ޚަބަރު

ކޯވިޑް-19 : މިއަދުގެ 3ވަނަ މަރާއެކު، ނިޔާވި މީހުންގެ ޢަދަދު 97އަށް


ކޯވިޑް-19ގައި މިއަދުވެސް 3 ދިވެހިން ނިޔާވެ، ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 97އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިބަލީގައި އެންމެ ފަހުން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ކޯވިޑް-19 ބަލީގައި މިއަދު ފުރަތަމަ ނިޔާވީ ޢުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އެ މިހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:38 އެހައިކަންހާއިރުއެވެ. މި ބަލީގައި ދެން މިއަދު ނިޔާވީ ޢުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. މި ޒުވާނާ ނިޔާވީ ފަތިހު 04:30 އެހާކަންހާއިރުއެވެ. މި ޒުވާނާވެސް ނިޔާވީ މި ބައްޔަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ދެމީހަކު ނިޔާވެފައެވެ. އަދީ އޭގެ ކުރީ ދުވަހު މި ބަލީގައި ރާއްޖެއިން 5 މީހަކު ވަނީ ނިޔާވެފައެވެ. މިޢަދަދުތަކާއި އެކު މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 24 އަރާފައެވެ. މިއަހަރުގެ މިހާތަނަށް 45 މީހަކު މިވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ. މިބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 84 ދިވެހިންނާއި 13 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރިވަމުން އައިސް ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު 1،000 މަތީގައި ހުންނަތާ މިވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1،007 މީހުނަށް މި ބަލި ޖެހުނު ކަމަށްވަނީ ރެކޯޑްކޮށްފައެވެ. މީގެތެރޭގައި މާލޭ ސަރައްހަދުން ބަލި ޖެހުނު 793 މީހަކާއި އަތޮޅުގެ ރަށްތަކަކުން މި ބައްޔަށް ޕޮޒިޓިވްވި 183 މީހުން ހިމެނެއެވެ.

ރާއްޖެއިން މި ބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިބަލީގައި މިވަގުތު 15،666 މީހުންނަށް ފަރުވާދެމުން އަންނައިރު 260 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިކޮށްގެންނެވެ. ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 50 މީހުންނަކީ މާބަނޑު އަންހެނުންނެވެ. އޭގެތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.