މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމާއި މަދީނަތުލްމުނައްވާރާގައި ހުންނަ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރި މީހުންނަށް އާއްމުކޮށް ފެންނާނެ އެ މަންޒަރަކީ އެ މިސްކިތްތަކުގެ އިމާމުންނަށް ސަލާމަތީ ކަންކަން ވަރުގަދަކޮށް މިސްކިތްތެރޭ އެމީހުންނާއިއެކު ސެކިއުރިޓީން އުޅޭ ތަނެވެ. ސައުދީ ޓީވީ ބަލާ މީހުންނަށްވެސް މި މަންޒަރުތައް ފެންނާނެއެވެ.
މިސްކިތަށް ވަދަގެން އަންނަ އިރާ ނުކުމެގެންދާއިރުވެސް ސެކިއުރިޓީންގެ ފައުޖެއް އޮވެއެވެ. އަދި ނަމާދުކޮށް ނިމެންދެންވެސް ކައިރީގައި ސެކިއުރިޓުން ތިބެއެވެ. ދެ ޚަރަމްގެ އިމާމުންނަށް ސަލާމަތީ ކަންކަން ވަރުގަދަކޮށް މިސްކިތްތެރޭ އެމީހުންނާއިއެކު ސެކިއުރިޓީން އުޅެނީ ކީއްވެތޯ މީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ސަބަބަކީ އެތަންތަނަށް ދަތުރުކުރާނީ މުސްލިމުންނަށްވާއިރު ނުރައްކާއެއް އޮވެދާނެކަމަށް ޤަބުލުނުކުރެވުމެވެ.
ދެ ޚަރަމްގެ އިމާމުންނަށް ސަލާމަތީ ކަންކަން ހަމަޖައްސަން ފެށީ 90 ގެ ފަހުކޮޅުން ފެށިގެންނެވެ. މިކަން ފެށިގެން އައީ ބައެއް އިމާމުންނާ ހަމަލާދީ ބައެއް އިމާމުންނަށް ފުރައްސާރަކޮށް ޖެއްސުންކުރަން ބައެއް މީހުން މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.
މި ފަދަ ހާދިސާތަކަށް ބަލާލާނެވެ. މީގެތެރެއިންވެސް އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގީ 2000 ވަނަ އަހަރުއެވެ. ދެ ޙަރަމް ބެލެހެއްޓެވުމުގެ ޒިންމާ ނުވަތަ ރިޔާސަތުލް ޢާއްމު ލި ޝުއޫނިލް މަސްޖިދުލްޙަރާމް ވަލް މަސްޖިދުލް ނަބަވީ (ޕްރެސިޑެންޓް އޮފް ޖެނަރަލް ޕްރެސިޑެންސީ ފޯ ދަ އެފެއަރޒް އޮފް ދަ ޓޫ ހޮލީ މޮސްކް) ޑރ ޢަބްދުއްރަޙްމާން އިބްނު ޢަބްދުލްޢަޒީޒް އައްސުދައިސް އިންނެވީ ނަމާދުގެ ފަހު އައްތަހިއްޔާތުގައެވެ. ނަމާދު ނިންމުމުގެ ގޮތުން ސަލާމަށް ގޮވާލުމާއި އެކު ކުރިމަތިން ދުވައިފައި އައި މީހަކު މަސައްކަތް ކުރީ ސުދައިސްއަށް ވަޅިން ހަމަލާދޭށެވެ. އެހެންނަމަވެސް އެމީހާގެ މަސައްކަތް ކާމިޔާބު ނުވީ ތަނުގައި ތިބި ސިފައިން އެނާ ހިފެހެއްޓުމުންނެވެ.
އައްސުދައިސް މީހަކު ހަމަލާދޭން މަސައްކަތްކުރި ވީޑިއޯ
މިފަދަ އެހެން ހާދިސާތައްވެސް މަސްޖިދުލްޙަރަމުގައި ވަނީ ހިނގާފައެވެ. ޝެއިޚް އަލީ އަލް ހުޒައިފީ ފަތިސް ނަމާދަށް ހުންނަވަނިކޮށް މީހަކު އެމަނިކުފާނަށް ފުރައްސާރަކޮށް ހަޅޭލަވަމުން ކައިރިއަށް ދާން މަސައްކަތް ކޮށްފައިވެއެވެ. އަދި 2011 ވަނަ އަހަރުވެސް މިފަދަ އެހެން ހާދިސާއެއް ވަނީ ހިނގާފައެވެ. އެވެސް މިސްކިތުގައި ޖަމާއަތުގެ ނަމާދު ކުރަމުންދަނިކޮށެވެ. މީހަކު އައިސް ނަމާދަށް ހުރި ޝެއިޚް ޖުހާނީ ކޮއްޕާލުމަށްފަހު މައިކްރޯ ފޯން ބޭނުންކޮށް ވަނީ ދީނަށް ފުރައްސާރަކޮށް މިސްކިތުގައި ހަޅޭލަވާފައެވެ.
VIDEO: Attempt by a man to approach the Khateeb during Jumu’ah Khutbah was thwarted by security officials on Friday pic.twitter.com/mFrNu5iUt6
— Haramain Sharifain (@hsharifain) May 21, 2021
ޚަރަމްގެ އިމާމުން އަމާޒުކޮށް އިއްޔެވެސް މީހަކު ވަނީ ހަމަލާދޭން މަސައްކަތް ކޮށްފައެވެ. ހުކުރު ހުތުބާ ކިޔަމުންދަނިކޮށް އިހްރާމްގައި ހުރި މީހަކު ދުވެފައި އައިސް މިންބަރަށް އަރަން ވަނީ މަސައްކަތްކޮށްފައެވެ. މި މީހާވެސް ހުއްޓުވީ އެތަނުގައި ތިވި ސަލާމަތީ އޮފިސަރުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އަންނަނީ މާތްވެގެންވާ ޚަރަމްގައިވެސް ނުރައްކާތެރި އަމަލުތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. ޓްރަރިޒަމަށް ވާގިދޭ ލިޔުންތަކާއި އެކު މިސްކިތްތެރޭ އުޅުނު ބައެއް މީހުންވެސް މީގެކުރިން ވަނީ ހައްޔަރުކޮށްފައެވެ.
މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމާއި މަދީނަތުލްމުނައްވާރާގައި ހުންނަ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަނަކީ އަމާން ރައްކާތެރި އަދި އަޅުކަންކުރުމުގައި ފަސޭހަ ތަންތަނުގެ ގޮތުގައި ހެދުމަށް ސައުދީ ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. ތަނުގައި އަބަދުވެސް ސަލާމަތީ ކަންނަ ބަލަހައްޓަމުންދާއިރު ތަނަށް ޒިޔާރަތްކުރާ ދުވަސްވީ މީހުންނާއި ބަލި މީހުންނަށްވެސް އެމީހުން ދަނީ ވަރަށް އުފަލާއި އެކު ހިދުމަތް ކުރަމުންނެވެ.