ޚަބަރު

ކޯވިޑް ބަލީގައި މިއަދު އިރުއެރީ 3 މަރާއި އެކު


ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު 3 މީހަކު ނިޔާވެއްޖެއެވެ. މި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދެ މީހަކާއި 64 އަހަރުގެ މީހެކެވެ.

މި ތިން މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ތިން މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 90 އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ބަލި ހަލުވިކޮށް ފެތެރެން ފަށައި ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިވަނީ 1000 ހުރަސްކޮށްފައެވެ. އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެތެރޭގައިވެސް 1216 މީހަކަށް ރާއްޖެއިން މި ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނީ މާލޭ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވި 1013 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 201 މީހެކެވެ. މީގެއިތުރުން ރިސޯޓަކުން މީހަކާއި ސަފާރީއަކުން އެކަކުވެސް އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 13784 އަރާފައިވާއިރު މީގެތެރެއިން 259 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މި ބަލި ފެތުރުން އިތުރުވެ މިބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ބަލީގައި ހާލު ބޮޑުވާ ޒުވާނުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ސިއްހީ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ މުޅި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މިގޮތުން މާލޭ ސަރަހައްދުގައި ހަވީރު 04:00 ފަތިހު 04:00 ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި އަތޮޅުތެރެއިން ބައެއް ރަށްރަށުގައިވެސް ވަނީ ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުތައް ކަނޑައަޅާފައެވެ. ބަލީގެ ހާލަތު ގޯސްވެ ރާއްޖޭގެ 46 ރަށަކަށް އަރާ ފޭބުން މަނާކޮށް އެރަށްތައް އޮތީ މޮނީޓަރުންގެ ހާލަތުގައެވެ.