެހެންނަމަވެސް ޝާމިންގެ އަމަލުން ކޮންމެ ފަހަރަކުވެސް ރައުނާގެ ވިސްނުމަށް ލިބެނީ އިތުރު ހިތްވަރެކެވެ. އެހާ ހިސާބުން ރައުނާ އިތުރަށް ދެން ޝާމިންގެ އެއްވެސް ކަމަކާ ވިސްނާކަށް ގަސްދެއް ނުކުރިއެވެ. ފަހަރުގައި ސީމާމެން އެހެން ދިމާކުރުމުން އެކަމާ އޭނާ ހިތްހަމަނުޖެހޭތީކަމަށްވެސް ވެދާނެއެވެ.

އެރޭ ރޭގަނޑު ސީމާއާއި އެކު ރައުނާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ ކުންފުނިން މެޑިކަލް ރިޕޯޓެއް ހުށައަޅަން ބުނުމުން އޭގެ ޓެސްޓުތައް ހެދުމަށެވެ. އެދެމީހުންނަށް މާލެ ދެވުނީ އެރޭ 8 ޖަހަން އުޅެނިކޮށެވެ. ސީމާއާއިއެކު ދިޔުމުން އެކަން ތަންކޮޅެއް ފަސޭހައިން ވާނެތީ ރައުނާ ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ދެމީހުން އެކުގައި އައިޖީއެމްއެޗަށް ގޮސް ހުރިހާ ޓެސްޓެއްގެ މެމޯތައް ހައްދާލުމަށްފަހު އަވަސް އަވަހަށް ހެދެން ހުރި ޓެސްޓްތައް ހަދަން ފެށިއެވެ. ރައުނާ ހީކުރި ވަރަށް ވުރެ ލަސްވާން ފެށުމުން ބޭރުގައި އިން ސީމާއަށް އޭނާ މެސެޖުކޮށްލީ އަނެއްކޮޅުން ރަމީޒު ގެއަށް އަންނަންވާއިރު ގޭގައި އެއްވެސް މީހަކު ނެތުމުން ދަތިވާނެތީއެވެ. ރައުނާ އެދުނީ ސީމާ ގެއަށް ދިޔުމަށެވެ. ޓެސްޓު ނިމުމުން އޭނާ ފެރީއަށް އަރަމުން ގުޅާނެކަމަށް ބުނުމުން ސީމާ ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ރައުނާގެ އީސީޖީ ސްކޭން ނިމެން ފުދޭވަރަކަށް ވަގުތު ނެގިއެވެ. އެކަންތައް ނިންމާލުމަށްފަހު ބަލާނުލާ އޭނާ މިސްރާބު ޖެހީ ލެބޯޓެރީއާއި ދިމާލަށެވެ. އޭނާ އެހެން ލާފައި ދަނިކޮށް ކުއްލިއަކަށް ހުއްޓުން އަރާ ގޮތްވީ ޝާމިން ފެނުނުހެން ހީވެގެންނެވެ. ފަސް އެނބުރި އޭނާ އައިކޮޅަށް އަނބުރާލީ އެކަން ޔަގީންކުރުމަށެވެ. އެހެންނަމަވެސް ދެވަނަ ހިނދުކޮޅުގައި އޭނާ ހުއްޓުން އެރީ އަމިއްލަ ނަފްސަށް މަލާމާތްކުރާ ޙާލުގައެވެ. މިހާރު އޭނާއަށްވެސް ޝާމިންއާއި މެދު އެވަރަށް ވިސްނޭތީ ހައިރާންވާ ދަރަޖައަށް ކަންތައް ދާކަމުގެ އިހުސާސްކުރެވެން ފެށުނެވެ. ބޯހޫރާލުމަށްފަހު އޭނާ މައްޗަށް އަރައިގެން ގޮސް ލެބޯޓެރީ ކައިރިއަށް ދިޔައިރު އެތަން ބަންދުކޮށްފައި ހުރިތަން ފެނުމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ތިރިއަށް ހިނގައިގަތެވެ. ހޮސްޕިޓަލުން ދެން އޭނާއަށް އިތުރުކަމެއް ނުކުރެވޭނެކަން އެނގޭތީ އޭނާ ވިސްނީ ގެއަށް ދިޔުމަށެވެ. މަގުމައްޗަށް ނުކުމެ ރަމީޒުއަށް ގުޅައިގެން ހުރެ ފެރީ ޓަރމިނަލްއާއި ދިމާލަށް އޭނާ ހިނގައިގަތެވެ.

