ޚަބަރު

4 މިލިއަން ރުފިޔާ ދައްކަންކުރި ޙުކުމް ޕީއެސްއެމްއިން އިސްތިއުނާފްކުރަނީ


ޕީއެސްއެމްގެ އެގްޒެކްޓިވް ބިއުރޯގައި ކުރި މަސައްކަތްތަކަކަށް ކުންފުންޏަކަށް 4 މިލިއަން ރުފިޔާ ދައްކަންކުރި ޙުކުމް ޕީއެސްއެމްއިން އިސްތިއުނާފްކުރަން ނިންމައިފިއެވެ.

ޕީއެސްއެމްއިން އިސްތިއުނާފްކުރަން ނިންމީ އާރޓިސަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ޕީއެސްއެމްގައި ކުރި މަސައްކަތެއްގެ އަގެއްގެ ގޮތުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ޙުކުމެވެ.

ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވީ ޓީވީ ބިލްޑިންގގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގެ މަސައްކަތަކީ، އާރޓިސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މަސައްކަތެއްކަމަށް ބުނެ އެމަސައްކަތްތަކުގެ އަގު ހޯދުމަށް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ އެމަސައްކަތްތަކާއި އެކަށީގެންނުވާވަރުގެ ބޮޑު އަގުތަކެއްކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އިންވޮއިސްތަކުގައިވާ މަސައްކަތްތަކަކީ އެހެން ފަރާތްތަކަކާއި ޙަވާލުކޮށްގެންކޮށްފައިވާ، އަދި އެމަސައްތަކަށް ފައިސާދީ ޚަލާޞްކޮށްފައިވާ މަސައްކަތްތަކެކެވެ. އަދި އަނެއްބައި އިންވޮއިސްތަކަކީ އާރޓިސަން ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާ އިންވޮއިސްތަކަކަށްވާއިރު އެފަދަ އިންވޮއިސްތައް އުނިނުކޮށް އިންވޮއިސްތަކަށްވެސް ފައިސާ ހޯދުމަށް ހުށަހަޅާފައިވާތީ، އެހުރިހާ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ޕީއެސްއެމްއިން އިންކާރު ކުރުމާގުޅިގެން އެފައިސާ ހޯދުމަށް އާރޓީސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރުޢީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ގެއްލުމުގެ ބަދަލާއެކު ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މިމައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ ކުރިން ފައިސާ ދެއްކި އިންވޮއިސްތައްވެސް އުނިނުކޮށް، އަދި ޤާނޫނީ ވަކީލުފީގެ ގޮތުގައި ހުށަހަޅާފައިވާ 3 ލައްކަ ރުފިޔާގެ ތެރެއިން 16 ހާސް ރުފިޔާއާއެކު ޖުމްލަ ހަތަރު މިލިޔަން ފަސްލައްކަ ސޯޅަހާސް ހަސަތޭކަ ނުވަދިހަ ހަތްރުފިޔާ ދިހަ ލާރި 3 މަސްދުވަހުގެ ތެރޭގައި އާރޓިސަން ޕްރައިވެޓް ލިމިޓެޑަށް ދީ ޚަލާޞްކުރުމަށެވެ.

ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވީ އެކުންފުނީގެ އެގްޒެކްޓިވް ބިއުރޯގައި ކޮށްފައިވާ މަސައްކަތްތަކަކީ ޕީއެސްއެމްގެ ޕްރޮކިއުމެންޓް އުސޫލުތަކާ ޚިލާފަށް މިމަސައްކަތް ހަވާލުކުރުމާއި ގުޅޭ ސައްހަ އެއްވެސް ލިޔުމެއްނެތި އުސޫލާ ޚިލާފަށް ބަޔަކާއި ޙަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކެއްކަމަށެވެ. އަދި އާރޓިސަން ޕްރައިވެޓް ލިމިޓެޑް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގުތަކަކަށްވާއިރު، އެމަސައްކަތް އޮޑިޓް ކުރިއިރު މިމަސައްކަތުގެ އަގު އާރޓިސަން ޕްރައިވެޓް ލިމިޓެޑުން ހޯދަން އެދިފައިވާ އަގުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަކަމުގައި ފާހަކުރެވުނުކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ބުނެއެވެ.

ޕީއެސްއެމްގެ މެނޭޖްމަންޓުން ބުނީ އާރޓިސަން ކުންފުނިން ހުށަހެޅި އަގުތަކަކީ ކޮށްފައިވާ މަސައްކަތާއި އެމަސައްކަތުގެ ފެންވަރަށް ބެލުމުން އެކަށީގެންވާ ވަރަށްވުރެ މާބޮޑު އަގަކަށްވާތީއާއި، ޝަރީޢަތް ހިނގަމުންދިޔައިރު މި މަސައްކަތުގެ ޙަޤީޤީ އަގު ހޯދުމަށްޓަކައި ޝަރީޢަތުން ކަނޑައަޅާ އަގު ކޮމެޓީއަކުން އަގުކުރުމަށް ޕީއެސްއެމްއިން ކޯޓަށް ހުށަހެޅިކަމަށެވެ. އަދި އެމައްސަލައިގެ ހުކުމްގައި އެކަންކަމަށް ރިޢާޔަތް ކުރައްވާފައި ނުވާތީ އަދި ޝަރުއީ އަގު ކޮމެޓީއަކުން އެކަމުގައި އަގު ކަނޑައަޅާފައި ނުވާތީ އެ މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށްވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވިއެވެ.