މުނިފޫހިފިލުވުން

"'މޭ ނޭ ޕިޔާރު ކިޔާ" ގެ މިޔުޒިކް ޑިރެކްޓަރ މަރުވެއްޖެ


މިއަހަރަކީ ހިންދީ ސިނަމާއަށް މާ ރަގަޅު އަހަރެއް ނޫނެވެ. ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުން އަރަގަނެވޭނެ ދުވަހެއް ނޭގެއެވެ. ބަލީގެ ސަބަބުން ފިލްމުތަކަށް ލިބޭ ގެއްލުމުގެ އިތުރުން ސިނަމާގެ ގިނަ ބަޔަކު ދަނީ މި ބަލީގައި މަރުވެސް ވަމުންނެވެ. އަނެއްކާވެސް ހިންދީ ސިނަމާއަށް މިވަނީ އިތުރު ހުނަރުވެރިއަކު އަލްވަދާއު ކިޔާފައެވެ.

ފިލްމު 'މޭ ނޭ ޕިޔާރު ކިޔާ" "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތަކަށް ރީތި ލަވަތަކެއް ޑައިރެކްޓް ކޮށްދީފައިވާ ވިޖޭ ޕަޓިލް ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ވަނީ މަރުވެފައެވެ.

ޢުމުރުން 78 އަހަރުގައި ވިޖޭ ހާޓް އެޓޭކެއް ޖެހިގެން މަރުވި އިރު އޭނާ ވަނީ ކޮރޯނާ ވައިރަސްގެ ދެ ވަނަ ޑޯޒް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖަހާފައިކަމަށް އޭނާގެ ފިރިހެން ދަރިފުޅު އަމަރް ވަނީ ބުނެފައެވެ. އަދި ހާޓް އެޓޭކް ޖެހުނީ ވެކްސިން ޖެހުމަށްފަހު ވިޖޭ ވަރަށް ބަލިވެ އުޅުމަށްފަހުގައިކަމަށްވެސް އަމަރްއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ރާމަ ލަކްސްމަންގެ ލަވަތަކުން އެންމެ މަޝްހޫރިވި އެއް ލަވަ

މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ބުނިގޮތުގައި މި ޚަބަރަކީ މުޅި އިންޑަސްޓްރީއަށް ލިބުނު ހައިރާންކަމެކެވެ. އަދި ވިޖޭ އަށް އަބަދުވެސް ހެޔޮ އެދޭކަމަށް ބުނެ ލަތާ ވަނީ ޓްވީޓްކޮށްފައެވެ. މީގެ އިތުރުން "ހަމް އާޕް ކޭ ހޭ ކޯން" ގައި މުހިންމު ރޯލެއް ކުޅޭފައިވާ ރޭނޫކާ ޝާ ވެސް ވަނީ މިކަމާއި ހިތާމަފާޅުކޮށްފައެވެ.

ރާމަ ލަކްސްމަންގެ ނަމުން މަޝްހޫރު ވިޖޭ ވަނީ ހިންދީ ، މަރާތީ އަދި ބޯޖްޕޫރީގެ 70 އަށްވުރެ ގިނަ ފިލްމަށް މިޔުޒިކް ކޮމްޕޯސް ކޮށްދީފައެވެ. ވިޖޭ ބޮޑަށް މަޝްހޫރުވީ 1994 ވަނަ އަހަރު ދެއްކި "ހަމް އާޕްކޭ ހޭ ކޯން" ގެ ލަވަތަކުންނެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ދެއްކި "ހަމް ސާތު ސާތު ހޭ" ގެ ލަވަތައްވެސް ވީ ބޮޑު ހިޓަކަށެވެ.