ޓިކެޓް ކައުންޓަރުން ޓިކެޓް ނަގައިގެން ގޮސް އޭނާ ފެރީ އަންނަންދެން އިނުމަށްފަހު ފެރީ އައުމުން އަވަހަށް ފެރީއަށް އަރަން ހިނގައިގަތެވެ. ފެރީއަށް އޭނާއަށް ނޭރެނީސް ފުރޮޅުލީ ގޮނޑިއެއް ހިފައިގެން ކުރިމަތިން ލާފައި ފެރީއަށް އަރަން ދިޔަ ޝާމިން އޭނާގެ ލޮލުގައި އަޅައިގަތެވެ. އިރުކޮޅަކަށް ރައުނާއަށް ހުއްޓުން އެރި ނަމަވެސް ދެވަނަ ހިނދުކޮޅުގައި އޭނާ އަވަސް އަވަހަށް ކުރިއަށް ޖެހިލީ ޝާމިން އޭނާއާއި ދިމާލަށް ބަލާހެން ހީވާން ފެށުމުންނެވެ. ޝާމިންއާއި އިތުރު އަންހެންކުއްޖަކު ފުރޮޅުލީ ގޮނޑިއަކަށް ލައިގެން އެއުޅެނީ ކާކުކަމެއްވެސް ރައުނާއަކަށް ފެންނަ ވަރެއް ނުވިއެވެ. ނޫންކަމަށް ހަދާފައި ކުރިއަށް ޖެހިލާ ކުޑަކޮށް އިސްއުފުލާ ބަލާލީ ފުރޮޅުލީގޮނޑީގައި އިން މީހަކު އޭނާއަށް ފެންނާނެކަމަށެވެ. ނަމަވެސް އެކަން އޭނާއަކަށް ވާގޮތެއް ނުވިއިރު ފެރީއަށް އަރައިގެން ދިޔަ ޝާމިންއާއިއެކު ހުރި އަންހެންކުއްޖާ އޭނާއަށް ފެނުނެވެ.

އެންމެ ފަހުން އަހަންނަށް ކީއްހޭ ހިތާހިތުން ކިޔާލުމަށްފަހު ރައުނާވެސް ފެރީއަށް އަރަން ހިނގައިގަތެވެ. ކުޑަކޮށް ފަހަތަށް އަނދިރިކޮށް އޮތް ފެރީއަށް އެރުމަށްފަހު ރައުނާ މިސްރާބުޖެހީ ތަންކޮޅެއް ފަހަތުގައި އިށީންނާށެވެ. އެހެންނަމަވެސް މާ ފިރިހެނުން ގިނަވުމުން އޭނާގެ ޚިޔާލު ބަދަލުވެ ތަންކޮޅެއް ކުރީގައި އިން ގޮނޑިބަރީގައި އިށީނދެވުނެވެ. އިށީނުމަށްފަހު ކުއްލިއަކަށް ސިކުނޑީގައި އެއްޗެއް ކޮށްޓާލިހެން ހީވުމާއި އެކު އޭނާ ވަށާ ނަޒަރު ހިންގާލެވުނެވެ. އޭނަ އިން ދިމާ ނޫން އަނެއް ދިމާ ތަންކޮޅެއް ކުރީގައި ޝާމިން އިންތަން ރައުނާއަށް ފެނުނުވެ. ފެނުނުހެން ހީނުވެ އަވަސްއަވަހަށް ރައުނާއަށް އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލަން މަޖުބޫރުވީ ދެން އޭނާގެ ގާތުގައި އިން މީހާ ފެނުމުންނެވެ.

