ޚަބަރު

ކޯވިޑް-19 : ނުރައްކާ އިންތިހާއަށް ބޮޑު، މިއަދުވެސް 1501 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 1،501 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި 1،200 އަށް ވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 662 އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މިއަދު 1229 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 265 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 38،520 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ނުރައްކާ ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން ދުވަހުވެސް ބައްޔަށް ޕޮޒިޓވްވާ މީހުންގެ އަދަދުވަނީ 1000 ން މައްޗަށް އަރާފައެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު މިބަލި އަންނަނީ ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 248 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،795 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 11،629 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 247 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 6209 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.