ކުޅިވަރު

ފަސްކުރި އޭއެފްސީގެ މެޗުތައް އަންނަ މަހު ފަހުކޮޅު ބާއްވަނީ


ރާއްޖޭގައި ކުރިޔަށް ނުގެންދެވިގެން ފަސްކުރި އޭއެފްސީގެ މެޗުތައް އަންނަ މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އޭއެފްސީގެ މެޗުތަކުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތަކެވެ.

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގައި މިމަގުގެ 11 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރު އެފްސީ ކުލަބް އީގަލްސް ކުޅެން އޮތް މެޗް ފަސްކުރަންޖެހުނީ އެ ޓީމް ރާއްޖެވެސް އައިސް ތިއްބައެވެ. ރާއްޖޭގައި ކުޅެން އޮތް އެ މެޗް ކެންސަލްކުރީ ބަންގަލޫރް ޓީމުން އޭއެފްސީއާއި ރާއްޖޭގެ އެޗްޕީއޭއިން ކަނޑައަޅާފައި ގައިޑްލައިންތަކާއި ހިލާފުވުމުންނެވެ.

ބެންގަލޫރު ޓީމް ރާއްޖެ އައިސްފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މި ހުއްދައިގެ ދަށުން އެޓީމު ތިބި ހޮޓަލުން ބޭރަށް އެއްވެސް ކުޅުންތެރިޔަކަށް ނުކުމެވޭނީ ހަމައެކަނި ފަރިތަކުރުން ތަކަށް އެކަންޏެވެ. އެހެންނަމެވެސް އެޓީމްގެ ބައެއް ކުޅުންތެރިން ގައިޑްލައިނާއި ހިލާފަށް ހޮޓަލުން ނުކުމެ މާލެ ތެރޭގައިވަނީ އުޅެފައެވެ. އަދި މި ސަބަބާއި ހުރެ ޓިމް އަނބުރާ ގައުމަށް ފޮނުވާލާ މެޗްތައް ފަސްކުރުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ އޭއެފްސީގައި އެދިފައެވެ. މި ނިންމުމާއި އެކު އޭއެފްސީން ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ފަސްކޮށްފައެވެ.

އީގަލްސްއާއި ބެންގަލޫރް ޓީމުގެ މެޗް އަންނަ މަހުގެ 27 ވަނަދުވަހު ކުޅެން ތާވަލުކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން މިހާރު ވަނީ ރިޕޯޓްކޮށްފައެވެ. އަދި ގުރޫފް ސްޓޭޖްގެ މެޗްތައް އަންނަ މަހުގެ 30 އިން ޖުލައި މަހުގެ 6 ގެ ނިޔަލަށް ކުޅެން ނިންމާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮލިފިކޭޝަންގައި ބެންގަލޫރު އާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫފް ސްޓޭޖުން ޖާގަ ލިބޭނެއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. މިގުރޫޕްގެ މެޗްތަށް ކުޅޭނެ ތަނެއް ރަސްމީކޮށް އޭއެފްސީން ނިންމާފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ގްރޫޕް ސްޓޭޖް މެޗްތައް ހޯސްޓްކުރުމަށް އަލުން ބިޑަށް އޭއެފްސީން ހުޅުވާލާނައެވެ.

ދާދިފަހުން އިންޑިޔާގެ ގޯއާގައި ވަނީ އޭއެފްސީ ޗެންޕިއަންސް ލީގްގެ މެޗްތައް ބާއްވާފައެވެ. ގުރޫފް ޑީގެ މެޗްތައް ހޯސްޓްކުރުމަށް އަލުން ބިޑަށް ހުޅުވާލާފިނަމަ، އިންޑިޔާ އަދި ބަންގްލަދޭޝުންވެސް ބިޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް މީޑިޔާތަކުން ރިޕޯޓްތައް ބުނެއެވެ.