ޝާމިންގެ ގާތުގައި ފުރޮޅުލީ ގޮނޑި ހުރިއިރު އޭގައި އެއިނީ މުސްކުޅި ފުރައިގެ އަންހެނެކެވެ. ކުރިން ދެކެވުނު ވާހަކައިން އެއީ ޝާމިންގެ މާމަކަން ރައުނާއަށް ވިސްނުނެވެ. ރައުނާއަށް އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން މަޖުބޫރުވީވެސް އެހެންވެގެންނެވެ. ޝާމިންގެ މާމައިނީ ސީދާ ރައުނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ރައުނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔުމާއިއެކު އޭނާ އަވަސް އަވަހަށް ފޯނު ނަގައިގެން އެޔާ ކުޅެން ފެށިއެވެ. އެހެން އިނދެފައި ދެންވެސް ރައުނާއަށް ބަލާލެވެނީ ޝާމިންގެ މާމަވެސް އެދިމާލަށް ބަލާ ވަގުތަށެވެ. ކޮންމެ ފަހަރަކުވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދެއެވެ. ރައުނާއަށް ކުރެވެން ފެށީ ވަރަށް އުނދަގޫ އިޙުސާސްތަކެކެވެ. މިހާރު އޭނާއަށް އެތަނުގައި އިންނަންވެސް ދަތިވާން ފެށިއެވެ. ފޯނަށް ސަމާލުކަން ދޭން އިނދެފައި އޭނާ އަނެއްކާވެސް ނޫންކަމަށް ހަދާފައި ބަލާލިއިރު ޝާމިންގެ މާމަ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ރައުނާ އިރުކޮޅެއް ވަންދެން އެމީހާއަށް ބަލަހައްޓައިގެން އިނީ އެމީހާ އޭނާއާއި ދިމާލަށް ބެލުން ހުއްޓާނުލާނެހެން އޭނާއަށް ހީވީމައެވެ. އެހެންނަމަވެސް އެމީހާ އިންގޮތުން ކޮންމެވެސް ކަމަކަށް ގެއްލިފައޭ ރައުނާގެ ހިތް ބުނުމުން އޭނާ އަނެއްކާވެސް އޭނާގެ ސަމާލުކަން ފޯނަށް އަނބުރާލިއެވެ. 8 ވަރަކަށް މިނެޓްގެ ދަތުރަށްފަހު ވިލިނގިލި ޖެޓީއަށް ފެރީ ވަނުމުން މާދުރުން ރައުނާއަށް ޓަރމިނަލްގެ އެއް އަރިމަތީގައި މަޑުކޮށްލައިގެން ހުރި ސީމާ ފެނުނެވެ. ފޭރީ ގާތްކުރުމުން އެންމެންނަށްވުރެ ކުރިން ރައުނާ ފޭބުމަށްފަހު، ސީމާގެ ގާތަށް ހަލުވިކޮށް ގޮސް މަޑުކޮށްލިއެވެ.
"އަހަރެން ހީކުރީ ބޮޑުބެ ކަމަށް އަންނާނީ. ކީއްވެ ސީމާއްތަ ތިއައީ؟" ރައުނާ ސީމާގެ އަތުތެރެއަށް އޭނާގެ އަތްލަމުން ހިނގައިގަންނަން އުޅުނެވެ.

"ބޮޑުބެވެސް އެބަ އުޅޭ. އެކަމަކު ސީމާއްތަ މިއައީ ކުޑަކަމެއްވެގެން. ހިނގާބަލަ.. ބުނަން ސީމާއްތަ ކައިރީގައި އިންނާނީ އިނގޭ.. އެއްވެސް ވާހަކައެއް ނުދައްކާތި!" ކުރިއަށް ހިނގަތުމުގެ ބަދަލުގައި ސީމާގެ ލޯ ހަރަކާތްކުރަމުން ދިޔައީ ފެރީއާއި ދިމާލަށެވެ. މަޑުމަޑުން މީހުންތައް ފައިބައިގެން އަންނަތަން ފެނުމާއިއެކު ސީމާގެ ސަމާލުކަން ހުރި މީހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނާ ފޯނު ނަގައިގެން ކަންފަތުގައި ޖެހިގޮތަށް ހުސް ފޯނަކާ ވާހަކަ ދައްކަން ފެށުމުން ރައުނާއަށް ހައިރާންކަން ލިބުނެވެ. އެހެންނަމަވެސް އޭނާގެ ހަވަނަ ހިއްސު މަސައްކަތް ކުރަން ފެށުމާއި އެކު އޭނާ ނިންމީ ސީމާ ބުނި ފަދައިން އެއްވެސް އެއްޗެކޭ ނުބުނެ ހުންނާށެވެ.

