ޚަބަރު

ކޯވިޑް-19 : މިމަހު 78 މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ އަދަދު 150އަށް


ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިއަދު ރާއްޖެއިން ނިޔާވި 2 ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 7:55 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި މީހަކު ނިޔާވެފައިވާކަމަށެވެ. އެމީހާ ޓެސްޓު ކުރިއިރު ކޯވިޑަށް ޕޮޒިޓިވް ވެފައިވަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމަރާއިއެކު ރާއްޖެއިން މިހާތަނަށް ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 150 އަށް އަރާފައެވެ. މިއީ މިމަހުގެ މިހާތަނަށް ރާއްޖެއިން ކޯވިޑްގައި ނިޔާވި 78 ވަނަ މީހާއެވެ.

ކޯވިޑްގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އަދި މިހާތަނަށް އެންމެ ގިނަބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީވެސް މިމަހުއެވެ. މިމަހުގެ މިހާތަނަށް 29000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ ބަލިމަޑުގައި ރާއްޖެއިން މިހާތަނަށް 150 މީހުން މަރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 113 މީހަކު ވަނީ ބަލީގައި ނިޔާވެފައިވެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45000 އަށްވުރެމަތީގައެވެ. ރާއްޖެއިން ކޯވިޑްގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13757 މީހުންނެވެ. މިދިޔަ އަހަރު މިބަލީގައި ނިޔާވެފައިވަނީ 48 މީހުންނެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާިއބެހޭ ފަރާތްތަކުންވަނީ ދަންނަވާފައެވެ.