ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންއާއި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ބޭއްވުމަށް ބިޑް ނުކުރާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް ޑީގެ މެޗްތައް ބޭއްވުމަށް ދެ ފަހަރު ބިޑަށް ހުޅުވާލިއިރުވެސް، ދެ ފަހަރުވެސް ބިޑް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. އެންމެ ފަހުން ރާއްޖެއިން ބިޑް ކާމިޔާބުކޮށްފައިވަނީ އަވައްޓެރި އިންޑިޔާއާއި ވާދަކޮށެވެ. މިމެޗްތައް ބޭއްވުމަށް އޭއެފްސީއިން އަލުން ބިޑަށް ހުޅުވާލާފައިވާއިރު، މިމަހުގެ ހަތްވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ އޭއެފްސީ ކަޕްގެ ކޮލިފައިންއާއި އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ނުބޭއްވި ވަނީ ފަސްކޮށްފައެވެ. އަދި މިފަސް ކުރި ކޮލިފައިންގެ މެޗް މިއަންނަ މަހުގެ 27ވަނަ ދުވަހު، އަދި ގުރޫޕް ސްޓޭޖްގެ މެޗްތައް މިއަންނަ މަހުގެ 30ހުން ޖުލައި 3 އަދި ޖުލައި 6ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މިހާރު އޭއެފްސީއިންވަނީ ނިންމާފައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތުންނާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން މިފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން މެޗާއި އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔައަށް ހާއްސަ ގުރޫޕްގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް ބިޑް ނުކުރާނެކަމަށާއި މިވަގުތު މާލެ ސަރައްހަދުގެ ކޭސްތަކަށް ބާލާއިރު، މިއަންނަ މަހުގެ ފަހުކޮޅަށް ދާއިރުވެސް މިފަދަ މެޗްތަކެއް މާލޭގައި ބޭއްވުމަކީ އެންމެ ރަގަނޅު ގޮތް ނޫންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. މާލޭގައި މިމަހުގެ 11ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށް އިންޑިޔާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ރާއްޖޭގެ ކުލަބް އީގަލްސްއާއެކު ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ކުރިއަށް ނުގެންދެވުނީ ބެންގަލޫރު އެފްސީ އެޗްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިންތާކައި ހިލާފުވެ، ހޮޓަލުން ބޭރަށް ނިކުތުމުންނެވެ. އެއާއެކު ރާއްޖޭގައި މެޗް ކުރިއަށް ނުގެންދެވި އެފްއޭއެމްއިންވަނީ އޭއެފްސީގައި މެޗްތައް ފަސްކޮށް ދިނުމަށް އެދިފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ކުރިން ކަން ވީގޮތުންނާއި ރާއްޖޭގެ ހާލަތުއޮތް ގޮތުން ބޭރުގެ ކުލަބްތަކެއް މާލެ ގެނެސް، މެޗްތަކަށް ކުރިއަށް ގެންދިއުމަކީ މިވަގުތަށް ބާލާއިރު އެންމެ ރަގަނޅު ގޮތް ނޫންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ކުރިން ރާއްޖޭގައި މެޗްތައް ބެއްވުމުގެ ފުރުސަތު ލިބިފައިވީނަމަވެސް، މިހާރު އެފުރުސަތު ނެތުމާއި އެކު ރާއްޖެއިން ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވާ މާޒިޔާއިން ގަތަރުގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި ކޮލިފައިން މެޗްގައި ވާދަކުރާ ކުލަބް އީގަލްސް މެޗަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ހުންނަ އެކޮމޮޑޭޝަން ބުލޮކްގައި ކޭންޕް ކުރުމަށްފަހު، ގަލޮޅު ދަނޑުގައި ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. އަދި މިކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް ބައްސާމް ވިދާޅުވިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަޝުންދުރާ ކިންގްސްއެވެ. ދެން މި ގްރޫޕްއިން ޖާގަ ލިބޭނީ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ޕްލޭއޮފް މެޗުގައި ކުޅެގެން މޮޅުވާ ޓީމެކެވެ.