ސީމާ އިންތިޒާރުކުރަމުން އައި މީހާ އެމީހުންގެ ގާތުން ލާފައި ގޮސް އެތާނގައި އޮތް 6 މީހުންނަށް އެރޭ ބަގީއަށް އަރަން ދިޔުމުން ރައުނާގެ އަތުގައި ހިފައިގެން ސީމާވެސް އެބަގީއާއި ދިމާލަށް ހިނގައިގަތެވެ. އެބަގީއާއި އަރާ ހަމަވިއިރު ރައުނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ބިރުގަނެފައިވާ ހާލުގައެވެ. ވާނީވެސް އެހެންތާއެވެ. ސީމާ ގޮސް މަޑުކޮށްލީ ޝާމިން އޭނާގެ މާމައާއި އިތުރު އަންހެންކުއްޖަކާއެކު އަރަން އުޅުނު ބަގީގެ ކައިރީގައެވެ. ބަގީގައި ޖާގައޮތްތޯ އަހަމުން ސީމާ ރައުނާ ގޮވައިގެން އެރީ ބަގީގެ ފަހަތު ސީޓަށެވެ. ޝާމިން އާއި އޭނާގެ ކޮއްކޮ އެމީހުންގެ މާމާ މެދަށްލުމަށްފަހު ދެމީހުން ދެފަރާތުގައި އިށީނދެލިއެވެ. އެންމެން ހަމަޖެހުމުން ބަގީ މަޑުމަޑުން ދުއްވާލިއެވެ. ތެޅެމުން ދިޔަ ރައުނާގެ ހިތުގެ ވިންދުގެ އަޑު އޭނާއަށް އިވޭހެންވެސް ހީވާން ފެށިއެވެ. ހިންދިރުވާލުމާއިއެކު އޭނާއަށް ސީމާއާއި ދިމާލަށް ބަލާލެވުނީ ވާހަކަ ނުދައްކަން އިނަސް އެހެން އިނުމަކީ އޭނާއަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވުމުންނެވެ. އޭނާ ހާސްވެފައިވާ ވަރު ސީމާއަށް އެނގޭތީކަމަށްވެސް ވެދާނެއެވެ. ވަރަށް އޯގާތެރިކަމާއި އެކު އެހާ ބޮޑުކަމެއް ނުވާކަމަށް ސީމާ ބުނެލިއެވެ.

ގެއާއި ހިސާބަށް ދެވުމުން އެދެމީހުން ބަގީއިން ފޭބިއިރުވެސް ސީމާއަށް ބެލެނީ ޝާމިންމެންނާއި ދިމާލަށެވެ. ޝާމިންގެ ކޮއްކޮއާއި ވާހަކަ ދައްކާލުމަށްފަހު އޭނާ ރައުނާ ގޮވައިގެން ގޮސް ގެއަށް ވަތްތާ މާގިނަ އިރުތަކެއް ނުވަނީސް ރަމީޒުވެސް އައިސް ގެއަށް ވަނެވެ. ރައުނާ ވެގެން އުޅެނީ ކީއްތޯ އެހުމުން އެދެމަފިރިން އެދުނީ ރައުނާ ގޮސް އޮށޯތުމަށެވެ. ކިތަންމެ ވަރަކަށް ސުވާލުކުރިއަސް ހަގީގަތެއް ނޭނގޭކަން ވިސްނުމުން ރައުނާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނިދަން އޮށޯތުމުގެ ބަދަލުގައި ކޮޓަރީގެ ދެކޮޅު ދެކޮޅަށް އޭނާއަށް ހިނގެން ފެށުނެވެ. އެތަށް ފަހަރަކު ބޭރަށް ނުކުމެލާ ރަމީޒުގެ ދެމަފިރިން ގާތުގައި އަހަންވެސް އޭނާގެ ހިތް ބުންޏެވެ. އެމީހުން އުޅުނު ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނާއަށް ޔަގީންވާތީއެވެ.

