ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދޭތެރޭގައި ފުރިހަމަ އިތުބާރު އޭނާ އެބައޮތް ކަމަށް ޔުވެންޓެސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.
ރޭ ކޮޕާ އިޓާލިއާގައި އެޓްލާންޓާ ބަލިކޮށް ޔުވެންޓަސް ތަށި ހޯދައިދިނުމަށްފަހު ޕިރްލޯ ބުނީ ނޫސްތަކުގައި ކިތަންމެ ވާހަކައެއް އޭނާ ގުޅުވައިގެން ދެއްކިކަމުގައިވިޔަސް އޭނާ 100 ޕަސެންޓް އޭނާގެ ވަޒީފާ ދޭތެރޭ ޔަގީންކަން އެބައޮތްކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ތަށި ޔުވެންޓަސްއަށް ހައްގުކަމަށާއި ފައިނަލާ ހަމަޔަށް އެޓީމަށް ދަތުރު ކުރެވުނީ ތަށި ހޯދުމުގެ ވިސްނުމުގައި ކުރެވެނު މަސައްކަތުން ކަމަށެވެ. ޕިރްލޯ ބުނީ ކޮންމެ ކުލަބަކަށް ވެސް އުނދަގޫ ދަނޑިވަޅުތަކާއި އުފާވެރި ވަގުތުތަކެއް އަންނާނެ ކަމަށާއި އެކަން އެންމެން ވެސް ގަބޫލްކުރަން ޖެހޭކަމަށެވެ. މި ސީޒަންގައި ލީގުގައި ފަސްވަނައިގަ ނިންމާލަން ޖެހުނަސް އަދި އަންނަ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުނަސް އޭނާ ދެކެނީ ރަނގަޅު ކަމެއް ގޮތުގައެވެ. މި ސީޒަންގައި އެޓީމުން ދެ ތަށި ހޯދުމުން ދޭހަކޮށްދެނީ މި ސީޒަނަކީ ރަނގަޅު ސީޒަނެއްގެ ގޮތުގައި ކަމަށް ޕިރްލޯ ބުންޏެވެ. 42 ވަނަ އުފަންދުވަހު ޔުވެންޓަސްއަށް ތަށި ހޯދައިދިނުމަށްފަހު ޕިރްލޯ ބުނީ އެޓީމުން އެންމެ ފަހުވަގުތާ ހަމަޔަށް ހިއްވަރާއެކު މަސައްކަތް ކުރާނެކަމަށެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޔަގީންވެގެން ދާނީ މިހަފްތާގައި ކުޅޭ ލީގުގެ ފަހު މެޗުތަކުންނެވެ. ލީގުގެ ހަތަރުވަނައަށް އެރުމަށް ޔުވެންޓަސް އަށް އަމިއްލަ ބާރު ނެތް އިރު އެޓީމު ފަސްވަނައިގަ އޮތީ 37 މެޗުން ހޯދި 75 ޕޮއިންޓާއެކުގައެވެ. މިއީ ހަތަރުވަނައިގައި އޮތް ނަޕޯލީއަށް ވުރެ އެއްޕޮއިންޓް މަދު އަދަދެކެވެ.