ޚަބަރު

ކޯވިޑްގައި މިއަދުވެސް މިހާތަނަށް 4 މަރެއް


ކޯވިޑް ބަލީގައި އިތުރު ދެ މީހަކު ނިޔާވެ މިބަލީގައި މިއަދުގެ މިހާތަނަށް ނިޔާވި މީހުންގެ އަދަދު 4 އަރަައިފިއެވެ. މި މަރާއިއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 109 އަރާފައެވެ.


ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ފުރަތަމަ ނިޔާވެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. ގަމު މަތި މަރަދީ އަވަށަށް ނިސްބަތްވާ މި މީހާ ނިޔާވީ ރޭ ދަންވަރު 01:54 ގައެވެ. ދެން ނިޔާވެފައިވަނީ އުމުރުން 69 އަހަރުގެ އަންހެނެކެވެ. މި މީހަކީވެސް ލ. އަތޮޅު ހޮސްޕިޓަލްުގައި ފަރުވާހޯދަމުންދިޔަ މީހެކެވެ. އެއަތޮޅު މާވަށަށް ނިސްބަތްވާ މި މީހާ ނިޔާވެފައިވަނީ ފަތިހު 03:01 ގައެވެ. މި ދެމީހުންނަށް ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައެވެ. މި ދެމީހުންގެވެސް ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ. މީ މިބަލީގަި ލ އަތޮޅުން ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ.

މި ބަލީގައި މިއަދު ރެކޯޑުކުރެވުނު 3 ވަނަ މަރަކީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހަކީ ހާލު ދެރެވަގެން އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ހޯދަމުން އައި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.އަދި މި މީހާ ނިޔާވެފައިވަނީ ހެނދުނު 07:25 ގައެވެ.

މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 51 އަހަރުގެ އިންޑިއާ ރައްޔިތެއްވެސް ވަނީ މިއަދު ނިޔާވެފައެވެ. މި މީހާ ނިޔާވެފައިވަނީ ހެނދުނު 08:44 ގައެވެ.

އިއްޔެވެސް މި ބަލީގައި 4 ދިވެއްސަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިބަލި ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު، މިއަދު ހެނދުނު ނިޔާވި މީހާއާއެކު މިމަހުގެ މިހާތަނަށް 35 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ. މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 95 މީހުންނަކީ ދިވެހިންނެވެ. އަދި 14 މީހުންނަކީ ބިދޭސީންނެވެ.

ކޯވިޑް ބަލީ ރާއްޖޭގެ އެކި ކަންކޮޅުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު ލ. އަތޮޅުގައިވެސް މި ބަލި އަންނަނީ ހަލުވިކޮށް ފެތުރެމުންނެވެ. އެ އަތޮޅުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ނިޔަލަށް ޖުމުލަ 647 މީހަކު ވަނީ އެއަތޮޅުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 336 މީހަކު އަދިވެސް އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ލ. އަތޮޅުން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މަންދޫ ފިޝަރީޒް ކޮޕްލެކްސުންނެވެ. އެތަނުން 297 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. ދެން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ ގަމުންނެވެ. އެރަށުން 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި 56 ރަށެއް މިވަގުތުވެސް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ކޯވިޑް ކޭސްތަކުގައި އެންމެ ހާލަތު ގޯހީ ވެރިރަށް މާލެ ސަރައްހަދުގައެވެ. މާލޭ ސަރަހައްދުން އިއްޔެވެސް 1213 މީހުން ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 16،000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 18،000 އަށްވުރެ މައްޗަށް ގޮސް، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ބަލިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް މިމަހުގެ 25 ގެ ނިޔަލަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ހަވީރު 04:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް ހިމެނެއެވެ.