ޚަބަރު

ކޯވިޑާއެކުވެސް ޓައިވާނުގެ އިޤްޠިޞާދު ކުރިއަރަނީ


ކޯވިޑްގެ ބަލިމަޑުކަން ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވި މިހާރުވެސް ކުރިއަރަމުންދާ ޓައިވާނުގެ އިޤްޠިޞާދު ރަނގަޅުވަމުންދާނެ ކަމުގައި އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އެކްސްޕޯޓަށް ބަރޯސާވެފައިވާ ޓައިވާނުން ވަނީ ވެރިރަށް ޓައިޕޭ އާއި ވަށައިގެންވާ ސަރަޙައްދުތަކުގައި ކޯވިޑްގެ އެލާރޓް ލެވެލް ހޮނިހިރު ދުވަހު މަތި ކޮށްފައެވެ. ފިޔަވަޅުތައް ދެ ހަފްތާއަށް އަޅާފައިވުމާއެކު ގިނަ ތަންތަން ބަންދުކުރަންޖެހި މުޖުތަމަޢުގައި ބަލި އޮތް މިންވަރު އިތުރުވުމާއި ގުޅިގެން އެއްވެ އުޅުމަށްވެސް ވަނީ ހުރަސް އެޅިފައެވެ.

ޓައިވާނުގެ ކެބިނެޓުން ވަނީ މިހާރު ޢާންމުކޮށްފައިވާ އައުޓްލުކް ރަނގަޅުކަމާއި ލިސްޓު ކޮށްފައިވާ ކުންފުނިތަކުގެ ފައިދާ މިދިޔަ އަހަރު އިތުރުވެފައިވާކަމަށް ނިންމައި ބަޔާނެއް ނެރެފައެވެ. މީގެއިތުރުން ޓައިވާނުގެ އެކްސްޕޯޓްވެސް ވަނީ އިތުރުވެފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ މިހާރުގެ ޙާލަތުގައި ކޮންސިއުމަރުންނަށް އޭގެ އަސަރު ކުރާނީ ކުރު މުއްދަތަކަށްކަމަށާއި މިކަން އަވަސް ގޮތެއްގައި ކޮންޓްރޯލް ކުރެވިއްޖެނަމަ އަންނަ އަހަރުގެ އިޤްޠިޞާދު ރަނގަޅުކުރުމަށް ސަރުކާރުން އިންވެސްޓްކޮށްފައިވާ 7.51 ބިލިއަން ޑޮލަރު ދެމެހެއްޓޭނެކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ. ޕާލިމެންޓުން ފާސްކުރަން ޖެހުނުކަމުގައިވިޔަސް އަލަށް އިންވެސްޓްކުރަން ހަމަޖެހިފައިވާ އިންވެސްޓްމަންޓް ކެބިނެޓުންވަނީ ހުށަހަޅާފައެވެ.

މާކެޓަށް އަންނަ ތަރައްޤީއަށް ބަލައި ފޮރިން އެކްސޭންޖާއި ސްޓޮކް ރަނގަޅަށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށް ޓައިވާނުގެ ޕްރިމިއަރ ސޫ ވަނީ ހުރިހާ ޑިޕާރޓްމަންތަކަށް ގޮވާލައްވާފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ގޭގައި މަސައްކަތް ކުރަންޖެހުމުން ޓައިވާނުގެ ހައި ޓެކްނޮލިޖީގެ ޑިމާންޑް އުފުލި މިދިޔަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހު ޓައިވާނުގެ އިޤްޠިޞާދު ވަނީ ކުރިއަރާފައެވެ. ޓައިވާނުގެ ކުންފުންޏެއްކަމަށްވާ ޓައިވާން ސެމީކޮންޑަކްޓަރ އުފައްދާ ތަނަކީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް ޗިޕް އުފައްދާ ތަނެވެ. އަދި މިއީ އެޕަލް ފަދަ ތަންތަނަށް ޗިޕް ސަޕްލައިކޮށްދޭ މުހިއްމު އެއްތަނެވެ.