މުނިފޫހިފިލުވުން

ގީތާ މާ ކައިވެނި ކުރިކަމުގެ ވާހަކަތަކެއް


ބޮލީވުޑްގެ ކާމިޔާބު ކޮރިއޮގްރާފަރ އަދި އިންޑިއަން ރިއަލިޓީ ޝޯތަކުގައި ޖަޖްކަންވެސް ކުރަމުން އަންނަ މަޝްހޫރު ނެށުންތެރިޔާ ގީތާ ކުމާރު ކައިވެނި ކޮށްފި ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

މިވާހަކަތައް ފެންމަތިވެފައިމިވަނީ އޭނާގެ އިންސްޓަގްރާމްގައި ގީތާ ޢާންމުކޮށްފައިވާ ފޮޓޯއަކާ ގުޅިގެންނެވެ. ރޫބީ ރަތް ކުލައިގެ ހެދުމެއްގައި އެކި ކުލަކުލައިގެ ސްޓޯން ޖެހި ހާރެއް ކަރުގައި އަޅައި ރަތް ލިޕްސްޓިކެއް ތުންފަތުގައި ޖައްސާ ރަތް ކުލައިގެ ބިންދީއެއް ނިތްކުރީގައި ހަރުކޮށްފައިވާ މަންޒަރު ފެންނަ މި ފޮޓޯ ވަނީ ފޭނުންގެ ޝައުޤުވެރިކަން ހޯދާފައެވެ. މި ފޮޓޯއިން އެންމެވެސް އަޅައިގަތީ އާންމުކޮށް އިންޑިއާގައި ކައިވެނި ކޮށްގެން އުޅޭ އަންހެނުން ނިތްކުރީގައި ޖަހާ ބިންދީ ގީތާގެ ނިތްކުރީގައި ޖަހާފައި އިނީމައެވެ. މި ފޮޓޯއާއެކު ގީތާ ސިއްރުން ކައިވެނި ކޮށްގެން އުޅޭވާހަކަތައް ދެކެވެން މިވަނީ ފަށާފައެވެ.

ނަމަވެސް ގިނަ ޢާންމުންނަށްވެސް އަދި މީޑިއާތަކަށްވެސް އެގިފައިވާ ގޮތުގައި ގިނަ ބަޔަކު ގީތާ މާ ގެ ނަމުން ދަންނަ 45 އަހަރުގެ މި ނެށުންތެރިޔާ އަދި ދުވަހަކުވެސް ކައިވެންޏެއް ނުކުރެއެވެ. ނަމަވެސް ބޮލީވުޑްގެ މޮޑެލެއްކަމަށްވާ ރާޖީވް ކިންޗީ އާއި ގީތާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން މަޝްހޫރު ޑައިރެކްޓަރ ސާޖިދު ޚާން ވަރަށް ގިނަ ފަހަރު އޭނާއަށް ލޯބި ހުށަހެޅިކަމަށް ގީތާ ވަނީ އިންޓަރވިއުއެއްގައި ބުނެފައެވެ. ނަމަވެސް ސާޖިދުގެ ހުރިހާ ހުށައެޅުމަކަށްވެސް އިންކާރުކުރިކަންވެސް ގީތާ ވަނީ ބުނެފައެވެ.

ކުޑަ އިރުއްސުރެ ނެށުމަށް ޝައުގުވެރިކަން ހުންނަ ގީތާ ވަނީ ޢުމުރުން 15 އަހަރުގައި ކޮރިއަ ގްރާފަރ އަދި ނެށުންތެރިޔާ ފަރަހް ޚާންގެ ނަށާ ގުރޫޕްގައި މަސައްކަތް ކުރަން ފަށާފައެވެ.

ފިލްމު 'ފިޒާ' 'އަޝޯކާ' 'ސާތިޔާ' 'ހޭ ބޭބީ' 'ތީސްމާރްޚާން' ގެ ޝީލާކި ޖަވާނީ ލަވަ އަކީ ގީތާ ކޮރިއަ ގްރާފް ކޮށްދީފައިވާ ބައެއް ލަވަތަކެވެ.. ގީތާ އެންމެ ފުރަތަމަ ފިލްމެއްގެ ލަވައަކުން ފެނިގެން ދިޔައީ ފިލްމު 'ކުޗް ކުޗް ހޯތާ ހޭ' ލަވަ "ތުޖެ ޔާދްނާ މޭރީ އާޔޭ" މި ލަވައިންނެވެ. ފިލްމުތަކުގެ އިތުރުން ގިނަ އެވޯޑް ޝޯ ތަކެއްވެސް ގީތާވަނީ ކޮރިއަ ގްރާފް ކޮށްދީފައެވެ. ގީތާ މިހާރު ދަނީ 'ސުޕަރ ޑާންސަރ – ޗެޕްޓަރ 4' ގެ ޖަޖްކަން ކުރަމުންނެވެ.