ކޯވިޑް-19

ކޯވިޑް-19 : މިއަދުގެ ދެވަނަ މަރާއެކު ޖުމްލަ ޢަދަދު 125 އަށް


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވީ، އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. މި މީހާ ނިޔާވީ، މިއަދު ހެނދުނު 10:49 ގައެވެ. މިއީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އިތުރު މީހަކުވެސް މި ބަލީގައި ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެ މީހާ ނިޔާވެފައިވަނީ ހެނދުނު 08:07 ގައެވެ.

މި ދެ މަރާއެކު މިހާތަނަށް ރާއްޖެއިން 125 މީހުންވަނީ ކޯވިޑްގެ ނުރައްކާތެރި ބަލީގައި ދުނިޔޭ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 110 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ 3 ދިވެއްސަކު އިންޔެވެސް ވަނީ ރާއްޖޭން ނިޔާވެފައެވެ. އިއްޔެ ނިޔާވީ، 48 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ ފިރިހެނެއްގެ އިތުރުން 39 އަހަރުގެ އަންހެނެކެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 54،000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު މިހާރުވެސް 22،000 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 300 އާ ގާތްކުރާ އަދަދަކަށް މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ މިމަސްވެފައިވަނީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް 52 މީހުންވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ.