މުނިފޫހިފިލުވުން

20 އަހަރަށްފަހު ބަންސާލީގެ ފިލްމަކުން މަދޫރީ


1980 އަދި 1990 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލީ ބަޠަލާ އަކީ މަދޫރީ ޑިކްސިޓްކަން ޔަޤީނެވެ. މަދޫރީގެ ފިލްމީ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު " ދޭވްދާސް" އެވެ. ޗަންދުރަމުކީގެ ރޯލުން ފެނިގެންދިޔަ މަދޫރީގެ އެކްޓިން އެންމެ ފުރިހަމައަށް ދައްކާލި އެއް ފިލްމަށް އެ ފިލްމު ވާނެއެވެ.

ސަންޖޭ އަދި މަދޫރީގެ އެންމެ ފަހު މަސައްކަތް ކަމުގައިވާ "ދޭވްދާސް" އަށް ގާތްގަޑަކަށް 20 އަހަރު ވެފައިވާ ވަނިކޮށް އަނެއްކާވެސް މަދޫރީ ސަންޖޭއާއެކު މަސައްކަތް ކުރަން އުޅޭ ކަމުގެ ޚަބަރުތައް މިވަނީ ފެތުރިފައެވެ. މި ފަހަރަ މަދޫރީ ފެންނަނީ ސަންޖޭގެ ވެބް ސީރީޒް "ހީރާ މަންދީ" ގެ ލަވައަކުންނެވެ. އިންޑާގައި މުގަލް ވެރިކަން އޮތްއިރު ނަށާ ވައްތަރެއްގެ ނެށުމެއް ކަމަށްވާ މުޖުރާ އަކުން މަދޫރީ ފެންނާނެކަމަށާއި މަދޫރީވެސް މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިކަމަށް ޚަބަރުތައް ބުނެއެވެ. އަދި 8 ވަރަކަށް ދުވަހުގެ ޝެޑިއުލަކަށް ދެމިގެންދާ މި ލަވައަށް މަދޫރީއަށް ބޮޑު އަގެއްވެސް ހުށަހަޅާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ސަންޖޭ މީގެ ކުރިން އިންޓަރވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ކޮންމެ ފިލްމަކުންވެސް މަދޫރީ ފެންނަން އޭނާ ބޭނުންވެއެވެ.

ބޮޑު ބަޖެޓަކަށް ހަދާ ފިލްމު "ހީރާ މަންދީ" ދެއްކުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސްއިންނެވެ. ބަޠަލާ ސޮނާކްޝީ ސިންހާ އަދި ހުމާ ޤުރައިޝީ މިހާރުވެސް ވަނީ ފިލްމުގެ މުހިންމު ރޯލްތަކަށް ހަމައްޖައްސާފައެވެ. ނިމްރަތް ކޯރް، ސަޔާނީ ގުޕްތާ އަދި މަނީޝާ ކޮއިރަލާވެސް މި ފިލްމުގެ މުހިންމު ރޯލްތަކުން ފެންނާނެއެވެ.

ޕަދްމާޝްރީ އެވޯޑްވެސް ޙާޞިލްކޮށްފައިވާ މަދޫރީ ޑިކްސިޓް އަކީ 1990 އަދި 2000 ގެ ކުރީކޮޅުގައި ބޮލީވުޑްގެ އެންމެ އަގުބޮޑު ބަޠަލާއެވެ. 70 އަށްވުރެ ގިނަ ފިލްމު މިހާތަނަށް ކުޅެފައިވާ މި ތަރި މަޝްހޫރުވެފައިވަނި 1988 ވަނަ އަހަރު ދެއްކި އެކްޝަން ރޮމޭންޓިކް ފިލްމު "ތޭޒާބް" އިންނެވެ. އޭގެ ފަހުން "ހަމް އާޕް ކޭ ހޭ ކޯން" ، "ދިލް ތޯ ޕާގަލް ހޭ" ، "ދޭވްދާސް" "ޓޯޓަލް ދަމާލް" ފަދަ ކާމިޔާބު އެތައް ފިލްމެއް މަދޫރީ ވަނީ ބެލުންތެރިންނާހަމައަށް ދޫކޮށްލާފައެވެ.