މުނިފޫހިފިލުވުން

'ގަނަޕަތް' އަށް ޓައިގަރ އާއެކު ނޯރާ ފަތޭ


ފިލްމު "ހީރޯ ޕަންތީ" ގެ ތަރިން ކަމުގައިވާ ޓައިގަރ ޝްރޮފް އަދި ކްރިތީ ސެނޮން ދެން އެންމެ އަވަހަށް ފެންނާނީ އެކްޝަން ތްރިލަރ ފިލްމު "ގަނަޕަތް" އިން ކަމަށް އިޢުލާން ކުރުމާއެކު ބެލުންތެރިން ވަނީ އެ ފިލްމަށް އިންތިޒާރު ކުރަން ފަށާފައެވެ. ދެ ޕާޓެއް ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓުންގެ އޮޑިޝަނެއް އޮންނާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ފުރަތަމަ ޕާޓްގައި އަންހެން ދެ ތަރިން މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމާއި ކްރިތީގެ އިތުރުން ދެން ފިލްމުގައި ފެންނާނެ އަންހެން ތަރިއަކީ ހިންދީ ފިލްމު "ރޯރް" އިން ފިލްމީ ކެރިއަރ ފެށި ކެނެޑާގެ ނެށުންތެރިޔާ ނޯރާ ފަތޭ ކަމުގައި ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ކްރިތީގެ ރޯލަށްވުރެ ކުޑަ ނަމަވެސް ނޯރާ ފިލްމުގައި ކުޅެނީ މުހިންމު ރޯލެއް ކަމާއި ނޯރާގެ ރޯލަކީ މިކްސްޑް މާޝަލް އާރޓް ބޮކްސަރ އެއްގެ ރޯލުކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޓައިގަރ އާއެކު އެއް ފިލްމަކުން ނޯރާ ފެނުނުނަމަވެސް އޭނާ ފެންނާނީ ހަމައެކަނި ފިލްމުގެ ފުރަތަމަ ބައިންނެވެ. "ސުޕަރ 30" އަދި "ޝާންދާރު" ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރ ވިކާސް ބާލާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރު ނިމޭ ހިސާބުގައެވެ.

އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު ޓައިގަރ ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނަ އަހަރު ދެއްކި ފިލްމު "ހީރޯޕަންތީ" އިންނެވެ. 2016 ވަނަ އަހަރު ފިލްމު "ބާގީ" އިން ފެނުނު މި ތަރި ބޮޑަށް މަޝްހޫރުވެފައިވަނީވެސް މި ފިލްމުންނެވެ. އެއަށްފަހު "ބާގީ 2 " އަދި 3 ން ވެސް ޓައިގަރ ވަނީ ފެނިގެން ގޮސްފައެވެ. ރިތިކް ރޯޝަނާއެކު ޓައިގަރ ކުޅުނު ފިލްމު "ވޯ" ގައި އޭނާވަނީ ރަގަޅު އެކްޓިންގ އެއް ދައްކާ ބެލުންތެރިންގެ މަޤުބޫލުކަން ވަނީ ހޯދާފައެވެ.

24 ގަޑިއިރުތެރޭގައި 20 މިލިއަން މީހުން ބަލައިގެން ބޮޑަށް މަޝްހޫރުވި ލަވަ "ދިލްބަރު" ގެ ނެށުންތެރިޔާ ނޯރާ ފަތޭ އަކީ ހިންދީ ޓަމިލް މަލަޔާލަމް އަދި ތެލުގޫ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. ނޯރާ ގިނައިން ފެނިގެން ގޮސްފައިވަނީ ފިލްމުތަކުގެ އައިޓަމް ލަވަތަކުންނެވެ.