ކޯވިޑް-19

މަރަކަށްފަހު މަރެއް، މިއަދު މިހާތަނަށް 6 މަރު


ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 6 އަރައިފިއެވެ. މިއާއި އެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 111 އަރާފައެވެ.

ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ފުރަތަމަ ނިޔާވެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. ގަމު މަތި މަރަދޫ އަވަށަށް ނިސްބަތްވާ މި މީހާ ނިޔާވީ ރޭ ދަންވަރު 01:54 ގައެވެ. ދެން ނިޔާވެފައިވަނީ އުމުރުން 69 އަހަރުގެ އަންހެނެކެވެ. މި މީހަކީވެސް ލ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ މީހެކެވެ. އެއަތޮޅު މާވަށަށް ނިސްބަތްވާ މި މީހާ ނިޔާވެފައިވަނީ ފަތިހު 03:01 ގައެވެ. މި ދެމީހުންނަށް ފަރުވާދެމުން ގެންދިޔައީ އައި.ސީ.ޔޫގައެވެ. މި ދެމީހުންގެވެސް ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ. މީ މިބަލީގައި ލ. އަތޮޅުން ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ.

މި ބަލީގައި މިއަދު ރެކޯޑުކުރެވުނު 3 ވަނަ މަރަކީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހަކީ ހާލު ދެރަވެގެން އައި.ޖީ.އެމް.އެޗްގެ އިމަރޖެންސީގައި ފަރުވާ ހޯދަމުން އައި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާ ނިޔާވެފައިވަނީ ހެނދުނު 07:25 ގައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 51 އަހަރުގެ އިންޑިއާ ރައްޔިތެއްވެސް މިއަދު ވަނީ ނިޔާވެފައެވެ. މި މީހާ ނިޔާވެފައިވަނީ ހެނދުނު 08:44 ގައެވެ. މި ބަލީގައި މިއަދު ނިޔާވި 5 ވަނަ މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެއީ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހެނދުނު 08:30 ގައިކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

އެ މީހާ ނިޔާވި ތާ ގަޑިއިރެއްގެ ތެރޭގައި އިތުރު މީހަކު ނިޔާވެ މިބަލީގައި މިއަދުގެ މިހާތަނަށް މިވަނީ 6 މީހަކު ނިޔާވެފައެވެ. 6 ވަނައަށް ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހެނދުނު 09:48 ގައެވެ.

އިއްޔެވެސް މި ބަލީގައި 4 ދިވެއްސަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިބަލި ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު، މިއަދު ނިޔާވި މީހުންނާއެކު މިމަހުގެ މިހާތަނަށް 38 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ. މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 97 މީހުންނަކީ ދިވެހިންނެވެ. އަދި 14 މީހުންނަކީ ބިދޭސީންނެވެ.

އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި 61 ރަށެއް މިވަގުތުވެސް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ކޯވިޑް ކޭސްތަކުގައި އެންމެ ހާލަތު ގޯހީ ވެރިރަށް މާލެ ސަރައްހަދުގައެވެ. މާލޭ ސަރަހައްދުން އިއްޔެވެސް 1،213 މީހުން ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 16،000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 18،000 އަށްވުރެ މައްޗަށް ގޮސް، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ބަލިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް މިމަހުގެ 25 ގެ ނިޔަލަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ހަވީރު 04:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް ހިމެނެއެވެ.