އެންމެފަހުން ކެތްނުވުމުން ރައުނާ ގަސްތުކުރީ ސިއްރު ސިއްރުން އެމީހުންގެ ވާހަކަ އަޑުއަހާށެވެ. އޭނާއަށް އެކޮޓަރީގެ ދޮރާއި އަރާ ހަމަ ނުކުރެވެނީސް ބޭރުން އިވެން ފެށި އަޑާއި އެކު އޭނާގެ ހަށިގަނޑުގައިވި ހުރިހާ ލޯލިއެއް އެއްފަހަރާ ކޮޅަށްޖެހުނެވެ. ބޭރުން އިވެމުން އެދިޔައީ ސައިރެންގެ އަޑެވެ. އެމްބިއުލެންސްގެ ސައިރެންއެއް ނޫނެވެ. ފުލުހުންގެ ވެހިކަލްގެ ސައިރަން އަޑެވެ. ރައުނާއަށް ލިބުނު ސިހުމުން އޭނާ އަވަސްއަވަހަށް ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. ދެތިން ހަތަރު ފުލުހުން ބޭރުގައި ހަރަކާތްތެރިވިއިރު ރަމީޒުގެ ދެމަފިރިންވެސް އެތާނގައި ތިބިތަން އޭނާއަށް ފެނުނެވެ. ދެން ފެނުނު މަންޒަރުން ރައުނާގެ މުޅި ހަށިގަނޑަށް ވެސް ރޫރޫ އަޅައިގެން ދިޔައެވެ. ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައި އޮތް އެނދެއްގައި އެއިމާރާތުން އެނެރެނީ މަރުވެފައިވާ މީހެކެވެ.

ރައުނާ އަވަސް އަވަހަށް ތިރިއަށް ފައިބާ ގެއިން ބޭރަށް ނުކުތެވެ. އޭނާ ފެނުމުން ސީމާއާއި ރަމީޒު އޭނާ ހުއްޓުވުމަށްފަހު ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ޝާމިންއާއި އޭނާގެ ކޮއްކޮ އެމީހުންގެ މާމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތާ ހަފްތާއެއްވުމުން އެމީހާ ކުއްލިއަކަށް ހޮސްޕިޓަލުން ހުއްދަ ނުދެނީސް ގެއަށް ގެނައެވެ. އެކި ފަހަރުމަތިން އެމީހާގެ ހާލަތު ނޭނގިގެން ހޮސްޕިޓަލުން އެކަން ބަލަން އުޅުމުން އެންމެ ފަހުން ޑޮކްޓަރަށް ދައްކާށޭ ކިޔާފައި، މާމަ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައިވެސް އެމީހާ ޑޮކްޓަރަށް ނުދައްކާ އަނބުރާ ވިލިނގިލިއަށް އައީއެވެ. ރައުނާއާއި ފެރީއިން އެމީހުންނާއި ދިމާވީ އެދަނޑިވަޅުގައެވެ. ހަގީގަތުގައި ޝާމިންގެ މާމަ ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް އެދެބެއިން އެމީހާ ގޭގައި އެހެން ގެންގުޅޭތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ވާހަކަ އެހާ ހިސާބަށް ދިޔަ ވަގުތު ޝާމިން އާއި އޭނާގެ ކޮއްކޮ ބިޑިއަޅުވައިގެން އެގެއިން ނެރުނުތަން ރައުނާއަށް ފެނުނެވެ. އިސް އުފުލާ ޝާމިންއަށް ބަލާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

އެވަރުގެ ކަމެއް އެދެބެއިން ކުރީ ކީއްވެބާއެވެ؟ މުޅިރޭ ހަތަރުދަމު ރައުނާއަށް ވިސްނުނީ އެކަންތަކާއެވެ. އެހެންނަމަވެސް އެސުވާލުގެ ޖަވާބު ލިބޭކަށް އެހާ ދުވަހެއް ނެގިއެވެ. ދެދުވަސްފަހުން ޚަބަރުތަކުގެ ފަލަ ސުރުޚީގައި އޮތީ އެދެބެއިން އެކަންތައް ކުރި ސަބަބެވެ. ސަބަބު އަދި މާ ހިތްދައްޗެވެ. އެމީހުން އެކަން ކުރީ އެމީހާއަށް ލިބޭ އުމުރުން ދުވަސްވީ މީހުންނަށްދޭ ރުފިޔާގެ ބޭނުމުގައެވެ.

-ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައަޅާދިނީ ޝަހުޒާ އަބްދުއްރައްޒާގު މާވިނަ / ގދ.ހޯނޑެއްދޫ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 28 ރަމަޟާން 1442 އެވެ.