ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މިހާތަނަށް މަޝްވަރާކޮށްފައި ނުވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އޮގަސްޓުމަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށެވެ.
އޭޕްރީލްމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ ރާއްޖޭގެ ބޯޑަރުތައް 3 މަސްވަންދެން ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަން ޖެހިދާނެކަމަށް ލަފާ ނުކުރެވޭކަމަށް ސަރުކާރުން އޭރުވަނީ ހާމަކޮށްފައެވެ. އެއާއެކު ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންތައް ގިނަވެ، ކުރިން ލަފާކުރިވަރަށްވުރެ ގިނައިން ފަތުރުވެރިން ޒިޔުާރަތްކޮށްފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 44000 ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކޯވިޑް-19ގެ މިހާރުގެ ހާލަތާއި ގުޅިގެންނާއި މިދުވަސްވަރަކީ ފަތުވެރިކަމުގެ ދާއިރާގެ އޮފް ސީޒަނެއްކަމުގައިވުމުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވަނީ ދަށަށްގޮސްފައެެވެ. މިއާއެކު އެންމެން ގުޅިގެން މިހާރު ކުރިމަތިވެފައިވާ ކޯވިޑްގެ ނުރައްކަލުން އަރައިގަތުމަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރުމުގެ މުހިންމުކަން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި ބަލީގެ ނުރައްކާ ކުޑަކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވަނީ ހަރުކަށި ފިޔަވަޅުތަކެއް އިއުލާންކޮށް، ކާފިއު ހިންގަންފަށާފައެވެ.
ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ޙާލަތައް އަލުން އަނބުރާ ދެވޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.