ރޯ
މިރުހެއް ކާލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މިރުސް ކައި ހެދުމަކީ ހަމަގައިމުވެސް އާދަޔާ ޚިލާފު ކަމެކެވެ.
އުމުރުން
54 އަހަރުގެ ޗައިނާ މީހެއް ކަމަށްވާ ލީ ޔޮންގްޝީއަކީ ހަމަގައިމުވެސް އާދިޔާ ޚިލާފު
މީހެކެވެ. އޭނާ ދުވާލެއްގެ މައްޗަށް 2 ނުވަތަ 2.5 ކިލޯ ގްރާމްގެ ރޯ މިރުސް ކައެވެ. ލީ ހެނދުނު ހޭލާ ގޮތަށް ދަތް އުގުޅުމަށް ވެސް ބޭނުން ކުރަނީ ރޯ މިރުހެކެވެ.
ލީ ބުނީ މިރުހެއް ނުކައިފިނަމަ އެއްވެސް ހިތް ހަމަ ޖެހުމެއް
ނުލިބޭނެ ކަމަށާ އޭނާ މިރުސް ކަނީ އޭނގެން ލިބޭ ފައިދާތައް ގިނަ ކަމުން ކަމަށެވެ.
ލީ ބުނީ މިރިހުގައި ގިނަ އަދަދެއް އަޔަން އަދި ކެލްސިއަމްގެ މާއްދާތައް ހިމެނޭ
ކަމަށާ މިއީ ހަށިގަނޑަށް އެތަށް ފައިދާއެއް ކުރާނެ އެއްޗެއް ކަމަށެވެ.
މިރުސް
ކެއުމަަށް ލީ ހުންނަ ޝައުޤުވެރިކަން އޭނާ މިވަނީ އާމްދަނީ ހޯދުމުގެ މަގަކަށް
ހަދާފައެވެ. އިމާރާތް ކުރުމުގެ ދާއިރާގައި 2007 ވަނަ އަހަރު ވަންދެން
މަސައްކަތްކުރަމުން ދިޔަ ލީ ބުނީ، މިރުސް ކެއުމަށް އޭނާއަށް ލިބިފައިވާ ހުނަރު
ޓީވީގައި ދެއްކުމަށް ޝޯތަކަށް އެރުމާ އިސްތިހާރު ކުޅުމުގެ އިތުރުން މިރުސް
ކެއުމުގެ މުބާރާތްތަކުގައި ބައިވެރިވެގެން އޭނާއަށް އެކަށިގެންވާ އާމްދަނީއެއް
ލިބޭ ކަމަށެވެ.
މިރުސް
ކެއުމަށް ލީ ހުންނަ ފޯރި އޭނާގެ އާއިލާގެ މެމްބަރުންނަށް ވެސް ލިބިފައެވެ. އޭނާގެ ޅީ
ދަރިފުޅު ހޫ ވެންހުއާ ބުނީ ލީ މިރުސް ކަނީ އާދައިގެ މީހަކު ލުއި ކާނާ އެއް ކާ
ގޮތަކަށް ކަމަށާ ކުރިން ކުޅިކޮށް ކައި ނޫޅުނަސް މިހާރު ކުޅި ކެއުމަށް އޭނާވެސް އާދަވެފައިވާ
ކަމަށެވެ.
އާދިޔާ
ޚިލާފަށް ކުޅިކޮށް ކެއުމަކީ ހަށިގަނޑަށް ހުރި ނުރައްކަލެއް ކަމަށް ގިނަ ބަޔަކު
ދެކުނު ނަމަވެސް، ލީ ގެ ސިއްހަތަށް މިކަމުގެ ސަބަބުން އަސަރު ނުކުރާ ކަމަށް އޭނާގެ
ޑޮކްޓަރު ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިއީ ކީއްވެގެން ކަން ބުނަން ނޭނގޭ
ކަމަށް ވެސް ލީގެ ޑޮކްޓަރު ބުންޏެވެ.